އަޙްމަދިއްޔާ އިން ޢަރަބިއްޔާ ގޯލަށް 20 ލަނޑު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ސްކޫލް ކުދިންގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް އިއްޔެ ފެށިއްޖެއެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި އިއްޔެ ހަވީރު 4:00 ގައި ބައްދަލުކުރީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ. މިމެޗް ޢަރަބިއްޔާ ކޮޅަށް 20 ލަނޑު ޖަހާ ވަރަށް ފަސޭހަކަމާއެކު އަހްމަދިއްޔާ ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗްގައި އަޙްމަދިއްޔާގެ 12 ކޭގެ މުޙައްމަދު އައިހަމް ވަނީ 7 ލަނޑު ޖަހައިގެން  2 ހެޓްރިކް ހަދާފައެވެ. އަދި 12 ކޭގެ  އިބްރާހީމް ނަވާފް ސަޢީދު 4 ލަނޑު ޖަހައި ހެޓްރިކެއް ހެދިއިރު 11ޖޭ ގެ މައިސަން މުޙައްމަދު ރަޝީދު ވެސްވަނީ 3 ލަނޑު ޖަހައިގެން ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން  11ޑީ ގެ މުޙައްމަދު ހޫދު އަޙްމަދު 2 ލަނޑު، 12 އެލް ގެ ސަހާފް ޢަބްދުލް ޙަސީބު 1 ލަނޑު 11 ޑީ ގެ ރަޒާން އިބްރާހީމް މުޙައްމަދު 1 ލަނޑު އަދި  12 އެލް ގެ ލީވާން މުޙައްމަދު ލީވާން ޙުސައިނާއި މުޙައްމަދު ވިއާމް ލަޠީފު 1 ލަނޑުވަނީ ކާމިޔާބު ކޮށްފައެވެ.

މި މުބާރާތުގައި ރޭގައިވެސް މެޗެއް ކުޅުނެވެ. މި މެޗްގައި ބައްދަލު ކުރީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ކެޔޮދޫ ސްކޫލެވެ. 2 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކުރީ ކެޔޮދޫ ސްކޫލެވެ.

މުބާރާތުގެ މެޗެއް ދެން އޮންނާނީ، އަންނަ އާދީއްތަ ދުވަހު 4 ޖަހާއިރު އެވެ. ބައްދަލު ކުރާނީ  ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއެވެ. އާދީއްތަ ދުވަހުގެރޭ ބައްދަލު ކުރާނީ  ކެޔޮދޫ ސްކޫލާއި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނެވެ.

މި މުބާރާތުގައި 5 ޓީމް ވަނީ ބައިވެރިވެފައެވެ. އެއީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ކެޔޮދޫ ސްކޫލާއި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނެވެ.

އަޙްމަދިއްޔާ ގެ މެޗެއް ދެން އޮންނާނީ 13 ޑިސެންބަރު 2022 ވާ އަންގާރަ ދުވަހު ހަވީރު އެވެ. މި މެޗްގައި އަޙްމަދިއްޔާ ބައްދަލު ކުރާނީ ކެޔޮދޫ ސްކޫލާއެވެ. 23 ޑިސެމްބަރ 2022 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ސްކޫލެއް ކޮންމެ ސްކޫލަކާ ބައްދަލު ކުރާނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *