ބުރާސްފަތި, 24 އޭޕްރިލް 2025

ސާނަވީ ކެޕްޓަންކަމަށް ހޮވުމުން ޝުޢާޢު ހުރީ ނިކަން އުފަލުން!

ކިޔަވާ ކުއްޖަކަށް ލިބޭނޭ އެންމެ ބޮޑު އެއް ޝަރަފަކީ ސްކޫލް ކެޕްޓަން ކަމުގެ މަގާމު ލިބުމެވެ. އެ ސްކޫލެއްގައި ކިޔަވާ ހުރިހާ ކުދިންގެ އިސްވާރަކަށް ވެވުމެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން އެ ޝަރަފް މިއަހަރު ހޯދި ގްރޭޑް 10 ސީގެ ޝުޢާޢު އިސްމާއީލް ޝާން ފަޚުރުވެރިވާ އެހެން ކަމެއް ވެސް އެބައޮތެވެ. އެއީ ސްކޫލް ކެޕްޓަންކަމަށް، ގިނަ އަހަރުތަކަކަށް ފަހު ހޮވުނު ފުރަތަމަ ބިޒްނަސް ދަރިވަރުގެ ޝަރަފް ވެސް ލިބުމެވެ.

ކިޔެވުމާއި އިތުރު ޙަރަކާތްތަކުގައި ވެސް ތޫނުފިލިކަން ދައްކާ މި ދަރިވަރަކީ ވެސް އެފަދަ އެހެން ދަރިވަރުންނެކޭ އެއްފަދައިން ކުޑައިރުއްސުރެ ވެސް ސްކޫލް ކެޕްޓަނަކަށް ވުމުގެ އަޒުމުގައި، އެ އަމާޒަށް ވާޞިލްވުމަށް މަގުކޮށަމުން، ރާސްތާ އަލިކުރަމުން އައި ދަރިވަރެކެވެ. އާއިލާއާއި އެކުވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމުން ލިބުނު ހިތްވަރާއެކު މިއަދު ޝުޢާޢު އެހެރީ ސްކޫލެއްގައި ދަރިވަރަކު އަދާކުރާނޭ އެންމެ ޝަރަފުވެރި މަގާމް ކަމަށްވާ ސްކޫލް ކެޕްޓަން ކަމުގެ މަގާމުގައެވެ.

ޝުޢާޢު އަށް ސްކޫލް ކެޕްޓަންކަމުގެ ލިޔުމާއި ބެޖް ހަވާލުކޮށްދެއްވަނީ

"ވަރަށް ބޮޑަށް ދެކެމުން އައި ހުވަފެނެއް އެއީ، ސްކޫލް ކެޕްޓަނަށް ވުން. އެހެންވެ، މި މަޤާމަށް ކުރިމަތިލުމުގެ ޚިޔާލު ވަރަށް ކުރިންސުރެ އޮތް. އާއިލާއާއި އެކުވެރިންގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުމަކީ މި މަޤާމަށް ކުރިމަތިލުމަށް ލިބުނު އިތުރު ހިތްވަރެއް." ޝުޢާޢު ބުންޏެވެ.

އީޖާދީ ވިސްނުމެއްގެ ވެރި ޝުޢާ ބުނާގޮތުން މުއައްސަސާތަކުން ކުރަމުންދާ މަސައްކަތަށް ދަރިވަރުން ހޭލުންތެރިކުރުމާއި، ކޮވިޑްގެ ސަބަބުން ހުއްޓުނު އިތުރު ޙަރަކާތްތައް އަލުން އާ ހިތްވަރަކާއެކު ފެށުމުގެ އިތުރުން، އައު ވިސްނުން ކުރިއަށް ނެރެ، އީޖާދީ ބަޔަކަށް ދަރިވަރުން ހެދުމަށް މި ދިރާސީ އަހަރު ވަރަށް ބޮޑަށް މަސައްކަތްކުރުމުގެ ވިސްނުން އެބަހުއްޓެވެ.

" ސްކޫލަށް ކޮށްދޭން ބޭނުންވާ ބައިވަރު ކަންކަން އެބަހުރި. މިގޮތުން، އަމަލީ މައިދާނުގައި މުއައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތްތައް ދަރިވަރުންނަށް ދެނެގަނެވޭނެފަދަ ހަރަކާތްތައް މެނޭޖްމެންޓާއި ގުޅިގެން ރާވައި ހިންގަން ވަރަށް ބޭނުން. އަދި ކޮވިޑްގެ ސަބަބުން،ފާއިތުވެ ދިޔަ ދެ އަހަރު ކުރިޔަށް ނުގެންދެވުނު ބައިވަރު އިތުރު ހަރަކާތްތައް އެބަހުރި. އެހަރަކާތްތައް ވެސް އާ ޚިޔާލުތަކާއި އިތުރު ފުރިހަމަކަމާއިއެކު އަލުން ކުރިޔަށް ގެންދަން ބޭނުން. މީގެ އިތުރުން، އީޖާދީ ކަންކަން ހިންގަންބޭނުން."

ޝުޢާޢު ބުނީ ކެޕްޓަންކަމަށް ކުރިމަތިލައިގެން އެކަމަށް މަސައްކަތް ފެށިއިރު، އެ މަގާމް ލިބޭނެކަމުގެ މާބޮޑު ޔަޤީންކަމެއް ނެތް ނަމަވެސް، އިންޓަވިއުއާއި، ކެންޕޭނާއި، ސްޕީޗަށްފަހު ލިބުނު ތަރުހީބަށް ބަލައި، ވަރަށް ބޮޑަށް އުންމީދުއާވި ކަމަށާއި، ސްކޫލް ކެޕްޓަންކަމަށް ހޮވުނުކަން އިޢުލާނުކުރި ވަގުތަކީ ވަރަށް ފޮނި އިޙުސާސްތަކެއް ކުރެވުނު ވަގުތެއް ކަމަށެވެ. އެގޮތުން، ވަރަށް ކުޑައިރުއްސުރެ ލިބުމަށް އުންމީދުކުރަމުން ދިޔަ މަޤާމެއް ލިބުމުން ވަރަށް ބޮޑަށް އުފާވި ކަމަށާއި، އެ މަޤާމު ހޯދުމަށް ކުރި މަސައްކަތާއި ހިތްވަރުގެ ނަތީޖާ، މާތް ﷲ ގެ އިރާދަފުޅާއިއެކު އެހާ ފޮނިކޮށް ލިބުމުން ވަރަށް ހިތްހަމަޖެހުނުކަމަށް ޝުޢާޢު ބުންޏެވެ.

ޝުޢާޢު،  ޕްރިންސިޕަލް މުޙައްމަދު ރަޝީދާއެކު

އަޙްމަދިއްޔާގައި ކިޔަވާ އެހެން ދަރިވަރުންނެކޭ އެއްފަދައިން މި ސްކޫލުގައި ކިޔެވޭތީ ޝުޢާޢު ވެސް ހުރީ ވަރަށް ފަޚުރުވެރިވެފައެވެ. ޝުޢާޢު ބުނީ މުޅި ރާއްޖެއިން ވެސް އެންމެ މަތީ ފާސް ހޯދާ ސްކޫލުގައި ކިޔެވެމުގެ ފުރުޞަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް އަދި ފަޚުރެއް ކަމަށާއި، ކޮންމެ އަހަރަކު ވެސް އެތައް ހާސް ކުދިން ރަން ވަނަތައް ހޯދާއިރު، ތަޢުލީމީ ކާމިޔާބީގެ ސަފުގެ އެންމެ ކުރީގައި އުޅެނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ކަމަށް ވާތީ ވަރަށް ފަޚުރުވެރިވާ ކަމަށެވެ.

ޝުޢާޢު 2012 ވަނަ އަހަރު އަޙްމަދިއްޔާގެ ޔޫކޭޖީގައި ޤުރުއާން މުބާރާތުން ހޯދި ކާމިޔާބީއާއެކު  ޕްރިންސިޕަލް މުޙައްމަދު ރަޝީދު އަރިހުގައި

" މި ސްކޫލުގައި ކިޔަވައިދެއްވާ ޓީޗަރުންނަކީ ވަރަށް ގިނަދުވަހުގެ ތަޖުރިބާ ހުރި، ކިޔަވައިދިނުމުގެ އެންމެ ޒަމާނީ މޮޅު އުކުޅުތައް ބޭނުންކުރައްވާ މުދައްރިސުން. އެއީ، އަބަދުވެސް ދަރިވަރުންގެ އެންމެ މޮޅު ނަތީޖާ ނެރުމަށް ގަދައަޅައި މަސައްކަތްކުރައްވާ އެކުވެރި ހީވާގި ބައެއް. އަދި ސްކޫލުގެ މެނޭޖްމެންޓްގެ އެހީތެރިކަމާއި، ވިސްނުންތެރިކަމާއި، މަސައްކަތްތެރިކަމުން، އެއީ ދެވަނައެއް ނުވާ ފަދަ މެނޭޖްމެންޓެއްކަން އެނގޭ. އަދި ސްކޫލްގެ ޕްރިންސިޕަލް ދެއްވާ އިރުޝާދާއި ނަސޭހަތުން ވަރަށް ހިތްވަރު ލިބޭ." ސްކޫލާ މެދު ހިތުގައި އުފެދިފައިވާ އުފާވެރި ޝުޢޫރުތައް ހިއްސާކުރަމުން ޝުޢާޢު ބުންޏެވެ.

ޝުޢާއު: ފަޚްރުވެރި ކާމިޔާބީތަކެއް ޙާޞިލްކުރި

އަޙްމަދިއްޔާގައި ކުޅިވަރާއި އެހެނިހެން އިތުރުހަރަކާތްތަކުގައި ޤައުމީ އަދި ބައިނަލް އަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފަހި ފުރުސަތު ވަރަށް ބޮޑަށް ތަނަވަސްވެފައި ވާތީ ދަރިވަރުންގެ ޝަޚްޞިއްޔަތު ބިނާކުރުމަށާއި ކިޔެވުމަށް އިތުރު ހިތްވަރެއް ލިބިގެންދާކަން ވެސް ޝުޢާޢު ފާހަގަކުރިއެވެ.

ޝުޢާޢު އަކީ ކިޔެވި ހުރިހާ ސްކޫލެއްގައި ވެސް ކިޔެވުމާ އެއްވަރަށް އިތުރު ޙަރަކާތްތަކުގައި ވެސް ވިދާ ނަމެކެވެ. އެ ގޮތުން ކުޅިވަރާއި، އަދަބީ ހަރަކާތްތަކާއި، ގުރުއާން ކިޔެވުމާއި މަދަހަ ކިޔުމުން އެތައް ރަންވަނަތަކެއް ޝުޢާޢު ހާސިލްކޮށްފައިވެއެވެ.

ޝުޢާޢު މަންމައާއި ބައްޕަ އާއެކު….

ޝުއާއުގެ މަންމަ ވިދާޅުވީ ޝުއާއު އަކީ "ދީނީކަންކަމަށްފަރުވާތެރި، ވަރަށް ކިޔަމަންތެރި، ބަސްއަހާ، އެކުވެރި، ވަގުތުގެބޭނުން ހެޔޮގޮތުގައިހިފާ އަދި ނަތީޖާ ހާސިލްކުރުމަށް ވަރަށް ޒިންމާދާރުކަމާއި، ހިތްވަރާއި އެކު ކެރިގެން  މަސައްކަތްކުރާ ކުއްޖެއް" ކަމަށެވެ.

ޝުޢާޢުގެ އިކޮނޮމިކްސް ޓީޗަރު، ސީނިއަރ ލީޑިންގ ޓީޗަރ ނުސްރަތުﷲ މުޙައްމަދު ނަސީރު ވިދާޅުވީ ޝުޢާޢު އަކީ ކިޔަވާ ކުދިންނަށް ހުރި ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށެވެ.

"ކިޔެވުމުގައި ވެސް ފުރިހަމަ އަޚްލާގީ ސިފަތަކަށް ތަބާވެ ޓީޗަރުންގެ އެހީތެރިކަމާއެކު، ހިއްމަތާ މިންނަތުން ކުރިހޯދަމުން އަންނަ ކުއްޖެއް. ޓީޗަރުން ކުރާ ބުރަ މަސައްކަތް ބަލައިގަނެ، ޓީޗަރުންނަށް ވަރަށް އިޙްތިރާމްކުރާ ކުއްޖެއް. މީގެއިތުރުން، ޝުޢާޢުއަކީ ކަންކަމަށް އިސްނަގައި، ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ނިންމޭތޯ ކަށިން ހިތްވަރުނެރެގެން މަސައްކަތްކުރާ ކުއްޖެއް. ނުވާނެއޭ ބުނާ ކަންކަން ވާނެއަށް ބަދަލުކޮށް، ކަންކަން ހާސިލްކުރުމަށް ގަދައަޅައި މަސައްކަތްކުރާ ކުއްޖެއް. އެހެން ކުދިންނާ ގުޅިގެން އުޅެން ދަންނަ ލީޑަރެއް. މިސްގެ އުއްމީދަކީ ޝުޢާޢަށް ހުރިހާ ކަމެއްގައި ވެސް ކާމިޔާބީއާ ކުރިއެރުން ލިބުން." ނުސްރާ މިސް ވިދާޅުވިއެވެ.

ޝުޢާއު: ސްޓޫޓެންޓް ކައުންސިލް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ސްކޫލް ކެޕްޓަނެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ކެޕްޓަންކަމަށް ވާން ބޭނުންވާ ކުދިންނަށް ޝުޢާޢު ދޭން ބޭނުންވާ މެސެޖު ވަރަށް ސާފެވެ. "ވަރަށް ކެރިގެން ޒިންމާދާރުކަމާ އެކީ ހުރިހާ ކަމެއްވެސް ކުރާށެވެ. އިސްނަގައިގެން ކަންކަން ކުރަން އާދަކުރާށެވެ. ތިމާއާއި، އެހެން ދަރިވަރުންނާއި، ޓީޗަރުންނާއި ދެމެދުވެސް ރަނގަޅު ގުޅުމެއް ބާއްވާށެވެ." ކެޕްޓަންކަމަކީ ވަރަށް ބޮޑު ޝަރަފަކާއި އެހެންމެ ޒިންމާއެއް އޮންނަ މަޤާމަކަށް ވާތީ، މި މަޤާމު ހޯދުމަށް ކުރިއާލާ މަސައްކަތް ކުރަންވާނެ ކަމަށް ޝުޢާޢު ވެސް ދެކެއެވެ. އެއީ ހަމައެކަނި ކެންޕޭން ތެރޭގައި ކުރެވޭ މަސައްކަތުން އެކަނި ލިބޭނެ ކަމެއް ނޫން ކަމަށާއި،  މިހާރުންފެށިގެން ވެސް، އަމިއްލައަށް ޒިންމާތައް އަދާކުރަން ދަސްކުރުން މުހިއްމު ކަމަށާއި، އޭގެ ސަބަބުން ކެޕްޓަންގެ ގޮތުގައި އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތައް އަދާކުރަން ވަރަށް ފަސޭހަވާނެ ކަމަށް ޝުޢާޢު ބުންޏެވެ.

"އަދި، ކެޕްޓަން ކަމުގެ މަޤާމު ނުލިބުނަސް، ދިރިއުޅުމުގައި އިރާދަކުރެއްވިއްޔާ ކާމިޔަބު މީހަކަށް ވެވޭނެ. ކިޔެވުމުގެ އިތުރުން ކުޅިވަރާއި އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވާންވާނެ. އެންމެ މުހިންމު ކަމަކީ، ދީނީ ކަންކަމަށް އިސްކަންދީ ފަރުވާތެރިވުން. މިގޮތުން ގިނައިން ޤުރުއާން ކިޔެވުމާއި، ވަގުތަށް ނަމާދު ޤާއިމްކުރުމާއި، މައިންބަފައިންގެ ބަސް އެހުމުން،އެކުއްޖަކު ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްކުރެވުމުގެ މަގު މާތްﷲ ފަހިކޮށްދެއްވާނެ. އެއީ ކެޕްޓަންގެ މަޤާމް ވިޔަސް، ނުވަތަ އެހެން މަޤާމެއް ވިޔަސް." ޝުޢާޢުގެ ނަސޭހަތަކީ މިއެވެ.

ޝުޢާޢު ވަނީ އޭނާގެ ކާމިޔާބީއާ ގުޅިފައިވާ އެންމެންނަށް ޝުކުރުއަދާކޮށްފައެވެ. ވަކިން ޚާއްޞަކޮށް މައިންބަފައިންގެ ބުރަ މަސައްކަތް ޝުޢާޢު ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.

"އަޅުގަނޑު މިހިސާބަށް އައުމަށް މިންވަރުކުރެއްވި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ހަމްދާއި ޝުކުރު ކުރަން. އެއަށްފަހު، ފާހަގަކޮށްލަން ބޭނުންވަނީ މި މަޤާމަށް އައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އަޅުގަނޑަށް ލިބިފައިވާ ތަރުބިއްޔަތުގެ ސަބަބުންކަން. މިކަމަށްޓަކައި ތަޢުލީމީ މިދަތުރުގެ އެކި މަރުޙަލާތަކުގައި އަޅުގަނޑަށް ކިޔަވައިދެއްވި މުދައްރިސުންނާއި މިސްކޫލުގެ މެނޭޖްމަންޓަށް، އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުގެ މައިންބަފައިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަޅުގަނޑުގެ މަންމަ އާއި ބައްޕަ ދައްކަވާ ނަމޫނާއާއި ހިތްވަރާއި އަޅުގަނޑަށްޓަކައި ފޫހިކަމެއްނެތި ރެއާއި ދުވާލު ކޮށްދެއްވާ ބުރަ މަސައްކަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރަން. އަދި އަޅުގަނޑުގެ ކޮއްކޮއަށާއި މާމައަށް އަދި އައިލާގެ އެހެން މެމްބަރުންގެ ފަރާތުން ލިބޭ ތަރުހީބާއި ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އަދި މީގެ އިތުރުން ޕްރޮފެސަރ ހަސަން އުގައިލް އަށް ވެސް ޝުކުރުއަދާކުރަން. އުގައިލް ފައުންޑޭޝަނުން ހިންގަވާ "ލީޑާރސް އޮފް ޓުމޯރޯ" ޕްރޮގްރާމްގެ ޒަރީއާއިން ވަރަށް ގިނަ ހުނަރު ލިބުނު."

އޯލެވެލް ޓޮޕް ޓެންގައި ހިމެނި، ސްކޫލް ފަޚުރުވެރިވާ ފަދަ މޮޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގައި ހުރި ޝުޢާޢު ކުރިއަށް ދާން ބޭނުން ވަނީ ބިޒްނަސްގެ ދާއިރާއިންނެވެ. މީގެ އިތުރުން ކަލިނަރީ ދާއިރާއަކީ ވެސް ވަރަށް ބޮޑު ޝައުޤުގުވެރިކަމެއް ހުންނަ ދާއިރާއެއް ކަމަށް ޝުޢާޢު ބުންޏެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދުޢާ އަކީ ވެސް ޝުޢާޢުގެ ހުރިހާ ހުވަފެންތަކެއްގައި ކުލަޖެހި، މާތްﷲ ޝުޢާޢުއަށް ފަހި ފާގަތި މުސްތަޤްބަލެއް މިންވަރުކުރެއްވުމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *