ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި 23 ވަނަ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ "ކްއީން އޮފް ދަ ސީރީސް" އަކަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 11ބީގެ ދަރިވަރު މަލަކް އިސްމާޢީލް މުޙައްމަދު ހޮވިއްޖެއެވެ.
އޮކްޓޫބަރު 22 ން ނޮވެންބަރު 4 އަށް ކުރިޔަށް ދިޔަ މި މުބާރާތުގެ 19 އަހަރުން ދަށުގެ ރަނަރަޕްކަން ހޯދި ޓީމުގެ ސެންޓަރގެ މަގާމަށް ކުޅުނު މަލަކަށް ކްއީން އޮފް ދަ ސީރީސްކަން ލިބުމުގެ އިތުރުން އޭނާ ވަނީ އެ އުމުރުފުރާގެ ޑްރީމް ޓީމްގައި ވެސް ހިމެނިފައެވެ. މަލަކުގެ އިތުރުން އަޙްމަދިއްޔާގެ އިތުރު ދެ ދަރިވަރަކު ވެސް ޑްރީމް ޓީމަށް ހޮވިފައިވެއެވެ. އެ ދަރިވަރުންނަކީ އަޙްމަދިއްޔާ ޓީމުގެ ގޯލްކީޕަރ 12ޖޭގެ ފަސޫހާ އަޙްމަދާއި ގޯލް ޑިފެންސް، 12އެޗްގެ ދަރިވަރު އަމްނާ އަސްވަދު އިސްމާޢީލް އެވެ. މީގެއިތުރުން، 15 އަހަރުން ދަށުގެ ޑްރީމް ޓީމްގައި އަޙްމަދިއްޔާގެ 8ބީގެ ދަރިވަރު ރައިޝާ އިބްރާހީމް ވެސް ވަނީ ހިމެނިފައެވެ.
މި މުބާރާތުގެ 13 އަހަރުން ދަށާއި، 15 އަހަރުން ދަށުގެ ސެމީ ފައިނަލަށް އަޙްމަދިއްޔާ ދަތުރުކޮށްފައިވާ އިރު، 19 އަހަރުން ދަށުގެ ފައިނަލްގައި ވެސް އަޙްމަދިއްޔާ ވަނީ ކުޅެފައެވެ. އަޙްމަދިއްޔާ ފައިނަލަށް ދިޔައީ އަރަބިއްޔާ އަދި ސީއެޗްއެސްސީ ބަލިކުރުމަށްފަހުގައެވެ.