ބުރާސްފަތި, 24 އޭޕްރިލް 2025

އާރޓިކަލް 100 : މަޖަލަކަށްވެސް ދޮގުހަދަންވާނެތަ؟

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މިދުވަސްކޮޅަކީ ވަރަށް ގިނަދަރިވަރުން މަޖަލުގައި ވަގުތުތައް ހޭދަކުރަމުންދާ ދުވަސްވަރެކެވެ. ސަބަބަކީ ޢާއިލާ އާއި އެކުވެރިންނާއެކު ގިނަވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ލިބިފައިވުމެވެ. ތަފާތު ގިނަ ބަޔަކު އެއްބައެއްގެ ގެއަށް އަނެއްބަޔަކު ޒިޔާރަތް ކުރުމުގައި އަވަދިނެތި އުޅެމުންދާ ދުވަސްވަރެކެވެ. މޫދުގައާއި އަތިރިމަތީގައާއި ވަލުތެރޭގައާއި ކުޅިވަރުގެ ދަނޑުތަކުގައި ވަގުތުތައް ހޭދަކުރަމުންދެއެވެ. މިގޮތަށް އުޅުމުގައި ދަރިވަރުންވެސް އަދި އެނޫން މީހުންވެސް ވަރަށްބޮޑަށް އުފާކޮށް އުފާވެރި މާޙައުލެއްގައި އުޅެން ބޭނުންވެއެވެ. މިގޮތަށް އުފާކުރުމުގައިވެސް ތިމާމެން ކިތަންމެ ކުރަން ބޭނުންވިޔަސް އެކަމެއް ދީނުގައި މަނާކުރައްވާފައިވާކަން އެނގުމުން، ދެން އެކަމެއް ކުރުމާއި ދުރުހެލިވާންޖެހޭނެއެވެ.

އެގޮތުން މާޙައުލުގެ އުފާވެރިކަން ބިނާކުރުމަށް ޒުވާނުންނާއި ބޮޑެތިމީހުންވެސް ކޮށްއުޅޭ ކަންކަމުގެ ތެރެއިން، ދޮގުހެދުމަކީ ވަރަށްގިނައިން ކޮށްއުޅޭ ކަމެކެވެ. ދީނީ ގޮތުން ދޮގުހެދުމަކީ ޙަރާމްކަމަކަށް ވާއިރުވެސް ވަރަށް ފަސޭހައިން މިއަދު މުސްލިމް ޖީލު ދޮގުހެދުމާ ގަޔާވެފައިވާ ކަމަކަށް ވަނީ ވެފައެވެ. ޢާންމުކޮށް ދޮގުހަދަނީ، ތިމާ ގެއްލުމަކުން ސަލާމަތްވުމަށް ނުވަތަ އެހެންމީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައެވެ. ރަނގަޅު ވާހަކައެކެވެ! އުފާކުރުމަށް ދޮގުހަދާއިރު މިފަދަ ނިޔަތެއް ނޯވެއެވެ. އެއްވެސް މީހަކަށް ގެއްލުން ދިނުމުގެ ގޮތުން ދޮގުހެދުމަކީ އެފަދަ ދޮގުތަކުން ކުރާކަމަކަށް އެކަން ނުވެއެވެ. އަދި ތިމާމީހާވެސް އެކަން ކުރަނީ ބޮޑު ޖަރީމާއެއް ހިންގުމުގެ ނިޔަތަކު ނޫނެވެ. ހަމައެކަނި މަޖަލަކަށް އުފާކޮށްލުމަށެވެ. އެހެން މީހުން ހެއްވާލައި މާޙައުލު އުފާވެރި މާޙައުލަކަށް ހަދާލުމަށެވެ. އެހެންވިޔަސް އެއީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. މަޖަލަކަށްވެސް ދޮގެއް ހަދައިގެން ނުވާނެއެވެ. އަލްއިމާމް އައްތިރްމިޛީ އާއި އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައި، ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((وَيْلٌ لِلَّذِي يُحَدِّثُ بِالْحَدِيثِ لِيُضْحِكَ بِهِ القَوْمَ فَيَكْذِبُ وَيلٌ لَهُ وَيلٌ لَهُ)) މާނައީ: [ވާހަކަ ދެއްކުމުގައި މީސްތަކުން އެވާހަކައަކުން ހެއްވާލުމަށްޓަކައި ދޮގު ހަދައިފި މީހާއަށް ހަލާކު ހުއްޓެވެ. އޭނާއަށް ހަލާކުހުއްޓެވެ. އޭނާއަށް ހަލާކުހުއްޓެވެ.] މިކަމުން ދޭހަވެގެންދަނީ ދޮގުހެދުމަކީ ދީނުގައި ޙަރާމް ކަމަކަށް ވީހިނދު، މީހުން ހެއްވާލައި މަޖާކޮށްލުމަށް ދޮގު ހެދުމަކީ އެޙަރާމްކަމުން އިސްތިސްނާވާ ކަމެއްކަމަށް އަހަރެމެންނަށް ވިސްނުނެއް ކަމަކު، އެއީ އެފަދައިން ހުއްދަކޮށްފައިވާ ކަމެއް ނޫންކަން އެނގިގެންދެއެވެ. ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް، ކުރުން ހުއްދަވާ ވަކި ޙާލަތްތަކެއް ހުރެދާނެއެވެ. އެހެން ނަމަވެސް މީހުން ހެއްވުމަށް ދޮގުހެދުމަކީ އެފަދައިން ހުއްދަ ކޮށްފައިވާ ޙާލަތެއް ނޫނެވެ.

އެންމެކުޑަވެގެން އަޑުއިވޭ މީހާއަށް އެހެންމާނައެއް ވިސްނުނަސް، ތިމާ ބުނިބަހުގައި ދޮގު އެކުލެވިގެން ވާނަމަ، އެވާހަކައެއް ވާނީ ހުއްދަނޫން ވާހަކައަކަށެވެ. އެހެންނަމަވެސް އަނެކާއަށް ނުބައިކޮށް ވިސްނުނަސް ތިމާ ބުނެފައިވަނީ ތެދެއް ކަމުގައިވާނަމަ، އެއީ މައްސަލައެއް ނޫނެވެ. އެފަދައިން އުފާކޮށް މަޖާކޮށްލުމަށް ގަސްދުގައި އަނެކާއަށް ނުބައިމާނައެއް ވިސްނައި ދިނުމަށްވެސް އެއްޗެއް ބުނެލުމަކީ މައްސަލައަކަށް ނުވާނެއެވެ. ސަބަބަކީ އޭނާ ދޮގުހަދާފައި ނުވުމެވެ. ރަސޫލާ صلى الله عليه وسلم ގެ އަރިހުން އައްތިރްމިޛީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ރިވާވެގެންވެއެވެ: މުސްކުޅި އަންހެނަކު ރަސޫލާ صلى الله عليه وسلم ގެ އަރިއަހަށް ވަޑައިގެން، ތިމަންނާ ސުވަރުގެ ވެއްދެވުމަށް އެދި ދުޢާކޮށްދިނުމަށް އެކަލޭގެފާނުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ: ((إِنَّ الـجَنَّةَ لاَ يَدْخُلُهَا عَجُوزٌ)) މާނައީ: [ހަމަކަށަވަރުން މުސްކުޅިއަކު ސުވަރުގެއަކަށް ނުވަންނާނެއެވެ.] އެހިނދު އެއަންހެނާއަށް އެއީ އެކަމަނާ ސުވަރުގެ ނުވަންނާނެ ވާހަކަ ކަމަށް ވިސްނިގެން ރޮވުނެވެ. އެކަންތައް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެވާހަކަ އިތުރަށް އެކަމަނާއަށް އޮޅުންފިލުއްވައި ދެއްވަމުން ޤުރުއާނުގެ އާޔަތް ކިޔަވާ ވިދާޅުވެލެއްވިއެވެ: ﴿إِنَّا أَنْشَأْنَاهُنَّ إِنْشَاءً (35) فَجَعَلْنَاهُنَّ أَبْكَارًا﴾ سورة الواقعة:35-36  މާނައީ: [(ސުވަރުގޭގެ) އަންހެން ކަނބަލުން އެހެން އުފެއްދެވުމަކުން ތިމަންއިލާހު އުފައްދަވާ ހުށީމެވެ. އަދި އެއަންހެނުން ބިކުރުވެރީންގެ ގޮތުގައި ތިމަންއިލާހު ލައްވާހުށީމެވެ.] ވީމާ ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުން އެއަންހެނާއަށް ވިސްނުނީ ނުބައިކޮންނެވެ. ނަމަވެސް އެކަލޭގެފާނު ވިދާޅުވީ މަޖަލަކަށްވެސް ތެދުފުޅެކެވެ.

އަޅަމެންނީ އެކީއެކައްޗަކަށް ދޮގުހެދުމާއި ދުރުހެލިވެގެންވާ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *