އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ކެޕްޓަންކަމަށް 9 ދަރިވަރުން ކުރިމަތިލައިފިއެވެ.
މި މަހުގެ 24 ވާ ބުރާސްފަތި ދުވަހު ބާއްވާ ސްޓޫޑެންޓް ކައުންސިލް އިންތިޚާބުގައި ކެޕްޓަން ކަމަށް ވާދަކުރަނީ 6 އަންހެން ދަރިވަރުންނާއި 3 ފިރިހެން ދަރިވަރުންނެވެ. އެއީ 12ޖީގެ ޢަބްދުﷲ އަހަދު ހުސައިން ޒުހައިރާއި، 12ބީގެ ޢާއިޝަތު ޔާސްމީނާއި، 12އެޗްގެ ޢާއިޝަތު ހަމްޔާ އިސްމާޢީލާއި، 12ސީގެ މަރިޔަމް ނައިސަމް ސައީދާއި، 12ޖޭގެ ރާޔާ ރިޔާޒާއި، 12އެލްގެ އާދަމް ނާއިޝް ނަސީމާއި، 12ޖީގެ މުޙައްމަދު ޝައިހާން އަޙުމަދު ޝަފީޤާއި، 12ސީގެ މިޝްކާ މުޙައްމަދު ދިމްހާމް އާއި، 12 އޭގެ ޢާއިޝަތު ޝަދާ ޝަހީމެވެ.
ތަފާތު 16 މަގާމަކަށް 29 ދަރިވަރަކު ކުރިމަތިލާފައިވާ މި އިންތިޚާބުގައި ސްކޫލް ކެޕްޓަނާއި، އަންހެން އަދި ފިރިހެން ދެ ޑެޕިއުޓީ ކެޕްޓަނުންނާއި މި ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ، ކާމިނީ، ހުވަނދުމާ އަދި ޗާންދަނީ ހައުސްގެ ކެޕްޓަނުންނާއި، ދިވެހި ޖަމިއްޔާ "ހިޔާ" އަދި އިނގިރޭސި ޖަމިއްޔާ އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ) ގެ ރައީސުންނާއި، ސައިންސް ކްލަބާއި، ބިޒްނަސް ކްލަބާއި، އެންވަޔަރަމެންޓް ކްލަބުގެ އިތުރުން، މީޑިއާ ކްލަބާއި، ޤްރުޢާން ކްލަބާއި، ހިއުމަންރައިޓްސް ކްލަބުގެ ރައީސުން ހޮވާނެއެވެ.
ސްކޫލް ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުން ހޮވުމުގައި ވޯޓުގެ 40 އިންސައްތައާއި، ޢިލްމީ ޤާބިލްކަމަށް 30 އިންސައްތަ އަދި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓް ޓީމުން އެ ދަރިވަރުންނާ ކުރާ ބަސްދީގަތުމަށް ކަނޑައަޅާފައިވާ 30 އިންސައްތައަށް ބަލާނެއެވެ. އެގޮތުން މި ތިން ބައިން އެންމެ ގިނަ ޕޮއިންޓު ހޯދާ ދަރިވަރަކަށް ސްކޫލްގެ ކެޕްޓަންކަން ލިބޭއިރު، ދެން އެންމެ މަތިން ޕޮއިންޓު ހޯދާ އަންހެން އަދި ފިރިހެން ދެ ދަރިވަރުންނަށް ޑެޕިއުޓީ ކެޕްޓަންކަން ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަގާމްތަކަށް ކުރިމަތިލެވެނީ ހަމައެކަނި ގްރޭޑް 12 ގެ ޕްރިފެކްޓުންނަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 11.30 ން ފެށިގެން 23 ނޮވެންބަރު ވާ ބުދަދުވަހުގެ ނިޔަލަށް ވަނީ ކެމްޕެއިންކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.