އާރޓިކަލް 98 : ވާހަކަ ދެއްކުމުގައިވެސް މެދުމިން އިޚްތިޔާރު ކުރުމުގެ މުހިންމުކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިންސާނުންނަކީ އެކަނިމާއެކަނި އުޅެވޭނޭ ބައެއް ނޫނެވެ. އެތައް ބަޔަކާއެކުގައި އިޖްތިމާޢީ ރަނގަޅު ގުޅުމަކާއި އެކުގައި ނޫނީ ދުނިޔޭގައި އުޅުމަކީ ނުހަނު އުނދަގޫކަމެކެވެ. އެކުގައި އުޅުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ ދެމެދުގައި އެކަށީގެންވާ ގުޅުމެއް އޮންނަންޖެހެއެވެ. އެގުޅުން ދަމަހައްޓައިދޭ މައިގަނޑު އެއްޗަކީ އެބަޔެއްގެ މެދުގައި ހިނގާ މުޢާމަލާތުތަކެވެ. އެކަމަށް ބޭނުންވާ އެންމެބޮޑު ވަޞީލަތަކީ އެއްބަޔަކު އަނެއްބަޔަކާއި ދެމެދުގައި ދެކެވޭ ވާހަކަތަކެވެ. ވީމާ މީހުންގެ މެދުގައި ވާހަކަ ދެކެވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ވާހަކަ ދެކެވުމަކީ މީސްތަކުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ގެނުވައިދޭ އެއްޗަކަށް ވާހިނދު ދެކެވޭ ވާހަކައަކުން ދެދުނިޔޭގެ އަބާއްޖަވެރިކަން ވެސް ގެނުވަފާނެއެވެ. ވީމާ ދުލަކީ އެބޭނުން ކުރުމުގައި ނުހަނު ރައްކާތެރިވާންޖެހޭ އެއްޗަކަށް މިވަނީ ވެފައެވެ. އެދުލަކީ އޭގެ ސަބަބުން ގިނަބަޔަކަށް ހެޔޮމަގު ލިބިގެންދާ ކަމަކަށްވާހިނދު އެދުލަކީ ގިނަބަޔަކު މަގުފުރައްދާވެސް އެއްޗެކެވެ.

ރަސޫލުން ދުނިޔެއަށް ފޮނުއްވުނީ އެބޭކަލުންގެ ދުލުން ދެއްވާ ނަޞޭޙަތް އެހެންމީހުން ޤަބޫލުކޮށް އެބޭކަލުންނަށް ތަބާވުމަށެވެ. ރަސޫލުންނާއި ނަބީން މީސްތަކުންނަށް އެދުލުގެ ބޭނުން ހިފާ ހެޔޮމަގު ދައްކާ ހިނދު މީސްތަކުން ނަރަކައަށް މަގުފަހިކުރުވާ ނުބައިމަގަށް އަޅުވާ މީހުންވެސް ބޭނުންކުރަނީ އެމީހުންގެ ސިހުރުވެރި ދުލެވެ. ނުބައިފާފަތަކުގެ ތެރޭގައި ގެނބިފައިވާ މީހުންވެސް އެހެންމީހުން އެމަގަށް ގެންދިއުމަށް ތަފާތު ވިޔާނުދާ ވާހަކަތަކުގައި ވަނީ އަވަދިނެތިއެވެ. އަދި ދުނިޔޭގައި އުޅޭމީހުންގެ ތެރެއިން ގިނަމީހުން އެދޫ ބޭނުންކުރަނީ ނުބައިގޮތުގައެވެ. ނަމަވެސް އެދުލުން އެދައްކާ އެންމެހައި ވާހަކަތަކަށް ޤިޔާމަތްދުވަހުގައި ޒިންމާ ނަގަންޖެހޭނެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿ مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ﴾ سورة ق:18 މާނައީ: [އޭނާ ދައްކާ ކޮންމެ ވާހަކައެއް ލިޔެ ރައްކާތެރިކުރުމަށް ޙާޒިރުވެ މަލާއިކަތަކު ނެތި އޭނާއަށް އެއްވެސް ބަހެއް ނުބުނެވޭނެއެވެ.]

ވީމާ ބުއްދިވެރި ކޮންމެ މުކައްލަފަކު އޭނާގެ ދުލުން ބޭރުކުރާ ކޮންމެ ވާހަކައެއްގައި، އެދުލަށް ރައްކާތެރިވާން ޖެހޭނެއެވެ. އަދި މަޞްލަޙަތެއް ނެތް ވާހަކައެއް ނޫނީ އެދުލުން ބޭރުކޮށްގެން ނުވާނެއެވެ. ދެންފަހެ ދައްކަން އުޅޭ ވާހަކައެއްގެ މަޞްލަޙަތަށް ބަލާއިރު އެވާހަކައެއް ބުނުމާއި އެވާހަކައެއް ނުދައްކާ ދޫކޮށްލުން މަޞްލަޙަތުގެ ގޮތުން ހަމަހަމަވެއްޖެ ހިނދު އޭގައިވެސް އެންމެ ހެޔޮގޮތަކީ އެވާހަކައެއް ނުދައްކާ ހިފެހެއްޓުމެވެ. ހަނުހުރުމެވެ. އެހެނީ އެފަދަ ހުއްދަ ވާހަކަތަކުން މީހާގެ ވާހަކަ ގިނަވެ، މަކްރޫހަ ވާހަކަތަކާއި އެންމެފަހުން ގޮސް ޙަރާމް ވާހަކަތައް ދެއްކުމާއި ހަމައަށް ގެންގޮސްދެއެވެ. އެއީ ދުލުން ބޭރުކުރާ ނުބައިވާހަކަތައް ގިނަފަހަރު ބޭރުވަނީ ވިސްނުމާއި ފިކުރުން އެއްކިބާވެ ހުރެ ބުނާ ބަސްތަކުންނެވެ. އެފަދައިން ދައްކަން އުޅޭ ވާހަކަތަކާއި މެދު ނުވިސްނާ ގިނަފަހަރު ވާހަކަ ދައްކަނީ ވާހަކަ ގިނަމީހުންނެވެ. އަދި ސުންނަތުންވެސް ސާބިތުވެފައިވަނީ އެފަދައިން މަޞްލަހަތެއް ނެތް ނުވަތަ ހެވެއް ނެތް ބަސްތަކުން ދުރުވުމަށެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَنْ كَانَ يُؤمِنُ بِاللهِ وَاليَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ)) މާނައީ: [ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ދަންނާށެވެ. ފަހެ އޭނާ ހެޔޮބަހެއް ނޫނީ ނުބުނާށެވެ. ނޫނީ ހަނުހުންނާށެވެ.] އެއީ މާތް ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާމީހާ ޢަމަލުކުރަން ޖެހޭ ގޮތެވެ. އާޚިރަތުގެ ދަރުމައާއި ޘަވާބަށް އެދޭ މުއުމިނު މީހާ ކަންތައް ކުރަން އެންމެ ރިވެތި ގޮތަކީ ހެޔޮވާހަކަތައް ދެއްކުމެވެ. ޛިކުރު ކުރުމުން ދުލުގެ ޙަރަކާތްތައް ފުރާލުމެވެ. މީސްތަކުންނަށް ހެޔޮ ނަޞޭޙަތް ދިނުމެވެ. ހެޔޮކަންކަމަށް މީސްތަކުންނަށް ގޮވާލައި ނުބައި ކަންކަން ކުރާމީހުން އެކަމުން ދުރުކުރުމަށްޓަކައި ދުލުން އެކަން މަނާކޮށް ނަޞޭޙަތްތެރިވުމެވެ. ޤުރުއާން ކިޔެވުމުގައި ގިނަވަގުތު ހޭދަ ކުރުމެވެ. މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމުގައި އޭނާގެ ދުލުން، އެބައިމީހުންނާ އޮންނަ ރަޙިމުގެ ގުޅުން ދެމެހެއްޓޭނޭ ފަދަ ހެޔޮބަސްތައް އެބައިމީހުންނާ އެކުގައި ވާހަކަދެއްކުމުގައި ބޭނުންކުރުމެވެ. މިއީ ހުސް ހެޔޮބަސްތަކެވެ. އެފަދަ ހެޔޮބަހެއް ބުނެވޭނޭ ޙާލަތެއް މެދުވެރި ނުވާ އެންމެހައި ވަގުތުތަކެއްގައި ދޫ ހަމަހިމޭނުން ބޭއްވުމެވެ. ދޫ ނުބައިގޮތުގައި ބޭނުން ނުކުރުމެވެ. ނުވަތަ ހުއްދަ ވާހަކަތައްވެސް ނުދައްކާ ހަމަހިމޭނުން ހުރުމެވެ. އެހެނީ ވާހަކައެއް ނުދައްކާ ހުރެގެން އެކަމާ ހިތާމަކުރަން ނުޖެހޭނެއެވެ. ނަމަވެސް ދެކެވޭ ވާހަކައެއްގެ ސަބަބުން އެކަމާ ހިތާމަކުރަން ޖެހެނީ ކިތައް ފަހަރުހެއްޔެވެ.

އޭގެ އިތުރުންވެސް ވާހަކަ ދެއްކުމުގައި ވިސްނަންޖެހޭ އަނެއްކަމަކީ ތިމާގެ އަމިއްލަ ނަފްސާއި އެކަށީގެންވާ ވާހަކަ ދެއްކުމެވެ. ތިމާގެ އަމިއްލަ ނަފްސުގެ ފެންވަރުން ވާހަކަ ދެއްކުމެވެ. ވާހަކަ ދެއްކުމުގައި މެދުމިންގަނޑު ގެންގުޅުމެވެ. ބަޔަކު މީހުންގެ ތެރޭގައި ހުންނައިރު އެތަނުގައި ތަފާތު ފެންވަރުގެ މީހުން ތިބޭނޭކަން ރަނގަޅަށް ދެނެގެން އެބައިމީހުންނާ ވާހަކަ ދައްކާ އުޅުމެވެ. އެފަދަ މާޙައުލެއްގައިވެސް ހެޔޮބަހެއް ނޫނީ ނުބުނުމެވެ. އަދި ހެޔޮބަހެއް ބުނާއިރުވެސް ތިމާގެ ފެންވަރަށްވުރެ މާބޮޑެތި ވާހަކަ ނުދެއްކުމެވެ. އެއީ އެތަނުގައި އަޑުއަހަން ތިބޭމީހުންގެ ނަފްރަތު ތިމާއަށް ރައްދުވެދާނެ ކަމެކެވެ. އަދި ތިމާގެ ފެންވަރަށްވުރެ މާދަށުދަރަޖައިގެ ވާހަކަ ދައްކައިފި ނަމަ، އެހެންމީހުން ތިމާގެ އަގު ދައްކޮށް މާދެރަ ނިކަމެތި މީހަކަށްވެސް ހަދާފާނެއެވެ. އަދި ވާހަކަ ގިނަވެއްޖެ ނަމަ ގިނަފަހަރު ދެއްކޭނީ ފޮނިކެނޑުމުގެ ވާހަކަތަކެވެ. ނުވަތަ އެހެންމީހުންނަށް ނިކަމެތިކަން އަންނާނޭ ފަދަ ވާހަކަތަކެވެ. އަދި އެފަދަ ވާހަކަތަކެއް ދެކެވޭއިރު ކައިރީގައި ތިބޭ މީހުންގެ އިޙްސާސްތަކަށް ވާނޭ ގޮތެއްވެސް ގިނަފަހަރު އޮންނަނީ ވިސްނާ ނުލެވިފައެވެ.

ވީމާ ވާހަކަދެއްކުމުގައިވެސް އިޚްލާޞްތެރިކަމާއި ތެދުވެރިކަން ހުންނަން ޖެހެއެވެ. ހެޔޮ ވާހަކައެއްވެސް ދައްކާއިރު، ތިމާގެ އަމިއްލަ ފެންވަރުން ވާހަކަ ދައްކަންޖެހެއެވެ. ސީދާވެގެންވާ ބުނުމަކުން ހެޔޮ ރަނގަޅު ވާހަކައެއް ނޫނީ ބުނެގެން ނުވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا﴾ سورة الأحزاب:70 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ސީދާވެގެންވާ ބަހުން ބަސްބުނާށެވެ.]

އަޅަމެންނީ އަޅަމެންގެ ދޫ ރައްކާތެރިކުރާ ބަޔަކުކަމުގައި ލައްވާ، އަޅަމެންގެ ދުލަކީ އަބަދުވެސް އޭގެ ހެޔޮގޮތުގައި ބޭނުން ކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *