ބުރާސްފަތި, 17 އޭޕްރިލް 2025

ވޯލްޑް ސްކޮލާސް ކަޕްގެ ފަހު ބުރުގައި ބައިވެރިވުމަށް އަޙްމަދިއްޔާގެ ދަރިވަރުން އެމެރިކާއަށް ފުރައިފި

ވޯލްޑް ސްކޮލާސް ކަޕްގެ ފަހު ބުރުގައި ބައިވެރިވުމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން އެމެރިކާ އަށް ދިއުމަށް ރޭ ފުރައިފި އެވެ. ވޯލްޑް ސްކޮލާސް ކަޕަކީ، އެކި ގައުމުތަކުގެ ކުދިންނަށް ކުރިއަށް ގެންދާ ތައުލީމީ އެކި ހަރަކާތްތައް ހިމެނޭ މުބާރާތެކެވެ.

މި މަހުގެ 11 އިން 16 އަށް އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި ބާއްވާ ޗެމްޕިއަންސް ރައުންޑަށް ރާއްޖޭގެ ހަތަރު ސްކޫލަކުން ކުދިން ކޮލިފައިވި އެވެ. އެއީ، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގގެ އިތުރުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި  ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލެވެ.

ދުނިޔޭގެ އެތައް ގައުމަކުން ބައިވެރިވާ އެ މުބާރާތުގެ ފަހު ބުރަށް ކުދިން ހޮވަނީ، ފުރަތަމަ ބުރާއި ދެ ވަނަ ބުރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިންނެވެ. ފަހު ބުރަށް ދިވެހި ކުދިން ހޮވުނީ ތައިލެންޑާއި ވިއެޓްނާމްގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ގްލޯބަލް ރައުންޑުގައި ގައުމުތަކާ ވާދަކޮށް، ގިނަ އަދަދެއްގެ ރަން އަދި ރިހި މެޑަލް ހޯދައިގެންނެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޖޫނިއާ އަދި ސީނިއާ ބައިން މިފަހަރު 10 ދަރިވަރަކު ވާދަކުރެ އެވެ. އެއީ ގްރޭޑް 7 ގެ 2 ދަރިވަރުންނާއި ގްރޭޑް 8 ގެ 6 ދަރިވަރުންނާއި ގްރޭޑް 9 ގެ ދަރިވަރަކާއި އަދި ގްރޭޑް 10 ގެ ދަރިވަރެކެވެ. މި ދަރިވަރުންނާއެކު 5 ބެލެނިވެރިއަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުގައި ސްކޫލްގެ ފަރާތުން އޮފިޝަލެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް ޝިއުނާ އިބްރާހީމް ނަޞީރެވެ.

ޗެމްޕިއަންސް ރައުންޑަށް ހޮވުނު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކުދިންނާ ބައްދަލުކުރައްވައި، ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގެ މުބާރާތުގައި ބައިވެރިވެވުމަކީ ކިޔެވުމާ އެކު ކުދިންގެ ހުނަރު ކުރިއަރުވައި، ކުރިއަށްދާން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެކި ގައުމުތައް ބައިވެރިވާ ވާދަވެރި އެ މުބާރާތުގައި، ރަނގަޅު ކާމިޔާބީއަކަށް ހިތްވަރުކުރަން ޕްރިންސިޕަލް ނަސޭހަތްތެރިވެވަޑައިގަތެވެ.

ބެންގްކޮކް ގައި ކުރިއަށް ގެންދިޔަ ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑުގެ ފައިނަލް ބަހުސަށް 8 ސީ ގެ ދަރިވަރު މުޙައްމަދު ޔާނިޝް އަޙްމަދާއި 10ސީ ގެ ދަރިވަރު ފާތިމަތު ހަނާން އިނާން ހޮވި  "ޑިބޭޓް ޝޯކޭސް" ގައި މި ދެދަރިވަރުން ބަހުސް ކުރިއެވެ. ޑިބޭޓް ޝޯކޭސް ނުވަތަ ފައިނަލް ބަހުސަށް އަރުވަނީ، ބައިވެރިވާ ގައުމުތަކުގެ ތެރެއިން އެންމެ މޮޅަށް ބަހުސްކުރާ ދަރިވަރުންނެވެ.

ބެންކޮކް ރައުންޑްގެ ޑިބޭޓް ޝޯކޭސްގައި އަހްމަދިއްޔާގެ ހަނާން ބަހުސްކުރަނީ.

މުޅި މުބާރާތުގެ ޖޫނިއަރ  އެންމެ މޮޅު ބަހުސްކުރުންތެރިންގެ މެދުގައި ބޭއްވި ޚާއްޞަ ފައިނަލް ބަހުސް އޮތީ 4 ސެޕްޓެމްބަރު 2022 ގެ މެންދުރު، ބެންކޮކުގެ އަސްކްރާ ތިއޭޓަރުގައެވެ. އެތައް ސަތޭކަ ކުދިންގެ ތެރެއިން ހޮވި ޔާނިސް ފައިނަލް ބަހުސްގައިވެސް ވާދަކުރިއެވެ.

ބެންކޮކް ރައުންޑްގެ ޑިބޭޓް ޝޯކޭސްގައި އަހްމަދިއްޔާގެ ޔާނިޝް ބަހުސްކުރަނީ.

ސީނިއަރ ކެޓެގެރީގެ އެންމެ މޮޅު ބަހުސްކުރުންތެރިންގެ މެދުގައި ބޭއްވި ޚާއްސަ ބަހުސް އޮތީ 5 ސެޕްޓެމްބަރު ގައި ހަމަ އެ ތިއޭޓަރުގައެވެ. މި ބަހުސްގެ ޓީމެއްގައި ހަނާންވެސް ބަހުސް ކުރިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *