އާރޓިކަލް 91 : އެހެންމީހަކާދިމާއަށް ހަތިޔާރެއް ދިއްކޮށްލުމުންވެސް ފާފަވެރިވާނެއެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިސްލާމްދީނަކީ އަނިޔާވެރިކަން އޮންނަ ދީނެއްކަމަށް ހުޅަނގުގެ ވިސްނުމުގައި އޮންނަނީ ބިންވަޅު ނެގިފައެވެ. އަދި މުޅިދުނިޔެއަށް ވިސްނައިދިނުމަށް މަސައްކަތްކުރަނީވެސް އެގޮތަށެވެ. އެމީހުންގެ ފިކުރުގެ ހުރިހައި މީޑިޔާއަކުންވެސް ދުނިޔޭގައި އިޝްތިހާރުކުރަނީ އެމަންޒަރުތަކެވެ. އެއީ އިސްލާމްދީން ފެށުނީއްސުރެވެސް ޣައިރުމުސްލިމުންގެ ކިބައިގައި އެކަން އޮންނަ ގޮތެވެ. އެޒަމާނަކާއި ގުޅޭގޮތުގެ މަތިން އިސްލާމްދީނުގެ ވާހަކަ މީސްތަކުން އަޑުނާހާނޭ ފަދައިން އެބައިމީހުން ކަންތައް ކުރުމެވެ. އަދި މުސްލިމުންގެ ތެރެއަށް އެހުރިހައި ދީންތަކުގެ އަޤީދާތައް ވަދެ މަސްހުނިވެ އުފެދިފައިވާ އާ ޢަޤީދާތަކުގެ ސަބަބުން ދީނުގައި ނަމުގައި އިސްލާމްދީނަށް ނިސްބަތްވާ ބައެއްގެ ފަރާތުން ނިކުންނަ ހަރުކަށި ޢަމަލުތަކުގެ ސަބަބުން އެޕްރޮޕެގެންޑާ ފަތުރަން އެބައިމީހުންނަށް އިތުރަށް ފަސޭހަވެގެންދެއެވެ. ނަމަވެސް ޙަޤީޤަތުގައި ދީން ބުނެދެވިފައިވާ މަސްދަރުތަކަށް ބަލައިލުމުން އެކަން ފެންނަން އޮތީ އެގޮތަކަށް ނޫނެވެ. ފެންނަން އޮތީ ދީނުގެ ސަމާޙަތްތެރިކަމެވެ. ދީނުގައި އަނިޔާވެރިކަމާއި މީސްތަކުން ދުރުހެލިކުރުމަށް ބާރުއަޅާފައިވާ މިންވަރެވެ. އިންސާނީ ޙުރުމަތް ކެނޑުމަށް ނުރުހުންތެރިވެފައިވާ މަންޒަރެވެ. އެގޮތުން އިންސާނެއްގެ ފުރާނަ ދުއްވާލުން ހުއްދަވެފައިވާ ޙާލަތުގައި، މާނައަކީ ހަނގުރާމައެއްގައިވެސް މީހެއްގެ މަރުވެފައިވާ މަސްގަނޑަށް އަނިޔާވެރި ޢަމަލުތައް ހިންގުން ނުވަތަ ޢަދުއްވަތު އަތުލައިގަތުމަށްފަހު އެމީހަކަށް ޖިސްމާނީ ކުދި އަނިޔާދިނުން ފަދަ އަދި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި ދަނޑުބިންތަކާއި ޢިމާރާތްތައް ހަލާކުކޮށް ހުޅުޖެހުންފަދަ އެންމެހައި ކަމެއް ދީނުގައިވަނީ މަނާކުރެވިފައެވެ. އަދި އޭގެ އިތުރުން އެނޫން ޙާލަތުގައިވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި އެފަދަ އަނިޔާއަކަށް ވާޞިލުވެދާނޭ ފަދަ އެންމެހައި ކަމަކުންވެސް ދުރުހެލިވުމަށް އިސްލާމްދީން ވަނީ އަންގަވާފައެވެ.

އެގޮތުން އެހެންމީހަކާއި ދިމާއަށް ހަތިޔާރެއް ދިއްކުރުމުންވެސް، އެހިސާބުން އެމީހަކު ފާފަވެރިވެއްޖެ ކަމުގައި ދީނުގެ ނައްޞުތަކުން އެނގި ހާމަވެގެން ދެއެވެ. އެއީ އެހަތިޔާރަކުން އެއްވެސް އަނިޔާއެއް ދެވިފައި ނުވި ނަމަވެސްއެވެ. ނުވަތަ އެހަތިޔާރަކުން އެމީހަކަށް ބިރު ދައްކާފައި ނުވިނަމަވެސް މެއެވެ. ހަތިޔާރެއް އެހެން މީހަކާއި ދިމާއަށް ދިއްކުރުމުން އެކުރެވުނީ ދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ. ސަބަބަކީ މީހަކަށް އަނިޔާއެއް ދޭމީހާ ނުވަތަ މީހަކު މަރާލައި މީހަކަށްވެސް، ހަތިޔާރު އޭނާއާ ދިމާއަށް ދިއްނުކޮށް މަރާ ހިސާބަށް ނުދާތީއެވެ. އެކަން ހިނގުމުގެ ކުރިންވެސް އަނެކާގެ ފުރާނަ ރައްކާތެރި ކޮށްދިނީއެވެ.

ބުޚާރީއާއި މުސްލިމްގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مَن حَمَلَ عَلَيْنَا السِلاَحَ فَلَيْسَ مِنَّا)) މާނައީ: [އަހަރެމެންނާ ދެކޮޅަށް ހަތިޔާރެއް އުފުލައިފި މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.] މީހަކާ ދެކޮޅަށް ހަތިޔާރެއް އުފުލުމަކީ އެއިން އެހެންމީހަކަށް ގޯނާއެއް ކުރުމުގެ ނިޔަތުގައި ހަތިޔާރެއް އެހެންމީހަކާއި ދިމާއަށް ދިއްކުރުމެވެ. ގޯނާއެއް ނުވަތަ އަނިޔާއެއް ދިނުމާ ހިސާބަށް ދިއުމުގެ ކުރިންވެސް އޭނާ އެކުރި ޢަމަލުން އޭނާ އެވަނީ ފާފަވެރިވެފައެވެ. ވީމާ ހަތިޔާރު ދިއްކުރުމަށްފަހު، އިތުރު އަނިޔާއެއް ނުދީ ހަތިޔާރު ދިއްކުރިމީހާ އެކަމުން ދުރުވިކަމުގައިވިޔަސް އޭނާ އެވަނީ ދީނުގައި ޙަރާމްކުރައްވާފައިވާ ކަމަކަށް އަރައިގަނެފައެވެ. އޭގެ ސަބަބުން އޭނާގެ އެޢަމަލަށް ޤާޟީ އޭނާއަށް އެކަމުގައި ތަޢުޒީރީ އަދަބެއްވެސް ދެވިދާނެއެވެ. އޭގެ އިތުރުން، ވަގުތުކޮޅަކަށް އެހަތިޔާރަކުން އަނެކާއަށް ބިރުދައްކައިފިނަމަ އެމީހެއްގެ ފާފަ އެވަނީ ހަތިޔާރެއް ދިއްކުރުމާއި އެހެންމީހަކަށް ބިރުދެއްކުމާއި ދެފާފަ އޭނާގެ ބޮލުގައި އެޅިފައެވެ. ވީމާ އެހަތިޔާރުން ޙަމަލާދީފި ނަމަ އެވަނީ ނުހަނު ބޮޑު ފާފައަކަށް އަރައިގަނެފައެވެ. މިއީ މީހަކު މަރައިލުމުގެ ކުރިއަށް ހިނގާ އަނިޔާވެރިކަންކަން އިސްލާމްދީނުގައި މަނާކުރެވިފައިވާކަން އަންގައިދޭ ސާފު ހެއްކެކެވެ.

އަހަރެމެންނާ ދެކޮޅަށޭ އޮތުމުން އަންގައިދެނީ މިޙަދީޘްގައި އިޝާރާތްކުރަނީ އެއްމުސްލިމަކު އަނެއް މުސްލިމަކާ ދިމާއަށް ހަތިޔާރު ދިއްކުރާ ވާހަކަ ކަމެވެ. ނަމަވެސް އެހެނިހެން ޙަދީޘްތަކުން މުސްލިމުންނާއި އަޙްދެއްވެވިފައިވާ ޣައިރު މުސްލިމަކާއި ދިމާއަށްވެސް މިފަދަ ބިރުދެއްކުމުގެ ނުވަތަ އަނިޔާވެރިކަމުގެ ޢަމަލެއް ނުހިންގޭނޭ ކަން އެނގެއެވެ. ޛިންމީނާއި މުޢާހަދުންނާއި މުސްތައުމަނުންނަކީ މުސްލިމު ގައުމެއްގެ ޙިމާޔަތް ލިބިފައިވާ ތިންވައްތަރެއްގެ ޣައިރު މުސްލިމުންނެވެ. ޛިންމީނަކީ މުސްލިމް ގައުމެއްގައި ދާއިމަށް އުޅޭމީހަކަށްވާއިރު މުސްތައުމަނަކީ އިސްލާމީ ގައުމެއްގައި ވަގުތީ ގޮތުން ހުންނަ މީހެކެވެ. އަދި މުޢާހަދުންނަކީ އެހެން ގައުމެއްގައި އުޅޭ ޣައިރު މުސްލިމުންނެވެ. މިތިންބައިމީހުންވެސް އެއްގޮތްވާ ކަމަކީ، އެއެންމެންވެސް އޮންނަނީ މުސްލިމުންނާ އެބައިމީހުންނާ ހަނގުރާމައެއް ނުވަތަ ގޯނާއެއް ނުކުރުމަށް އެއްބަސްވުމެއް ހަދާފައެވެ. ވީމާ މުސްލިމުން އެބައިމީހުންގެ ޢަހުދުގެ މަތީގައި ތިބުމަކީ ވާޖިބެކެވެ. އެގޮތުން އެއިން އެއްވެސް ބަޔަކާއި ދިމާއަށްވެސް މިފަދައިން ހަތިޔާރެއް ދިއްކޮށްގެން ބިރުދެއްކުމަކީ އިސްލާމްދީން ހުއްދަ ކުރާނޭ ކަމެއް ނޫނެވެ. އަދި އެފަދަ މީހަކު މެރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ބުޚާރީގައި ރިވާވެގެންވާ ޙަދީޘެއްގައި ރަސޫލާ  صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَن قَتَلَ نَفْسًا مُعاهَدًا لَمْ يَرِحْ رائِحَةَ الجَنَّةِ، وإنَّ رِيحَها لَيُوجَدُ مِن مَسِيرَةِ أرْبَعِينَ عامًا))  މާނައީ: [މުޢާހަދެއްގެ (އަޙްދެއް ކޮށްފައިވާ ކާފިރެއްގެ) ނަފްސު ޤަތުލުކޮށްފިމީހާ (އެޢަމަލު ހިންގި މުސްލިމްމީހާ) އަށް ސުވަރުގޭގެ ވަސްވެސް ލިބިގެން ނުވެއެވެ. ހަމަކަށަވަރުން އެތަނުގެ ވަސް ސާޅީސް އަހަރުގެ ރާސްތާއަށް ދެމިގެންވެއެވެ.]

ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ކަމުގައިވާ [އަހަރެމެންނާ ދެކޮޅަށް ހަތިޔާރެއް އުފުލައިފި މީހަކީ އަހަރެމެންގެ  ތެރެއިންވާ މީހެއް ނޫނެވެ.] މިޙަދީޘްގައި އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނޭ، އޮތުމުން އެނގިގެންދަނީ ހަތިޔާރަކުން ބިރުދެއްކުން އެއީ ކިހާ ނުބައިވެގެންވާ ކަމެއްކަމެވެ. އެކަން އެއީ ޙަލާލުކަމެއް ކަމަށް ދެކިގެން އެކަން ކޮށްފިނަމަ އެމީހަކު ދީނުން ބޭރުވާނޭކަން ޙަދީޘުން ދޭހަވެއެވެ. އަދި އެހެން މުސްލިމަކު މެރުމަކީ އޭނާއަށް ޙަލާލު ކަމެއްކަމަށް ދެކިގެން އެކަން ކުރިއަސް އޭނާ ދީނުން ބޭރުވެގެންދެއެވެ. އެއީ އޭނާ އެވަނީ މާތް ﷲ ޙަރާމްކުރެއްވި ކަމެއް ހަލާލުކޮށްފައެވެ. ނަމަވެސް އެކަން އެމީހެއްގެ ނަފްސުގައި ޙަލާލު ކުރުމެއް ނެތި އެޢަމަލު ހިންގިނަމަ، މާނައަކީ އެއީ ދީނުގައި ޙަރާމްކަމެއް ކަމަށް އެނގިގެން، އެގޮތަށް ޤަބޫލުކުރާ ޙާލުގައި އެޢަމަލު ހިންގިނަމަ، އޭނާ އެކުރީ ބޮޑުވެގެންވާ ފާފައެކެވެ. އުރެދުމެކެވެ. އިސްލާމްދީނުން އޭނާ ބޭރުނުވިއެއް ކަމަކު އެކުރިޢަމަލަކީ އެކަމުގެ ސަބަބުން ނަރަކައަށް ވަނުމަށް މަގުފަހިކޮށްދޭނޭ ނުބައި ޢަމަލެކެވެ. އެއީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނޭ ސިފައެއް ނޫނެވެ. މުސްލިމުން ސިފަވަނީ އެއާ ޚިލާފަށް އޯގާތެރި ބައެއްގެ ގޮތުގައެވެ. ހަތިޔާރު އެހެންމީހުންނާ ދިމާއަށް ދިއްކޮށްގެން ބިރުދެއްކުމަކީ އެއްވެސް މުސްލިމެއްގެ ސިފައެއް ނޫނެވެ. އެނުބައި ސިފައިން ފެންނަނީ އެއީ މުސްލިމުންގެ އަޚްލާޤެއް އާދަކާދައެއް ނޫން ކަމެވެ. އެއީ މުސްލިމުންނާ ބީރައްޓެހި ޢަމަލެއްކަމެވެ. ޙަޤީޤީ މުސްލިމުންނަކީ އޭގެ އިދިކޮޅު ސިފަ އެބައެއްގެ ފަރާތުން ފެންނަ ބައެކެވެ. އޯގާތެރިކަމާއި ސަމާޙަތްތެރިކަމާއި މާފުކުރުމެވެ. މީހުންނާ ޒުވާބުނުކުރުމާއި އަނިޔާވެރި ނުވުމެވެ. މުސްލިމުންގެ ތެރެއިން ފެންނަން ޖެހޭނީ އެއްމުސްލިމަކު އަނެއް މުސްލިމެއްގެ އަތާއިފައިގެ އަނިޔާވެރި ޢަމަލުތަކުން އެކަކު އަނެކަކު ސަލާމަތްވެގެންވާ މަންޒަރެވެ. ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((الـمُسْلِمُ مَن سَلِمَ الـمُسْلِمُونَ مِن لِسانِهِ ويَدِهِ))  މާނައީ: [ޙަޤީޤީ މުސްލިމަކީ އޭނާގެ ދުލުގެއާއި އޭނާގެ އަތުގެ (ނުބައިކަމުން) އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ.]

އަހަރެމެންނީ އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާ ބައެއްގެ ގޮތުގައި ލައްވާށިއެވެ. އަހަރެމެންގެ އަތާއި ދުލުގެ ނުބައިކަމުން އެހެންމީހުން ސަލާމަތްވެގެންވާ ބައެއްގެ ގޮތުގައި އަހަރެމެން ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *