އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސްޓޫޑެންޓް ކައުންސިލް އިފްތިތާހް ކުރުމާއި ޕްރިފެކްޓުން ހުވާކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނަކީ ތަވައްކުލް ބްރޯކާރސް ޕްރައިވެޓް ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ޒުބައިރު މުޙައްމަދެވެ. މިރަސްމިއްޔާތުގައި ޕްރިފެކްޓުން ހުވާ ކުރުން އޮތެވެ. ދަރިވަރުންނަށް ހުވާ ލައިދެއްވީ ޝަރަފްވެރި މެހްމާން ޒުބައިރު މުޙައްމަދެވެ.

ޝަރަފްވެރި މެހްމާންގެ ވާހަކަފުޅުގައި، މި ފުރުޞަތަކީ، ތިޔަކުދިން ކޮންމެވެސްވަރެއްގެ ދިރިއުޅުމުގެ ޒިންމާތަކާގުޅޭ އިހްސާސްތަކެއް ކުރެވިގެންދާނޭ ވަގުތެއް ކަމާ މިކަމުގެ ފަހަތުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މެނޭޖްމެންޓާއި މުދައްރިސުންގެ ރޭވުންތެރިކަން އެބަވާ ކަމުގައި ވިދާޅުވިއެވެ. ވަރަށް ގިނަ އިންތިޒާމްތަކެއް ކުރެވިފައި އެބަހުރިކަމާއި ހަރަކާތްތަކެއްވެސް ރޭވިފައި އެބަހުރިކަމާއި އަދި ސިޔާސަތުތަކެއްވެސް ކަނޑައެޅިފައި އެބަހުރިކަމަށް ވިދާޅުވިއެވެ.
ކަމެއް ރަނގަޅަށް ހިންގުމަށްޓަކައި ކުރެވޭނެ އެންމެހާ ކަންތައްތައް މިސްކޫލްގައި ކުރެވިފައި އެބަހުރި ކަމާއި އެކަން އެނގި ސާބިތުވަނީ މި ސްކޫލް ތަޢުލީމީ ގޮތުން އެތައް އަހަރަކު ހޯދާފައިވާ މަތީ ނަތީޖާ ތަކުން ކަމުގައި ވިދާޅުވިއެވެ.
2022 – 2023 ވަނަ އަހަރުގެ ސްކޫލްގެ އިސް މަގާމްތަކަށް އިންތިޚާބު ކުރެވުނު ދަރިވަރުންނަށް ބެޖް އަދި ސޭޝް ހަވާލުކޮށްދެއްވީވެސް ޝަރަފްވެރި މެހްމާން ޒުބައިރު މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ސާނަވީ ކެޕްޓަން ޝުޢާއު އިސްމާޢީލް ޝާން ވާހަކަދެއްކިއެވެ. ރަސްމިއްޔާތު ނިމިގެން ދިއައީ ޤައުމީ ސަލާމުންނެވެ.