ބުރާސްފަތި, 24 އޭޕްރިލް 2025

އާރޓިކަލް 92 : ސުވާލު މާގިނަކުރުމަކީ އެދެވިގެންވާ ގޮތެއްތަ؟

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އޮޅުންނުފިލައި ކަންކަން އޮޅުންފިލުވުމަށް ސުވާލުކުރުމަކީ އެންމެންވެސް ކޮށްއުޅޭ، މުޖްތަމަޢުތަކުގައި ރަނގަޅު ސިފައެއްގެ ގޮތުގައި، އަދި ކިޔަވައިދޭ މާޙައުލުތަކުގައި ކިޔަވާކުދީންނަށްވެސް ހިއްވަރުދެވޭ ކަމެކެވެ. އެއީ އެކަމުގައި ހުރި ފައިދާތަކެއްގެ ބޮޑުކަމުންނެވެ. ޚާއްޞަކޮށް ކިޔަވައިދިނުމުގެ މާޙައުލުތަކުގައި ޓީޗަރުން އެހާވަރަކަށް ދަރިވަރުން ސުވާލުކުރުމަށް ބާރު އެއަޅަނީ، ދަރިވަރުންނަށް އެނގިފައިވާ މިންވަރާއި، ކިޔަވައިދެވޭ އެއްޗެއް އޮޅުންއަރާފައިވާ މިންވަރު ޓީޗަރަށް އެކަމުން ދެނެގަނެވި، ކިޔަވައިދިނުން އޭގެ އެންމެފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ. އަދި އެއީ އޭގެ ސަބަބުން ދަރިވަރުން ކިޔަވަމުންދާ މައްސަލައެއްގެ ތެރެއަށް ޝައުޤުވެރިކުރުވާ، މައްސަލައިގެ ތަފްޞީލުތަކުގެ ތެރެއަށް ވައްދައިދެވޭ ދޮރެކެވެ. އޭގެއިތުރުން އެއީ ދަރިވަރުން ކަންކަމާއިމެދު ވިސްނާ ފިކުރުކުރަން ފެށުމުން، ވިސްނުމުގެ ޤާބިލިއްޔަތު ދަރިވަރުންގެ ތެރޭގައި އިތުރުކޮށްދޭވެސް ކަމެކެވެ.

މިފަދަ އެތަކެއް ފައިދާއެއް ކިޔަވައިދިނުމުގެ ދާއިރާގައި "ސުވާލުކުރުމުން" ނިކުންނައިރު، ފާހަގަ ކޮށްލަންޖެހެނީ، މިފައިދާތައް ނިކުންނަކީ ބިނާކުރުވަނިވި ސުވާލުންކަމެވެ. އިނގިރޭސި ބަހުން ބުނާނަމަ "އިފެކްޓިވް ކުއެސްޗަނިންގް" އިންނެވެ. މިއީ ކިޔަވައިދިނުމުގެ ދާއިރާގެ މާހިރުންނާއި މުފައްކިރުންވެސް ބުނާގޮތެވެ. ވީމާ ކުލާހެއްގެ މާޙައުލަކަށް ބަލައިލުމުންވެސް ފާހަގަވެގެން ދަނީ  ބައެއްފަހަރު ދަރިވަރުން ސުވާލު ގިނަކުރުމުގެ ސަބަބުން މާޙައުލުގެ އޮމާންކަން ގެއްލޭތަނެވެ. ކުލާހުގެ ވަގުތުތައް ބޭކާރުވެގެން ދާކަމުގެ އިޙްސާސް ކުރެވޭތަނެވެ. ޓީޗަރަށް ނުވަތަ ލެކްޗަރަރ އަށް ދަރިވަރުންގެ ފަރާތުން ކޮންމެވެސް މިންވަރެއްގެ ފުރައްސާރައެއް ނިސްބަތް ކުރެވޭ ކަމުގެ އިޙްސާސެވެ. އެހެން އެވަނީ ބިނާކުރުވަނި ސުވާލަކަށް ނުވެ، ބޭކާރު ސުވާލުތަކުން މާޙައުލު ގަޑުބަޑުވާތީއެވެ.

ދީނީ ނަޒަރަކުން ބަލާއިރުވެސް މިފަދައިން ބައެއްފަހަރު ދިމާވެއެވެ. ދީނީޢިލްމުގެ އަހުލުވެރިންނާ މީހުން ކަންކަމާ ސުވާލު ކުރުމުގައިވެސް ބައެއްފަހަރު ބޭކާރު ސުވާލުކުރުމާ ދިމާލަށް ދެއެވެ. އެހެން އެވަނީ ސުވާލު ކުރުމުގެ ނިޔަތްވެސް ބަދަލުވާތީއެވެ. ޙަޤީޤަތުގައި ސުވާލު ކުރުމުގެ ބޭނުމަކީ ނޭނގޭ ކަމެއް އޮޅުންފިލުވަން ހުންނަ ޝައުޤުގެ ސަބަބުން އެމީހަކަށް އެ ނޭނގޭ ކަންތައް ސާފުވުމެވެ. އަދި އޭނާ އެކަން އެސާފު ކުރަނީ އެކަން ޤަބޫލުކޮށް، އެއާ އެއްގޮތަށް އޭނާގެ ޢަމަލުތައް ބަދަލުކުރުމަށެވެ. އެހެންކަމުން އޭނާ ސުވާލު ކުރާނީ އޭނާ އިތުބާރު ކުރާ މީހަކަށެވެ. އޭގެ ބަދަލުގައި އޭނާ އިތުބާރު ނުކުރާ މީހަކަށް، ސުވާލު ކުރާނަމަ އިސްވެ ބުނެވުނު ރަނގަޅު ނިޔަތް ހުންނާނީ ގެއްލިފައެވެ. އޭގެ ސަބަބުން އޭނާގެ ހިތަށް ވެރިވެފައިވާ ތަފާތު އެހެނިހެން ނިޔަތްތަކުގެ ސަބަބުން ސުވާލުކުރުމުގެ ވައްޓަފާޅި ބަދަލުވެގެން ދާނެއެވެ. ސަބަބަކީ އޭނާ އެސުވާލުކުރަނީ އޭނާ އިތުބާރު ކުރާ މީހަކާނޫނެވެ. ދެން އެހެންވެއްޖެ ނަމަ ސުވާލުކުރެވުނު ފަރާތުން ދޭ ޖަވާބުތައް އޭނާ ޤަބޫލުކުރާނެ ހެއްޔެވެ؟ ނޫނީ އެސުވާލު އެކުރަނީ އެކަން ޤަބޫލު ކުރަން ހެއްޔެވެ؟ ނޫނެކެވެ. އެހެންވެއްޖެނަމަ އޭނާގެ ސުވާލުކުރުމުގައި އެއޮތީ އެހެން ނިޔަތެކެވެ.

އެއްގޮތަކީ އޭނާގެ ހަވާނަފްސު އެދިގެންފައިވާ ޖަވާބު އެޝައިޚެއްގެ ފަރާތުން ނިކުންނަންދެން ސުވާލުކުރުމެވެ. ނުވަތަ އެޖަވާބު ނެރުވަން މަސައްކަތް ކުރުމެވެ. ނުވަތަ އޭނާ ބޭނުންވާ ޖަވާބެއް ދޭތޯ ޓެސްޓު ކުރުމެވެ. އެނިޔަތުގެ މައްޗަށް ބިނާކޮށް ގިނަގުނަ ނޭދެވޭ ބޭކާރު ސުވާލުތައް ކުރުން ގާތެވެ. ނުވަތަ އޭނާގެ ބޭނުމަކީ ދީނަށް ޙަޤީޤީ މާނައިގައި ޢަމަލުކުރާ މީހުންނަށް، އޮންނަ ނަފްރަތެއްގެ ސަބަބުން ފުރައްސާރަ ކުރުމެވެ. އެނިޔަތުގެ ސަބަބުން ތަފާތު ފުރައްސާކުރުމުގެ ބޭކާރު ސުވާލުތައް ކުރާނެއެވެ. ނުވަތަ އަނެއް ބޭނުމަކީ އެޝައިޚަކަށް ނުވަތަ އެތަނުގައި އަޑުއަހަން ތިބޭ އެހެންމީހުންނަށް އެމީހަކީ ވަރަށް ވިސްނޭމީހެއްކަން ނުވަތަ ދީނާމެދު ވަރަށް ޝައުޤުވެރިވާ މީހެއްކަން ނުވަތަ ވަރަށް ދީންވެރި މީހެއްކަން ދައްކަން ވެގެން ސުވާލުކުރުމެވެ. މިފަދައިން ސުވާލުކުރާ މީހާގެވެސް ނިޔަތް ގޯސްވެ، އޭނާ އެ އެދޭ އެދުން ޙާޞިލުކުރުމަށް ނުހަނު ގިނަ ބޭކާރު ސުވާލުތައް ކުރާނެއެވެ. މިފަދައިން ސުވާލުކުރަން ފެށުމުން ސުވާލުކުރެވުނު ޢިލްމުވެރިޔާ ދެއްވާ ޖަވާބުތައް ސުވާލުކުރާ މީހާގެ ނަފްސުގެ ތެރެއަށް ދަމައި ނުގަންނަކަމުގެ އިޙްސާސް ޖަވާބު ދެއްވާ ފަރާތަށް ކުރެވޭނެއެވެ. އަދި ބައެއްފަހަރު އެއްޖަވާބު ނުނިމެނީސް އަނެއް ސުވާލު ކުރިމަތި ކުރާތަންވެސް ފެންނާނެއެވެ. މިތަނުގައި ދެންނެވުނު ފަދައިން ގޯސް ނިޔަތުގައި ސުވާލު ކުރާއިރު ކުރާނީ ބިނާކުރުވަނިވި ސުވާލުތަކެއް ނޫނެވެ. ނުވަތަ ބިނާކުރުވަނިވި ސުވާލަކުން ދެން ހުޅުވިގެންދާނީ ބޭކާރު ސުވާލުތަކެއްގެ ތެރެއަށެވެ. މިފަދައިން ސުވާލު ކުރާމީހުންނަކީ ހިތުގައި ބަލިމަޑުކަމެއް ހުންނަ މީހުންނެވެ. ނިފާޤުގެ ބަލިމަޑު ކަމުގެ ސަބަބުން އެފަދަ މީހުންނަށް އަމިއްލަ ނަފްސާއި އެހެންމީހުންގެ ނަފްސާއި ސޯޝަލް އެވެއަރނަސްވެސް ނުހުރެއެވެ. މިއީ ޙަޤީޤަތުގައި ވަރަށްބޮޑު ނަފްސާނީ ބަލިކަށިކަމެކެވެ. އެއްގޮތަކަށްވެސް މިދަންނަވަނީ ބޭސްފަރުވާ ކުރަންޖެހޭ ފަދަ ޑޮކްޓަރީ ނަފްސާނީ މައްސަލަތަކެއްގެ ވާހަކައެއް ނޫނެވެ. ދީންވެރި، މަޑުމޯޅި، އެހެންމީހުންނަށް އިޙްތިރާމްކުރާ، ރަނގަޅު މީހަކަށްވެސް އެފަދަ ނަފްސާނީ ބަލިމަޑުކަމެއް އައިސްދާނެއެވެ. ނަމަވެސް މިތަނުގައި މިވާހަކަ ދެކެވެނީ އެހެންމީހުންނަށް ނަފްރަތުކުރާ، ޙަސަދަވެރި، އެހެންމީހުންނަށް ޖެއްސުންކޮށް ގެއްލުންދޭ ޒާތަށް ވިސްނުން ބައްޓަން ކޮށްގެން އުޅޭ މުނާފިޤު ބަލިމަޑުކަމުގެ ވާހަކައެވެ.

މިފަދަ ނިފާޤުކަން ހުންނަމީހުން ވަނީ، ޖެއްސުމުގެ ގޮތުންނާއި ދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ރަސޫލާ صلى الله عليه وسلم އާ ގިނަގިނައިން ސުވާލުކޮށްފައެވެ. އެގޮތުން ޞަޙީޙް ބުޚާރީގައި ރިވާވެގެންވެއެވެ. ޢަބްދުﷲ ބުން ޢައްބާސް ވިދާޅުވިއެވެ: ބަޔަކުމީހުން މާލާމާތުގެ ގޮތުން ﷲ ގެ ރަސޫލާ صلى الله عليه وسلم އާ ސުވާލުކުރާ ކަމުގައިވިއެވެ. އެގޮތުން މީހަކު ސުވާލުކުރެއެވެ: އަޅުގަނޑުގެ ބައްޕަ އަކީ ކާކުތޯއެވެ؟ އަދި އެމީހެއްގެ ޖަމަލު ގެއްލިފައިވާ މީހާ އަހައެވެ: އަޅުގަނޑުގެ ޖަމަލު ވީ ކޮންތަނެއްގައި ތޯއެވެ؟ ދެން ﷲ سبحانه وتعالى މިއާޔަތް ބާވައިލެއްވިއެވެ: ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَسْـَٔلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ﴾ سورة المائدة:101 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ކަމެއް ސާފުކޮށް ބަޔާންވުމަށްފަހު، ތިޔަބައިމީހުން އެކަންކަމާއި މެދު ސުވާލު ނުކުރާށެވެ. އޭގެސަބަބުން ތިޔަބައިމީހުންނަށް ކަންކަން ގޯސްވެދާނެއެވެ.]

ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވާ ޙަދީޘެއްގައި، ރަސޫލާ صلى الله عليه وسلم ޙަދިޘްކުރެއްވިއެވެ: ((مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فَأْتُوا مِنْهُ مَا اسْتَطَعْتُمْ فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ وَاخْتِلاَفُهُمْ عَلَى أَنْبِيَائِهِمْ)) މާނައީ: [ތިޔަބައިމީހުންނަށް ތިމަންނަބިއްޔާ ނަހީކުރެއްވި ކޮންމެ ކަމެއްގައި (ދަންނާށެވެ.) ތިޔަބައިމީހުން އެކަމަކުން ދުރުވެގަންނާށެވެ. އަދި ތިޔަބައިމީހުންނަށް ތިމަންނަބިއްޔާ އަމުރުކުރެއްވި ކަމެއްގައި (ދަންނާށެވެ.) ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީ ވަރަކުން އެކަމަކަށް ޢަމަލުކުރާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ ބަޔަކު ވަނީ، އެބައިމީހުންގެ ސުވާލުކުރުން ގިނަކަމާއި، އެބައިމީހުންގެ ނަބީންގެ މައްޗަށް އެބައިމީހުންގެ މެދުގައި އޮތް އިޚްތިލާފުގެ ސަބަބުންނެވެ.]

އެހެންނަމަވެސް ދީނަށް ފުރައްސާރަކުރުމެއް ނެތި، ނުވަތަ ހަވާނަފްސުގެ ނޭދެވޭ އެހެން އެދުމެއްވެސް ނެތި، ރަނގަޅު ނިޔަތުގައި ދީނީ ކަންކަން އޮޅުންވިލުވަން ސުވާލުކުރުމަކީ އެދެވިގެންވާ ކަމެކެވެ. އަދި ގިނަގިނައިން ކުރަންޖެހޭވެސް ކަމެކެވެ.

އަހަރެމެންނީ ހެޔޮގޮތުގައި ކަންކަން އޮޅުންފިލުވުމަށް ހެޔޮނިޔަތުގައި ސުވާލުކުރާ ބަޔަކު ކަމުގައި ލައްވާ، ބޭކާރު ސުވާލު ކުރުމުން ދުރުހެލިވެގެންވާ ބައެއްގެ ގޮތުގައި ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *