އާރޓިކަލް 87 : ތިމާއަކީ އަމިއްލަ ނަފްސު މުރާޤަބާ ކުރާމީހެއްތަ؟

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މުޖްތަމަޢެއްގައި ވަރަށްގިނަ ބަޔަކު އެކުގައި ދިރިއުޅެމުންދާއިރު، އެމުޖްތަމަޢެއްގައި ނުބައިކަންކަން ހިނގަމުން ދާން އެކަކުވެސް ބޭނުންމެއް ނުވާނެއެވެ. އެއީ އެންމެން އެކުގައި ދިރިއުޅެމުން ދިޔުމާއެކު ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ކޮންމެވެސް ސިފައެއްގައި އެއްބަޔަކު ކުރާ ކުށްތަކުގެ ސަބަބުން އަނެއްބަޔަކަށް އޭގެ ގެއްލުމާއި އަސަރު އެކިފަހަރު އެކިމިންވަރަށް ކުރަމުން ދާތީއެވެ. ވީމާ ވަރަށް ގިނައިން ފެންނަމުންދާ މަންޒަރަކީ، އެންމެންނަކީ އެކިކަހަލަ ތަފާތު ކުށްތައް ކުރަމުން ދާބަޔަކަށް ވިޔަސް، އަބަދުވެސް އަނެކާގެ ކުށްތަކުގެ ވާހަކަތައް ގުނަމުން ދާބަޔަކު އުޅުމެވެ. އެފަދަ އާދަކާދައެއް އުފެދިފައިވުމުގެ ސަބަބަން ގިނަބައެއްގެ ތަރުބިއްޔަތުގައި ވަނީ ބޮޑު މައްސަލައެއް ދިމާވެފައެވެ. އެއީ އަމިއްލަ ނަފްސުގެ އުނިކަން ދެނެގަތުމުގެ ޤާބިލުކަމުގެ ހުނަރު ވަރަށްބޮޑަށް ވަނީ ނަފްސުތަކުގެ ކިބައިން އުނިވެފައެވެ. ސީދާ ނުބައިކަން ނުބައިވުމަށްވުރެ ބޮޑަށް މީހުންގެ ފޯކަސް ހުއްޓިފައިވަނީ ތިމާނުރުހޭ ވަކިމީހަކު ނުވަތަ ވަކިބަޔަކު ބޭޒާރުކުރުމުގެ މައްޗަށެވެ. މިއީ އިސްލާމީ ނަޒަރަކުން ބަލާއިރު މުޖްތަމަޢެއް އޭގެ އެންމެފުރިހަމަ ގޮތުގައި އިޞްލާޙުވާނޭ ގޮތެއް ނޫނެވެ.

މިއުންމަތުގެ އެންމެމާތް ޖީލުގެ ސަލަފުއްޞާލިޙުންގެ އުޞޫލަކީ އެހެންމީހުން ބޭޒާރު ކުރުމެއް ނޫނެވެ. ހުޅަނގުގެ އުޞޫލުތަކުގައި އެމީހުން އެމަންޒަރު ދައްކާގޮތަކުން، ބަލާމީހަކަށް އެކަމުގައި ރީތިކަން ފެންނަން ހުއްޓެއްކަމަކު، އެކަންކަމާއި ފުންކޮށް ވިސްނާލުމުން އެގޮތްތަކުގައި ގިނަގުނަ އައިބުތަކާއި އުނިކަންތައް ހުރެއެވެ. އެމީހުންގެ ޚަބަރުފަތުރާ ވަޞީލަތްތައްވެސް ޤާއިމްވެފައިވަނީ އިޞްލާޙުކުރުމަށް ނަޞޭޙަތްދިނުމާއި ހެޔޮކަންކަމަށް ގޮވާލައި ނުބައިކަންކަން މަނާކުރުމުގެ އުޞޫލަށްވުރެ ބޮޑަށް މީހުން ބޭޒާރު ކުރުމުގެ މައްޗަށެވެ. އެއީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ގޮތެއް ނޫނެވެ. ނަމަވެސް އިސްލާމީ އުޞޫލަކީ އެންމެފުރަތަމަ ތިމާއަމިއްލައަށް އިޞްލާޙުވުމާއި، އެހެންމީހުންނަށް ނަޞޭޙަތްތެރިވުމާއި ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމެވެ. އަދި ބާރުވެރިކަން ލިބިގެންވާ މީހުން ކުށްތައް ކުރާމީހުންނަށް އިސްލާމީ ޝަރީޢަތާއި އެއްގޮތަށް އަދަބުތައް ދިނުމެވެ. ވީއިރު މިނޫން އުޞޫލުތަކެއް ގެނެސްގެން ޖީލެއްގެ ބަޔަކު އޭގެ އެންމެފުރިހަމަ ގޮތުގައި އިޞްލާޙު ކުރާނީ ކިހިނަކުން ހެއްޔެވެ؟ މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَالْعَصْرِ ۝ إِنَّ الْإِنْسَانَ لَفِي خُسْرٍ ۝ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ﴾ سورة العصر:1-3 މާނައީ: [އަޞްރުވަގުތު ގަންދެއްވާ ވަޙީކުރައްވަމެވެ. ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމެއްގެ ތެރޭގައެވެ. އީމާންވެ ޞާލިޙުޢަމަލުތައްކޮށް ޙައްޤަށް އެއްބަޔަކު އަނެއްބަޔަކު ވަޞިއްޔަތްކޮށް (ނަޞޭޙަތްތެރިވެ) ކެތްތެރިވުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކޮށް (ނަޞޭޙަތްތެރިވީ) ބަޔަކު މެނުވީއެވެ.] ވީމާ އިޞްލާޙަށް އެދޭމީހަކު އޮތީ ފުރަތަމަ ތިމާމީހާ އީމާންވުމެވެ. ﷲ سبحانه وتعالى އާއި ރަސޫލާ صلى الله عليه وسلم އެކަމެއް ޙަރާމްކުރެއްވިކަން ނުވަތަ މިވެނި ކަމެއް ވާޖިބުކުރެއްވިކަން އަމިއްލައަށް ހިތުގެ އަޑިން ޤަބޫލުކޮށް އެކަމަށް ބޯލަނބަން ތައްޔާރުވުމެވެ. އެއަށްފަހު އެކަންކަމާއި އެއްގޮތަށް ތިމާމީހާގެ ޢަމަލުތައް ބެހެއްޓުމެވެ. އޭގެފަހުން އެހެންމީހުންނަށް އެކަމުގައި ނަޞޭޙަތްތެރިވުމެވެ. އަދި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކޮށް، އެމަގުގައި އެހެންމީހުންގެ ކިބައިން ކުރިމަތިވާ މަލާމާތާއި އުނދަގުލާއި ފުރައްސާރައާއި ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކަށް ކެތްތެރިކަން އިސްކުރުމެވެ. މިއާޔަތަށް ވިސްނާލާއިރުވެސް އަތި އެތަކެއް އެހެނިހެން ނައްޞުތަކަށް ވިސްނާލާއިރުވެސް މީހުންނަށް ނަޞޭޙަތްދީ ރަނގަޅުކުރަން އުޅުމުގެ ބަދަލުގައި އެހެންމީހުން ބޭޒާރުކޮށް ފަޟީޙަތްކުރުމާއި ދުރުހެލިކޮށްފައިވެއެވެ.

ވީމާ އިޞްލާޙުވުމުގެ މިމަންހަޖުގެ ފުރަތަމަ މަރުޙަލާއަކީ ތިމާއަމިއްލަ ނަފްސު ތިމާއަމިއްލައަށް ބެލުމެވެ. އެއީ ޢަރަބިބަހުގައި ނަމަ ތިމާގެ ނަފްސު މުރާޤަބާ ކުރުމެވެ. އަބަދުވެސް ތިމާގެ އަމިއްލަ ޢަމަލުތަކާއި މެދު ވިސްނާ އަމިއްލަ ނަފްސު ޙިސާބުކޮށް އުޅުމެވެ. ޞާލިޙު ދަންނަބޭކަލުންގެ ކިބައިން ރިވެތި ނަމޫނާ ލިބިގަތުމެވެ. ތިމާގެ އުޅުން އިޞްލާޙުކުރަން ވަރަށްބޮޑަށް މަސައްކަތް ކުރުމެވެ. ޢަމަލުތައް އިޞްލާޙުވާއިރު ވެސް ތިމާގެ ހިތުގައިވާ އެއްޗެއްވެސް އެއާއެކު އިޞްލާޙުވޭތޯވެސް އެންމެވަރުގަދަ މައިކްރޮސްކޯޕިކް ވިސްނުމަކުން ބެލުމެވެ. މިއީ ވަރަށް އުނދަގޫކަމެކެވެ. ނަފްސު ވަރަށް ވަރުގަދަވެގެން ނޫނީ ނުވާކަމެކެވެ. ނަފްސު ހިސާބުކުރުމުގައި އެންމެ ކުރިއަރާދިޔަ މިއުންމަތުގެ އެންމެ މާތް ޖީލަށްވެސް އެއީ ނުހަނު އުނދަގޫ ކަމަކަށްވެގެން ދިޔައެވެ. އެއީ ކުރެވޭ ހެޔޮޢަމަލުތަކުގައި އިޚްލާޞްތެރިކަން އޮތްތޯ ނުވަތަ ނެތްތޯ ބަލާ، އެކަން ދިރާސާކުރުމެވެ. ޢަމަލުތައް ރަނގަޅުވާއިރު ވެސް އެކަމުގައި ހިތްނުބައިވެފައި އޮތުމަށް ދީނުގައި ދެވިފައިވާ ނަމަކީ ވަންހަނާވެފައިވާ ޝިރުކެވެ. އެކަމުގެ އުނދަގޫކަން ރަސޫލާ صلى الله عليه وسلم ގެ މިޙަދީޘުންވެސް އެނގިގެން ދެއެވެ. ޞަޙީޙުލް ޙާކިމްގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ: ((الشِّركُ أخفى في أمَّتي من دَبيبِ النَّملِ علَى الصَّفا في اللَّيلةِ الظَّلماءِ وأدناهُ أن تُحبَّ علَى شيءٍ منَ الجَورِ ، أو تُبْغِضَ علَى شيءٍ منَ العَدلِ)) މާނައީ: [ތިމަން ނަބިއްޔާގެ އުންމަތުގައި ޝިރުކަކީ އަނދިރި ރޭގަނޑެއްގައި ސާފުހިލައެއް މަތިން ދުވާ ހިންޏެއްގެ ރޮނގެއް ފަދަ އެއްޗެކެވެ. އޭގެ އެންމެ ދަށް މިންވަރަކީ އަނިޔާވެރިކަމުގެ (ފާފައިގެ) އެއްވެސް ކަމަކަށް ލޯބިކުރުމެވެ. އަދި ޢަދުލުވެރިކަމުގެ (ދީނުގައިވާ އެއްވެސް ހެޔޮކަމަކަށް) ނަފްރަތު ކުރުމެވެ.] ސާފުހިލައެއްގެ މަތީގައި ބަނޑުއަޅާ ދާ ހިންޏެއްގެ ނިޝާން ފާހަގަވުމަކީ ފަހެ ކިހާ އުނދަގޫ ކަމެއް ހެއްޔެވެ؟ އެގޮތުން މިފަދަ ވަންހަނާވެފައިވާ ޝިރުކު މީހަކަށް ފާހަގަވުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ތިމާއަމިއްލައަށް ތިމާގެ ހިތުގައިވާ ލޯބި ވަޒަންކުރަން ޖެހެއެވެ. ﷲ އާއި ރަސޫލާ ލޯބިކުރެއްވި ކަންކަމަށް ތިމާގެ ހިތުގައިވެސް ލޯބި އެބައޮތް ހެއްޔެވެ؟ ނުވަތަ އެކަންކަމަށް އޮތީ ނަފްރަތު ހެއްޔެވެ؟ ނުވަތަ ﷲ އާއި އެކަލާނގެ ރަސޫލާ ގެ ނަފްރަތު ލިބިގެންވީ އުރެދުންތަކަށް ތިމާގެ ހިތުގައި އޮތީ ލޯބިހެއްޔެވެ؟ ނުވަތަ ނަފްރަތު ހެއްޔެވެ؟ މިއީ އަހަރެމެން އެންމެ އަހައްމިއްޔަތު ކަމެއް ދީގެން ހިސާބުކުރަންވީ ކަންތައްތަކެވެ. އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَن أحبَّ للَّهِ وأبغضَ للَّهِ ، وأعطى للَّهِ ومنعَ للَّهِ فقدِ استَكْملَ الإيمانَ)) މާނައީ: [ﷲއަށްޓަކައި ލޯބިވެ ﷲ އަށްޓަކައި ރުޅިއައިސް ﷲ އަށްޓަކައި ދޭއެއްޗެއްދޭ ﷲ އަށްޓަކައި އެއްޗެއްދިނުން މަނާވެގަތް މީހާ ދަންނާށެވެ. ފަހެ، އޭނާގެ އީމާންކަން ފުރިހަމަވެއްޖެއެވެ.]

ބިޝްރު ބުން އައްސަރިއްޔު رحمه الله ވިދާޅުވިއެވެ: "ލޯބިވާކަމުގެ ނިޝާންތަކުގެ ތެރޭގައި، އެމީހަކު ލޯބިވާ ފަރާތެއް ނުރުހޭ ކަމަކަށް އެމީހަކު ލޯބިވުން ހިމެނިގެން ނުވެއެވެ."

އަލްޙަސަން އަލްބަޞަރީ رحمه الله ވިދާޅުވިއެވެ: "ތިމަންނާ އެކަމަކަށް އެއީ ހެޔޮކަމެއްތޯ ނުވަތަ ނުބައިފާފައެއްތޯ ބަލާލުމެއްނެތި، ތިމަންނާގެ ލޮލުން އެއްޗެއް ނުބަލަމެވެ. އަދި ތިމަންނާގެ ދުލުން އެއްޗެއް ނުބުނަމެވެ. އަދި ތިމަންނާގެ އަތް އެހެންމީހަކަށް (އެހީތެރިވުމުގެ ގޮތުން) އަތް ހުޅުވާނުލަމެވެ. އަދި ތިމަންނާގެ ދެފައިން ކަމަކަށް ހިނގައިނުގަންނަމެވެ. އެއިން ކަމަކީ ހެޔޮޢަމަލެއްނަމަ ތިމަންނާ އެކަމަކައިގެން ކުރިއަށް ދަމެވެ. އަދި އެއީ ނުބައިޢަމަލެއް ނަމަ ތިމަންނާ އެކަމަކުން ފަހަތަށް ޖެހިލަމެވެ.]

މުޙައްމަދު ބުން އަލްފަޟްލު رحمه الله ވިދާޅުވިއެވެ: "ތިމަންނާ ﷲ عز وجل ނޫން ފަރާތަކަށް އެންމެ ފިޔަވަޅެއްވެސް ނާޅާތާ ސާޅީސް އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ."

ދާވޫދު އައްޠާއީ رحمه الله އަށް ދެންނެވުނެވެ: ހިޔަލުން އަތްވަށް ޖެހިލިނަމައެވެ. ވިދާޅުވިއެވެ: މިފިޔަވަޅަކީ ކިހިނެއް ލިޔެވޭނޭ އެއްޗެއް ކަމެއް ތިމަންނާއަކަށް ނޭނގެއެވެ."

ވިސްނާލުން ހުއްޓެވެ. އެމާތްބޭކަލުން އެބޭކަލުންގެ އެންމެ ފިޔަވަޅެއްވެސް އަމިއްލަ ނަފްސާއި ސުވާލު ކުރުމެއްނެތި އަމިއްލަ ނަފްސު މުރާޤަބާ ކުރުމެއް ނެތި ނުކުރައްވައެވެ. ނަފްސުގައި އީމާންކަމުގެ ރަހަމީރުކަން ލާނެ ގޮތަކީ މިއީއެވެ. އީމާންކަން ފުރިހަމަވުމުގެ އަދި މާތްﷲ ގެ ރުއްސެވުން އެމީހަކަށް ލިބިގެންވާ ކަމުގެ ޢަލާމާތެއްގެ ގޮތުގައި މިކަންވެއެވެ.

އޭ ހައްދަވާބޮޑުކުރެއްވި އިލާހެވެ! އަޅަމެއްނަށް އެނގިގެން ކުރެވޭ ޝިރުކާއި ނުބައިކަންކަމުން ދުރުހެލި ކުރައްވާނދޭވެ! އަދި އަޅަމެއްނަށް ނޭނގި ކުރެވޭ ޝިރުކާއި ނުބައިކަންކަމުން އަޅަމެން ދުރުކޮށް ސަލާމަތް ކުރައްވާދޭނވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *