ބުރާސްފަތި, 17 އޭޕްރިލް 2025

ވޯލްޑް ސްކޮލާސް ކަޕްގެ ފައިނަލަށް ދިޔަ ދަރިވަރުން އެކިއެކި ވަނަތަކާއެކު އެނބުރި މާލެއަށް!

ވޯލްޑް ސްކޮލާސް ކަޕްގެ ފައިނަލް ބުރު "ޓޯނަމަންޓް އޮފް ޗެމްޕިއަންސް" ގައި ވާދަކުރަން ދިޔަ ދަރިވަރުން 19 ނޮވެމްބަރު 2022 ވީ ހޮނިހިރު ދުވަހު އެމެރިކާއިން އެނބުރި ރާއްޖެއަށް އަތުވެއްޖެއެވެ. އެކި އެކި ވަނަތަކާއެކު އަޙްމަދިއްޔާގެ 10 ދަރިވަރުންނާއި، 5 ބެލެނިވެރިންނާއި އޮފިޝަލެއް ކުރެއްވި ދަތުރު ވެގެން ދިޔައީ އަޙްމަދިއްޔާގެ ތާރީޚުގައި ނަން ފަވާލެވިގެންދިޔަ ދަތުރަކަށެވެ.

ވޯލްޑް ސްކޮލާސް ކަޕްގެ ފައިނަލް ބުރުގައި ބައިވެރިވި ދަރިވަރުން.. ފޮޓޯ: ޝިއުނާ މިސް

މިދިޔަ ސެޕްޓެމްބަރު މަހު ބެންކޮކުގައި ބޭއްވި ގްލޯބަލް ރައުންޑުގައި ވާދަކޮށް، ޓޯނަމަންޓް އޮފް ޗެމްޕިއަންސް އަށް ކޮލިފައިވި ދަރިވަރުންގެ ތެރެއިން 3 ޖޫނިއަރ ޓީމާއި 1 ސީނިއަރ ޓީމު ވަނީ އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައި ބޭއްވި މި ފައިނަލް ރައުންޑުގައި ވާދަކޮށްފައެވެ. ސްކޮލާސް ކަޕްގެ ތިންވަނަ އަދި ފައިނަލް ބުރުގައި ވާދަކުރަން ދިޔަ ދަރިވަރުން ވަނީ ގިނަ މެޑަލްތަކެއް ހޯދާފައެވެ. ޓޯނަމަންޓް އޮފް ޗެމްޕިއަންސްގައި ވާދަކުރި ކުޅަދާނަ ދަރިވަރުންނަކީ އައިޝަތު އިޝާ އިސްމާއިލް، އާމިނަތު ރަބާ އިސްމާއިލް، އައިޝަތު ޒޯޔާ ޝާހް، ލޫތު ލީވާން އަހްމަދު ހުޝާމް، އަހްމަދު އަލްސިން ޢަބްދުﷲ، އީޝަލް ހަސަން އަހްމަދު، އައިޝަތު އަނާ ޢައްބާސް، ޔުމްނު މުޙައްމަދު ފައިސަލް، ނަފްލާ ނަޞްރުﷲ، އަދި ޖިޔާ އަމީން ޒުހައިރު އެވެ.

ވޯލްޑް ސްކޮލާސް ކަޕްގެ ފައިނަލް ބުރުގައި ބައިވެރިވި ދަރިވަރުން.. ފޮޓޯ: ޝިއުނާ މިސް

ދަރިވަރުން ދެކޭ ގޮތުގައި ސްކޮލާސް ކަޕްގެ މި ފައިނަލް ރައުންޑް ވެގެން ދިޔައީ ވަރަށްވެސް އަގުހުރި ތަޖުރިބާ އަކަށެވެ. "ޓޯނަމަންޓް އޮފް ޗެމްޕިއަންސް ގެ މި ދަތުރު ވެގެން ދިޔައީ ހަޔާތުންނާއި ހަނދާނުން ނުފޮހެވޭނެ ތަޖުރިބާތަކާއި ކާމިޔާބީ ތަކެއް ލިބުނު ދަތުރަކަށް. މި ރައުންޑުގައި ލިބުނު ތަޖުރިބާތަކަކީ ހަޔާތުން އެއްފަހަރު ލިބޭނެ ތަޖުރިބާތަކެއް، މި ކަންކަން އަބަދުވެސް ހަނދާން ހުންނާނެ. މިކަމުގައި އުޅުއްވި މުދައްރިސުންނާއި، އެހީވެދޭން އިސްކޮށް އުޅުނު ދަރިވަރުންނާއި، އަޅުގަނޑުގެ މައިންބަފައިންނާއި، މި ދަތުރުގައި އަޅުގަނޑާއެކު ބައިވެރިވި ހުރިހާ ކުދިންނާއި، އަޅުގަނޑަށް ހިތްވަރުދިން ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ޓޯނަމަންޓް އޮފް ޗެމްޕިއަންސް ގައި ވާދަކުރި ދަރިވަރު، އަނާ ބުންޏެވެ.

ވޯލްޑް ސްކޮލާސް ކަޕްގެ ފައިނަލް ބުރުގައި ބައިވެރިވި ބައެއް ދަރިވަރުން.. ފޮޓޯ: ޝިއުނާ މިސް

"ޓޯނަމަންޓް އޮފް ޗެމްޕިއަންސް އަށް ހޮވިގެން ދިއުމަކީ އަޅުގަނޑަށް ހާސިލްކުރެވުނު އެންމެ ބޮޑު އެއް ލަނޑުދަނޑި. ސަބަބަކީ އަޅުގަނޑާ އަޅުގަނޑުގެ ރަހުމަތްތެރިން ސްކޮލާސް ކަޕްގެ ކަންކަމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރީތީވެ. ވަރަށް އުފާވޭ މި ފައިނަލް ބުރަށް ދެވުނީމަ. އެކިއެކި މީހުންނާ ބައްދަލުވެ، ރަހުމަތްތެރިންނާއެކު މަޖާ ކުރަމުން އައު ކަންތައްތަކެއް ދަސްކުރެވުނު މި ދަތުރު ވެގެން ދިޔައީ ހުވަފެން ހަގީގަތަކަށް ހަދައިދިން ދަތުރަކަށް. އައު ކަންތައްތައް ދިރާސާކޮށް، މިއަދުގެ މުޖުތަމައު ރަނގަޅަށް ދެނެގަނެ، އަބަދުވެސް އެންމެ ފުރިހަމަ ގޮތުގައި ދިރިއުޅެން މަސައްކަތް ކުރުމަށް މި ދަތުރުން ވަނީ އަޅުގަނޑަށް ހިތްވަރެއް ލިބިފައި. މިހާ ހިސާބަށް އާދެވުނީ ބެލެނިވެރިންނާއި މުދައްރިސުންނާއި އިސްކޮށް އުޅުނު ދަރިވަރުންގެ އެހީ އާ އެކު، އެހެންވީމާ އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިވަން އެ ކޮށްދެއްވި ބުރަ މަސައްކަތަށް." ސްކޮލާސް ކަޕްގެ ފައިނަލާ ބެހޭގޮތުން ވާހަކަދައްކަމުން ދަރިވަރު އިޝާ ބުންޏެވެ.

އެމެރިކާގައި އޮތް ވޯލްޑް ސްކޮލާސް ކަޕްގެ ޓޯނަމަންޓް އޮފް ޗެމްޕިއަންސް ގައި އަޙްމަދިއްޔާގެ ދަރިވަރުންގެ ދަތުރު ވަނީ ސްޕޮންސަރ ކޮށްދީފައެވެ. އެގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕަނީ ލިމިޓެޑް (ސްޓެލްކޯ)، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލިއާ އިންވެސްޓްމެންޓްސް ޕީ.ވީ.ޓީ. އެލް.ޓީ.ޑީ. ވަނީ ވަރަށް ދީލަތިކަމާއެކު ދަރިވަރުންގެ ދަތުރު ސްޕޮންސަރ ކޮށްދީފައެވެ. މި ކުންފުނިތަކުން ދެއްވި އެހީއަށް އަޙްމަދިއްޔާ އާއި ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

ވޯލްޑް ސްކޮލާސް ކަޕްގެ ފައިނަލް ބުރުގައި ބައިވެރިވި ދަރިވަރުން.. ފޮޓޯ: ޝިއުނާ މިސް

ސްކޮލާސް ކަޕްގެ 2022 ވަނަ އަހަރުގެ ދަތުރު ނިމިގެންދިޔައީ ޔޭލް ޔުނިވާސިޓީގައި ބޭއްވި ޓޯނަމަންޓް އޮފް ޗެމްޕިއަންސްގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އަޙްމަދިއްޔާގެ ދަރިވަރުންނަށް ގިނަ މެޑަލްތަކެއް ލިބުނެވެ. "ދުނިޔެ އަލުން އައުކޮށްފައި"، މި ތީމުގެ ދަށުން މި އަހަރުގެ ސްކޮލާސް ކަޕް ކުރިއަށް ދިޔަ އިރު، 2023 ވަނަ އަހަރުގެ ސްކޮލާސް ކަޕް، "ދުނިޔެ އޮޅުވާލެވިފައި"، މި ތީމުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް އިއުލާން ކުރެވުނެވެ.

ވޯލްޑް ސްކޮލާސް ކަޕްގެ ޓޯނަމަންޓް އޮފް ޗެމްޕިއަންސް ގައި ވާދަކޮށް، އެކި އެކި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *