ގިޔާމަތް ދުވަހު،މަޙްޝަރު ކުރެއްވުމަކީ، ދެވަނަ ތާޅަފިލި ފުމެލެއްވުމުން ޚަލްޤު ތަކުން އަލުން ދިރުއްވައި، ފުރާނަ އަޅުއްވައި މަޙްޝަރުބިމަށް ޖމާ ކުރެއްވުމެވެ. އަރަހުށި މާތް ﷲ ކީރިތި ގުރްއާނުގައި މިކަން ބަޔާން ކޮށްދެއްވާފައި ވެއެވެ. އަދި އެކަލާނގެ ފޮނުއްވި މާތް ރަސޫލާصلى الله عليه وسلم ގެ ސުންނަތުގައި ވެސް މިވާހަކަތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާފައި ވެއެވެ. އަދި ސަލާމަތް ބުއްދިއާއި ފިޠުރަތު ވެސް މިކަންކަމަށް ތާއީދު ކުރެއެވެ. އެހެން ކަމުން މުހިއްމު ޢަޤީދާއާ ގުޅޭ އާޔަތްތަކާއި ޙަދީޘް ތަކާމެދު ވިސްނައި، ފިކުރުކޮށް، އެ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ހެޔޮ ޢަމަލު ކުރުމަކީ ހަމަކޮންމެ މުސްލިމެއްގެ މައްޗަށް އޮތް އެންމެ އިސް ވާޖިބެވެ. އެމީހެއްގެ އުޚުރަވީ، ދާއިމީ ޙަޔާތުގެ ބާއްޖަވެރި ކަމަށްޓަކައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
﴿ وَقُلِ الْحَقُّ مِن رَّبِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا ﴾
މާނައީ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން އައިސްފައިވާ ޙައްޤު ތެދެވެ. ފަހެ، ބޭނުން މީހަކު އީމާން ވާށެވެ! އަދި ބޭނުން މީހަކު ކަފިރުވެގަންނާށެވެ! ހަމަކަސަވަރުން ކާފިރުވެ، އަނިޔާވެރިވެގަތް މީހުންނަށް ތިމަން ރަސްކަލާނގެ ނަރަކަ ތައްޔާރު ކުރެއްވީމެވެ. އެނަރަކައިގެ އަލިފާނުގެ ފާރުތައް އެބައިމީހުން ވަށާލައިގެން ވެއެވެ. އެބައިމީހުން ފެނަށް އެދި ގޮވާލައިފިނަމަ އެބައިމީހުންނަށް ދެއްވާނީ ތެޔޮ ކުނޑިފަދަ ހޫނުކަން ގަދަ ފެނެކެވެ. އެއިން، މޫނުތައް ފިއްސައިލާނެއެވެ. އެބައިމީހުނަށް ލިބޭ ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭ ތަނެއްގެ ގޮތުން އެނަރަކައިގެ ނުބައިކަމާއެވެ!"
އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ، އެކަލާނގެ އަޅުތަކުންނަށް ދެމަގެއް ވަނީ ބަޔާންކޮށް ދެއްވާފައެވެ. އެއީ ހެޔޮކަމުގެ މަގާއި ނުބައިކަމުގެ މަގެވެ. ﷲ ދެއްވާފައިވާ އިޚްތިޔާރެއްގެ ދަށުން، ﷲ ގެ މިންވަރުފުޅާލައިގެން މި ދެ މަގުން ކުރެ ކޮންމެ މަގެއް ވެސް އިންސާނުންނަށް އިޚްތިޔާރު ކުރެވިދާނެއެވެ. މި ދެމަގުންކުރެ މަގެއް އިޚްތިޔާރު ކުރުމަށް އިންސާނުންނަށް އެކަލާނގެ މަޖުބޫރެއް ނުކުރައްވަތެވެ. އެހެންކަމުން، ކޮންމެ ކޮންމެ އިންސާނަކީވެސް އެމީހަކު ކުރާ ކަންތަކަށް މަސްއޫލުވާންޖެހޭ މީހެކެވެ. ކިރިތި ގުރްއާން ގައި އެތައް ފަހަރެއްގެ މަތިން ތަކުރާރު ކުރައްވައި، ތެދުމަގު ބަޔާންކޮށް ދެއްވާފައި ވެއެވެ. ހަމަ އެފަދައިން، ނުބައިމަގު އިޚްތިޔާރު ނުކުރުމަށާއި، އެމަގު އިޚްތިޔާރު ކޮށްފި ބަޔަކަށް، ކުރިމަތުވެދާނެ ޢަޛާބަކަށް އިންޛާރު ކުރެއްވުން ނުހަނު ގިނަގިނައިން ތަކުރާރު ކުރައްވާފައި ވެއެވެ. ނަރަކައިގެ ވޭންދެނިވި ގަދަފަދަ ޢަޛާބުގެ ވާހަކަވެސް ނުހަނު ގިނައިން ތަކުރާރު ކުރައްވާފައި ވެއެވެ. ވިސްނުމުގެ ބާރު އިންސާނުންނަށް އެކަލާނގެ ދެއްވާފައި ވެއެވެ. އެހެން ކަމުން ބޭނުންމީހަކު ކާފިރުވެގަންނާށެ އޮތް ބަސްފުޅަކީ ގަދަފަދަ ޢަޛާބު އެބަޔަކަށް ހުރިކަމުގެ އިންޛާރު ކުރެއްވުމުގެ ބަސްފުޅެކެވެ. ބިރުވެތި ވާންޖެހޭ ކަމެކެވެ. އިންސާނާ ﷲ އަށް އީމާންވަނީ، އޭނާގެ އަމިއްލަ އިޚްތިޔާރުންނެވެ. އީމާންވުމުގެ ފައިދާ ހުރީ ހަމަ އެމީހަކަށެވެ. އެހެން މީހަކަށް ނޫނެވެ. އެމީހަކަށް ކުޅަދާނަވި މިންވަރަކުން އެކަކު އނެކަކަށް ހެޔޮމަގު ބަޔާންކޮށްދޭން ޖެހެއެވެ. އެއީ އަމުރު ވެވިގެންވާ ކަމެކެވެ. ހެޔޮމަގު އިޚްތިޔާރުކޮށް، ހެޔޮ މަގުގައި ޘާބިތުވެ ތިބެ، ހެޔޮކަންތައް ކުރާ މީހުންނަށް ހުރި ހެޔޮކަމުގެ ބޮޑުކަމާއެވެ! އެބައިމީހުންނަށް ހުރި ޘަވާބުގެ މަތިވެރިކަމާއެވެ!
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا ﴾ މާނައީ: ހަމަކަށަވަރުން އިމާންވެ ޞާލިޙު ޢަމަލުތައް ކުޅަ މީހުން ދަންނާށެވެ! ހެޔޮކޮށް ކަންތައް ކުޅަ މީހެއްގެ ދަރުމަ ހަމަކަށަވަރުން ތިމަން ﷲ ގެއްލެނި ނުކުރައްވާހުށީމެވެ." އަދިވެސް ވަޙީކުރައްވާފައި ވެއެވެ.
﴿ أُولَٰئِكَ لَهُمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهِمُ الْأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ مُّتَّكِئِينَ فِيهَا عَلَى الْأَرَائِكِ ۚ نِعْمَ الثَّوَابُ وَحَسُنَتْ مُرْتَفَقًا ﴾
މާނައީ: " އެބައިމީހުންނަށް ޢަދްނޭ ކިޔުނު ސުވަރުގެތައް ހުށްޓެވެ. އެބައިމީހުންގެ ދަށުން ފެންކޯރުތައް ހިނގަ ހިނގާ ހުރެއެވެ. އެސުވަރުގެތަކުގައި ރަނުގެ އުޅާތަކުން އެބައިމީހުން ގައިގާ ގަހަނާ އެޅުވޭނެއެވެ. އަދި ފެހިކުލައިގެ ސުންދުސްއާއި އިސްތަބްރަޤު އެބަހީ: ފަލަފަށުވި ފޭރާން ލާނެއެވެ. އެތާނގައި އެބައިމީހުން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ ޙާލުގައެވެ. އެބައިމީހުންނަށް ހުރި ޘަވާބުގެ މޮޅުކަމާއެވެ! އަދި އެބައިމީހުން ތިބެނިވި ތަނެއްގެ ގޮތުން އެތާނގެ ރަނގަޅު ކަމާއެވެ.!"
(މަޢުލޫމާތު: ހުކުރު ޚުޠުބާ)