އަޙްމަދިއްޔާގެ މަތީ ސާނަވީ ދަރިވަރުން ގައުމީ ދުވަސް ފާހަގަކޮށްފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުން މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމަށް އިއްޔެ މަތީ ސާނަވީ ދަރިވަރުންނަށް ޚާއްސަ ދެ އެސެމްބްލީއެއް ބޭއްވިއެވެ.

ހެނދުނު 10 ޖެހިއިރު އޮތީ ގްރޭޑް 11 ގެ ދަރިވަރުންނަށް ބޭއްވި އެސެމްބްލީއެވެ. 11 ޖެހިއިރު އޮތީ ގްރޭޑް 12 ގެ ކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި އެސެމްބްލީއެވެ.

މި ޚާއްޞަ އެސެމްބްލީތަކުގައި ދަރިވަރުން ވަނީ ގައުމީ ދުވަހާ ގުޅޭ ތަފާތު އެކި އަދަބީ ޙަރަކާތްތައް ހުށަހަޅައިދީފައެވެ. އެގޮތުން ގައުމީ ދުވަހާ ގުޅޭ ރައިވަރާއި، ބަންޖާއި، ފަރިއްސާއި ޅެމާއި ލަވަ ހުށަހެޅުމުގެ އިތުރުން އަލި ރަސްގެފާނާއި ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދު ދައްކުވައިދޭ ތަމްސީލެއް ހުށަހެޅުން ވެސް އޮތެވެ. މި ތަމްސީލް ހުށަހަޅައިދިނީ ގްރޭޑް 10، 11 އަދި 12 ގެ ދެ ޖިންސުގެ ދަރިވަރުންނެވެ.

ގްރޭޑް 11 ގެ ދަރިވަރުންގެ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ސްކޫލްގެ އަދަބީ މުދައްރިސް މުޙައްމަދު ސަލީމް (ސަލީމް ސަރ) އެވެ. ސަލީމް ސަރގެ ވާހަކަފުޅުގައި ބޮޑުތަކުރުފާނުގެ އަގުހުރި ޖިހާދުގެ މައްޗަށް ވަރަށް ތަފްޞީލްކޮށް އަލިއަޅުވައިލެއްވިއެވެ. އޭގެ އިތުރުން އަލިރަސްގެފާނުގެ މަތިވެރި ޖިހާދުގެ މައްޗަށް ވެސް ވަރަށް ތަފްޞީލްކޮށް ވާހަކަދައްކަވައި، އެފަދަ އަގުހުރި އަބްޠާލުންގެ ޒިކުރާއާކޮށް އެފަދަ ދަރީންނަށްވުމަށް މަސައްކަތްކުރުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ.

ގްރޭޑް 12 ގެ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. މި އެސެމްބްލީގައި ޕްރިންސިޕަލް ވަނީ ހިޔާއީދުން ވަނަވަނައަށް ދިޔަ ހައުސްތަކަށާއި ދަރިވަރުންނަށާއި ޤުރުއާން މުބާރާތުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *