އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޓްރެވަލް އެންޑް ޓުއަރިސްމް ފެސްޓު، 29 އޮކްޓޫބަރު 2022 ވަނަ ހޮނިހިރު ދުވަހު ވަނީ ބާއްވާފައެވެ. ޓްރެވަލް އެންޑް ޓުއަރިސަމް ފެސްޓު (ޓީޓީ ފެސްޓް) އަކީ އަޙްމަދިއްޔާގެ ޓްރެވަލް އެންޑް ޓުއަރިޒަމް ޑިޕާޓްމަންޓުން ދުނިޔޭގެ ފަތުރުވެރިކަމަށް ދަރިވަރުންނާއި އާންމުންގެ ޝައުޤުވެރިކަން ހޯދުމަށް ބާއްވާ ފެސްޓިވަލެކެވެ.

ޓީޓީ ފެސްޓުގެ ފެށުމުގެ ރަސްމިއްޔާތު ފެށިގެން ދިޔައީ އިއްޔެ ހެނދުނު 8:00 ގައި ސްކޫލް ހޯލުގައެވެ. ރަސްމިއްޔާތުގެ ޝަރަފްވެރި މެހުމާނަކީ ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ޓެލެންޓް އެންޑް ކަލްޗރގެ ސީނިއަރ ޑިރެކްޓަރ، އަލްފާޟިލް ހުސެއިން އަފީފް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަޙްމަދިއްޔާގެ ހެޑް އޮފް ޓީޓީ ޑިޕާޓްމަންޓް، ސުބްރަމާނިޔަމް ރަމަނާ ވިދާޅުވީ މި ޓީޓީ ފެސްޓު އަލުން މި ބޭއްވިގެންދަނީ ދަރިވަރުންނާއި އާންމުންނަށް ދުނިޔޭގެ އެކިއެކި ޘަޤާފަތްތަކާއި ދެމެހެއްޓެނިވި އަދި ތިމާވެށްޓަށް ރައްކާތެރި ފަތުރުވެރިކަމާބެހޭ ގޮތުން އަހުލުވެރިކުރުވުމަށް ކަމުގައެވެ.

މި ޚާއްޞަ ރަސްމިއްޔާތަށް ފަހު، ދެން ކުރިއަށދިޔައީ ހައުސްތަކުގެ މެދުގައި ބޭއްވުނު ބަހުސް މުބާރާތެވެ. ފުރަތަމަ ބަހުސް ކުރީ މައުޟޫޢާއި އެއްކޮޅަށް ޖަނަވަރީ ހައުސް އެވެ. މައުޟޫޢާއި ދެކޮޅަށް ހުވަނދުމާ ހައުސް އެވެ. ބަހުސް ގެ މައުޟޫޢަކީ "ސަރުކާރުތަކުން ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށްވުރެ އެތެރޭގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ".
ދެވަނަ ބަހުސްގައި މައުޟޫޢާއި އެއްކޮޅަށް ވާދަކުރީ ޗާނދަނީ ހައުސް އެވެ. އަދި މައުޟޫޢާއި ދެކޮޅަށް ވަކާލާތުކުރީ ކާމިނީ ހައުސްއެވެ. މި ބަހުސްގެ މައުޟޫޢަކީ، "ޘަޤާފީ އެއްބައިވަންތަކަން ޤާއިމުކުރުމަށް އިޤްތިޞާދުގެ ބޮޑު ބައި ފަތުރުވެރިކަމަށް ބަހައްޓަންޖެހެއެވެ". ބޭއްވުނު ދެ ބަހުސުން މޮޅުވެގެން ފައިނަލަށް ދަތުރުކޮށްފައިވަނީ ޖަނަވަރީ ހައުސް އަދި ޗާންދަނީ ހައުސްއެވެ. ބަހުސްގެ ފައިނަލް ރައުންޑު އެހެން ތާރީޚެއްގައި ބޭއްވިގެން ދާނެއެވެ.
ފޯރިގަދަ ބަހުސަށް ފަހު ދެން އޮތީ ދުވަހުގެ ޚާއްޞަ ކުއިޒް މުބާރާތެވެ. 5 ބުރަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ މި ކުއިޒުން އެއްވަނަ ހޯދާފައި ވަނީ ހުވަނދުމާ ހައުސް އެވެ. އަދި ދެވަނައަށް ދިޔައީ ޗާންދަނީ ހައުސް އެވެ.
އެދުވަހުގެ މެންދުރު 13:30 އިން ހަވީރު 17:00 އަކަށް އާންމުންނަށް ހުޅުވާލައިގެން ރަސްމީކޮށް ޓީޓީ ފެސްޓުގެ ސްޓޯލްތައް ހުޅުވިއެވެ. އެކި އެކި ކްލާސްތަކުން ތައްޔާރު ކުރި ސްޓޯލްތަކުގައި އެކި އެކި ޤައުމުތަކުގެ މުއްސަނދި ސަޤާފަތް ދައްކުވައިދިނެވެ. މިސްޓޯލްތަކުން ދަރިވަރުން ތައްޔާރުކޮށްފައިވާ އެކި އެކި ކާތަކެއްޗާއި، ޘަޤާފީ ތަކެތި ވިއްކި އެވެ.
ހަމަ މި ވަގުތު، ސްކޫލް ގެ ހޯލްގައި އެކި ކްލާސްތަކުން ތައްޔާރުކޮށްފައިވާ ސަޤާފީ ނެށުންތަކާއި އައިޓަމްތައް ކުރިއަށް ގެންދިޔައެވެ.
ޓީޓީ ފެސްޓުގެ ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގެންނެވީ ސުޕްރިންޓެންޑަންޓް އޮފް ޕޮލިސް، އަލްފާޟިލާ ފާޠިމަތު ނަޝްވާ އެވެ.
މީގެ އިތުރުން ޚާއްޞަ މެހެމާނުންގެ ގޮތުގައި އަލްފާޟިލް ޒުބައިރު މުޙައްމަދު، ޑރ. ޢައިޝާ، އަލްފާޟިލް އާދަމް ޝަރީފް އަދި އަލްފާޟިލާ މަރިޔަމް ނުޒުހާ ވަޑައިގެންނެވިއެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނާއި ހައުސްތަކަށް ތަށްޓާއި ހަދިޔާ ބެއްސެވިއެވެ.
ހުކުރު ދުވަހު ބޭއްވުނު އިންޓަރ ހައުސް ކެއްކުމުގެ މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ ޗާނދަނީ ހައުސް އެވެ.
ޑިޒައިން އާއި ޑެކަރޭޝަނުން އެންމެ ފުރިހަމަ ސްޓޯލަކަށް ހޮވިފައިވަނީ ޢަރަބި ސްޓޯލެވެ.
އެންމެ ގިނަ ފައިސާ ޖަމާކުރެވުނު ސްޓޯލަކީ 10ސީ ގެ މެޓާވިއްކާ ސްޓޯލް އެވެ. އެންމެ ފުރިހަމަ ހެދުމަކަށް ހޮވިފައިވަނީ 10ބީ ގެ ދަރިވަރު، އާލާގެ ހެދުމެވެ.
އެންމެ މޮޅު ނެށުމަކަށް ހޮވިފައިވަނީ ގްރޭޑް 10ގެ ފިއުޝަން ޑާންސް އެވެ. އެންމެ މޮޅު ކޮރިއޮގްރާފަރ ގެ މަޤާމު ލިބިފައިވަނީ ގްރޭޑް 12 ގެ އިންޑިއާ ޑާންސް އަށެވެ.
މިއަހަރުގެ ޓްރެވަލް އެންޑް ޓުއަރިޒަމް ފެސްޓު ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނެވެ. 5000 މީހުންނަށް ވުރެ ގިނަ މީހުން މި އިވެންޓަށް ހާޒިރުވިއެވެ.