އާރޓިކަލް 99 : ޗުއްޓީގައި މަޖާކުރުމުގައިވެސް ޙައްދެއް އޮންނަންވާނެއެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ޗުއްޓީއަކީ ވަރަށް ބުރަކޮށް މަސައްކަތްކޮށް ނުވަތަ ކިޔެވުމުގައި ގިނަވަގުތުތަކެއް ހޭދަކުރުމަށްފަހު، ނުވަތަ ދިރިއުޅުމުގެ ބޮޑެތި ޒިންމާތަކެއް އުފުލުމަށްފަހު އެކަންކަމުން އެކަހެރިވެލައި، ހައްޓަށް ލުޔެއް ދިނުމަށްޓަކައި އަރާމުކޮށްލުމަށް ދުވަސްތަކެއް ހޭދަކުރުމެވެ. މިގޮތަށް އާންމުކޮށް ވަގުތު ހޭދަކުރުމަށްދަނީ އާއިލާގެ މެންބަރުންނާއެކު ނުވަތަ ރަޙްމަތްތެރިންނާ އެކުގައެވެ. މިފަދައިން ވަގުތު ހޭދަކުރުމުގައި، އެންމެ ޢާންމުކޮށް ކުރެވޭ ކަމަކީ މަޖަލުގައި ވަގުތު ހޭދަކުރުމެވެ. އަދި އެކުގައި ވަގުތު ހޭދަކުރަމުންދާ ޖަމާޢަތުގެ އެންމެން ހޭނެ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ކުރުމެވެ. ނުވަތަ ގިނަވަގުތުތަކެއް ހީ ސަކަރާތް ޖެހުމެވެ. މިފަދައިން ޢާންމު އުޞޫލުން ހީ ސަކަރާތް ޖެހުމަކީ ދީނުގައި ހުއްދަ ކަމެއް ކަމުގައިވީ ނަމަވެސް، އެކަމުގައިވެސް ދީނީގޮތުން ވަކި ޙައްދެއް އޮންނަން ޖެހެއެވެ. އެމިންގަނޑުތަކުން ބޭރުވެއްޖެ ނަމަ، އެސަކަރާތާ މަޖަލުގެ ސަބަބުން އެކަމުގައި މަޝްޣޫލުވާ މީހަކު ފާފަވެރިވެދާނެއެވެ.

މީގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ކަމަކީ، މަޖާކުރުމުގައި މަދުން ނަމަވެސް ފެންނަ، އެނގިގެން ނަމަވެސް އަދި ނޭނގި ނަމަވެސް ދީނަށް ނިސްބަތްކޮށް މަޖާކުރުމެވެ. މިފަދަ ބައެއް މަޖާކުރުމުގައި އެކުވެރިން އެކަކު އަނެކަކު ދީނީ ވާހަކަތައް ދެއްކުމުގައި އުޅެމުން، ބައެއް ޖޯކުތައް ކިޔާހަދައެވެ. އަދި އެމަޖާ ހައްދުން ނެއްޓި، މާތްﷲ ގެ ވަޙީބަސްފުޅަކަށް ނިސްބަތް ކޮށް ނުވަތަ ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅަކަށް ނުވަތަ ޢަމަލުފުޅަކަށް ނިސްބަތްކޮށް ނުވަތަ ދީނުގެ ކޮންމެވެސް ކަމަކަށް ނިސްބަތްކޮށް މީހުން ހެއްވާލުމަށް ކޮންމެވެސް އެއްޗެއް ބުނެލައެވެ. މިފަދައިން ބުނުމުން އެންމެން އެކަމާ ހިނިގަނޑު ފަޅައިގެން ދާހިނދު އެއްވެސް މީހަކަށް އޭގެ ފާފައިގެ ބޮޑުކަން ހިތަށްވެސް ނުގެނެވެއެވެ. އެފަދަ މަޖަލަކީ އެމަޖަލުގެ ސަބަބުން ދީނުންވެސް ބޭރުވުން އެކަށީގެންވާ ކަމަކަށްވެދެއެވެ. އެއީ މާތް ﷲ ގެ އާޔަތްތަކަށް އެޖޯކު ޖެހުން ނިސްބަތް ކުރެވިއްޖެ ނަމަ، އެމީހަކު ދީނުން ބޭރުވެދާ ޢަމަލެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَõ لَا تَعْتَذِرُواْ قَدْ كَفَرْتُم بَعْدَ إِيمَٰنِكُمْ﴾ سورة التوبة:65-66 މާނައީ: [އަދި ތިޔަނަބިއްޔާ އެބައިމީހުންނާ ސުވާލުކޮށްފިނަމަ، އެބައިމީހުން ބުނާނެތެވެ. އެއީ (މަލާމާތްކުރުމުގެ) އެއްވެސް ގަސްދެއްނެތި، މަޖަލަކަށް ދެއްކި ވާހަކަތަކެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މަލާމާތްކުރަމުން ދިޔައީ ﷲ އަށާއި އެކަލާނގެ އާޔަތްތަކަށާއި އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟! ތިޔަބައިމީހުން އުޒުރު ނުދައްކާށެވެ. ތިޔަބައިމީހުން އީމާންވުމަށްފަހު ކާފަރުވެއްޖެކަން ކަށަވަރެވެ.] ވީމާ އާޔަތަކަށް ނިސްބަތްކޮށް ނުވަތަ ﷲ އަށާއި ރަސޫލާއަށް ނިސްބަތްކޮށް އެއްވެސް ކަމެއް މަޖަލަކަށް ހަދައިގެން ނުވާނެއެވެ. އެއީ އެކުގައި މަޖާކުރުމުގައި ތިމާމެން ކުޑަކަމެއް ކަމުގައި އަދި މަޖަލެއް ކަމުގައި ދެކުނަސް ﷲ ގެ ޙަޟްރަތުގައި ނުހަނު ބޮޑު ކަމަކަށް ވެދާނެއެވެ. ބައެއް މީހުންގެ ގާތުގައި އާޔަތެއްގައި އިންނަ ޢަރަބި ބަހަކާއި ދިވެހިބަހަކާ އެއްވައްތަރުކޮށް އިނދެއްޖެނަމަ، ދިވެހިން ވާހަކަ ދެއްކުމުގައި ޤުރުއާނުގެ އެބަސް މަޚްރަޖައަށް ކިޔައި ދިވެހިބަހުގެ ޖުމްލައިގެ ތެރެއަށް ލައިގެން ކިޔުމާއެކު، އެންމެން އެކުގައި ހީގަނެއެވެ. މިއީވެސް ޤުރުއާނުގެ ބަހަކަށް މަލާމާތް ކުރުން ކަމުގައި ވާނެއެވެ. ޗުއްޓީގައި މަޖާކުރުމުގައި މިފަދަ ކަންކަމުން އެކީގައި ދުރުހެލިވާން ޖެހެއެވެ.

އަނެއް ކަމަކީ ޗުއްޓީގެ މަޖާ ކަމުގައިވިޔަސް، އަދި އެތިބެވެނީ ﷲ ގެ އިލާހީވަންތަ ކަމުގެ ދަށުގައި، އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބައިގެންކަން ހަނދާނަށް ގެންނަން ޖެހެއެވެ. އެއީ ދީނީ ގޮތުން އައި ޗުއްޓީއެއް ނޫނެވެ. ކިޔެވުމާއި ވަޒީފާތަކަށް ޗުއްޓީ އައެއް ކަމަކު، ދީނަކަށް ޗުއްޓީއެއް ނާންނާނެއެވެ. ވީމާ ޗުއްޓީއެއް ކަމަކު، ބަރާބަރަށް ފަސްއިރު ފަސް ނަމާދު ކުރަންޖެހޭނެއެވެ. ނަމަވެސް އެހެން ރަށަކަށް ދަތުރުކޮށް ޗުއްޓީ ހޭދަކުރާނަމަ، ނަމާދު ކުރުމުގައި ދަތުރުވެރިޔާއަށް ލިބިފައިވާ ލުއިތަކުގައި ހިފިދާނެއެވެ. އެހެން ނަމަވެސް އެއްވެސް ފަރުޟު ނަމާދެއް ދޫކޮށެއް ނުލެވޭނެއެވެ. އެއިން ނަމާދެއް ދޫކޮށްލައިފިނަމަ، އެއީ ދީނުގައި ހުރި މީހަކަށް ކުރެވޭނެ އެންމެބޮޑު ފާފަކަމުގައި ވެދެއެވެ.

އަދި ހަމައެއާ އެކު، ދީނީގޮތުން ޙަރާމް ކަންކަންވެސް ޗުއްޓީގައި އުޅުނަސް ހަމަ ޙަރާމްވާނެއެވެ. މިސާލަކަށް ދޮގުހެދުމަކީ ޗުއްޓީ ނޫނަސް އަދި ޗުއްޓީއަކަސް، މަޖާކުރުމުގައިވެސް ހުއްދަ ނުވާނެ ކަމެކެވެ. މީހުން ދައްކާ ވާހަކަތައް ލިޔެ ރެކޯޑުކުރައްވާ މަލާއިކަތުން، އިންސާނުން ޗުއްޓީ ނެގުމުން، އެބޭކަލުން ޗުއްޓީއެއް ނުނަންގަވާނެއެވެ. އެބޭކަލުންނީ އިންސާނުންގެ ދިރިއުޅުމުގެ ކޮންމެ ވަގުތެއްގައިވެސް ޢަމަލުތަކާއި ބަސްތައް ބަރާބަރަށް ރެކޯޑުކުރައްވަމުން ގެންދަވާ ބޭކަލުންނެވެ. ވީމާ ކޮންމެ ދުވަސްވަރެއްގައި ވިޔަސް، ތިމާ ބުނާ ކޮންމެ ބަހަކަށް ތިމާ ޒިންމާ ނަގަންޖެހޭނެއެވެ. ދޮގު ހެދުމަކީ ނަރަކައަށް އެމީހަކު މަގުފަހި ކޮށްދޭ ނުބައިވެގެންވާ ފާފައެކެވެ. ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((وإِيَّاكُمْ والْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، ومَا يَزَالُ الرَّجُلُ يَكْذِبُ ويَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا)) މާނައީ: [އަދި ތިޔަބައިމީހުން ދޮގުހެދުމާއި ދުރުހެލިވާށެވެ. އެހެނީ ހަމަކަށަވަރުން ދޮގަކީ ނުބައިކަމުގެ މަގަށް މަގުދައްކާ ކަމެކެވެ. އަދި ނުބައިކަމުގެ މަގަކީ ނަރަކައަށް މަގުދައްކާ ކަމެކެވެ. އަދި މީހާ ދޮގުހެދުމުގައި ދެމިހުރެ، ކިރިޔާވެސް ދޮގެއް ހަދާލެވޭނަމަ އެކަމަށް ހޭނި ދޮގުހަދަމުން ހަދަމުން، ﷲ ގެ ޙަޟްރަތުގައި އޭނާއަކީ ދޮގުވެރިއެއް ކަމުގައި ލިޔުއްވެންދެން އޭނާ އެކަމުގައި ދެމިހުރެއެވެ.]

އަޅަމެންނީ ޗުއްޓީ ހޭދަކުރުމުގައިވެސް ދީނީ ޝަރުޢީ މިންގަނޑުތަކުން ބޭރު ނުވާ ބައެއްގެ ގޮތުގައި ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *