الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ސާފުޠާހިރުކަމަކީ ހުރިހައި ޢުރުފެއްގައިވެސް ހުރިހައި މުޖްތަމަޢެއްގައިވެސް ވަރަށް އަހަންމިއްޔަތުކަމެއް ދެވޭ ސިފައެކެވެ. ކޮންމެ ގައުމެއްގައިވެސް ކުޑައިރުއްސުރެ އެބަޔަކު ޤަބޫލުކުރާ ސާފުޠާހިރު ކަމުގެ މިންގަނޑުތަކަށް ދަރިވަރުން ހާނުވައި އެކަމުގެ މައްޗަށް ކުދިން ތަރުބިއްޔަތު ކުރެއެވެ. އެބައެއްގެ ގާތުގައި ހަޑިކަމަށް ޤަބޫލުކުރެވޭ ކޮންމެ އެއްޗަކާއި ސިފަޔަކުން މީހުން ދުރުވުމަށް ބުނުމަކީ ޢުރުފުގައި ސާފުޠާހިރު ކަމެވެ. އިސްލާމީ ޝަރުޢީ ނިޒާމުގައިވެސް ސާފުޠާޙިރުވުމާ ގުޅޭ ގިނަގުނަ ޙުކުމްތައް ހިމެނިގެންވެއެވެ. މާނައަކީ ހަޑިކަމަށް ޤަބޫލުކުރެވޭ ތަކެއްޗާއި ތަންތަނުން ދުރުހެލިވާން ޖެހޭ މައްސަލަތަކާއި އެކަންކަމުގެ ޙުކުމްތައް ދީނުގައި ހިމެނިގެންވެއެވެ. މިދެބައިގެ ތަފާތަކީ އިސްލާމީ ޝަރީޢަތުގައި ހަޑިކަމަށް ކަނޑައަޅާ ކޮންމެ ކަމެއް އަދި އެހެންދީންތަކުގެ މީހުންގެ ގާތުގައި ހަޑިނުވެދާނެއެވެ. އަދި އެހެން ދީންތަކުގެ ނުވަތަ އެހެނިހެން ޘަޤާފަތްތަކުގެ މީހުންގެ ގާތުގައި ހަޑިކަމަށް ޤަބޫލުކުރެވޭ ކަންކަން އަދި އިސްލާމީ ޝަރުޢީ ނިޒާމުގައި ހަޑިކަމަކަށް ނުވަތަ ހަޑި އެއްޗަކަށް ނުވެދާނެއެވެ.
އިސްލާމީ ޘަޤާފަތް ނޫން އެހެނިހެން ޘަޤާފަތް ތަކުގައި، ޙަޤީޤަތުގައި މިޒަމާނުގައި ދިރިއުޅުމުގެ ނިޒާމުގައި ދީނީ ވިސްނުން ވަރަށް ނޯވެއެވެ. ގިނަ މުޖްތަމަޢުތައް ވަނީ ސެކިއުލަރ ވިސްނުން ވަދެ ޢާންމު ދިރިއުޅުމުގެ ކަންކަމުން ދީން އެކަހެރިކޮށްފައެވެ. ވީމާ އެބައިމީހުން ސާފުޠާހިރު ވުމުގެ މިންގަނޑުވެސް ބިނާކުރަނީ މީހުންގެ ރައުޔުތަކާއި ސައިންޓިފިކް އެކިވާހަތަކުގެ މައްޗަށް ބިނާކޮށް ހެދިފައި ހުންނަ ދިރާސާތަކުންނެވެ. އެގޮތުން އެއްތަށިން ދެމީހަކު ކެއުމާއި، ތައްޓަށް އަތްލައިގެން ކެއުމާއި، މޭޒުމައްޗަށް ވެއްޓޭ ކާއެތިކޮޅު ނަގައިގެން ކެއުން ފަދަ ކަންކަމަކީ އެމީހުންގެ ބައެއްމީހުންގެ މެދުގައި ވަރަށްބޮޑަށް މަނާކުރާ ކަންކަމަށް ވާއިރު، މިއީ އިސްލާމްދީން ހަޑި ކަންކަމުގެ ގޮތުގައި ފާހަގަކުރާ ކަންކަމެއް ނޫނެވެ. އަދި ކިއެއްތަ ކާސުފުރާ މައްޗަށް ވެއްޓޭ ކާއެތިކޮޅުވެސް ނަގައިގެން ކާލުމަކީ އެކަމަކަށް ރަސޫލާ صلى الله عليه وسلم ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އަދި ޢާންމުކޮށް ހުޅަނގުގެ މީހުންގެ މެދުގައިވެސް ވަރަށް ހަޑި ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައި ހުންނަ ކަންކަން ބައެއް ޙާލަތުގައި ކުރުމުގައި އެމީހުން ވަނީ ހައްދު ފަހަނައަޅާފައެވެ. ނަމަވެސް އެއީ އެއްވެސް ބަޔަކަށް ހަޑިކަމަކަށް ނުވެއެވެ. ޚާއްޞަކޮށް މިފުޓުބޯޅައިގެ ސީޒަނުގައި މިފަދަ ކަންކަން ފެނެއެވެ. އެމީހުން ކުޅެމުންދާއިރު ދަނޑުމައްޗަށް ގިނަގިނައިން ކުޅުޖެހުމާއި އެކަކު ފެންބޯ ފުޅިއަކުން އަނެކަކު އަނގަޖަހައިގެން ފެންބުއިމާއި އެކަކު އަނގަޖަހައިގެން ކާއެއްޗެއްގައި އަނެކަކު އަނގަޖަހައިގެން ކެއުން ފަދަ ކަންކަން ޢާންމުކޮށް ފެނެއެވެ. ވީމާ އެއްތަނެއްގައި އެފަދަ ކަންކަން ހަޑިވެފައި އަނެއްތަނެއްގައި އެކަންކަން ރީތިވުމަކީ ހަމަޖެހޭ އުޞޫލެއް ނޫނެވެ. ހަމައެގޮތަށް ދިވެހިންގެ ތެރޭގައިވެސް ގޭތެރޭގެ މާޙައުލުގައި ނުކުރުމަށް ބުނާ އެތައް ކަމެއް ދަތުރުގޮސް އުޅޭއިރުއާއި ދޯނިފަހަރުގައި މަހަށް ދާއިރު ކުރަމުން ދެއެވެ. ހަމަ އިސްވެ ބުނެވުނު ގޮތަށް އެކަކު އަނގަޖަހައިގެން ކައިފައި ހުންނަ ބާކީ ބައި ކެއުމާއި ވެއްޓޭ ކާތަކެތި ނަގައިގެން ކައިއުޅުމަކީ މިފަދަ މާޙައުލުތަކުގައި ވަރަށް އާދައިގެ ކަމެކެވެ. ނަމަވެސް ޢާންމު ދިރިއުޅުމުގައި އެކަންކަން ދަރިންނަށްވެސް އަދި އެހެންމީހުންނަށް އޮންނަނީ ވަރަށްބޮޑަށް މަނާކޮށްފައެވެ. އިސްލާމް ދީނުގައިވާ މިފަދަ ޙުކުމެއް ވަކިތަނަކަށް ޚާއްޞަކޮށްފައި ނުވާ ނަމަ ކޮންމެ ތަނެއްގައިވެސް އެޙުކުމް އޮންނާނީ އެގޮތަށެވެ.
ހަމަމިފަދައިން އަހަރެމެން އެތަކެއްޗަކުން ސާފުވުމަށް މަޖުބޫރު ބައެއް ކަންކަމަކީ ހުޅަނގުގެ މީހުންގެ ގާތުގައި މާބޮޑު ކަމަކަށް ނުވެއެވެ. ހަޑިކަމަކަށްވެސް ނުވެއެވެ. މިސާލަކަށް ފާޚާނާކޮށްފައި ދޮވުމަކީ އިސްލާމީދީން ބާރުއަޅާ ކަމަކަށްވާއިރު އެއީ ހުޅަނގުގައި ޢައިބު ކިޔޭ ކަމެކެވެ. ހުޅަނގުގެ ބައެއް ގައުމުތަކުގެ ބައެއް ޢިމާރާތްތަކުގައި މުސްލިމުން ފެންފޮދެއް ފާޚާނާއަށް ވެއްދުންވެސް އޮންނަނީ މަނާކަމަކަށް ހަދާފައެވެ. އެމީހުންގެ ގާތުގައި ރީތި ސާފުގޮތަކީ ޓިޝޫއިން ނަޖިސް ފުހުމެވެ.
ޚުލާޞާއަކީ އަހަރެމެންގެ މިބަވަނަވެފައިވާ ޒަމާނުގައި ހުޅަނގުގެ އާދަކާދަތަކުގެ ތެރެއިން ސާފުޠާހިރުކަން ދަސްކުރުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަހަރެމެންގެ ސާފުޠާހިރުވުމުގެ ހުރިހައި މިންގަނޑެއް ދެނެގަތުން ވަނީ އިސްލާމްދީނުގެ ޝަރުޢީ ނިޒާމުގެ ތެރެއިންނެވެ. އެގޮތުން އިސްލާމްދީނުގައި ސާފުޠާހިރު ކަމަށް ވަރަށްބޮޑަށް ބާރުއަޅުއްވާ، އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((الطُّهُورُ شَطْرُ الإيمانِ)) މާނައީ: [ސާފުޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ.]
ދީނުގައި ޤަޟާޙާޖާ ކޮށް ސާފުވުމަށްޓަކައި އެންމެ މޮޅުއިތުރު ގޮތަކީ އިސްތިޖްމާރުކޮށް އިސްތިންޖާ ކުރުން ކަމުގައި ލެއްވިއެވެ. އިސްތިޖްމާރު ކުރުމަކީ ހިލައިން ފުހުމެވެ. ނުވަތަ މިޙުކުމްގެ ތެރެއަށް ޓިޝޫއިން ފުހުންވެސް ވަންނާނެއެވެ. އަދި އިސްތިންޖާ ކުރުމަކީ ފެނުން ދޮވުމެވެ. އޭގެ އިތުރުން ނަޖިހުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ތަކެތި ހިމެނެއެވެ. މިސާލަކަށް ބޮޑުކަމުދާ ތަކެއްޗާއި ކުޑަކަމުދާ ތަކެއްޗާއި ލެއާއި ހޮޑު ފަދަ ތަކެތި ހިމެނެއެވެ. މިފަދަ ތަކެތި ކުލައާއި ރަހައާއި ވަސް ފިލަންދެން ފެނުން ދޮވުން ވާޖިބުވެއެވެ. އަދި ސައިންޓިފިކް ލޯތަކަށް ނުފެންނަ ނަޖިސްކަންވެސް އިސްލާމްދީނުގެ ލޮލުން ފެނެއެވެ. އެއީ ޖުނުބުވެރިވުމެވެ. ވީމާ ޖުނުބުވެރިވުމުން ހިނައިގަތުން ވާޖިބުވެއެވެ. ހަމައެފަދައިން ވައިބޭރުވުމަކީ ވެސް ޢުރުފުގެ ލޮލުން ނަޖިހަކަށް ނުވިނަމަވެސް އެމީހެއްގެ ހަށިގަނޑުގެ ސާފުކަން ނަމާދަށް ބޭނުންވާ މިންގަނޑުގައި ނުހުންނާނެ ކަމެކެވެ. ވީމާ އެނަމާދަށް އަޅުކަމެއްގެ ގޮތުންނާއި އޭގެ އިތުރުން ސާފުޠާހިރުވުމުގެ ގޮތުން ވުޟޫކުރަންޖެހެއެވެ. ވުޟޫކުރުމުގެ މިންގަނޑަށް ބަލާއިރު ހަށިގަނޑު އެންމެބޮޑަށް ފާޅުވެފައި ހުންނަ ބައިތައް ފެނުން ދޮވެއެވެ. ނަމަވެސް މުސްލިމަކު އެތަންތަނުގައި ފެން ލަނީކީ އެތަންތަން ސާފުޠާހިރު ކުރުމުގެ ނިޔަތަކު ނޫނެވެ. މާތް ﷲ އަށް އަދާކުރަންޖެހޭ އަޅުކަމެއް އަދާކުރުމުގެ ނިޔަތުގައެވެ. މާތް ﷲ ޤުރުއާނުގައި އެތަންތަން ވަކިގޮތަކަށް ދޮވުމަށް ކަނޑައެޅުއްވީތީ، ރަސޫލާ صلى الله عليه وسلم އެގުނަވަންތައް ދޮވެލެއްވީ ކޮންގޮތަކަށް ބަލައިގެން އެއަށް ތަބާވެ ކުރާކަމެއްގެ ގޮތުގައެވެ. ނަމަވެސް ޝައްކެއްވެސް ނެތެވެ. ތަނެއް ފެނުން ދޮވުމަކީ އެތަނެއް ސާފުވާނޭ ކަމެކެވެ.
އަދި އޭގެ އިތުރުން ކޮންމެ ނަމާދަކަށް ދަތްއުނގުޅުން ޝަރުޢުކުރެއްވިއެވެ. ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((لَوْلَا أنْ أشُقَّ علَى أُمَّتي أوْ علَى النَّاسِ لَأَمَرْتُهُمْ بالسِّوَاكِ مع كُلِّ صَلَاةٍ)) މާނައީ: [ތިމަންނަބިއްޔާގެ އުންމަތަށް ނުވަތަ މީސްތަކުންނަށް، ތިމަންނަބިއްޔާ އެމީހުންނަށް އެޖެއްސެނީ އުނދަގޫ ކަމެއް ކަމުގައި ނުވާނަމަ، ކޮންމެ ނަމާދަކާއި އެއްކޮށް ދަތްއުނގުޅުމަށް ތިމަންނަބިއްޔާ އަމުރު ކުރެއްވީމުހެވެ.] އެކަލޭގެފާނު އަމުރުކުރެއްވި ނަމަ އެކަން ވާޖިބުކަމަކަށް ވެގެންދާނެކަން މިޙަދީޘުން އެނގެއެވެ. ނަމަވެސް އަމުރު ނުކުރެއްވުމުން އެއީ ގަދަވެގެންވާ ސުންނަތަކަށް ވެގެން ދިޔައީއެވެ.
އޭގެ އިތުރުންވެސް ދީނުގެ ސާފުޠާހިރުކަން ލެއްވި ކަންކަމުގެ ތެރޭގައި ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮވުމަށް އެންގެވިއެވެ. ސުނަނު އަބޫދާވޫދުގައި ރިވާވެގެންވީ ޞައްޙަ ޙަދީޘެއްގައި ވެއެވެ: ((مَنْ بَاتَ وَفِي يَدِهِ رِيحُ غَمَرٍ، فَأَصَابَهُ شَيْءٌ، فَلاَ يَلُومَنَّ إِلاَّ نَفْسَهُ)) މާނައީ: [ކާއެއްޗެއްގެ ވަސް އަތުގައި ހުރެ، ރޭގަނޑުގައި ނިދައިފި މީހާ ދަންނާށެވެ. ފަހެ އޭނާގެ އަތަށް ގެއްލުމެއް ލިބިއްޖެނަމަ އޭނާގެ އަމިއްލަ ނަފްސަށް ނޫނީ އެމީހަކު ޢައިބު ނުކިޔާ ހުށިކަމެވެ.] ސަބަބަކީ އެބައްޔެއް އެޖެހުނީ އޭނާ ރަނގަޅަށް އަތް ނުދޮވެ ނިދުމުގެ ސަބަބުން އެމީހެއްގެ އަމިއްލަ އިހުމާލުން ކަމުގައިވާތީއެވެ.
އޭގެ އިތުރުންވެސް ދީނުގައި ފިޠުރަތުގެ ސާފުކަން މަތީ ހުރުމަށް ކަންކަން ލެއްވިއެވެ. އެގޮތުން ޚިތާނު ކުރުމާއި، ކޮންމެ ސާޅީސް ދުވަހަކުން ކުރަން އެންގެވި ކަންކަން ވެސް ހިމެނެއެވެ. ނަމަވެސް އޭގެ ކުރިންވެސް އެކަންކަން ކުރަންޖެހިއްޖެނަމަ އެކަން ކުރުން ބޮޑަށް އެދެވިގެންވެއެވެ. މިސާލަކަށް މަތިމަސް ކުރުކޮށް ކޮށުމާއި، ނިޔަފަތިތައް ކެނޑުމާއި، ކިހިލިފަތީގެ އިސްތަށިތައް އުފުރުމާއި، ލަދުވެތި ގުނަވަނުގެ ވަށައިގެންވާ އިސްތަށި ބޭލުން ހިމެނެއެވެ. އޭގެ އިތުރުން ފެންވަރާ ނުވަތަ ހިނައިގަންނަ ކޮންމެ ފަހަރަކު ހަށިގަނޑުގެ ހުޅުތަކުގައި ނުވަތަ ބެދިފައި ހުންނަ ތަންތަނުގައި ހުން ދަމިލަ ސާފުކުރުން ހިމެނެއެވެ.
މިއެންމެހައި ކަމަކުން ވަރަށްސާފުކޮށް އެނގިގެން ދަނީ އިސްލާމްދީނަކީ ކިހާ ބޮޑަށް ސާފުޠާހިރު ކަމަށް ބާރުއަޅާ ދީނެއް ކަމެވެ. މިފަދަ އެތަކެއް ކަމެއް ދީނުގައި ޝަރުޢުކުރައްވާފައި ވުމުން ދީނުގައި ދެބައިކުޅަ އެއްބައި ސާފުޠާޙިރުކަމާއި ގުޅިގެން ދާކަން އެނގެއެވެ. އަދި މިއީ މާތް ﷲ ނުހަނު ލޯބިވެވޮޑިގަންނަވާ ކަންކަމެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ﴾ سورة البقرة:222 މާނައީ: [ހަމަކަށަވަރުން ގިނަގިނައިން ތައުބާވާމީހުން ދެކެއާއި ސާފުޠާހިރުވާ މީހުންދެކެ، ﷲ ލޯބިވެވޮޑިގަންނަވައެވެ.]
އަޅަމެންނީ ދީނުގައިވާ ފަދައިން ސާފުޠާހިރުކަމަށް ލޯބިކޮށް އެކަންކަމަށް ޢަމަލުކުރާ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.