އާރޓިކަލް 89 : ޝަހާދަތްކިޔައި ނަމާދު ޤާއިމްކޮށްފިމީހާގެ ލޭގެ ޙުރުމަތް ކަނޑައިލުން ނުބައިވެގެންވެއެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިންސާނެއްގެ ލެއަކީ ނުހަނު ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް ދީނަކަށް ނިސްބަތްވެގެންވިޔަސް އަޞްލަކީ އިންސާނެއްގެ ލޭގެ ޙުރުމަތް ކަނޑާނުލެވޭނެއެވެ. ދެން އިސްލާމްދީން ފެތުރުއްވުމަށް ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް އެދީން ފެތުރުއްވުމުގެ ވާޖިބު އަދާކުރުމުގެ މަގުގައި ﷲ سبحانه وتعالى ގެ ކަލިމަފުޅު މިދުނިޔެ މަތީގައި މަތިވެރިކުރުމުގެ ގޮތުން ހަނގުރާކުރުން ޝަރުޢު ކުރެއްވިއެވެ. އެކަން ޝަރުޢުކުރައްވާ މާތް ﷲ ބަޔާންކުރެއްވިއެވެ: ﴿وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلا تَعْتَدُوا إِنَّ اللَّهَ لا يُحِبُّ الْمُعْتَدِينَ﴾ سورة البقرة:190 މާނައީ: [އަދި ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުންނާ ދެކޮޅަށް ތިޔަބައިމީހުން ﷲ ގެ މަގުގައި ހަނގުރާމަކުރާށެވެ. އަދި ތިޔަބައިމީހުން އަނިޔާވެރިކަމުގައި ހައްދުފަހަނައަޅާ ނުދާހުށިކަމެވެ. ހަމަކަށަވަރުން ހައްދުފަހަނައަޅާ މީހުންނަށް ﷲ ލޯބިނުކުރައްވަތެވެ.] މިއީ އިސްލާމީ ގައުމެއްގެ ވެރިއެއްގެ ދަށުގައި މުސްލިމުން ޖިހާދުކުރުން ޝަރުޢުވެފައިވާކަން ދޭހަކޮށްދޭ ދަލީލެކެވެ. އަދި އެކަން ޝަރުޢު ކުރެއްވުމަށް ފަހުގައިވެސް ޖިހާދު ކުރުމުގައި އެހަނގުރާމައިގެ މައިދާނުގައި ހަނގުރާމަ ކުރުމަށް ކަނޑައެޅިފައިވާ ޙުދޫދުގައި ހިފަހައްޓަންޖެހެއެވެ. އެޙުދޫދުން ބޭރުވެ ހައްދުފަހަނައަޅާ ނުދެވެއެވެ. އަދި ޖިހާދުގެ ބޭރުންވެސް މީހުން މަރައި މީހުންނަށް އަނިޔާވެރިވުމުގައި ދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުން ބޭރުވުން ޙަރާމްވެގެންވެއެވެ. ޖިހާދު ޝަރުޢު ކުރެވުނު މިންގަނޑުތަކުގެ ބޭރުން އެއްވެސް އިންސާނެއްގެ ލޭގެ ޙުރުމަތް ކަނޑައިލުން ހުއްދަވެގެން ނުވެއެވެ. ޖިހާދުގެ ދާއިރާ ވަރަށްފުރިހަމައަށް މުސްލިމް ދަންނަބޭކަލުން އެވަނީ ފޮތްތަކުގައި ތަފްޞީލުކޮށްދެއްވާފައެވެ.

މިކަން މިހެން އޮތްހިނދު މުސްލިމެއްގެ ލޭގެ ޙުރުމަތްތެރިކަން އިންތިހާއަށް ބޮޑުވެގެންވެއެވެ. އެއްވެސް ޙާލެއްގައި ޝަހާދަތްކިޔާ ނަމާދުކުރާ މުސްލިމެއްގެ ފުރާނަ ދުއްވާލާނީ ކިހިނަކުން ހެއްޔެވެ؟ މިއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا﴾ سورة النساء:93  މާނައީ: [އަދި ގަސްދުގައި މުއުމިނަކު ގަތުލުކޮށްފިމީހާ ދަންނާށެވެ! ފަހެ އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތަނުގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި ﷲ އެމީހެއްގެ މައްޗަށް ކޯފާވެވޮޑިގެންވެއެވެ. އަދި އެމީހަކަށް އެކަލާނގެ ލަޢުނަތް ލެއްވިއެވެ. އަދި އެމީހަކަށް ބޮޑުވެގެންވާ ޢަޛާބު އެކަލާނގެ ތައްޔާރު ކުރެއްވިއެވެ.]

މުއުމިނެއްގެ ފުރާނައަކީ މާތް ﷲ ގެ ޙަޟްރަތުގައި ނުހަނު މަތިވެރިކަމެއް ދެއްވާފައިވާ އެއްޗަކަށް ވާއިރު ވެސް މިއަދު މުސްލިމުންގެ މެދުގައި ތަޅާފޮޅާ ލޭއޮހޮރުވާ އަދި ނުވިތާކަށް އެޙުރުމަތްތެރި މަސްގަނޑަށް އިހާނެތިކޮށް މަރާލައި އެއްލާލުމަކީ ބައެއް މުސްލިމުންގެ ހިތަށް އެކަމުން އެއްވެސް އަސަރެއް ނުކުރުވާވަރުގެ ކަމަކަށް ވަނީ ވެފައެވެ. މިއީ އެބައިމީހުން އީމާންވެގެންވާ މަތިވަރިވަންތަ އިލާހުގެ ޙަޟްރަތުގައި ކިހާބޮޑުވެގެންވާ ކަމެއްކަން އަޅެ އެންމެފަހަރަކުވެސް ވިސްނާލުން ކީއްހެއްޔެވެ؟ އަލްއިމާމް އައްތިރްމިޛީ ރިވާކުރެއްވި، ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘެއްގައިވެއެވެ: ((لَزَوَالُ الدُّنْيَا أَهْوَنُ عَلَى اللهِ مِنْ قَتْلِ مُؤْمِنٍ بِغَيْرِ حَقٍّ وَلَوْ أَنَّ أَهْلَ سَمَاوَاتِهِ وَأَهْلِ أَرْضِهِ اشْتَرَكُوا فِي دَمِ مُؤْمِنٍ لَأَدْخَلَهُمُ اللهُ النَّارَ)) މާނައީ: [ޙައްޤަކާއި ނުލައި މުއުމިނަކު މެރުމަކީ މުޅިދުނިޔެ ނެތިދިއުމަށްވުރެ ﷲ ގެ ޙަޟްރަތުގައި އިހާނާތްތެރިކަން ބޮޑުވެގެންވާ ކަމެކެވެ. އަދި އުޑުތަކުގެ އަހުލުވެރިންނާއި ބިމުގެ އަހުލުވެރިން މުއުމިނަކު މަރައިލުމުގައި ބައިވެރިވެއްޖެ ނަމަވެސް ﷲ އެއެންމެންވެސް ނަރަކައަށް ވައްދަވާނެކަން ކަށަވަރެވެ.]

ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޖިހާދު ފަރުޟުކުރެއްވުމަށްފަހު، އެކަން ބަޔާންކުރެއްވުމާއެކު، މީހާ ޝަހާދަތްކިޔައި އިސްލާމްވެ، އެމީހަކު ނަމާދު ޤާއިމްކޮށްފި މުސްލިމެއްގެ ލޭ ޙުރުމަތްތެރި ކުރެއްވިކަން އަންގަވައި ޙަދީޘްކުރެއްވިއެވެ. ((أُمِرْتُ أَن أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لاَ إِلَهَ إِلاَّ الله وَأَنَّ مُحَمَّدًا رَسُولُ اللهِ وَيُقِيمُوا الصَّلاَةَ وَيُؤْتُوا الزَّكَاةَ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إِلاَّ بِحَقِّ الإِسْلاَمِ))  ރިވާކުރެއްވީ ބުޚާރީ އާއި މުސްލިމް އެވެ. މާނައީ: [މީސްތަކުން ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވެ ނަމާދު ޤާއިމްކޮށް ޒަކާތް އަދާކޮށްފުމަށް ދާންދެން އެބައިމީހުންނާ ހަނގުރާމަކުރުމަށް ތިމަން ނަބިއްޔާއަށް އަމުރުވެވިގެންވެއެވެ. އެބައިމީހުން އެކަންކަން ކޮށްފުމުން އިސްލާމްދީނުގެ ޙައްޤުގައި މެނުވީ އެބައިމީހުންގެ ލެއާއި އެބައިމީހުންގެ މުދަލަށް ތިމަންނަބިއްޔާގެ ފަރާތުން ރައްކާތެރިކަން ލިބިގެންވެއެވެ.] އަދި އޭގެ އިތުރުން ޞަޙާބީން ގައުމުތަކަށް ޖިހާދަށް ފޮނުއްވި ހިނދު އެއިން ރަށަކުން ބަންގީގެ އަޑު އިވުން އެއީ އެރަށެއްގެ މީހުންގެ ލޭ ރައްކާތެރިވެގެންވާ ކަމެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ.

މިހެން މިކަން އޮތްއިރުވެސް މިއަދު ބައެއް އިސްލާމީ މުޖްތަމަޢުތައް މިވަނީ ދީނީ ކަންކަމަށް ބެލުމެއްނެތި ދުނިޔެވީ ބޭނުންތަކުގެ އަވައިގައި ޖެހި މީހުން މަރާ ހިސާބަށް ގޮސްފައެވެ. އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ވުމުގައި ޙައްދުފަހަނައަޅައި ގޮސްފައެވެ. ދުނިޔެވީ ކަންކަމުގައި އަރާރުންވެ އެކަކު އަނެކަކު މައްޗަށް އަތާފަޔާ އިސްކޮށް ނުވިތާކަށް ވަޅިޔާއި ހަންޖަރުފަދަ ހަތިޔާރުތައް އުފުލުމަށް ޖެހިލުން ނުވާ ހިސާބުގައެވެ. ގަސްދުގައި މީހުން މެރުން ޙައްދުން ނެއްޓިފައިވާ ވަރު ހާމަވަނީ މިއަދު މުޖްތަމަޢުގެ ބައެއް މީހުންގެ ޢަމަލުތައް މިއަށްވުރެވެސް މަތީދަރަޖައަކަށް ގޮސްފައިވުމުންނެވެ. އެއީ ދީނުގެ ނަމުގައިވެސް މީހުން މެރުން އިންތިހާ ދަރަޖައަށް ނުރައްކާ ހިސާބަކަށް ގޮސްފައިވުމެވެ. މާނައަކީ ބައެއް މުސްލިމުން އަނެއް މުސްލިމާއަށް ހަމަލާދެނީ ދީނުގެ ނަމުގައެވެ. އެއީ އޭނާ ދީނީގޮތުން ކުރަންޖެހޭ ކަމަކަށް ހަދައިގެންނެވެ. މިއީ ކޮންފަދަ ނުރައްކާތެރި ޙާލަތެއް ހެއްޔެވެ؟

ނަބިއްޔާ صلى الله عليه وسلم ގެ ސީރަތުން ނަމޫނާ ބަލައިފިނަމަ ފެންނަން އޮތީ އެބަޔަކު އެއީ ސީދާ ނަރަކަވަންތަވެރިންގެ ގޮތުގައި ޤުރުއާނުގައި ސިފަކުރައްވާފައި މުނާފިޤުން، އަދި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީންނާ ދެކޮޅަށް އެތަކެއް ދޮގުވާހަކަތަކެއް ފަތުރާ ސިއްރިއްޔާތުގައި ނުބައި ރޭވުންތަކާއި ދެކޮޅުވެރިކަން ހިންގިއިރުވެސް އެބައިމީހުން ނުމަރައި އެނަބިއްޔާ ދޫކޮށްލެއްވިކަމެވެ. ސަބަބަކީ އެބައިމީހުންނީ ނަމާދުކޮށް އުޅޭ މުސްލިމުންގެ ނަމުގައި ތިބި މީހުންނަށް ވީތީއެވެ. ބުޚާރީ އާއި މުސްލިމްގައިވާ ރިވާޔަތެއްގައިވެއެވެ: އަބޫސަޢީދު އަލްޚުދްރީ  رضي الله عنه ރިވާކުރެއްވިއެވެ. ޚާލިދު ބުން ވަލީދު رضي الله عنه މީހަކު މަރާލުމަށް، ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ހުއްދައަށް އެދިވަޑައިގެންނެވިއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((لَا، لَعَلَّهُ أَنْ يَكُونَ يُصَلِّي)) މާނައީ: [ނޫނެކެވެ. އޭނާއަކީ ފަހަރުގައި ނަމާދުކުރާ މީހަކު ކަމުގައިވެދާނެއެވެ.] ދެން ޚާލިދު ދެންނެވިއެވެ: "ނަމާދުކުރާ ކިތައްކިތައް މީހުން އެބައިމީހުންގެ ހިތުގައި ނުވާތަކެތި ދުލުން ބުނެއުޅޭތޯއެވެ." އެހިނދު ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إِنِّي لَـمْ أُومَرْ أَنْ أُنَقِّبَ عَنْ قُلُوبِ النَّاسِ وَلاَ أَشُقَّ بُطُونَهُمْ)) މާނައީ: [ހަމަކަށަވަރުން މީސްތަކުންގެ ހިތްތައް ތޮރުފައި ބެލުމަށް އަދި އެބައިމީހުންގެ ބަނޑުތައް ފަޅައި ބެލުމަށް އަމުރުވެވިގެން ނުވެއެވެ.]

އަދި އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ: ޢުބައިދުﷲ ބުން ޢަދިއްޔު ބުން އަލްޚިޔާރު ވިދާޅުވި ގޮތުގައި އެބޭފުޅާއަށް އަންޞާރިއްޔަ ބޭކަލަކު ކިޔައިދެއްވިއެވެ. އެޞަޙާބީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން މުނާފިޤުންގެ މީހަކު މެރުމަށް ހުއްދައަށް އެދިވަޑައިގެންނެވިއެވެ. އެހިނދު ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أَلَيْسَ يَشْهَدُ أَن لاَ إِلَهَ إِلاَّ الله؟))  މާނައީ: [އޭނާ ޝަހާދަތަށް ހެކިނުވޭހެއްޔެވެ؟] އެބޭކަލަކު ދެންނެވިއެވެ: އާދޭހެވެ. އެހެންނަމަވެސް (ޙަޤީޤަތުގައި) އޭނާ އެކަމަށް ހެކިވާމީހަކު ކަމުގައި ނުވެއެވެ. ޙަދީޘްކުރެއްވިއެވެ: ((أَلَيْسَ يُصَلِّي؟)) މާނައީ: [އޭނާ ނަމާދު ނުކުރޭހެއްޔެވެ؟] އެބާކަލަކު ދެންނެވިއެވެ: އާދޭހެވެ. ނަމަވެސް އޭނާގެ ނަމާދު އޭނާއަކަށް ނުވެއެވެ. ޙަދީޘްކުރެއްވިއެވެ: ((أُولَئِكَ الَّذِينَ نَهَانِي اللهُ عَنْ قَتْلِهِمْ))  މާނައީ: [އެބައިމީހުންނަކީ އެބައިމީހުން މެރުމަށް ތިމަން ނަބިއްޔާއަށް ﷲ ނަހީކުރެއްވި ބައެކެވެ.]

މުސްލިމުންނީ އެއްބަޔަކު އަނެއްބައެއްގެ މެދުގައި އުޚުއްވަތްތެރިކަންވާ ބައެއްގެ ގޮތުގައި ލައްވާ މުސްލިމުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދީ އަނިޔާވެރިވާ ބައެއް ގޮތުގައި ވުމުން ދުރުހެލިކުރައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *