الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އަމިއްލަ ނަފްސަށްވެސް އަދި އެހެންމީހެއްގެ ނަފްސަށްވެސް ގެއްލުމެއްވާނެ އެއްވެސް ކަމެއް ކުރުމަކީ ދީނީ ގޮތުން ހުއްދަވާނެ ކަމެއް ނޫނެވެ. މުސްލިމުންނަކީ ވަރަށް ރިވެތި އަޚްލާޤެއްގެ ބައެކެވެ. އެބައިމީހުންގެ އަޚްލާޤީ ފެންވަރު ދަށްވެގެން ގޮސް ހީސަކަރާތުގައި މީހެއްގެ އަބުރަށް ނުވަތަ ހަށިގަނޑަށް ގެއްލުންވާނޭ ކަމެއް ކޮށްގެން ނުވާނެއެވެ. މިހާރު ބޮޑެތިވަމުން އަންނަ ޒުވާން ކުދިންނަށް ހީވާގޮތުގައި، މަޖާކަމެއް ނެތި ހީސަކަރާތުގައި ތެޅިނުފޮޅި، އެކަކު އަނެކަކުގެ ގަޔަށްބޮލަށް ނާރާ، މަޑުމައިތިރިކޮށް ތިބުމަކީ ވަރަށް ނާތަހުޒީބު މުސްކުޅި ގޮތްތަކެވެ. އެފަދަ މާހައުލުތަކަކީ އެއްވެސް ދިރުމެއް ނެތް ފޫހިކަން ބޮޑު މާހައުލު ތަކެއް ކަމަށް އެކުދިން ދެކެއެވެ. އެކުވެރިން އެއްތަންވާއިރުވެސް، މަޑުމައިތިރިކަމާއެކު ރިވެތި އަޚްލާޤެއްގައި ރިވެތިބަހުން އެކަކު އަނެކަކަށް އިޙްތިރާމާއެކު ވާހަކަ ދައްކާ މަޖްލީހަކީ، އެއްވެސް ގޮތަކަށް މިޒަމާނާއި ނުގުޅޭ، ޒަމާނަށް ނުފެތޭ، މީހަކު މަރުވެގެން އުޅޭ ކަހަލަ މަންޒަރެކެވެ. ވީމާ މީހަކު މަރުވެގެން ނޫނީ ބޮޑު ކާރިސާއެއް ހިނގައިގެން ނޫން ގޮތަކަށް އެގޮތަށް ބަޔަކު ތިބެގެން ނުވާނެއެވެ. ތެޅިފޮޅި، އަޑުގަދަކޮށް ހަދަންވާނެއެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ނެތް ހީކުރުން ތަކެކެވެ. އެގޮތަށް މުޅި މުޖުތަމަޢު އެންމެންވެސް އުޅުނެއް ކަމަކު، ހަމަ އަބަދުވެސް އެންމެ ރީތި ގޮތަކީ މީހުން އަބުރަށް އަރައިނުގަނެ، ސަކަރާތުގައި އެކަކު އަނެކަކުގެ ގަޔަށް އަތް ނުލާއުޅުމެވެ.
ބައެއް ޒުވާނުންނަށް ޖެހޭ ސަކަރާތުގައި، ވެދާނެ ކަމަށް ހީނުކުރާ ހިތާމަވެރި ކަންކަން ދިމާވެއެވެ. އެތަނުން އެކަކު ނުވަތަ ބަޔަކު ރުޅިއަންނަ ހިސާބަށްދާ ކަންކަން ދިމާވެއެވެ. އެތަނުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބޭ ހިސާބަށް ކަންކަން ދާފަހަރު އާދެއެވެ. ސަކަރާތް ޖަހަމުންގޮސް، ކުރެވޭ ކަމަކުން ލައިގެން ހުންނަ އަންނައުނު ފެނުން ފޯކޮށްލަފާނެއެވެ. އިށީންނަނިކޮށް ގޮނޑި ދަމައިގަނެ، ނުވަތަ އެކަކު އަނެކަކާ ދިމާއަށް އުކާ އެއްޗެއްގެ ސަބަބުން މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ވެދާނެއެވެ. ވިސްނުމެއްނެތި ބުނެވޭ އެއްޗަކުން އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް މަލާމާތް ކުރާ ހިސާބަށް، ނުވަތަ އަބުރާބެހޭ ހިސާބަށް ނުވަތަ ޒުވާބުކުރާ ހިސާބަށްގޮސް ރުޅިވެރިކަމާ، ނަފްރަތު އުފެދިގެން، މިތުރުން ހަތުރުންގެ ގޮތުގައި ވަކިވާންޖެހޭ ފަހަރުވެސް އާދެއެވެ. އަދި މަދުފަހަރެއްގައި އެކުވެރިންގެ ސަލާންކުރުމާއި ބައްދާލުމާއެކު ފެށުނު ބައްދަލުވުން، ތަޅާފޮޅުމަކުން ވަކިވެގެންދާ ފަހަރުވެސް ފެނެއެވެ. މިއީ މިކަންކަން ވާންޖެހޭ ގޮތެއް ނޫނެވެ. އެކުވެރި ކަމާއި އަޚްވަންތަކަމަށް ބުރޫއަރާނޭ އެއްވެސް ކަމެއް އެއްވެސް މުސްލިމަކު ކޮށްގެން ނުވާނެއެވެ. މުސްލިމުންނަކީ އަޚްވަންތަ ބައެއްގެ ގޮތުގައި ސިފަވުމަކީ، އެކަކު އަނެކަކަށް އަޚްވަންތަކަމުގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމެވެ. އެގުޅުމަށް ބުރޫއަރާނޭ އެއްވެސް ކަމެއް ނުކުރުމެވެ. އެގުޅުމަށް ބުރޫއަރާފާނޭ ކަންކަން އިޞްލާޙު ކުރުމެވެ. މާތް ﷲ ގެ ރަޙްމަތާއި އޯގާތެރިކަން އަހަރެމެން މުސްލިމުންނަށް ލިބުންވެސް ވަނީ އަހަރެމެންވެސް އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ ކަމޭހިތައިގެންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ ۚ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ﴾ سورة الحجرات:10 މާނައީ: [މުއުމިނުންވާކަން ކަށަވަރަކީ އަޚުންތަކެއް ކަމުގައެވެ. ފަހެ ތިޔަބައިމީހުންގެ އަޚުންގެ މެދުގައި ތިޔަބައިމީހުން އިޞްލާޙުކުރާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. އެއީ ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.]
ވީމާ ސަކަރާތުގައި އުޅޭއިރު އަޚްވަންތަކަން ގެއްލޭނޭ އެއްވެސް ކަމެއް ކުރުން ހުއްދަވެގެން ނުވެއެވެ. އަޚުންގެ މެދުގައި، އެކުވެރިންގެ މެދުގައި މައްސަލަޖެހޭ ކަންކަން ކުރުން ހުއްދަވެގެން ނުވެއެވެ. އަދި ޚާއްޞަކޮށް މަޖަލުގައިވިޔަސް މަޖާ ވިހަވެގެންގޮސްވިޔަސް، އެހެންމީހަކަށް އެއްޗެތިގޮވުން ނުވަތަ ތަޅައިގަތުން ވެގެންދާނީ ޤިޔާމަތްދުވަހުގައި އޭނާއަށް ލިބޭނެ ބަދު ނަޞީބަކަށެވެ. އެއީ އެހެންމީހަކަށް ދުލުން ނުވަތަ އަތުން ގެއްލުން ދިނުމުގެ ފާފަ އޭނާގެ ބޮލުގައި އެޅޭނެއެވެ. އިބްނު މާޖާ ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ ޙަދީޘް ކުރެއްވިއެވެ: ((لا ضَررَ ولا ضِرارَ)) މާނައީ: [ގެއްލުމެއް ލިބިގަތުމެއްވެސް އަދި ގެއްލުމެއް ދިނުމެއްވެސް ނުވެއެވެ.] މާނައަކީ ތިމާގެ އަމިއްލަ ނަފްސަށް ގެއްލުމެއް ލިބޭނޭ ކަމެއް ކުރުން ހުއްދަ ނުވާނޭ ވާހަކައެވެ. އަދި އެހެންމީހަކަށްވެސް ގެއްލުމެއް ލިބިދާނޭ ފަދަ އެއްވެސް ކަމެއް ކުރުން ހުއްދަ ނުވާނޭ ކަމެވެ.
އަދި މީގެ ތެރޭގައި ސީދާ އަނެކާ އަށް ގެއްލުމެއް ދިނުމުގެ އެއްވެސް ނިޔަތެއް ނެތި ކުރެވޭ ކަމަކުން ވެސް ގެއްލުމެއް ލިބިދާނެއެވެ. ނަމަވެސް އެކަން ގެއްލުމެއް ދޭން ނުކުރި ނަމަވެސް، އެކަމެއް ކުރުމުން ގެއްލުމެއް ލިބިދާނެ ކަމުގެ އިޙްތިމާލު އޮންނަ ކަންކަން ކުރުންވެސް އެއީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. މިސާލަކަށް އިށީންނަން އުޅެނިކޮށް ގޮޑި ދަމައިގަތުން ނުވަތަ ކުއްލިއަކަށް ބިރުގަންނަވާލުން ފަދަ ކަންކަމަކީ އޭގެ ޒާތުގައި ބޮޑު އަނިޔާއެއް ލިބިދާނެ ނުވަތަ އެއްވެސް ގެއްލުމެއް ނުލިބިދާނެ ފަދަ ކަންކަމެވެ. ނަމަވެސް އެފަދަ ކަމަކުން ގެއްލުމެއް ލިބިއްޖެނަމަ، އެއީ އެތައް ބަޔަކު ފުން ހިތާމައެއް، ފަހުން ކުރަން ޖެހިދާނޭ ވަރުގެ ކަމަކަށް ވެދާނެއެވެ. އެފަދަ އިހްތިމާލެއް އޮތުމުން މަޖަލަކަށްވެސް އެކަހަލަ ކަންކަމުން ދުރުހެލިވާން ޖެހެއެވެ. އެންމެ ކުޑަމިނުން ކުއްލިއަކަށް ބިރުގަންނަވާ ލުމުންވެސް ނަފްސާނީ ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް އެމީހަކު ހިނގައިދާނެއެވެ. އެއީ ވަރަށް ބޮޑު ދާއިމީ ގެއްލުމަކަށް ވެގެންދެއެވެ. ނަމަވެސް އެކަމެއް ވުމުގެ ކުރިން، މަޖަލުގެ ޣަފްލަތުކަން މަތީގައި، އެކަން އެހެން ވެދާނެ ކަމަށް ކުޑަކޮށްވެސް ހިތަށް ގެނެވިފައި ނުވެއެވެ. ވީމާ ކަންކަން ކުރަންޖެހޭނީ ވިސްނައިގެންނެވެ. ބުނާ ކޮންމެ ބަހެއް ބުނާނީ ވިސްނާފައެވެ. ކުރާ ކޮންމެ ކަމެއް ކުރާނީވެސް ވިސްނާފައެވެ. އެކަމުން ތިމާއަށް އަދި އެހެންމީހަކަށްވެސް ގެއްލުމެއް ނުވާނޭކަން ޔަޤީންކޮށްފައެވެ.
އެންމެ ކުޑަމިނުން މަޖަލަކަށް ހަދާފައި ބިރުގަންނަވާލުމުންވެސް، އެކަމުން ލިބިދާނެ ގެއްލުމަކަށްޓަކައި ދީނުގައި އެކަން ވަނީ މަނާކުރެވިފައެވެ. އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: އަޞްޙާބު ބޭކަލުން ނަބިއްޔާ صلى الله عليه وسلم އާއެކު ރޭގަނޑެއްގައި ދަތުރެއްގައިވިއެވެ. އެހިނދު އެތަނުން މީހަކު ނިދިޖެހުނު އިރު އޭނާގެ އަތުގައި ވާގަނޑެއް އޮތެވެ. އެހިނދު އެތަނުން ބަޔަކު އޭނާގެ ގާތަށް ގޮސް، އޭނާ ހިފަހައްޓައިގެން އޮތް ވާގަނޑަށް ދަމައިގަތުމުން އޭނާ ބިރުން ހޭލެވުނެވެ. އެހިނދު ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((لا يحِلُّ لمسلمٍ أن يُروِّعَ مسلمًا)) މާނައީ: [އެއްވެސް މުސްލިމަކަށް އެހެން މުސްލިމަކު ބިރުގެންނެވުން ހުއްދަވެގެން ނުވެއެވެ.]
އަޅަމެންނީ ހުރިހާ ޙާލަތެއްގައިވެސް އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރި އަޚްވަންތަ ދުލުންނާއި ގުނަވަންތަކުން ގެއްލުމެއް ނުދޭނޭ ބަޔެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.