الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ސައިބޮއި ކައިހެދުމުގައިވެސް ދުނިޔެވީ ގޮތުންނާއި ދީނީގޮތުންވެސް ކުރަން މަޖްބޫރު ކަންކަމާއި ކުރުން އައުލާވެގެންވާ ކަންކަން ހުރެއެވެ. އެގޮތުން ނަޖިހެއް އެކުލެވިގެންވާ ބުއިންތަކުން ދުރުވުމަކީ ދީނީގޮތުންވެސް އަދި ދުނިޔެވީ ގޮތުންވެސް ކުރުން މަޖްބޫރު ކަމެކެވެ. އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ހިނގައިދާނެއެވެ. މިފަދައިން ކެއިން ބުއިމުގައިވެސް ދީނީ ގޮތުން ޤުރުއާނާއި ސުންނަތުގައި ތަފާތު އިރުޝާދުތައް ވަނީ ދެވިފައެވެ. އެއިން ބައެއް ކަންކަމަކީ ދުނިޔެވީ ގޮތުން އެކަމުން އެއްވެސް ގެއްލުމެއް އެއްވެސް މީހަކަށް ވިސްނިފައި ނެތަސް، ހުއްދަ ނުވާނޭ ކަންކަމެވެ. މިސާލަކަށް ކެއުން ބުއިމުގައި ކަނާތު އަތް ބޭނުންކުރުމެވެ. އަދި މަޖްބޫރީ ޙާޖަތެއް ޖެހިގެން ނޫނީ ވާތުއަތް ބޭނުންކުރުން ހުއްދަ ނުވުމެވެ. އަނެއްބައި ކަންކަމަކީ ދުނިޔެވީ ގޮތުންވެސް އެކަމުގެ ގެއްލުންތައް އެނގޭ ކަންކަމެވެ. މިސާލަކަށް ލޭގެ ބާވަތްތަކާއި މުޅަތަކެތި ކެއިން ބުއިމުގައި ބޭނުންކުރުމެވެ. އަނެއްބައި ކަންކަމަކީ ދީނީގޮތުން ޙަރާމް ކަންކަމަށް ނުވިޔަސް، ނުވަތަ ޙަރާމްކަމާއި މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައި ވުމާއެކުވެސް އެންމެ ރަނގަޅު ގޮތަކީ އެފަދަ ކަންކަމުގައި، ދީނީގޮތުން ނަހީކުރެއްވުމެށް އޮތުމާއެކު އެކަންކަމުން ދުރުވުން ކަމުގައި ނިންމަންޖެހޭ، އެންމެ ކުޑަމިނުން މަކްރޫހަ ކަމަށް ނިންމޭ ކަންކަމެވެ. ކޮންމެގޮތެއްވިޔަސް މިއެންމެހައި ކަމެއްގައިވެސް އެންމެ ހެޔޮކަންބޮޑު ގޮތަކީ، ރަސޫލާ صلى الله عليه وسلم ގެ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ބޯލަބައި ކިޔަމަންވެ އެކަލޭގެފާނު އެއީ ނަމޫނާ ކަމުގައި ބަލައިގަތުމެވެ.
އޭގެ ތެރެއިން ސުންނަތުގައި އިރުޝާދު ދެވިފައިވާ އެއްކަމަކީ ކައިބޮއި ހަދާ ތައްޓަށް ނޭވާނުލުމެވެ. އަދި ފުމެ ނެހެދުމެވެ. ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވާރިދުވެގެން ވެއެވެ. عن أَبي قَتَادَةَ رضي الله عنه ((أَنَّ النبيَّ صلى الله عليه وسلم نَهَى أنْ يُتَنَفَّسَ في الإِناءِ)) މާނައީ: އަބޫޤަތާދާ رضي الله عنه އަރިހުން ރިވާވެގެންވެއެވެ: [ހަމަކަށަވަރުން ތައްޓަށް ނޭވާލުން ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއެވެ.] މިޙަދީޘުން ދަލީލު ލިބޭގޮތުގައި ތިމާއެކަނި އެއްތައްޓަކުން އެއްޗެއް ބުއިކަމުގައިވިޔަސް އަދި އެހެންމީހަކާއި އެކުގައި އެއްތައްޓަކުން ދެމީހުން ނުވަތަ ގިނަމީހުން އެއްޗެއް ބުއިކަމުގައި ވިޔަސް ތަށީގެ ތެރެއަށް ނޭވާލުމަކީ ރަސޫލާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަމެކެވެ. އެކަމުން މުސްލިމުން ދުރުހެލިވާންޖެހޭ ކަމެކެވެ. އޭގެ ޙުކުމަށް ބަލާއިރު އެއީ މަކްރޫހަ ކަމެއް ކަމުގައިވިޔަސް ރަސޫލާ صلى الله عليه وسلم ނަހީ ކުރެއްވީތީ ވެވެން އޮތް އެންމެ ބޮޑުވަރަކަށް އެމަނާކުރެއްވި ކަންތައް ނުކޮށްވޭތޯ ބެލުމަކީ، އެމީހަކު ރަސޫލާ صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ ބަސްފުޅުތަކާއި އިރުޝާދުތަކަށް އަހަންމިއްޔަތުކަން ދޭމިންވަރު ވަޒަންކޮށްލެވޭނޭ ކަމެކެވެ. ތަފާތު ބަހަނާތައް ދައްކައިގެން އެކަންކަމުން ރެކި ފަރުވާކުޑަކުރުމާއި، އަޅާނުލުން ފަދަ ކަންކަމަކީ އެމާތް ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުތައް އެއްވެސް ކަމަކަށް ނަހަދާ އެކަލޭގެފާނަށް އަހައްމިއްޔަތުކަން ނުދޭކަންވެސް ވަޒަންކޮށްލެވޭ ކަމެކެވެ.
މިއީ ސާފުޠާހިރު ކަމުގެ ފުރިހަމަކަން ގެނައުމުގެ ގޮތުން ދީނުގައި އައިސްފައިވާ ކެއުން ބުއިމުގެ ރިވެތި އަދަބުތަކުގެ ތެރެއިން ކަމެކެވެ. މިއީ ނަބިއްޔާ صلى الله عليه وسلم މިއުންމަތަށް ދަސްކޮށްދެއްވި މަކާރިމުލް އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަލްޚާފިޡު އިބްނު ޙަޖަރު رحمه الله ވިދާޅުވިއެވެ: "މިއީ ސާފުޠާޙިރު ކަމުގެ އަދަބުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެނީ ނޭވާޔާއެކުގައި ކުޅު ނުވަތަ ހަޑި ރޯގާ ނުވަތަ އޭގެ ވަސް އޭގެ ތެރެއަށް ގޮސް އެތަށިން ބޯ އެހެން މީހަކަށް އެކަން ހަޑިވެދާނެ ކަމަށްޓަކައެވެ."
އަދި ބައެއް އެހެން ރިވާޔަތްތަކުގައި ކާބޯތަކެއްޗަށް ފުމުންވެސް ވަނީ ނަހީކުރައްވާފައެވެ. އައްތިރްމިޛީގައި ވާ ޞައްޙަ ޙަދީޘެއްގައި އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ((أَنَّ النبيَّ صلى الله عليه وسلم نَهَى أنْ يُتَنَفَّسَ في الإِناءِ أَوْ يُنْفَخَ فِيهِ)) މާނައީ: [ހަމަކަށަވަރުންވެސް ތައްޓަށް ނޭވާލުމާއި އޭގެ ތެރެއަށް ފުމުން ނަބިއްޔާ صلى الله عليه وسلم ނަހީކުރެއްވިއެވެ.] ވީމާ ތަށީގައިވާ ކާތަކެއްޗަށް ފުމުމަކީ އަދި އޭގެ ތެރެއަށް ނޭވާލުމަށްވުރެ ހަޑިކަމަކަށް ވެގެން ދެއެވެ. އެއީ އަމިއްލައަށް އެއިން ތިމާއެކަނި ބުޔަސް މެއެވެ. އަލްއިމާމް އައްޝައުކާނީ رحمه الله "ނައިލުލް އައުޠާރު" ގައި ވިދާޅުވިއެވެ: "މާނައީ އެމީހަކު އެކަނި އެތަށްޓަކުން ބޯ ތައްޓެވެ. ނުވަތަ އެހެންމީހަކުވެސް އޭނާ ބޯ ތައްޓަކުން ބުއި ނަމަވެސް ވެއެވެ. ފަހެ އޭގެ ތެރެއަށް ފުމެގެން ނުވާނެއެވެ. އެއީ ހަޑި އެއްޗެއް އޭގެ ތެރެއަށް ގޮސްދާނެތީއެވެ. އެހެނީ ގިނަފަހަރު ފުމުމަކީ ކުޅު އޭގެ ތެރެއަށް ގޮސް އޭތި ހަޑިވާނެ ކަމެކެވެ. ހަމައެފަދައިން ހޫނު ކާތަކެތި ފިނިކުރުމަށްޓަކައި ވެސް ތަށީގެ ތެރެއަށް ފުމެގެން ނުވާނެއެވެ. އަދި ކިއެއްހެއްޔެވެ. އޭތި ފިނިވަންދެން މަޑުކުރާނީއެވެ. އޭތި ހޫނުކޮށް ހުއްޓާވެސް ކައިގެން ނުވާނެއެވެ. އެހެނީ އެގޮތަށް ހުއްޓާ ކައިފިނަމަ އޭގެ ބަރަކާތް ކެނޑިގެން ދާނެއެވެ. އެއީ ނަރަކައިގެ އަހުލުވެރިންގެ ބުއިމެވެ."
ވީމާ އެންމެ ކުޑަމިނުން އެކަން ވެގެންދާނީ ދީނުގެ ޙުކުމްތަކުގެ ތެރެއިން މަކްރޫހަވެގެންވާ ކަމަކަށެވެ. ކެއުމުގެ ޘަވާބާއި ދަރުމަ އުނިވެ ކެއުމުގެ ބަރަކާތް ކެނޑިގެންދާ ކަމަކަށެވެ. އޭގެ ބަދަލުގައި މިމަނާ ކުރެވިފައިވާ ކަންކަމުން ދުރުހެލިވެއްޖެ ނަމަ ރަސޫލާ صلى الله عليه وسلم އަށް ފުރިހަމަ ތަބާވުމުގެ ފުރިހަމަ ޘަވާބާއި ދަރުމައިގެ އިތުރުން ކެއިންބުއިމުގައި ލިބިގެންދާ، މާތް ﷲ ގެ ބަރަކާތްވެސް ލިބިގެން ދެއެވެ. "ރިޔާޟުއް ޞާލިޙީން" ގެ ޝަރަޙައިގައި އަލްއިމާމް އިބްނު ޢުޘައިމީން رحمه الله ވިދާޅުވިއެވެ: "އެހެނަސް އެކަމަށް ހާޖަތެއް ޖެހިއްޖެ ހިނދު ބައެއް ޢިލްމުވެރިން މިކަން އިސްތިޘްނާ ކުރެއްވިއެވެ. މިސާލަކަށް، ވަރަށް އަވަހަށް ތަނަކަށް ދާންޖެހި، ބުއިން މާހޫނު ކަމުގައިވާނަމަ، ބައެއް ޢިލްމުވެރިން މިކަމުގައި ލުއި ލިބިގެންވާ ކަމުގައި ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް އެންމެ ހެޔޮކަން ބޮޑު ގޮތަކީ އޭތި ހޫނު ކަމުގައިވިޔަސް އެއަށް ނުފުމުމެވެ. އޭތި ހޫނު ކަމުގައިވާނަމަ، އަދި އަތުގައި އެހެން ތައްޓެއް އޮތްނަމަ އެއްތަށިން އަނެއްތަށްޓަށް އަޅާ އޭތި ހިހޫވަންދެން އޮއްސާށެވެ."
އަޅަމެންނީ ކެއުން ބުއިމުގައިވެސް އިސްލާމީ ރިވެތި އަދަބުތަކުގައި ހިފަހައްޓާ ބަޔެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.