އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިދާރީ އޮފީސް ތަޅާލައި އެ ބިމުގައި އަޅާ 10 ބުރީގެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މިއަދު ހެނދުނު 10 ޖެހިއިރު އޮތް މި ރަސްމިއްޔާތުގައި އެ އިމާރާތުގެ ބިންގާއަޅުއްވައި ދެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު އާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ އަޙްމަދިއްޔާގައި އެ ސްކޫލުގެ އަމިއްލަ ޚަރަދުގައި ހަދާ މި އިމާރާތުގައި ކްލާސްރޫމްތަކާއި އިދާރީ އޮފީސް ބައިގެ އިތުރުން ޕްރިންސިޕަލްގެ އޮފީހާއި، އެސިސްޓެންޓް ޕްރިންސިޕަލުންގެ އޮފީހަކާއި، ލީޑިންގ ޓީޗަރުންގެ އޮފީހަކާއި، ނަމާދު ކޮޓަރިއަކާއި، ކެންޓީނާއި، އައިސީޓީ ލެބަކާއި، ލައިބްރަރީއާއި، އިމްތިޙާން ހޯލާއި، ހެލްތު ރޫމާއި، އިންޑޯ ސްޕޯޓްސް ހޯލަކާއި، މީޓިންގ ރޫމް އަދި ސްޓާފްރޫމް ހިމެނޭނެއެވެ.
ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ފެޑޯ ކޮންސްޓްރަކްޝަން ކުންފުންޏާއި ހަވާލުކޮށްގެން ހަދާ މި އިމާރާތަށް 32 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
އަހުމަދިއްޔާއަކީ މާލޭގައި އެއް ހިޔާވައްސެއްގެ ދަށުގައި ޕްރީ ޕްރައިމަރީ، ޕްރައިމަރީ ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.