އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ސްކޫލް ކެޕްޓަން ކަމުގެ މަގާމަށް ގްރޭޑް 12އެލްގެ އާދަމް ނާއިޝް ނަސީމް ހޮވައިފިއެވެ. މިކަން އިޢުލާން ކުރެވުނީ މިއަދު 10:30 ގައި ބޭއްވި ޚާއްޞަ އެސެމްބްލީގައެވެ. މަގާމަށް ހޮވުނު ދަރިވަރުންގެ ނަންތައް އިޢުލާން ކޮށްދެއްވީ އަޙްމަދިއްޔާ މަތީ ސާނަވީގެ އިންތިޚާބުގެ ކަންތައް ބަލަހައްޓަވާ ކޮމިޝަނަރ، އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙެވެ.
ނާއިޝް ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ 8 ދަރިވަރުންނާއި ވާދަކޮށް 70.9 އިންސައްތަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައާއި 3 ވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަން އަށް ހޮވުނީ، 12އެޗްގެ ޢާއިޝަތު ހަމްޔާ އިސްމާޢީލާއި، 12ޖީގެ ޢަބްދުﷲ އަހަދު ހުސައިން ޒުހައިރެވެ. ހަމްޔާ އަށް ލިބުނީ 57.5 އިންސައްތަ އެވެ. އަހަދު އަށް ލިބުނީ، 53.4 އިންސައްތައެވެ.
މީގެ އިތުރަށް މަތީސާނަވީކެޕްޓަން ކަމަށް ވާދަކުރި ދަރިވަރުންނަށް ޕޮއިންޓް ލިބުނު ގޮތަކީ،12ޖީގެ މުޙައްމަދު ޝައިހާން އަޙުމަދު ޝަފީޤް 49.4 ޕޮއިންޓް، 12ބީގެ ޢާއިޝަތު ޔާސްމީން 47.7 ޕޮއިންޓް، 12ސީގެ މަރިޔަމް ނައިސަމް ސައީދު 44.1 ޕޮއިންޓް، 12ސީގެ މަރިޔަމް މިޝްކާ މުޙައްމަދު ދިމްހާމް 44.1 ޕޮއިންޓް، 12 އޭގެ ޢާއިޝަތު ޝަދާ ޝަހީމް 40.1 ޕޮއިންޓް، އަދި 12ޖޭގެ ރާޔާ ރިޔާޒް 40 ޕޮއިންޓެވެ.

ކެޕްޓަން ކަމަށް ކުރިމަތިލި ދަރިވަރުންނަށް ޕޮއިންޓް ދީފައިވާ ގޮތަކީ، ކިޔެވުމަށް 30 އިންސައްތަ، ސީނިއަރ މެނޭޖްމެންޓް(އެސް އެމް ޓީ)ގެ އިންޓަވިޔު އަށް 30 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 40 އިންސައްތަ އެވެ.