ބުރާސްފަތި, 24 އޭޕްރިލް 2025

އާރޓިކަލް 93 : ސުވާލު ގިނަކޮށްގެން ނުވާނެ ކަންކަން ހުރޭ

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ދީނީގޮތުން ސުވާލުކުރުން ރަނގަޅު ޙާލަތްތަކާއި ކަމުނުދާނޭ ޙާލަތްތައް ހުރެއެވެ. އެގޮތުން ވަކިކަމެއް ސާފުކޮށް އަމުރުކުރެއްވުމުން، އެކަމަށް ޢަމަލުކުރަން ޢުޛުރު ދައްކާފަދަ ގޮތަކަށް ނުވަތަ ޖަދަލުކުރެވޭ އުސްލޫބަކަށް އެމައްސަލައާމެދު ސުވާލުކުރުން އެއީ ސުވާލުގިނަކޮށްގެން ނުވާނެ ދާއިރާއެކެވެ. ނަމަވެސް ދީނީ ކަމަކަށް ޢަމަލުކުރާ ހިތުން އޮޅުންފިލުވުން އެއީ އެދެވިގެންވާ ކަމެކެވެ.

ވީމާ މައްކާގެ މުޝްރިކުންނާއި ފޮތުގެ އަހުލުވެރިން (ޔަހޫދީންނާއި ނަޞާރާއިން) ރަސޫލާ صلى الله عليه وسلم އާ ސުވާލުކުރި ގޮތަށް ހަރުކަށިކަމާއި ދެކޮޅުވެރިކަން ފާޅުކުރުމުގެ ގޮތުން ސުވާލުކުރުން އެއީ ޙަޤީޤަތުގައި ނުބައިވެގެންވާ ކަމެކެވެ. އެގޮތަށް އެބައިމީހުން ސުވާލުކުރި ވާހަކަ ޤުރުއާނުގައި ބަޔާންވެގެންވެއެވެ. އަދި ހަމަ އެފަދައިން ﷲ سبحانه وتعالى އެއިލާހުގެ އަޅުތަކުންނަށް ވަންހަނާކުރެއްވި ކަންކަމާމެދު ސުވާލު ކުރުންވެސް އެއީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއްވެސް ނަބިއްޔަކަށް އެކަމެއްގެ ޢިލްމު ފާޅުވެފައި ނުވާ، ކަންކަމާމެދު ސުވާލު ކުރުމެވެ. އެއީ ވެސް އެކަންކަމާމެދު މުޝްރިކުންނާއި ފޮތުގެ އަހުލުވެރިން ރަސޫލާ صلى الله عليه وسلم އާ ސުވާލު ކޮށް އުޅުނު ކަންކަމެވެ. މިސާލަކަށް މަރުވާނެ ދުވަހާއި، ޤިޔާމަތްވާނެ ދުވަހާއި މެދުގައެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَيَسْـَٔلُونَكَ عَنِ ٱلرُّوحِ ۖ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا﴾ سورة الإسراء:85 މާނައީ: [އަދި އެބައިމީހުން ފުރާނައާއި މެދު ކަލޭގެފާނާއި ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފުރާނައަކީ ތިމަންނަބިއްޔާގެ ވެރި އިލާހުގެ އަމުރުފުޅުގެ ތެރެއިން ހިމެނޭ ކަމެކެވެ. (މާނައީ އެއީ މާތް ﷲ ގެ މަޚްލޫޤުތަކުގެ ތެރެއިން ހިމެނޭ އެއްޗެކެވެ.) އަދި ޢިލްމުގެ ތެރެއިން ކުޑަމިންވަރެއް މެނުވީ ތިޔަބައިމީހުންނަށް ދެވިފައިނުވެއެވެ.] މިއީ ޔަހޫދީން ރަސޫލާ صلى الله عليه وسلم އާ ކުރި ސުވާލެކެވެ. އެއީ ޖަދަލުކުރުމާއި ދެކޮޅުވެރިކަމުގެ ތެރެއިން ކުރި ސުވާލެކެވެ. އެބައިމީހުންނީ އެމަޤްޞަދުގައި ގިނައިން ސުވާލުކުރި ބައެކެވެ.

އެބައިމީހުންނީ އެބައިމީހުންގެ ރަސޫލާ މޫސާ عليه السلام އާ ވެސް އެފަދައިން ޖަދަލު ކުރުމުގެ ގޮތުން ގިނައިން ސުވާލުކުރި ބައެކެވެ. އެފަދައިން ސުވާލުކުރުމުން މާތް ﷲ އަބައިމީހުންނަށް ކަންކަން ވަނީ އުނދަގޫވެސް ކުރައްވާފައެވެ. އެއިން އެނގެނީ އެފަދައިން، އަމުރުކުރެވޭ ކަމެއް ނުކުރުމަށް ބޮޑާހާކަންވެގެން ނުވަތަ ނުކޮށްވޭތޯ ބަލަންވެގެން ކުރެވޭ ސުވާލުތަކުން، ދީނީ ކަންކަން އިތުރަށް އުނދަގޫ ޙާލަތަކަށް ގެންގޮސްދޭ ކަމެވެ. އެހެންވުމުން އެފަދައިން ސުވާލުކުރުން އެއީ ފުރިހަމަ މުއުމިނުންނަށް އެކަށީގެންވާ ކަމެއް ނޫނެވެ.

ޞަޙާބީންގެ ޢަމަލުފުޅަށް ބަލާލުމުންވެސް ފެންނަނީ އެމަންޒަރެވެ. މަދީނާގެ އަހުލުވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން، އެއީ މުހާޖިރުންނާއި އަންޞާރުން ރަސޫލާ صلى الله عليه وسلم އާ ވަރަށް މަދުން ނޫނީ ސުވާލު ނުކުރައްވާ ކަމުގައިވެއެވެ. ކަމެއް އަމުރުކުރެއްވިއަސް އެކަމެއް އަމުރުކުރެއްވި ގޮތަށް ކުރުމަށް އަވަސްވެ ވަޑައިގަންނަވައެވެ. އެހެންނޫނީ ކަންކަން އިތުރަށް އުނދަގޫވެދާނެ ކަންވެސް އެބޭކަލުންނަށް އެނގިވަޑައިގަންނަވައެވެ. އެގޮތުން ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((إِنَّ أَعْظَمَ الْمُسْلِمِينَ فِي الـمُسْلِمِينَ جُرْمًا مَنْ سَأَلَ عَنْ شَيءٍ لَـمْ يُحَرِّمْ فَحُرِّمَ مِنْ أَجْلِ مَسْأَلَتِهِ)) މާނައީ: [ހަމަކަށަވަރުން މުސްލިމުންނަށް، ނުބައިކަން އެންމެބޮޑުވެގެންވާ މުސްލިމުންނަކީ، ޙަރާމްވެފައި ނުވާ ކަމެއްގައި ސުވާލުކުރުމުން، އެސުވާލުކުރުމުގެ ސަބަބުން އެކަމެއް ޙަރާމްވުމެވެ.]

މިހެންވެގެންނާއި އަމުރެއް ކުރެއްވުމުން އެކަމެއް މީސްތަކުން އަވަހަށް ކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން، އަދި ކަމެއް މަނާކުރެއްވެވުމުން އަވަހަށް މީސްތަކުން އެކަމަކާއި ދުރުކުރެއްވުމުގެ ގޮތުން، ސުވާލު ގިނަ ނުކުރެއްވުމަށް އެންގެވިއެވެ. އަދި ގިނައިން ސުވާލުކުރުން ވަނީ ނަހީކުރައްވާފައެވެ. އެގޮތުން ބުޚާރީގައި ރިވާވެގެންވި ޙަދީޘެއްގައިވެއެވެ: ((كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَنْهَى عَنْ قِيلَ وَقَالَ وَكَثْرَةِ السُّؤَالِ وَإِضَاعَةِ الـمَالِ)) މާނައީ: [އޭނާބުންޏޭ މީނަ ބުންޏޭ ކިޔައިގެން ވާހަކަ ދެއްކުމާއި، ގިނައިން ސުވާލުކުރުމާއި، މުދާ ބޭކާރުކުރުން، ނަބިއްޔާ صلى الله عليه وسلم މަނާކުރައްވާ ކަމުގައިވިއެވެ.]

މިކަން މިގޮތަށް މަނާކުރައްވާފައިވުމުން ކުރިންވެސް ދެންނެވުނު ފަދައިން މަދީނާގައި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އުޅުއްވަމުން ގެންދެވި ޞަޙާބީން ވަރަށްވެސް މަދުން ނޫނީ ކަންކަމުގައި ސުވާލު ނުކުރައްވައެވެ. ނަމަވެސް އެހެނިހެން ރަށްތަކުން އަންނަ މީހުންނާއި އަޢްރާބީން އައިސް ރަސޫލާ صلى الله عليه وسلم އާ ގިނައިން ސުވާލު ކުރައްވައެވެ. އަދި ނަބިއްޔާވެސް އަދި ޞަޙާބީންވެސް އެބައިމީހުންނަށް އެކަން މަނާ ނުކުރައްވައެވެ. އެއީ ދީން އުނގެނި ދަސްކުރަން އަންނަ މީހުން ކަމުގައި ވާތީއެވެ. އަދި ބައެއް ޞަޙާބީންގެ އަތުގައި ކުރަން ބޭނުންވެފައިވާ ސުވާލު ހުއްޓަސް، އެބޭކަލުން އެކަން ނުކުރައްވާ އަޢުރާބީއަކު އައިސް އެފަދައިން ސުވާލު ކުރޭތޯ އެދިލައްވައިގެން ތިއްބަވައެވެ. އެއީ އަޢުރާބީންނަކީ އެބައިމީހުން ހިތުގައި އަދި އީމާންކަން ހަރުދަނާވެފައި ނުވާމީހުން ކަމުގައިވާތީ، އެބައިމީހުން އެފަދައިން ސުވާލުކުރުން ޚުދު ރަސޫލާ صلى الله عليه وسلم ވެސް މަނާ ނުކުރައްވާތީއެވެ.

ވީމާ އަމުރުވެވިފައިވާ ކަމެއްގައި އެކަމެއް ކުރުމަށް އަމިއްލަ ނަފްސަށް ބާރުއެޅުމާއި، އެކަމަކާމެދު ސުވާލު ގިނަ ނުކުރުން އެއީ އެދެވިގެންވާ ކަމެކެވެ. ޞަޙާބީން މާތް ހެޔޮބަކަށް ވީ އެއްސަބަބަކީ އެއީއެވެ. މުސްނަދު އަލްބައްޒާރު ގައި އިބްނު ޢައްބާސް ވިދާޅުވިއެވެ: މުޙައްމަދުގެފާނު صلى الله عليه وسلم ގެ ޞަޙާބީންނަށްވުރެ ހެޔޮބަޔަކު ތިމަންނާ ނުދެކެމެވެ. އެބައިމީހުން ބާރަ މައްސަލައެއްގައި ނޫނީ ނަބިއްޔާ صلى الله عليه وسلم އާ ސުވާލު ނުކުރައްވައެވެ. އެހުރިހައި ސުވާލެއްވެސް ޤުރުއާނުގައި ވެއެވެ.

ވީމާ ދީނީކަމެއް އޮޅުންފިލުމުން، ދެން އޭގެ އިތުރުން ސުވާލުކުރުމާއި ދުރުހެލިވާންޖެހެއެވެ. އަވަހަށް އެނގުނު ކަމަކާއި އެއްގޮތަށް ޢަމަލުތައް ބަހައްޓަން މަސައްކަތް ކުރަންޖެހެއެވެ. ނަމަވެސް ޢަމަލީގޮތުން އެއްވެސް ކުރިއެރުމެއް ނާންނަ ކަންކަމުގައި ސުވާލުތަކެއް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ޖަދަލު ކުރުމާއި ބަހަނާއަކަށް ސުވާލު ކުރުމާއި ދުރުހެލިވާންޖެހެއެވެ.

އަހަރެމެންނީ ހެޔޮގޮތުގައި ކަންކަން އޮޅުންފިލުވުމަށް ހެޔޮނިޔަތުގައި ސުވާލުކުރާ ބަޔަކު ކަމުގައި ލައްވާ، ބޭކާރު ސުވާލު ކުރުމުން ދުރުހެލިވެގެންވާ ބައެއްގެ ގޮތުގައި ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *