الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އިންސާނުންނަކީ އެކަކު އަނެކަކާ ވަރަށް ތަފާތު ބައެކެވެ. އެގޮތުން އެއްބަޔަކު ޞާލިޙު ރަނގަޅު ބަޔަކަށް ވާއިރު އަނެއްބަޔަކީ ނުބައިމަގުމަގުން ދެވޭ ނުބައިޢަމަލުތައް ގިނައިން ކުރެވޭ ބައެކެވެ. ކޮންމެމީހަކު އަމިއްލައަށް ފުދިފައިވާނަމަ، އެހެންމީހެއްގެ ނަޞޭޙަތަކަށް ބޭނުންޖެހިފައި ނުވާ، ހަމައެކަނި އަމިއްލަ ވިސްނުމަށް ބަރޯސާވެފައިވާނަމަ، އެފަދަ މުޖްތަމަޢެއްގެ ޙާލަތު ވަރަށްދެރަވާނެއެވެ. ޙަލާލެއް ޙަރާމެއް ބެލުމެއް މީހުންގެ ނޯންނާނެއެވެ. ކޮންމެމީހަކު އުޅޭނީ އެމީހަކު ބޭނުންވާ ގޮތަކަށެވެ. އިންސާނުންނަކީ ނުބައިކަންކަމަށް ނުހަނު ބޮޑަށް ލެނބޭ ބަޔަކަށް ވާއިރު، ހެޔޮރަނގަޅު މަގު ދައްކާނެ މީހަކު، ނުވަތަ ހެޔޮކަންކަމަށް އިރުޝާދުދޭނޭ މީހަކު ނެތްނަމަ، އެޖުމްތަމަޢެއްގައި ކޮންޓްރޯލެއް ނެތި ނުބައިޢަމަލުތައް ދާނީ ގިނަވަމުންނެވެ. އެމުޖްތަމަޢެއްގެ އިޖްތިމާޢީ ފޭރާން ދާނީ ވީދި ހަލާކުވަމުންނެވެ. ވީމާ ހަމަކޮންމެ މީހަކަށްވެސް ނަޞޭޙަތަކީ ނުހަނު މުހިންމު ކަމެކެވެ. މުޅި މުޖްތަމަޢުގެ ލާބަޔަށްވެސް އެއީ ނުހަނު މުހިންމު ކަމެކެވެ.
އެގޮތުން ސްކޫލުތަކަކީވެސް ހަމައެކަނި ދުނިޔެވީ ޢިލްމުގައި ކުރިއަރާ ދިއުމަށް ހަދާފައިވާ މަރުކަޒަކަށް ނަހަދާ އެތަނެއްގައި ނަޞޭޙަތާއި އަޚްލާޤުގެ ބައި ރަނގަޅު ކުރުމަށް ބާރުއަޅާނަމަ، އެތަނެއްގައި ކިޔަވާ ދަރިވަރުން ނުބައިކަންކަމުން ދުރުހެލިވުން އިތުރުވާނެއެވެ. އެތަނެއްގެ ވެރިންނަށް ސްކޫލުގެ އިންތިޒާމުތައް ހަމަޖައްސައި، އެތަނެއް ހިންގަންވެސް ފަސޭހަވާނެއެވެ. އަދި ބެލެނިވެރިން އެތަނަކާއި މެދު ވަރަށް ހިތްހަމަޖެހޭ އަދި އެތަނަކުން ތިމަންނާގެ ދަރިއަށް ރައްކާތެރިކަން ލިބޭ މާޙައުލެއް ކަމަށް ކުރެވޭ ޤަބޫލުކުރެވުންވެސް އިތުރުވާ ތަނަކަށް އެތަންވެގެން ދާނެއެވެ. މުޖްތަމަޢުގެ އުފާވެރިކަންވެސް ވަނީ ރަނގަޅު ޞާލިޙުމީހުންގެ ނަޞޭޙަތާއި ރަނގަޅު އިރުޝާދުތަކާއި ގުޅިލާމެހިފައެވެ. މިނަޞޭޙަތްތައް ދިނުމާއި ނަޞޭޙަތްތައް ރައްދުވާމީހުން އެކަންކަން ޤަބޫލުކުރުން ބިނާވަނީވެސް ހަރުދަނާ އުޞޫލުތަކަކާއި ދެބައިމީހުންގެ ދެމެދުގައި އުފެދިފައި އޮންނަ އިތުބާރެއްގެ މައްޗަށެވެ. ވީމާ މިއިތުބާރު ނަގަހައްޓައި ކޮޅަށްޖެހުމަކީވެސް މުޖްތަމަޢުގެ ހަރުދަނާ މީހުންގެ ޒިންމާއެކެވެ.
ދީނީ ނަޒަރަކުން ބަލާއިރު ނަޞޭޙަތަކީ މުޅި ދީން އޭގައި ޝާމިލުވާ ކަމެކެވެ. ދީން ބެހިގެންވާ ތިންބައި ކަމުގައިވާ އިސްލާމްކަމާއި އީމާންކަމާއި އިޙްސާންތެރިކަން އެޢަމަލުގައި ހިމެނިފައިވެއެވެ. ވީމާ ނަޞޭޙަތަކީ މުޅި ދީނޭ ބުނުންވެސް ގޯހެއް ނޫނެވެ. ނަޞޭޙަތަކީ ނަޞޭޙަތްދެވޭ ފަރާތަށް ހެޔޮގޮތް އެދުމެވެ. ﷲ سبحانه وتعالى ވަނީ އަހަރެމެންނަށް ހެޔޮމަގަށް ނުހަނު ފުރިހަމަ އިރުޝާދަކުން އިރުޝާދު ދެއްވައި ނަޞޭޙަތްތެރިވެ ވޮޑިގެންފައެވެ. ވީމާ ﷲ އަށްޓަކައި ނަޞޭޙަތްތެރިވުން ފުރިހަމަވާނީ އެކަލާނގެ އެންގެވުންތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ. އެކަލާނގެ ވާޖިބުކުރެއްވި ކަންކަން އަދާކޮށްގެންނެވެ. އަދި އެވާޖިބުތައް އޭގެ އެންމެފުރިހަމަ ގޮތުގައި އަދާކޮށްގެންނެވެ. އެއަށް ކިޔަނީ އަޅުކަމުގައި އިޙްސާންތެރިވުމެވެ. ދީނުގެ މިތިން ދަރަޖަވެސް ނަޞޭޙަތުގައި ހިމެނިގެންވެއެވެ. އޭގެ އިތުރުން ﷲ އަށްޓަކައި ނަޞޭހަތް ލިބިގަތުމަކީ ވާޖިބުތަކުގެ އިތުރުން ސުންނަތް ކަންކަމުގެ ގޮތުގައި އެކަލާނގެ ކަނޑައެޅުއްވި ކަންކަންވެސް އަދާކުރުމެވެ. އަދި ދީނުގައި ޙަރާމްވެގެންވާ ކަންކަމާއި މަކްރޫހަ ކަންކަމުންވެސް ދުރުހެލިވުމެވެ. އެއީ ﷲ އަށްޓަކައި ނަޞޭޙަތް ލިބިގަތުމެވެ. މާނައަކީ ﷲ އަށްޓަކައި އެކަލާނގެއަށްވާ ލޯތްބަކުން އެކަލާނގެ ދެއްވި އެންމެހައި ނަޞޭޙަތްތަކެއް ޤަބޫލުކޮށް އެގޮތަށް ޢަމަލުކުރުމަށް ނަފްސުގެ މައްޗަށް ކަނޑައަޅާ އެނަޞޭޙަތާއި އެއްގޮތަށް ޢަމަލުކުރުމެވެ. އެކަލާނގެ ދެއްވި ނަޞޭޙަތް ރަނގަޅަށް ލިބިގަތުމެވެ. އިޙްސާންތެރިކަން އަންނަނީ އެނަޞޭޙަތަށް ބޯލެނބުމުގައި ނަޞޭޙަތްދިން ފަރާތަށް ލޯތްބާއެކު އެކަން ބަލައިގަތުމުންނެވެ. އޭރުން އެނަޞޭޙަތަކަށް އަބަދުވެސް ބޯލަނބަން ހުންނާނީ ތައްޔާރުގައެވެ. އަދި އެކަމެއް އަދާކުރާނީ އަދާކުރާ ހިތުންނެވެ. ތަބަޢަތާބިޢީ ބޭކަލެއް ކަމުގައިވާ އަލްފުޟައިލް އިބްނު ޢިޔާޟް رحمه الله ވިދާޅުވިއެވެ: "ބިރުގަތުމަށްވުރެ ލޯބިވުން މާހެޔޮކަން ބޮޑެވެ. ތިބާއަށް ނުފެނޭހެއްޔެވެ؟ ތިބާގެ ދެއަޅުން ތިބިހިނދު އެކަކު ތިބާއަށް ލޯބިވެއެވެ. އަނެކަކު ތިބާދެނެ ބިރުގަނެއެވެ. އެދެމީހުންގެ ތެރެއިން ތިބާދެކެ ލޯބިވާމީހާ ތިބާ ފެންނަން ހުއްޓަސް ތިބާ ފެންނަން ނެތަސް ތިބާގެ ނަޞޭޙަތުގައި އެ އެދުނު ކަންތަކާ އޭނާ ދުރުހެލިވެ ހުންނާނެއެވެ. ނަމަވެސް ތިބާދެކެ ބިރުގަންނަމީހާ ފަހަރުގައި ތިބާހުންނަ ތަނެއްގައި އެކަމަކުން ދުރުހެލިވިޔަސް ތިބާ ނެތްތަނުގައި އެކަމަކުން ދުރުހެލިނުވެދާނެއެވެ."
ﷲއަށްޓަކައި ނަޞޭޙަތް ލިބިގަތުމަކީ އެކަލާނގެއާމެދު ތިމާގެ ޢަޤީދާ އިޞްލާޙުކޮށް ތިބާކުރާ އަޅުކަމުގައި އެކަލާނގެއަށް އިޚްލާޞްތެރިވުމެވެ. އަދި ނަޞޭޙަތަކީ އެކަލާނގެ ފޮތަށްޓަކައި ނަޞޭޙަތްތެރިވުމެވެ. މާނައަކީ އެކަލާނގެ ފޮތުން ނަޞޭޙަތް ލިބިގަތުމެވެ. އެއީ ކީރިތި ޤުރުއާނަށް އީމާންވެ، އެފޮތާއި އެއްގޮތަށް ޢަމަލުކުރުމެވެ. އަދި ނަޞޭޙަތަކީ މުޅިދީން ކަމުގައިވާއިރު، އެކަލާނގެ ރަސޫލާއަށްޓަކައި ނަޞޭޙަތްތެރިވުން ހިމެނެއެވެ. އޭގެ މާނައަކީ އެނަބިއްޔާގެ ނަޞޭޙަތްވެސް ލިބިގަތުމެވެ. އެނަބިއްޔާގެ ނަބީކަން ތެދުކޮށް އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަލޭގެފާނު ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމެވެ. އަދި ޢާންމުކޮށް އެންމެހައި މުސްލިމުންނަށް ނަޞޭޙަތްތެރިވުންވެސް ނަޞޭޙަތުގައި ހިމެނެއެވެ. އެއީ އެންމެހައި މުސްލިމުންނަށްވެސް ހެޔޮގޮތަށް އެދި އެއެންމެން އިޞްލާޙުވުމަށް އެދި އެބައިމީހުންނަށް ހެޔޮކަމުގެ މަގަށް އިރުޝާދު ދިނުމެވެ. ބުޚާރީ އާއި މުސްލިމްގައި ޖަރީރު ބުން ޢަބްދިﷲ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ގޮތުގައި އެޞަޙާބީ ވިދާޅުވިއެވެ: [ނަމާދު ޤާއިމް ކުރާނޭ ކަމަށާއި ޒަކާތްދޭނޭ ކަމަށާއި ކޮންމެ މުސްލިމަކަށް ނަޞޭޙަތްތެރިވާނޭ ކަމަށް އަހުރެން ނަބިއްޔާ صلى الله عليه وسلم އަށް ބައިޢަތު ހިއްޕެވީމެވެ.] ކޮންމެ މުސްލިމަކަށް ނަޞޭޙަތްތެރިވުމުގައި ތަންތަނުގެ ވެރިންނާއި ނުވަތަ އެވެރިން ކަނޑައަޅާ ބަޔަކު ޢާންމުކޮށް އެންމެހައި ރައްޔިތުންނަށް ނުވަތަ އެވެރިއެއްގެ ދަށުގައިވާ ބަޔަކަށް ނަޞޭޙަތްތެރިވުމާއި، ޢާންމުކޮށް މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް މަޞްލަޙަތުހުރި ގޮތަށް ރިޢާޔަތްކޮށް ޙިކްމަތްތެރިކަމާއިއެކު ނަޞޭޙަތްތެރިވުމާއި، ޢާންމުންގެ މީހަކު ޙިކްމަތްތެރިކަމާއެކު އެބައެއްގެ ވެރިއެއްގެ ގޮތުގައި ހުރިމީހަކަށް ނަޞޭޙަތްތެރިވުން ހިމެނެއެވެ. އެއްވެސް މީހަކު އަނެކަކުގެ ކިބައިން ނަޞޭޙަތަކަށް އެދިއްޖެ ނަމަ ނަޞޭޙަތްތެރިވުމަކީ ކޮންމެ މުސްލިމެއްގެ ވެސް ޙައްޤެކެވެ. އެގޮތުން މުސްލިމްގައިވާ ޙަދީޘެއްގައިވެއެވެ: ((حَقُّ الـمُسْلِمِ عَلَى الـمُسْلِمِ سِتٌّ)) މާނައީ: [އެއްމުސްލިމަކު އަނެއްމުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތައް ހައެކެވެ.] މިޙަދީޘްގައި އެހަކަންތަކުގެ ތެރޭގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((وَإِذَا اسْتَنْصَحَكَ فَانْصَحُ لَهُ)) މާނައީ: [އަދި ތިބާގެ ކިބައިން މީހަކު ނަޞޭޙަތަކަށް އެދިއްޖެނަމަ ފަހެ އޭނާއަށް ނަޞޭޙަތް ދޭށެވެ.]
މިކަމުން އެނގިގެންދަނީ ޙަޤީޤަތުގައި ނަޞޭޙަތަކީ ހަމަ މުޅި ދީންކަމެވެ. ޙަދީޘްގައި ވާ ގޮތުގެ މަތިންނެވެ. މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ތަމީމުއްދާރީ رضي الله عنه ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((الدِّيْنُ النَّصِيحَةُ ثَلاَثًا. قُلْنَا: لِمَنْ يَا رَسُولَ اللهِ؟ قَالَ: لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الـمُسْلِمِينَ وَعَامَّتِهِمْ)) މާނައީ: [ދީނަކީ ނަޞޭޙަތެވެ. މިފަދައިން ތިންފަހަރު ޙަދީޘްކުރެއްވިއެވެ. ތިމަންމެން ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލާއެވެ. ކޮންބަޔަކަށް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ﷲ އަށެވެ. އަދި އެކަލާނގެ ފޮތަށެވެ. އަދި އެކަލާނގެ ރަސޫލާއަށެވެ. އަދި މުސްލިމުންގެ ވެރީންނަށާއި ޢާންމުކޮށް އެންމެހައި މުސްލިމުންނަށެވެ.]
އަޅަމެންނީ ގިނަގިނައިން އެއްބަޔަކު އަނެއްބަޔަކަށް ނަޞޭޙަތްދީ އުޅޭ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.