الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ދިރުމެއް ނެތް ތަކެއްޗާއި ޚިލާފަށް ދިރުން ލެއްވި ކޮންމެ އެއްޗަކީ، ތަފާތު އިޙްސާސްތައް އެތަކެއްޗަށް ކުރެވޭ ތަކެއްޗެވެ. އިޙްސާސްތައް ކުރެވޭ ދިރުން ހުރި ތަކެއްޗަށް، ދެރައާއި ރުޅިއާއި ހިތާމައާއި ތަދާއި ވޭން ތަޙައްމަލު ކުރެއެވެ. ވީމާ އެފަދަ ކޮންމެ އެއްޗެއްގެ އިޙްސާސްތަކަށް އިންސާނުން ރިޢާޔަތް ކުރަންޖެހެއެވެ. އެތަކެއްޗަށް ތަދާއި ވޭނާއި ދެރަކަން ގެނުވާ ކަންކަމުން އިންސާނުން ދުރުހެލިވާން ޖެހެއެވެ. ޝައްކެއްވެސް ނެތެވެ. މާތް ﷲ އެތަކެތީގެ ތެރެއިން ބައެއްތަކެތި ލެއްވީ އިންސާނުންނަށްޓަކައެވެ. އިންސާނުން އެއިން ފައިދާ ލިބިގަތުމަށްޓަކައެވެ. އިންސާނުން އޭގެ މަސްކެއުމަށެވެ. އޭގެ ކިރުބޮއި ހެދުމަށެވެ. އެއަށް ސަވާރުވެ، އެއިން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށްޓަކައެވެ. އެތަކެތީގެ ބުރިކަށިމަތީގައި މުދާ އުފުލުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَإِنَّ لَكُمْ فِى الأَنْعَامِ لَعِبْرَةً نُّسْقِيْكُمْ مِّمَّا فِى بُطُونِهَا وَلَكُمْ فِيْهَا مَنَافِعُ كَثِيْرَةٌ وَمِنْهَا تَأْكُلُونَ﴾ سورة المؤمنون:21 މާނައީ: [އަދި ހަމަކަށަވަރުން ނަޢަމްސޫފީގައި ތިޔަބައިމީހުންނަށް ޢިބްރަތެއް ވެއެވެ. އެތަކެތީގެ ބަނޑުތަކުގައިވާ ތަކެތިން ތިޔަބައިމީހުންނަށް ތިމަންއިލާހު ބުއިން ދެއްވަމެވެ. އަދި ތިޔަބައިމީހުންނަށް އެތަކެތީގައި ގިނަގުނަ ފައިދާތަކެއް ވެއެވެ. އަދި އެތަކެތިން ތިޔަބައިމީހުން ކައިއުޅެއެވެ.] ވީމާ އިންސާނުން އެތަކެތިން ކެއުމުގެ ކަންކަންވެސް ހަމަޖެއްސުން އެއީ ރަނގަޅު ކަމެކެވެ. އޭގެ ތެރެއިން މާތް ﷲ ޙަލާލުތަކެތި ލެއްވިއެވެ. އަދި އެޙަލާލުތަކެތީގެ ކިރާއި އޭގެ މަސް ޙަލާލު ކުރެއްވީ ޝަރުޢީގޮތުން ހުއްދަގޮތުގައި އެތަކެތި ކަތިލައިގެންނެވެ. އެއީ އިންސާނުންނަށް ޞިއްޙީގޮތުން އެތަކެތީގެ ލެއިން ލިބިދާނެ ގެއްލުން އެންމެކުޑަވާ ގޮތަށެވެ. އެގޮތުން އޭގެ ހަށިގަނޑުގެ ތެރެއިން އެންމެއަވަހަށް ލޭ ހުސްވެގެން ދާނޭ ގޮތަކަށް އެތަކެތި ކަތިލުން ވާޖިބު ކުރެއްވިއެވެ. އެތަކެއްޗެއް އެއިން ވޭނެއް ނުލިބި އެކަމެއް ނުވާނޭކަން ކަށަވަރެވެ. ނަމަވެސް އެންމެ ކުޑަކޮށް އަދި އެންމެކުޑަ ވަގުތުކޮޅަކަށް އެވޭން ދެމިގެންދާނެ ފަދައިން އެކަން ކުރަން ޝަރުޢުކުރެއްވިއެވެ. ވީމާ އެތަކެއްޗަށް އޯގާތެރިވުން ވަނީ އިންސާނުންގެ ޙައްޤުތަކާއި ފުށޫނާރާ ފަދައިންނެވެ. އިންސާނުންގެ މަޞްލަޙަތާއި ނުވަތަ ޙައްޤަކާއި ފުށޫއަރާ ޙާލަތުގައި އޮތީ އިންސާނުންގެ މަޞްލަޙަތާއި ޙައްޤުތައް އިސްކުރުމެވެ.
ހަމައެފަދައިން އެތަކެތީގެ ބުރިކަށި މައްޗަށް ބައިވަރު މުދާތައް އެރުވުމަކީ އިންސާނުންނަށް ކޮންމެހެން ބޭނުންޖެހޭ އިންސާނުންގެ މަޞްލަޙަތު އޮތް އިންސާނުންގެ ޙައްޤެކެވެ. އެކަމުން އެތަކެއްޗަށް ބުރައާއި އުނދަގޫ ތަޙައްމަލު ކުރާނެކަން ކަށަވަރެވެ. ނަމަވެސް އެކަމުގައިވެސް އިންސާނާގެ މަޞްލަޙަތާއި ޙައްޤު ހޯދުމުގައި އެތަކެއްޗަށް ތަޙައްމަލު ނުކުރެވޭވަރުގެ ބުރަ އުފުލުމާއި ހަމަޔަށް އެކަން ގެންގޮސްގެން ނުވާނެއެވެ. އެތަކެއްޗަށް ނޫފުއްލޭވަރުގެ ބުރަ އެތަކެއްޗަށް ޖައްސައިގެން ނުވާނެއެވެ. އެތަކެތި ލައްވާ އެފަދައިން މަސައްކަތް ކުރުވުމުގައި އޯގާތެރިކަންވެސް އިސްކުރަންވާނެއެވެ.
އިންސާނުން ހިތްހަމަޖައްސާލުމަށް އެތަކެތީގެ ދިރިއުޅުމުގެ ޙަޤީޤީ މާޙައުލުތަކުން އެތަކެތި އެކަހެރިކޮށް، އެތަކެތީގެ ދިރިއުޅުމާއި އެންމެ އެކަށީގެން ނުވާ މާޙައުލުތަކުގައި އެތަކެތި ގެންގުޅުމަކީ މިޒަމާނުގައި ވަރަށްވެސް ގިނަ ކަމަކަށްވެ ވަރަށް އާދައިގެ ކަމަކަށްވަނީ ވެފައެވެ. އެތަކެއްޗަށް ދިރިއުޅުމުގެ ޒަރޫރީ ބޭނުންނަށް ފުއްދައިދޭ ކަމުގައި ވަނީނަމަ އެކަމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތްތޯ އިންސާނުން އަމިއްލަ ނަފްސާއި ސުވާލުކުރުން ރަނގަޅުވާނެއެވެ. ކޮންމެއަކަސް އެފަދަ ތަކެތި ގޭތެރޭގައި ގެންގުޅުމަކީ ދީނީގޮތުން ބަލާއިރު ހުއްދަކަމަކަށް ވިޔަސް، އެކަމުގައި މުސްލިމުން ވަރަށްބޮޑަށް ރައްކާތެރިވާން ޖެހޭނެއެވެ. އެތަކެއްޗަށް ފުރިހަމައަށް ކާންބޯން ދިނުމަކީ ވާޖިބެކެވެ. ޚާއްޞަކޮށް އެތަކެތި ބަންދުކޮށްގެން ގެންގުޅޭނަމައެވެ. އެތަކެއްޗަށް ބަނޑުހައިވުމުން ބުނާކަށް ނޭނގެއެވެ. އަދި އެހެން އެއްވެސް އިޙްސާސެއްވެސް ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް ކުއްލިއަކަށް ފެންނަނީ އެއިން ޖަނަވާރެއް މަރުވެފައި އޮއްވައެވެ. ޔަޤީނުންވެސް އެފަދައިން އެވީ އެތަކެއްޗަށް ލިބުން ލާޒިމްވާ ކޮންމެވެސް ކަމެއްގައި އިހުމާލު ވެވުމުންނެވެ. ވީމާ އެފަދަ ކަންކަން ނޭނގޭ މީހުން އެތަކެއްޗަށް އެފަދަ ގެއްލުމެއް ލިބިދާނެ ޙާލަތްތައް އޮތްނަމަ، އެތަކެތި ގެންގުޅުން ރަނގަޅެއް ނުވާނެއެވެ. ވީމާ އެތަކެއްޗާއި ބެހޭ ޢިލްމު ހޯދައިގެން އެތަކެތީގެ ކަންކަން ފުއްދައިދިނުމަށް ކުރެވެން ހުރި ކަމެއްވިއްޔާ ކުރަންޖެހޭނެއެވެ. އެއީ އެތަކެތި ގެންގުޅޭ މުސްލިމެއްގެ ޒިންމާއެކެވެ. ނޫންނަމަ ތިމާގެ އިހްމާލުން އެތަކެއްޗަށް ލިބޭ އެފަދަ އަނިޔާއަށް ޤިޔާމަތް ދުވަހުގައި ޒިންމާވާން ޖެހިދާނެއެވެ. ބަންދުކޮށްގެން ކާންނުދީ ގެއްގުޅުން ބުޅަލެއް މަރުވުމުން އެމީހަކަށް ޢަޛާބު ޙައްޤުވީ ފަދައިންނެވެ. ޞަޙީޙް ބުޚާރީއާއި މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ: ((عُذِّبَتِ امْرَأَةٌ في هِرَّةٍ سَجَنَتْها حتَّى ماتَتْ فَدَخَلَتْ فيها النَّارَ، لا هي أطْعَمَتْها وسَقَتْها، إذْ حَبَسَتْها، ولا هي تَرَكَتْها تَأْكُلُ مِن خَشاشِ الأرْضِ)) މާނައީ: [މަރުވަންދެން ބަންދުކޮށްގެން ބުޅަލެއް ގެންގުޅުނު އަންހެނަކަށް ޢަޛާބު ދެވުނެވެ. ފަހެ އެމީހާ އެކަމުގައި ނަރަކައަށް ވެއްދެވުނެވެ. އެމީހާ އޭއްޗަކަށް ކާންދިނީކީ ނޫނެވެ. އަދި ބޯނެއެއްޗެއްވެސް ދިނީކީ ނޫނެވެ. އެހެނީ އެމީހާ އޭތި ބަންދުކުރިއެވެ. އަދި ބިމުގައިވީ ސޫފިތައް ކެއުމަށް އެމީހާ އޭތި ދޫކޮށެއްވެސް ނުލައެވެ.] ވީމާ މިޙަދީޘުން ދަލީލު ލިބެނީ އެފަދައިން ދިރޭތަކެތި ގެންގުޅުނަސް އެތަކެއްޗަށް ކާންބޯންދީ އެތަކެތީގެ ޒަރޫރީ ބޭނުންތައް ފުއްދޭނޭ ގޮތް ހަމަޖެއްސުން ވާޖިބުވާނޭ ކަމެވެ.
ވީމާ ޖަނަވާރުންނަށްވެސް އިހާނެތިކޮށް ހިތައިގެން ނުވާނެއެވެ. އެއީ ދީނުގައި ހުއްދަކަމެއް ނޫނެވެ. އެއްވެސް ދިރޭ އެއްޗަކަށް އަނިޔާދީގެން ނުވާނެއެވެ. އެއެއްޗެއް ދީނީގޮތުން މަރާލަން ޖެހުނަސް މަރަންޖެހޭނީ އެއެއްޗަކަށް އެންމެ ވޭން ކުޑަ ގޮތަކަށެވެ.
އިސްލާމްދީނަކީ ހުރިހައި ދިރޭތަކެއްޗަށްވެސް އޯގާތެރިކަން އިސްކުރާ ދީނެކެވެ. ޖަނަވާރުންނަށްވެސް އޯގާތެރިވާންޖެހޭނެއެވެ. ކުއްތާއަކީ އެއެއްޗަކާއި ދީނުގައި ދުރުވުމަށް ނުހަނުބޮޑަށް އެންގެވި އެއްޗެކެވެ. ނަމަވެސް އެތަކެއްޗަށްވެސް އޯގާތެރިކަން އިސްކުރަންޖެހޭ ޙާލަތުގައި އޯގާތެރިވާންވާނެއެވެ. ޞަޙީޙް ބުޚާރީގެ ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((بَيْنا رَجُلٌ يَمْشِي، فاشْتَدَّ عليه العَطَشُ، فَنَزَلَ بئْرًا، فَشَرِبَ مِنْها، ثُمَّ خَرَجَ فإذا هو بكَلْبٍ يَلْهَثُ يَأْكُلُ الثَّرَى مِنَ العَطَشِ، فقالَ: لقَدْ بَلَغَ هذا مِثْلُ الذي بَلَغَ بي، فَمَلَأَ خُفَّهُ، ثُمَّ أمْسَكَهُ بفِيهِ، ثُمَّ رَقِيَ، فَسَقَى الكَلْبَ، فَشَكَرَ اللَّهُ له، فَغَفَرَ له، قالوا: يا رَسولَ اللَّهِ، وإنَّ لنا في البَهائِمِ أجْرًا؟ قالَ: في كُلِّ كَبِدٍ رَطْبَةٍ أجْرٌ)) މާނައީ: [މީހަކު ހިނގާފައިދަނިކޮށް އޭނާ ކަރުހިއްކާ ފެންބޮވައިގަތެވެ. ދެން އޭނާ ވަޅަކަށް ފައިބާ އެއިން ފެންބުޔެވެ. އެއަށްފަހު ވަޅުން ނިކުތް ހިނދު ފެންބޮވާފައި އޮތް ކުއްތާއެއް، ފެންބޮވާފައިވާލެއް ބޮޑުކަމުން ތެތްވެލިގަނޑުގައި ދޫހާކަމުން ދިޔައެވެ. އޭނާ އެހިނދު ބުންޏެވެ: ތިމަންނާއަށް ޖެހުނު ހާލު މީއްޗަށްވެސް މިވަނީ ޖެހިފައެވެ. ދެން އޭނާގެ ފަޔަށް ލައްވާފައިވާ އުރައަށް ވަޅުން ފެންއަޅައިގެން އޭގައި އޭނާގެ އަނގައިން ހިފަހައްޓައިގެން ވަޅުން އަރާ ކުއްތާއަށް ފެންދިނެވެ. ދެން ﷲ އޭނާއަށް ޝުކުރުވެވޮޑިގެންނެވިއެވެ. އަދި އޭނާއަށް ފާފަ ފުއްސެވިއެވެ. ޞަޙާބީން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ޖަނަވާރުތަކުގެ ސަބަބުންވެސް ތިމަންނާމެންނަށް އަޖުރު ލިބޭތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ރޫހެއްވާ ކޮންމެ އެއްޗަކަށް (އޯގާތެރިވެގެން) އަޖުރުލިބުން ވެއެވެ.]
ޖަނަވާރުންނަށް އޯގާތެރިވާ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.