އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް ދިވެހި ކޭންޕު ބާއްވައިފިއެވެ.
މިއަދު މެންދުރުފަހު ދޭކުން ފެށިގެން މިރޭ ދިހައެއް ޖަހަންދެން ކުރިޔަށްދިޔަ މި ކޭންޕުގައި އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއާއި ބެހޭ މަޢުލޫމާތާއި އިމްތިޙާންކުރެވޭ ބައިތައް އަލުން މުޠާލިޢާ ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުމަށް އެބައިތަކާ ބެހޭ އިތުރު މައުލޫމާތު ދަރިވަރުންނަށް ދިނެވެ.
އަޙްމަދިއްޔާގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި މި ކޭންޕުގައި ގާތްގަނޑަކަށް ގްރޭޑް 12 ގެ ހުރިހާ ދަރިވަރުން ބައިވެރިވިއިރު، މެންދުރާއި ހަވީރުގެ ދަންފަޅީގައި ނަގައިދިނީ ތަޤްރީރު ލިޔުމާއި، ރިޕޯޓު ލިޔުމާއި، ދެކޮޅު ހާމަކޮށްދޭ މަޒުމޫނު ލިޔުމާއި، ޕްރޮޕޯސަލް ލިޔުމާއި، އޮޅުންފިލުވައިދޭ ލިޔުމާއި، ޑްރާމާ ލިޔުމުގެ އިތުރުން ފީޗަރ އަރޓިކަލް ލިޔުމާއި ބެހޭ ފިލާވަޅުތަކެވެ.
ރޭގަނޑު ހަތަކުން ދިހައަކަށް ކުރިއަށް ދާ ދަންފަޅީގައި ކިޔަވައިދޭ ސުރުޚީތަކަކީ ބަހުސްކުރާ ލިޔުމާއި، ރަސްމީ ސިޓީ ލިޔުމާއި، ދޭހަ، ޚުލާޞާ، ބައޮގްރަފީ އަދި ދަތުރުނާމާލިޔުމެވެ. މި ދަންފަޅީގައި ދަރިވަރުން ލައްވައި ޢިލްމީ ދޭހައަކާއި އަދަބީ ދޭހައެއް ހެއްދުވުމުގެ އިތުރުން ތީމެޓިކް ޚުލާޞާއެއް ލިޔުއްވިއެވެ.
މި ކޭންޕުގައި ކިޔަވައިދެއްވީ އަޙްމަދިއްޔާގެ ދިވެހި ޑިޕާޓްމަންޓުގެ އެޗްއޯޑީގެ އިތުރުން އަޙްމަދިއްޔާގައި މަތީ ސާނަވީއަށް ކިޔަވައިދެއްވާ ދިވެހި މުދައްރިސުން ކަމަށްވާ ޢަބްދުލް ޤާދިރާއި، މުޙައްމަދު އާދަމާއި، މުޙައްމަދު ވަޖީހުގެ އިތުރުން އަޅުގަނޑު އިބްރާހީމް ރާމިޒެވެ.
މަތީސާނަވީ ދިވެހި ޑިޕާޓްމެންޓްގެ އެޗްއޯޑީ ވިދާޅުވީ މިއަދު މި ބޭއްވީ ވަރަށް ގިނަ ގޮތްގޮތުން ފައިދާހުރި ކޭންޕެއް ކަމަށާއި، ދިވެހި އިމްތިޙާން މިހާ ކައިރިވެފައި އޮއްވައި ކޭމްޕް ބޭއްވުމުން މި ކޭންޕުން ލިބުނު މަޢުލޫމާތު ދަރިވަރުންނަށް ތާޒާކަމާއެކު އިމްތިޙާނުގައި ބޭނުންކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި، މި ކޭންޕުގެ ސަބަބުން ދަރިވަރުން އިތުރަށް ރަނގަޅުކުރަންވީ ކަންތައްތައް ދެނެގަނެވި އިމްތިޙާން މާކުކުރުމުގައި ގެންގުޅޭ ހަމަތަކާއި އުޞޫލުތަކަށް ވެސް އިތުރަށް އަހުލުވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔަ ކަމަށް އެޗްއޯޑީ ވިދާޅުވިއެވެ. މީގެއިތުރުން، ލިޔުންތެރިކަމުގެ ހުރިހާ ބާވަތެއްގެ ފެށުމާއި މައިގަނޑާއި ނިންމުން ލިޔުމުގައި ސަމާލުވާންވީ ކަންތައްތައް އިތުރަށް ކުދިންގެ ސިކުނޑީގައި ހަރުލެއްވުމަށް މިސާލުތަކާއެކު އެބައިތައް އަލުން ކިޔައިދެވުމުން ދަރިވަރުންގެ ވިސްނުން އިތުރަށް ތަރައްޤީވެ މަޢުލޫމާތު މުއްސަނދިވި ކޭމްޕަކަށް، މި ކޭންޕު ވެގެންދިޔަ ކަމަށް އެޗްއޯޑީ ވިދާޅުވިއެވެ.