ވޯޓުލުމުގެ ކުރިން މި ކުދިންގެ ވާހަކަ އަޑުއަހާލަމާ!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް އަންނަ ހޯމަ ދުވަހަކީ ބޮޑު ދުވަހެކެވެ. ކެތްތެރިކަމެއް ނެތި ދަރިވަރުން އެދުވަހަށް އިންތިޒާރުކުރަމުން އެ ދަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އެ ދަރިވަރުން ގޮވައިގެން ކުރިޔަށް އޮތް އަހަރެއްހާ ދުވަހު ދަތުރުކުރާނޭ އެ ކުދިންގެ މާލިމީ ހޮވުމަށް ވޯޓުލުން އޮންނަ ދުވަހެވެ. މަތީ ސާނަވީ ކެޕްޓަނާއި މަތީ މަގާމުތަކުގެ ވޯޓުލުން އޮންނަ ދުވަހެވެ. މި އިންތިޚާބުގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު، މި ލިޔުމުގައި މި ހިމަނައިލަނީ ކެޕްޓަންކަމަށް ވާދަކުރާ ދަރިވަރުންނާ "އަޙްމަދިއްޔާ1982″ ން ކުރި ބަސްދީގަތުމުގެ އުސްއަލިތަކެވެ.

ރާޔާ ހޮވިއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ބާއްވަން ބޭނުމީ މޫވީ ނައިޓެއް!

ރާޔާ ރިޔާޒް ބުނާ ގޮތުން އޭނާ ހޮވިއްޖެ ނަމަ އޭނާ އެންމެ އިސްކަމެއްދީގެން ކުރާނެ ކަމަކީ ސްޓޫޑެންޓް ނައިޓް ނުވަތަ މޫވީ ނައިޓެއް ބޭއްވުމެވެ. މީގެއިތުރުން، ކުޅިވަރު ހަރަކާތްތައް މިހާރަށްވުރެ ރަނގަޅަށް ވިލަރެސްކޮށް، އިންޓަރ ކްލާސް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތްތައް ބާއްވައި އަދަބީ ހަރަކާތްތައް ވެސް އިތުރުކުރުމަށް އޭނާ މަސައްކަތްކުރާނެއެވެ.

ކުޑައިރުއްސުރެ ވެސް ދެކެމުން އައި ހުވަފެނަކަށް ވާތީ، އަދި ވަކިން ޚާއްޞަކޮށް، ކިޔަވަމުންދާ ސްކޫލް ތަމްސީލްކޮށްދިނުމަކީ ޝަރަފެއް ކަމަށް ގަބޫލުކޮށް، އެކަން ހަގީގަތަކަށް ހެދުމަށްޓަކައި ކެޕްޓަންކަމަށް ކުރިމަތިލި ރާޔާގެ އުއްމީދަކީ ސްކޫލްގައި ހޭދަކުރާ ދުވަސްތަކުގައި ސްކޫލަށް އެންމެ އަގުހުރި މަސައްކަތްތައް ކޮށްދިނުމެވެ.

ރާޔާ ކެޕްޓަން ކަމަށް ހޮވަންޖެހޭ ސަބަބުތަކެއްގެ ގޮތުގައި އޭނާ ދެކޭ 3 ސަބަބަކީ ރާޔާ އަކީ ހަވާލުކުރެވޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް، ކުރާ ކޮންމެ ކަމެއްގައި ފަސްނުޖެހި ކުރިޔަށްދާ، އަދި އެކީގައި މަސައްކަތްކުރުމުގެ ގާބިލްކަން ހުރި ކުއްޖެއް ކަމަށްވުމެވެ.

އަހަދު ބޭނުންވަނީ އަޙްމަދިއްޔާ މެރަތަން ބޭއްވުމުގެ އިތުރުން ސަޕްރައިޒް ހަރަކާތެއް ވެސް ބާއްވަން

ޢަބްދުﷲ އަހަދު ހުސައިން ޒުހައިރުގެ ބަހުން ނަމަ "މިފަދަ ގާބިލު ދަރިވަރުންނާއި މުދައްރިސުންނާއި މެނޭޖްމެންޓެއް އޮތް ސްކޫލެއްގެ މިފަދަ މަގާމެއްގައި ހުރުމުގެ ފުރުސަތަކީ ދެންލިބޭނެ ފުރުސަތަކަށް ނުވާތީ"، އެ ޝަރަފް ހޯދައި، އަޙްމަދިއްޔާގެ ވެސް ޝަރަފަކަށް ވުމުގެ އަޒުމާއެކު އޭނާ މި މަގާމަށް ކުރިމަތިލީ ދަރިވަރުންނަށް މެރަތަންއެއް ބޭއްވުމުގެ ވަޢުދާ ވެސް އެކުގައެވެ. އޭގެ އިތުރުން ފަންޑްރައިޒިންގ އިވެންޓަކާއި، ދަރިވަރުންގެ ޕެނަލް ޑިސްކަޝަންއަކާއި، ދަރިވަރުން ޝައުގުވެރިވާ ފަދަ "ސަޕްރައިޒް ހަރަކާތެއް" ވެސް ބާއްވަން އަހަދު ވަނީ ވައުދުވެފައެވެ.

އަހަދު ބުނީ 2020 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް އޭރު ކިޔެވި ސްކޫލްގެ ސާނަވީ ކެޕްޓަން ކަމުގެ މަގާމު ފުރާފައިވުމުގެ ސަބަބުން ކެޕްޓަނެއްގެ ޒިންމާތައް ވަރަށް ރަނގަޅަށް އެނގިގެން ދިޔަ ކަމަށެވެ. އަހަދު ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު ލީޑަރަށް ވެވޭނީ އެހެން މީހުންގެ ލަފަފަޔާ އިހުސާސްތަކަށް ތަންދީގެންނެވެ. އެހެންކަމުން، ދަރިވަރުންނާ ގާތުން މަސައްކަތްކޮށް ކެޕްޓަނެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރެވޭނެ ކަމުގެ ޔަގީން ކަން  އެބައޮތް ކަމަށް އަހަދު ބުންޏެވެ.

ޝައިހާން ބޭނުންވަނީ އަޙްމަދިއްޔާ އާ އުސްމިންތަކަކަށް ގެންދަން

މުޙައްމަދު ޝައިހާން އަޙްމަދު ޝަފީގަކީ ވެސް އެހެން ކުދިންނެކޭ އެއްފަދައިން ކުޑައިރުއްސުރެ ވެސް ސްކޫލް ކެޕްޓަންކަމުގެ މަގާމު އަދާކުރުމުގެ ހުވަފެން ބަލަމުން އަންނަ ދަރިވަރެކެވެ. އެ ހުވަފެނުގައި ކުލަޖެއްސުމަށް ފެށުނީއްސުރެ އޭނާ ދަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ. ޝައިހާން ބުނާ ގޮތުން އޭނާ ކެޕްޓަނަކަށް ހޮވިއްޖެ ނަމަ، އަޙްމަދިއްޔާ އާ އުސްމިންތަކަކަށް ގެންދަން އޭނާ މަސައްކަތްކުރާނެއެވެ. ގިނަ އިތުރު ހަރަކާތްތައް ހިންގާ، ކުދިންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުންތައް ބަދަހިކޮށް، ކުދިންގެ ހިތްވަރާއި އަޒުމު އާލާކޮށް، މި ހިނގާ 2022 އަދި 2023 ވަނަ އަހަރަކީ ހަޔާތުން ނުފޮހެވޭނެ އަހަރަކަށް ހެދުމަށް އޭނާ މަސައްކަތް ކުރާނެއެވެ.

ދަރިވަރުންގެ މައްސަލަތަކާއި، ޚިޔާލުތަކާއި ސުވާލުތައް އަޑު އަހައި، އެ ހުރިހާ ސުވާލަކަށް ޖަވާބު ދިނުމަށާއި، ޚިޔާލުތައް ހުށަހަޅާ އެކަންކަމަށް އެންމެ ފުރިހަމަކޮށް ޙައްލު ހޯދަން އޭނާ އަބަދުވެސް މަސައްކަތް ކުރާނެއެވެ. ކްލަބް ތަކުގެ ހަރަކާތްތައް ކުރިއަށް ގެންގޮސް، އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ކްލަބްތަކުގެ ފަރާތުން އެ ދާއިރާތަކުގެ މައުލޫމާތާއި ތަޖުރިބާ ދިނުމަށް މަސައްކަތް ކުރާނެއެވެ. އަޙްމަދިއްޔާ އަކީ މަޖާ، ރައްކާތެރި، އަދި ކިޔެވުމަށް ފަހި މާހައުލަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ޝައިހާން ބުނެއެވެ.

ނާއިޝް ބާއްވަނީ ފީފާއާއި ކޯލް އޮފް ޑިއުޓީ!

ނާއިޝް ކެޕްޓަން ކަމަށް ކުރިމަތިލީ ކުދިންގެ އަޑުއަހައި، ކުދިން ބޭނުން ވާފަދަ ސްކޫލަކަށް އަޙްމަދިއްޔާ ހެދުމުގެ ގާބިލުކަން ނާއިޝްގެ ކިބައިގައި ހުރިކަމަށް ގަބޫލުކުރެވޭތީ ކަމަށް ނާއިޝް ބުނެއެވެ. ނާއިޝް ބުނީ ފެށުނީއްސުރެ ވެސް ނާއިޝް ސްކޫލްގައި ހިންގޭ އެތައް ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވެފައި ވާތީ އާއި ކެޕްޓަންކަން ލިބިއްޖެނަމަ ފީފާއާއި ކޯލް އޮފް ޑިއުޓީ ފަދަ މުބާރާތްތައް ބޭއްވުން ފަދަ އެތައް ކަމެއް މިހާރު ވެސް ރާވައި އިންތިޒާމްކޮށްފައި ވާތީ ހޮވޭނެ ކަމުގެ ޔަގީންކަން ނާއިޝްއަށް ވަރަށް ބޮޑެވެ.

ނާއިޝް ބުނީ އޭނާ ކެޕްޓަނަކަށް ހޮވައިދޭންވީ ކުދިން ބޭނުންވާފަދަ ސްކޫލަކަށް އަޙްމަދިއްޔާ ހަދައިދިނުމަށް ކިތަންމެ ގިނަ ވަގުތެއް ވެސް ގުރުބާންކުރަން ތައްޔާރަށް ނާއިޝް ހުރީމާ ކަމަށާއި، ނާއިޝް ކެޕްޓަނަކަށް ހަދައިދީފިނަމަ މަޖާ ދިރާސީ އަހަރަކަށް މިއަހަރު ހަދާނެ ކަމަށެވެ.

ނާއިޝް އިތުރަށް ބުނީ ފުޓްސެލް މުބާރާތް، ހޭންޑްބޯލް ހިޔާއީދު، ސްޓޫޑެންޓް ނައިޓް ފަދަ ކޮންމެ އަހަރަކުވެސް ބޭއްވޭ ކަންތައްތައް ވެސް އެހެން އަހަރުތަކަށް ވުރެ މާ ފުރިހަމަކޮށް ބާއްވާނެ ކަމަށެވެ.

ޔާސްމީން ކެޕްޓަންކަމަށް ކުރިމަތިލީ މަންމަގެ އުއްމީދު ފުރިހަމަކޮށްދޭން!

ޔާސްމީން ބުނާ ގޮތުން އޭނާ ކެޕްޓަން ކަމަށް ކުރިމަތިލީ މަންމަގެ އުއްމީދު ފުރިހަމަކޮށްދިނުމަށާއި އޭނާގެ ފަރާތުން ސްކޫލަށް ޚިދުމަތެއް ފޯރުކޮށްދިނުމުގެ އުއްމީދުގައެވެ.

އަބަދުވެސް އިސްނަގައި، ހަރަކާތްތަކުގައި ބައިވެރިވާތީ އާއި، ކުދިންނާ ގުޅިގެން އުޅެން އެނގުމުގެ އިތުރުން ރަށު ސްކޫލްގެ ވައިސް ކެޕްޓަންކަން ދެ އަހަރު ވަންދެން ކޮށްފައި ވާތީ، މިފަދަ މަސްއޫލިއްޔަތެއް އަދާކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ޔާސްމީން ގަބޫލުކުރެއެވެ.

އޭނާ ހޮވިއްޖެ ނަމަ، ސްޓޫޑެންޓް ކައުންސިލްގެ ފަރާތުން ފަންޑް ރައިޒިންގ އިވެންޓެއް ބާއްވައި، މަތީ ސާނަވީއަށް ޚާއްޞަ ސްޓޫޑެންޓް ނައިޓަކާއި، ކުދިން ބޭނުންވާ ކުޅިވަރުތަކަކުން އިންޓަރ ކްލާސް މުބާރާތްތައް ބާއްވައިދޭނެ ކަމަށް ޔާސްމީން ބުނެއެވެ.

ނައިސަމް ވައުދުވީ ގޭމްނައިޓެއް ބާއްވަން!

ކުރު ވަގުތުކޮޅެއްގެ ތެރޭގައި ހާޒިރުވުމާއި، އެކިއެކި މައްސަލަތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދުން ފަދަ ކެޕްޓަނެއްގެ ކިބައިގައި ހުންނަންވާ ގިނަ ސިފަތައް ހުރި ކަމަށް ގަބޫލުކޮށް ކެޕްޓަންކަމަށް ވާދަކުރި ނައިސަމް ވައުދުވީ ކެޕްޓަން ކަމަށް ހޮވިއްޖެ ނަމަ، ސްޓޫޑެންޓް ނައިޓް އާއި އިންޓަހައުސް މުބާރާތްތަކުގެ އިތުރުން އަޙްމަދިއްޔާގައި މިހާތަނަށް ބާއްވާފައިނުވާ ސްޓޫޑެންޓް ކޯޗެސް، ގޭމްނައިޓް، ފަދަ ޙަރަކާތްތައް ބާއްވާނެ ކަމަށެވެ.

ނައިސަމް ބުނީ ކޮންމެ މީހެއްގެ ފަރާތުން އައި ޚިޔާލުތަކެއް ކަމުގައި ވީނަމަވެސް އެއްވެސް ތަފާތުކުރުމެއް ނެތި އެ ހުރިހާ ޚިޔާލުތަކާއި ހުށަހެޅުމެއްވެސް ކަނުލާ އަޑުއަހައި ބަލައިގަންނަ ކުއްޖަކަށް ވާތީ އޭނާއަށް ކެޕްޓަންކަން ހައްގު ކަމަށެވެ. ނައިސަމް ބުނާ ގޮތުން އޭނާގެ މައިގަނޑު އަމާޒަކީ އޭނާގެ އާރުކާޓީ ކަމުގެ ދަށުން މި އަހަރަކީ ވަރަށް ކާމިޔާބު އަހަރަކަށްވެ، އަދި ފަހުން އަންނަ ބެޗްތަކަށް ރަނގަޅު ގޮތްތަކަކަށް މަގުކޮށުމެވެ.

ޝަދާ ބޭނުންވަނީ އެންމެ ލޯބިވާ ސްކޫލްގެ އެންމެ ކުރީ ސަފަށް އަރަން!

ޝަދާ ބުނީ އަޙްމަދިއްޔާ އަކީ ހިތުގެ އެންމެ ފުންމިނުން ލޯބިވާ ސްކޫލް ކަމަށް ވުމުން އޭނާގެ އުންމީދަކަށް ވީ އަޙްމަދިއްޔާގެ އެންމެ ކުރީސަފުގައި އިނދެ ސްކޫލުގެ ތަރައްޤީ އަށްޓަކާ ކުރެވެން ހުރި ހުރިހާ ގޮތަކުން މެނޭޖްމެންޓަށް އެހީވެދިނުން ކަމަށެވެ.

ޝަދާ ބުނާ ގޮތުން މި މަގާމާ ގުޅިފައިވާ ހުރިހާ މަސްއޫލިއްޔަތުތަކެއް އެންމެ ފުރިހަމައަށް އުފުލޭނެކަމުގެ ޔަޤީންކަން އޮތް ދަރިވަރަކަށް ވުމުންނެވެ. މީގެ އިތުރުން، އޭނާއަކީ މީހުންނާ ގުޅިގެން މަސައްކަތްކުރަން ދަންނަ، އެކި ގްރޭޑުތަކުގެ ކުދިންގެ ވެސް ޚިޔާލުތައް އަޑުއަހާ އަބަދުވެސް ކުރިއަރުވަން މަސައްކަތް ކުރާ މީހަކަށް ވުމުން އޭނާއަށް ކެޕްޓަންކަމުގެ މަގާމު ހައްގުކަމަށް ޝަދާ ދެކެއެވެ.

ޝަދާ ހޮވިއްޖެ ނަމަ އެންމެ ފުރަތަމަ ވެސް މެނޭޖްމެންޓްގެ އެހީގައި ދީނީކަންކަން ކުރިއެރުވުމަށް ބާރުއަޅައި، ކުކީޒް ޑޭ  ފަދަ ދުވަސްތަކާއި، ކުޅިވަރުގެ އެކި އެކި ހަރަކާތްތައް ބޭއްވުމަށް ވަގުތު އޮއްވާ މަސައްކަތް ފެށުމަށް އިސްކަން ދޭނެކަމަށް އޭނާ ބުނެއެވެ. އަދި ދަރިވަރުންގެ އެދުމުގެ މަތިން ކެންޓީންގެ ޚިދުމަތް ރަނގަޅު ކުރެވޭތޯ ވެސް މަސައްކަތްކުރާނެ ކަމަށް ޝަދާ ބުނެއެވެ.

މިޝްކާ ހޮވިއްޖެ ނަމަ ކެންޓީނުގެ ޚިދުމަތް ރަނގަޅުކުރާނެ!

ކެންޓީނުން ސިއްހަތަށް ފައިދާހުރި ކެއުން ނުލިބުމާއި، އިންޓަވަލް ގަޑީގައި ކިއު ދިގުވުމުގެ ކަންބޮޑުވުމާ އެކު މިޝްކާ ކެޕްޓަން ކަމަށް ކުރިމަތިލީ އެކަންކަން ހައްލުކުރުމުގެ ވިސްނުމާ އެކުގައެވެ. މީގެ އިތުރުން އިންޓަރ ހައުސް އަދި އިންޓަރ ކްލާސް ގިނަ މުބާރާތްތަކެއް ރާވައި ހިންގުމުގެ ބޭނުމުގައެވެ.

މިޝްކާ ބުނާ ގޮތުން އޭނާ އަކީ ދަރިވަރުންނާ ގުޅިގެން މަސައްކަތްކުރާ، އަދި ދަރިވަރުންގެ ޝާމިލްވުން ނެތް އެއްވެސް ނިންމުމެއް ނުނިންމާނެ ދަރިވަރެއް ކަމުގެ ޔަގީންކަން ދަރިވަރުންނަށް ލިބިފައި އޮތުމަކީ އޭނާ ކެޕްޓަންކަމަށް ހޮވަން ޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ.

މިޝްކާ ހޮވިއްޖެ ނަމަ، އެއްވެސް ދަރިވަރަކު ތަފާތުނުކޮށް، އެއްވެސް ދަރިވަރަކު ބާކީ ނުކޮށް ހުރިހާ ދަރިވަރުން ބައިވެރިކޮށްގެން ދަރިވަރުންނަށް ފަހި މާހައުލެއްގެ ގޮތުގައި މި ސްކޫލް ދަމަހައްޓަން މަސައްކަތްކުރާނެއެވެ.

ހަމްޔާގެ ވެސް އެތައް ވައުދެއް!

އެލްކޭޖީއަށް އަޙްމަދިއްޔާއަށް ވަނީއްސުރެ ހަމްޔާގެ ހިތުގައި ސްކޫލަށް ޚާއްޞަ ލޯތްބެއް އުފެދިފައިވާ ކަމަށް ހަމްޔާ ބުނެއެވެ. މި އަހަރަކީ މި ސުކޫލުގައި ހަމްޔާ ހޭދަކުރާނެ އެންމެ ފަހު އަހަރަށް ވުމުން، ހަމްޔާ ހުރީ މި ފުރުޞަތުގައި ސުކޫލަށް ވީހާވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އަޒުމުގައެވެ.

ހަމްޔާ ގަބޫލުކުރާ ގޮތުން އޭނާ ކެޕްޓަންކަމަށް ހޮވަންވީ ކުދިންނާ ގުޅޭ އަދި އެ ކުދިންގެ ޚިޔާލުތަކަށް އިޙްތިރާމް ކުރާ ކުއްޖަކަށް ވާތީ އާއި ކިޔެވުމުގައި ވެސް ސުކޫލަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތްކޮށް، އިތުރު ހަރަކާތްތަކުގައި ބައިވެރިވެ، ސުކޫލް ތަމްސީލް ކުރުމަށް ވެސް މަސައްކަތްކުރާ ގާބިލް ކުއްޖަކަށް ވާތީއެވެ.

ހަމްޔާގެ ވައުދުގެ ލިސްޓު ވެސް ވަރަށް ދިގެވެ. އޭގެ ތެރޭގައި އިންޓަރ ހައުސް އަދި އިންޓަރ ކުލާސް ބާސްކެޓް، ފުޓްބޯޅަ، ޓީ.ޓީ. ހޭންޑްބޯލް، ނެޓްބޯޅަ، އެތްލެޓިކްސް ފަދަ ކުޅިވަރު ހަރަކާތްތައް ދަރިވަރުންގެ ތަޢުލީމަށް ބުރޫނާރާނެ ފަދަ ގޮތަކަށް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމާއި، ހިޔާ އީދު ފަދަ އަދަބީ ޙަރަކާތްތައް، ސްޓޫޑެންޓް ކައުންސިލާ ގުޅިގެން ރޭވުންތެރިކަމާއެކު ކުރިއަށްގެންދިޔުމުގެ އިތުރުން މިފަދަ މުބާރާތްތަކުގައި އިނާމުތަކަށް ސްޕޮންސަރ ހޯދައިދިނުމާއި، ދަރިވަރުންގެ އަސާސީ ބޭނުންތައް ކަމުގައިވާ ނަމާދު ކުރާނެ ތަނަކާއި، ކެންޓީނާއި، ފާޚާނާ، އަދި ހެލްތު ރޫމްގެ ޙާލަތު ސުކޫލް މެނޭޖްމަންޓާ ގުޅިގެން އިތުރަށް ރަނގަޅުކުރުން ހިމެނެއެވެ.

ހައްތާ ވެސް ހުނަރުވެރި، ޤާބިލް މޮޅު ދަރިވަރުންނެވެ. ހުނި ޖަހާފައި އެންމެ ގާބިލް ދަރިވަރު ހޮވަން އުނދަގޫ ކެންޑިޑޭޓުންތަކެކެވެ. ދެން އޮތީ މި ދަރިވަރުންގެ ތެރެއިން ނަސީބު އަތުގައި ހިފަނީ ކޮން ދަރިވަރެއްގެ ތޯ ބެލުމެވެ. "އަޙްމަދިއްޔާ" އޭ ކިޔާ ފަޚުރުވެރި ޝަރަފްވެރި ސްކޫލްގެ "ދަރިވަރުންގެ ނަވުގެ" ހުންގާނުގައި ހިފުމުގެ ފުރުޞަތު ލިބޭނީ ހަމަ ޔަގީނުން ވެސް ނަސީބުވެރިއަކަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *