ބުރާސްފަތި, 24 އޭޕްރިލް 2025

އާރޓިކަލް 90 : އަމިއްލަ ނަފްސަށް ގެއްލުމެއް ލިބޭ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ބާވައިލެއްވުމުގައި މައިގަނޑު އެއްމަޤްޞަދަކީ މީސްތަކުންގެ ފުރާނަތައް ރައްކާތެރި ކުރުމެވެ. އެއީ އެއްވެސް އިންސާނެއްގެ ފުރާނައެވެ. އެއިން އެއްވެސް ފުރާނައަކަށް ޙައްޤަކާއި ނުލައި ގެއްލުމެއް ލިބޭކަށް އިސްލާމްދީން ނޭދެއެވެ. މިދީނަކީ ރަޙްމަތުގެ ދީނެކެވެ. ރަސޫލާ صلى الله عليه وسلم ފޮނުއްވުނީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައެވެ. ﷲ  އީ މީސްތަކުންނަށް އޯގާވަންތައިލާހެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ﴾ سورة الأعراف:156 މާނައީ: [އަދި ތިމަންއިލާހުގެ ރަޙްމަތް އެންމެހައި އެއްޗަކަށްވުރެ  ތަނަވަސްވެފައިވެއެވެ.] އެކަލާނގެ އޯގާވަންތަކަމުގެ އެންމެބޮޑު ހެއްކަކީ އަހަރެމެންނަށް ނުހަނު މަންފާކުރަނިވި ޝަރީޢަތެށް އަހަރެމެންގެ މައްޗަށް ބާވައިލައްވާފައިވުމެވެ. މުޅި ޝަރީޢަތުގައިވަނީ އިންސާނިއްޔަތަށް ހެޔޮގޮތެވެ. އިންސީންނާއި ޖިންނީން އެންމެހައި ގެއްލުންތަކުން ސަލާމަތްކޮށްދިނުމެވެ. އެގޮތުން މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވުމާއި ތަޅާފޮޅުމާއި އެހެންމީހަކު ޤަތުލުކުރުން ޙަރާމްކުރައްވާ އެކަމުގެ ނުބައިކަން ތަފްޞީލީގޮތެއްގައި އުންމަތަށް ވަނީ ބަޔާންކޮށްދެއްވާފައެވެ.

ނަމަވެސް މީސްތަކުން ޣާފިލުވެގެންވަނީ އަމިއްލަ ނަފްސަށް އެފަދަ ގެއްލުމެއް ދިނުމުގެ ނުބައިކަމާ މެދުގައެވެ. ބައެއްމީހުން ހިތަށްވެރިވެފައިވާ ކުށްހީއަކީ، އޭނާގެ އަމިއްލަ ނަފްސަކީ އޭނާގެ އަމިއްލަ މިލްކެކެވެ. ވީމާ އޭނާގެ އަމިއްލަ މިލްކަކަށް އޭނާއަށް ބޭނުންގޮތެއް ހެދޭނެއެވެ. އެގޮތުން ހުޅަނގުގެ ބައެއް ގައުމުތަކުގެ މީސްތަކުން އެގައުމުތަކުގައި ތަރުބިއްޔަތު ކޮށްފައިވާގޮތުން އެބައިމީހުންނަށް ވިސްނިފައި އޮންނަނީ އެއީ އެމީހުންގެ އަމިއްލަ މިނިވަންކަމެއްގެ ގޮތުގައެވެ. އަދި އެފަދަ ކަމެއް މީހަކު ކުރުމުން އެމީހަކު ގޯސްނުވެ ގޯސްވެފައި އޮންނަނީ އެހިސާބަށް އެމީހަކު ވާޞިލުވާން މެދުވެރި ކުރުވި އެހެނިހެން މީހުންނެވެ. ނަމަވެސް އިސްލާމީ ނަޒަރަކުން އެކަން އޮންނަނީ އެގޮތަކަށް ނޫނެވެ. އެއްވެސް މީހެއްގެ އަމިއްލަ ހަށިގަނޑަކީ އޭނާގެ ފުރާނައަކީ އޭނާގެ އަމިއްލަ މިލްކިއްޔާތެއް ނޫނެވެ. އެއީ މާތް ﷲ ގެ މިލްކެކެވެ. އެފުރާނައަށް ގެއްލުންދިނުމަކީ ހަރާމްކަމެކެވެ. އަދި އެކަންކުރުމަކީ އެހެންމީހަކު މެރުމަށްވުރެ ވަކި ނުބައިކަން ކުޑަ ކަމެއް ނޫނެވެ. ހަމައެހެންމެ ފުރާނައަކަށް ގެއްލުން ދިނުމެކޭ އަމިއްލަ ނަފްސަށް ގެއްލުން ދިނުމެކޭ ދެކަމުގެ ވެސް ނުބައިކަމުގެ ގޮތުން ބަލާއިރުގައި އެއްވެސް ތަފާތެއް ނެތެވެ. ދެކަމަކީވެސް އެންމެބޮޑެތި ފާފަތަކުގެ ތެރެއިން ވާކަންކަމެވެ. ﷲ  އިންސާނުންނަށް އޯގާވަންތައިލާހަކަށް ވާހިނދު އަހަރެމެން އަމިއްލަ ނަފްސަށް އަނިޔާވެރިވުމަށް އެކަލާނގެ ހުއްދަ ދެއްވާނެހެއްޔެވެ؟ ނުދެންވާނޭކަން ކަށަވަރެވެ. އެއީ އެކަލާނގެ ވަރަށްބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿وَلَا تَقۡتُلُوۤا۟ أَنفُسَكُمۡۚ إِنَّ ٱللَّهَ كَانَ بِكُمۡ رَحِیمࣰا﴾ سورة النساء:29  މާނައީ: [އަދި ތިޔަބައިމީހުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ޤަތުލު ނުކުރާހުށިކަމެވެ. ހަމަކަށަވަރުން ﷲ އީ ތިޔަބައިމީހުންނަށް އޯގާވަންތައިލާހެއް ކަމުގައިވިއެވެ.] މިއާޔަތުގައި މިވަނީ އެއްވެސް ސިފައެއްގައި އެއްވެސް ނަފްސެއް ޤަތުލުކުރުން ނަހީކުރައްވާފައެވެ. އެއީ އެއްބަޔަކު އަނެއްބައެއްގެ ނަފްސުތައް ކަމުގައިވިޔަސް އަދި ތިމާގެ އަމިއްލަ އަތުން ތިމާގެ ނަފްސު މަރައިލުން ކަމުގައިވިޔަސް މިއާޔަތުގެ ދަށުން އެކަންކަން ޙަރާމް ކަންކަމަށްވީއެވެ. ނުބައިވިޔާނުދާ ޢަމަލަކަށް ވީއެވެ.

ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ޞަޙާބީންވީ އެކަލޭގެފާނު އަމުރުކުރައްވާ ކޮންމެކަމެއް ކުރުމުގައި ފަސްނުޖެހި އެކަމެއް ކުރާބައެއްގެ ގޮތުގައެވެ. އެގޮތުން އެކަލޭގެފާނު އެކިތަންތަނަށް ހަނގުރާމައަށް ފޮނުއްވުމަށް ޞަޙާބީންކުރެން އެދިލެއްވުމުން އެބޭކަލުން ތިއްބަވަނީ ދިއުމަށް ތައްޔާރުވެގެންނެވެ. އެއީ އެބައިމީހުންގެ އަމިއްލަ ނަފްސުތައް ޤުރުބާންކޮށްފައެވެ. ﷲ ގެ މަގުގައި އެބައިމީހުންގެ ފުރާނަތައް ގެއްލިގެން ދިޔަކަމުގައި ވިޔަސްމެއެވެ. އެގޮތުން ހަނގުރާމައަކާ ހިސާބަށް ދިއުމުގެ ކުރިން ޙާލުގައިޖެހި އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވެއްޓުނަސް އެބައިމީހުން ފަރުވާލެއް ނުބަހައްޓައެވެ. އެގޮތުން އެބޭކަލުންގެ އަތުގައި ސަވާރީއެއް ނެތަސް، ހަނގުރާމައަކަށް ކަމުދާޒާތުގެ ހަތިޔާރެއް އަތުގައި ނެތަސް، އެއްވެސް ފައިސާއެއް އަތުގައި ނެތަސް އަދި ދަތުރުމަތީގައި ކާނޭ އެއްވެސް އެއްޗެއް އަތުގައި ނެތަސް އެބޭކަލުން ރަސޫލާ صلى الله عليه وسلم އަރިހުގައި އެދިގެން ހަނގުރާމައިގެ ދަތުރަށް ނިކުމެއެވެ. ނަމަވެސް ހަނގުރާމައަކާއި ނުލައި އަމިއްލައަށް ކުރާކަމެއްގެ ސަބަބުން މަރުވެގެން ދިއުން ދީނުގައި ޙަރާމްކުރެއްވިއެވެ. އެފަދައިން ދަތުރު މައްޗަށް ތައްޔާރުވެފައި ނުވާޙާލުގައި ހަނގުރާމައިގެ ދަތުރުގައި ނިކުމެ އަމިއްލަ ނަފްސުތަކައް ދިމާވެދާނެ ކަމެއްގެ ސަބަބުން ހަލާކުގެ ތެރެއަށް ވެއްޓިގެން ގޮސްދާނެ ކަމަށްޓަކައި، އެފަދަ ގޮތެއް ނެތް މީހުން އެޙާލުގައި ހަނގުރާމައަށް ނިކުތުން މަނާކުރެއްވިއެވެ. އެގޮތުން ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَلَا تُلْقُواْ بِأَيْدِيكُمْ إِلَى ٱلتَّهْلُكَةِ ۛ وَأَحْسِنُوٓاْ ۛ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ﴾ سورة البقرة:195 މާނައީ: [އަދި ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ތިޔަބައިމީހުން ހަލާކުގެ ތެރެއަށް އެއްލައި ނުލާށެވެ. އަދި ތިޔަބައިމީހުން އިޙްސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙްސާންތެރީން ދެކެ ލޯބިވެވޮޑިގަންނަވައެވެ.]

ވިމާ ޞަޙާބީންނަށް ހަލާކުގެ ތެރެއަށް ދިއުން މަނާކުރެއްވީ އެބައިމީހުން އިސްލާމްދީނަށް އޮންނަ ލޯތްބެއްގެ ސަބަބުން ޖިހާދަށް ނިކުތުމަށެވެ. އެއީ އެބައިމީހުންގެ ޙާލަތު ނިޔާކުރާ ގޮތަކުން އެބައިމީހުންނަށް އެދަތުރުމަތީގައި ގެއްލުމެއް ލިބިދާނެތީއެވެ. މިއަދު އަހަރެމެންގެ މުޖްތަމަޢުތަކަށް ބަލައިލުމުން، މިފަދައިން ހިނގާފައި ހުންނަ އަމިއްލަ މަރުތަކާއި، އަމިއްލަ ނަފްސަށް ގެއްލުންވާ ފަދަ ކަންކަން ކޮށްފައި ހުންނަނީ ދުނިޔެވީ ކޮންމެވެސް ބޭނުމެއްގައެވެ. ނުވަތަ ދުނިޔެވީ ކޮންމެވެސް މޮޅުކަމެއް ތިމާއަށް ނުލިބި އެކަމުން މަޙްރޫމްވުމުންނެވެ. ވީމާ މިގޮތް އަދި ކިހާ ނުބައިކަން ބޮޑުވެގެން ވޭހެއްޔެވެ؟ އަމިއްލަ ނަފްސުތަކަށް އޮތް ރަޙްމަތެއް އޯގާތެރިކަމެއް ކޮބައިހެއްޔެވެ؟ މުއުމިނުންނަކީ ކޮންމެ ޙާލެއްގައިވެސް އެމީހުންގެ އަމިއްލަ ނަފްސުތައް ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމުން ސަލާމަތް ކުރާނޭ ބައެކެވެ. ފުރާނަ ރައްކާތެރި ކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރަން އަމުރުވެވިގެންވާ ބައެކެވެ. ﷲ  ޙަރާމް ކުރެއްވި ތަކެތިވެސް، އެކަލާނގެ އަހަރެމެންގެ ނަފްސުތަކަށް އޯގާތެރިވެވޮޑިގެންވާލެއް ބޮޑުކަމުން، އެކަލާނގެ ވަނީ އެތަކެތި އެފަދަ ޙާލަތްތަކުގައި ބޭނުންކުރުން ހުއްދަވެސް ކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍۢ وَلَا عَادٍۢ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ﴾ سورة البقرة:173  މާނައީ: [ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް މުޅަތަކެއްޗާއި ލެއާއި އޫރުމަހާއި ﷲ ފިޔަވައި އެހެންފަރާތެއް ނަންގަނެ ކަތިލެވޭ ތަކެއްޗާއި މިއެންމެހައި ތަކެތި ކެއުން ޙަރާމްކުރައްވާފައެވެ. ފަހެ މަޖްބޫރުވެފައިވާ މީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނައަޅައި ދިއުމެއް ނެތި އެތަކެތި ކެއުމަކުން އޭނާގެ މައްޗަކަށް ފާފައެއް ނެތެވެ.] ވީމާ އަހަރެމެންގެ އަމިއްލަ ނަފްސުތަކަށް އޯގާތެރިވެ އެނަފްސައް ގެއްލުމެއް ލިބޭ އެއްވެސް ކަމެއް ކުރުން ހުއްދަ ނުވާނެކަން މިއާޔަތުންވެސް އެނގެއެވެ.

އެމީހަކުގެ އަމިއްލަ ނަފްސަށް އަނިޔާވެރިވުމުގެ ގޮތުން މިދުނިޔެމަތީގައި ކުރިކަންތައް ޤިޔާމަތްދުވަހުގައި އޭނާއަށް ޢަޛާބުގެ ގޮތުގައި ހަމައެކަންކަން ޖެހޭނެކަން ޙަދީޘްތަކުން އެނގެއެވެ. އޭނާގެ އަމިއްލަ ނަފްސު މަރާލަންވެގެން ކުރި ކަންތައް ޤިޔާމަތްދުވަހުގައި ޢަޛާބުގެ ގޮތުގައި އޭނާ ނަރަކައިގައި ކުރަމުން ދާނެއެވެ. ބުޚާރީގައިވާ ޙަދީޘެއްގައިވެއެވެ: ((مَن تَرَدَّى مِن جَبَلٍ فَقَتَلَ نَفْسَهُ، فَهو في نَارِ جَهَنَّمَ يَتَرَدَّى فيه خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَن تَحَسَّى سُمًّا فَقَتَلَ نَفْسَهُ، فَسُمُّهُ في يَدِهِ يَتَحَسَّاهُ في نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَن قَتَلَ نَفْسَهُ بِحَدِيدَةٍ، فَحَدِيدَتُهُ في يَدِهِ يَجَأُ بِهَا في بَطْنِهِ في نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا))  މާނައީ: [ފަރުބަދައެއްގެ މަތިން ވެއްޓިގަނެގެން އެމީހެއްގެ ނަފްސު ޤަތުލުކުރިމީހާ ފަހެ ނަރަކައިގައި އެގޮތަށް ވެއްޓިގަނެގެން އަނިޔާލިބިލިބި ނަރަކައިގެ އަލިފާނުގައި އޭނާ ވާނެއެވެ. އެތަނުގައި ދެމިހުންނަނިވި ގޮތުގައި އަބަދަށެވެ. އަދި ޒަހަރެއް ބޮއިގެން އެމީހެއްގެ ނަފްސު ގަތުލުކުރިމީހާ ފަހެ އޭނާގެ އަތުގައި އެޒަހަރު ބަހައްޓައިގެން އެބޮއި ދިރުވަދިރުވައި ހުންނަ ޙާލުގައި ނަރަކައިގެ އަލިފާނުގައި ދެމިހުންނަނިވި ގޮތުގައި އަބަދަށް އޭނާ ވާނެއެވެ. އަދި އެމީހެއްގެ ނަފްސު ދަގަނޑު ހަތިޔާރަކުން މަރައިފިމީހާ ފަހެ އެދަގަނޑު ހަތިޔާރު އޭނާގެ އަތުގައި ބާއްވައިގެން އޭނާގެ ބަނޑަށް ހަރަހަރައި ނަރަކައިގެ އަލިފާނުގައި ދެމިހުންނަނިވި ގޮތުގައި އަބަދަށް އޭނާ ވާނެއެވެ.]

އަހަރެމެންނީ އަހަރެމެންގެ އަމިއްލަ ނަފްސުތައް އެންމެހައި ގެއްލުންތަކުން ރައްކާތެރިކުރާ، އަދި އަހަރެމެންގެ އަމިއްލަ ނަފްސަށް އޯގާތެރިބައެއްގެ ގޮތުގައި ލައްވާނދޭވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *