އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީސްކޫލް ދަރިވަރުންގެ ސްޕޯޓްސްމީޓް 2022 ވަނީ އިއްޔެ ބާއްވައިފައެވެ. މިއީ ކޮންމެ އަހަރަކުވެސް ހުރިހާ ސްކޫލްތަކެއްގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. އެގޮތުން އިއްޔެ މި ބޭއްވުނު ސްޕޯޓްސްމީޓްގައި ހެނދުނުގެ ދަންފަޅީގައި އޮތީ ޔޫ.ކޭ.ޖީ. އަދި އެލް.ކޭ.ޖީ ދަރިވަރުންގެ ކުޅިވަރު ހަރަކާތްތަކެވެ. ތަފާތު އެތައް ހަރަކާތްތަކާއެކު މި ބޭއްވުނު ކުޅިވަރު ހަރަކާތްތަކުގައި ޕްރީ ސްކޫލްގެ ހުރިހާ ދަރިވަރުން ބައިވެރިވެފައި ވެއެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ބާއްވަން ހަމަޖެހުނު ސްޕޯޓްސް މީޓްގެ ހަވީރު ދަންފަޅީގައި ބައިވެރިވާ ބޭބީނާސަރީ ދަރިވަރުންގެ ހަރަކާތްތައް ވަނީ މޫސުން ތަންނުދިނުމުގެ ސަބަބުން ކެންސަލް ކުރެވިފައެވެ. ނަމަވެސް މިއަދު ހަވީރު ބޭބީނާސަރީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. މި ހަރަކާތްތައް ކުރިއަށް ގެންދެވުނީ ހެންވޭރު ދަނޑުގައެވެ.
މި ފެށުނު ސްޕޯޓްސްމީޓްގެ ހަރަކާތްތައް ފައްޓަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. މީގެއިތުރުން ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އައިޝަތު ޝީތާ އާއި ޕްރީސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް އަޒޫ އާންޓީ ވެސް ވަނީ ސްޕޯޓްސްމީޓް ފައްޓަވައިދެއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މިފަދަ ހަރަކާތްތަކަކީ ސްކޫލްތަކުގެ ދަރިވަރުން ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުމުގެ މަޤުޞަދުގައި ރާވައި ހިންގަވަމުން އަންނަ ހަރަކާތްތަކެކެވެ.