މުޅި ދުނިޔެއަށް ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން ފިލުވައިލަން އެންމެ އުނދަގޫ އެއް ވަބާއަކީ، ރިޝްވަތުގެ ވަބާ އެވެ. ރިޝްވަތަކީ، ޙައްގު ނޫން ގޮތަކަށް ކަމެއް ނުވަތަ އެއްޗެއް ލިބިގަތުމަށް ނުވަތަ ހޯދައިދިނުމަށް ދެވޭ ކޮންމެ އެއްޗެކެވެ. ތިމާ ނުވަތަ އެހެން މީހަކު ކަމަކުން ބަރީއަވެ ސަލާމަތްވުމަށް ފައިސާ ނުވަތަ އެހެން އެއްޗެއް ދިން ނަމަވެސް އެ ވާނީ ރިޝްވަތަށެވެ. ޤަވާޢިދާ ޚިލާފަށް ކަންކަން ނިންމުމަށް ނުވަތަ ކުރުމަށް ދޭ ފައިސާ އާއި، ތަކެއްޗާއި ކެއުމާއި ސައި އަދި މިނޫން ވެސް މިފަދަ މަންފާތައް ޙައްގު ނޫން ފަރާތްތަކަށް ހޯދައިދިނުމަށް ދެވޭ ކޮންމެ އެއްޗެއް ވާނީ ރިޝްވަތަށެވެ. ހަމައެފަދައިން ތިމާގެ ނުފޫޒު ބޭނުންކޮށްގެން ނުޙައްގުން ހޯދާ ނުވަތަ ހޯދައިދޭ މަންފާތަކާއި، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި، އެނޫން ގޮތަކަށް ޢަމަލުކުރުން ވެސް ރިޝްވަތާއި ކޮރަޕްޝަނުގެ ތެރެއަށް ވަންނާނެ އެވެ. އަމިއްލަ ނަފުސަށް ފައިދާ ލިބޭގޮތަށް ނުވަތަ އެހެން ފަރާތަކަށް ހުއްދަ ނޫން މަންފާއެއް ލިބޭގޮތަށް ސަރުކާރުގެތަކެތި ބޭނުނޗ ކުރުމާއި، ސަރުކާރަށް ތަކެތި ހޯދުމާއި، ސަރުކާރުގެ މަސައްކަތްތައް ޙަވާލު ކުރުމަކީ ވެސް ރިޝްވަތާއި ކޮރަޕްޝަނުގެ ޢަމަލުތަކެވެ.
ބައެއް މީހުން ރިޝްވަތުގެ ޢަމަލުތައް ހިންގަނީ ސިއްރިއްޔާތުގައެވެ. އަނެއް ބަޔަކު މިކަން ކުރަނީ ވަރަށް ފުޅާ ދާއިރާއެއްގައި، ފާޅުކަން ބޮޑު ގޮތެއްގައެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި، ދުނިޔޭގެ ވަރަށް ގިނަ މުޖްތަމަޢުތަކުގައި، ރިޝްވަތާއި ކޮރަޕްޝަނުގެ ޢަމަލުތައް ވަނީ ޢާއްމުވެފައެވެ. އަދި ބައެއް މުޖްތަމަޢުތަކުގައި، ކޮންމެވެސް އެއްޗެއް ނުދީ، އެއްވެސް ކަމެއް ނުކުރެވެއެވެ. ޢަދުލު އިންޞާފު ޤާއިމު ކުރުމުގައި ވެސް، ރިޝްވަތާއި ކޮރަޕްޝަނުގެ ކަންތައް ވަނީ ޢާއްމުވެފައެވެ. އެކަމުގެ ސަބަބުން ޢަދުލު އިންޞާފު ގެއްލި، އެތައް ބަޔަކު ޙައްޤުތަކުން މަޙްރޫމުވެ، އެތައް ބަޔަކަށް ނުލިބެންވާ އެއްޗެހި ލިބެމުންދެއެވެ. އެތައް ބައެއްގެ ކަންތައްތައް އެތައް ދުވަހަކަށް ލަސްވެ، އަނެއް ބައެއްގެ ކަންތައްތައް އަވަހަށް، ފަސޭހައިން ނިމިގެންދެއެވެ. މިހުރިހާ ކަމަކީ ވެސް ޤައުމާއި މުޖުތަމަޢު ހަލާކުގެ ތެރެއަށް ވެއްޓެން މެދުވެރިވާ ސަބަބުތަކެވެ. ތަރައްގީގެ ދުވެލި މަޑުޖެހި، ކުރިއެރުމަށް ހުރަސްއެޅޭ ކަންކަމެވެ.
އަހަރެމެންގެ މި ކުޑަކުޑަ މުޖްތަމަޢު ވެސް މިވަނީ މި ނުރައްކާތެރި ވަބާގައި ޖެހިފައެވެ. މިއަދު ރިޝްވަތާއި، ނާޖާއިޒު ފައިދާއާއި ކޮރަޕްޝަނާއި، ޚިޔާނާތުގެ ޢަމަލުތައް މުޖްތަމަޢުގައި ގިނަވެ، އެއީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައި، މުޖްތަމަޢުގެ ބައެއް މީހުން ވަނީ ދެކެން ފަށާފައެވެ. ޤާނޫނުތަކާއި ޤަވާޢިދުތަކާ ދިމާ އިދިކޮޅަށް، ތިމާ ބޭނުންވާ ކަންކަން ޙާސިލު ކުރުމަށްޓަކައި، މިވެނި މީހަކަށް މިހާވަރަށް ފައިސާދިން ވާހަކައާއި، މުޖުތަމަޢުގެ ހުރިހާ ފަރުދުން ޝާމިލްވާގޮތަށް ރައްޔިތުންނަށް ޚިދުމަތްދިނުމަށް ހެދިފައިހުރި މުއައްސަސާތަކަށް މިހާވަރަށް ޚަރަދުކުރީމޭ ބުނެ ވާހަކަ ދެއްކުމަކީ މިހާރު ބޮޑު ކަމަކަށް ނުވެއެވެ. މިފަދަ ޢަމަލުތަކަކީ، ޤައުމުގެ މުސްތަޤްބަލާއި، އަންނަން އޮތް ޖީލުގެ ކުރިއެރުމާއި ތަރައްޤީ، އަރައިނުގަނެވޭފަދަ ފުންވަޅުގަނޑަކަށް ވެއްޓިދާނެ ކަންކަމެވެ.
ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ހީލަތްހެދުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރިޝްވަތަކީ އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲ ގެ ލަޢުނަތް ޙައްޤުވެގެންވާ ކަމެއް ކަމަށް ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ، މިފަދަ ކަންކަމުން ދުރުހެލިވެ އެހެން މީހުން ވެސް ދުރުހެލި ކުރުމަށް މަސައްކަތް ކުރުމެވެ. އަދި އެކަމުގެ ނުބައިކަން މީސްތަކުންނަށް ބުނެދީ، އެކަމުގެ ފަހުން ދިމާވެދާނެ ހިތި ނަތީޖާތަކުގެ ވާހަކައިން މީސްތަކުން ހޭލުންތެރި ކުރުވުމެވެ.
ރިޝްވަތުން ހޯދާ މަންފާއަކީ ކަނޑައެޅިގެން ޙަރާމް އެއްޗެކެވެ. އެއީ ބާޠިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ وَلَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ وَتُدْلُوا بِهَا إِلَى الْحُكَّامِ لِتَأْكُلُوا فَرِيقًا مِّنْ أَمْوَالِ النَّاسِ بِالْإِثْمِ وَأَنتُمْ تَعْلَمُونَ ﴾ މާނައީ: "ތިޔަބައިމީހުންގެ މުދާ ތިޔަބައިމީހުންގެ މެދުގައި ބާޠިލު ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް (އެބަހީ: އެ މުދާތަކުން ބައެއް) ޙާކިމުންނަށް ނުދޭށެވެ!"
ރިޝްވަތުދޭމީހާ އާއި، ހިފާމީހާ އަށް ލަޢުނަތް ހުރިކަން ރަސޫލާ صلى الله عليه وسلم ބަޔާން ކުރައްވާފައި ވެއެވެ. އެކަލޭގެފާނުގެ ޙަދީޘްބަސްފުޅެއްގެ މާނައިގައި ވެއެވެ. " ރިޝްވަތުދޭ މީހާއާއި ، ރިޝްވަތު ހިފާމީހާއަށް، މާތް ﷲ ލަޢުނަތް ލެއްވިއެވެ." މާތް ﷲ ގެ ލައުނަތް ލެއްވުމުގެ މާނައަކީ އެމީހަކު އެކަލާނގެ ރަޙްމަތުން ބޭރުކުރައްވައި ދުރުކުރެއްވުމެވެ. މާތް ﷲ ގެ ރަޙްމަތުން ބޭރުކުރެއްވުމަށް ވުރެ ދެރަ، ނިކަމެތި ކަމެއް އޮންނާނެ ހެއްޔެވެ!
މަޢުލޫމާތު: ހުކުރު ޚުޠުބާ