الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ދުނިޔޭގައި މާތް ﷲ ވަނީ ރަނގަޅު ތަކެއްޗާއި ގޯސްތަކެތި ލައްވާފައެވެ. ބައެއް މާޙައުލުތަކަކީ ގޯސްތަކެތި އެމުޖްތަމަޢެއްގެ މީހުން ބަލައިނުގަންނާތީވެ، ގޯސްތަކެތި މަދު ރަނގަޅު ތަކެތި ގިނަ މުޖްތަމަޢުތަކެވެ. ނަމަވެސް ދުނިޔޭގެ ގިނަމީހުންނަކީ މިއަދު ހެވެއް ގޯހެއް ބަލައިގަންނަ ބަޔަކަށް ނުވުމާއެކު، ދުނިޔޭގައި ދަތުރު ކޮށްލައިފި ނަމަ ރަނގަޅު ޞާލިޙު މީހަކަށް ވަރަށް ގިނަތަކެތި ޠާހިރުނޫން ގޯސްތަކެތީގެ ގޮތުގައި ފެންނަން ހުރެއެވެ. މިސާލަކަށް ދިވެހިރާއްޖޭގެ ވަށައިގެން މިވާ ގިނަ ގައުމުތަކަކީ މުސްލިމް ނޫން މީހުން ގިނަ ގައުމުތަކެކެވެ. އެގައުމުތަކުން ޙަލާލުގޮތުގައި ކަތިލެވިފައިވާ އެއްގަމު މަހެއް ހޯދުމަކީ އުނދަގޫކަމެކެވެ. ވީމާ އެތަކެތިވާނީ ރަނގަޅު ނޫން ޚަބީޘް ތަކެއްޗަށެވެ. އެތަކެތި ކިތަންމެ ގިނަވެފައި، ހިތްތަކުގެ ޝައުޤުވެރިކަން ކިތަންމެ ބޮޑަށް އެތަކެއްޗަށް ދަމައިގަތަސް، އެތަކެތި ވަނީ ހަޑިމުޑުދާރު ތަކެތީގެ ތެރެއިންނެވެ. އެތަކެއްޗާއި ހެޔޮރަނގަޅު ޠާހިރު ތަކެއްޗާއި ހަމަހަމަވެގެން ނުވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿قُل لَّا يَسْتَوِى ٱلْخَبِيثُ وَٱلطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ ٱلْخَبِيثِ ۚ فَٱتَّقُواْ ٱللَّهَ يَٰٓأُوْلِى ٱلْأَلْبَٰبِ لَعَلَّكُمْ تُفْلِحُونَ﴾ سورة المائدة:100 މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ހަޑިމުޑުދާރުތަކެތި ގިނަކަމަށްޓަކައި އަޖައިބުވާވަރު ވިޔަސް، ހަޑިމުޑުދާރު ތަކެއްޗާއި ހެޔޮރަނގަޅު ތަކެތި ހަމަހަމަވެގެން ނުވެއެވެ. ފަހެ ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. އޭ ބުއްދީގެ އަހުލުވެރީންނެވެ. ތިޔަބައިމީހުންނަށް ފަލާޙާއި ކާމިޔާބު ލިބުމަށްޓަކައެވެ.]
ވީމާ ޢަޤީދާއަށް ބަލައިލިޔަސް މާތް ﷲ ޤަބޫލުކުރައްވަނީ ހެޔޮރަނގަޅު ޢަޤީދާއެވެ. ހެޔޮރަނގަޅު ޢަމަލެވެ. ހެޔޮރަނގަޅު ބަސްތަކެވެ. އޭގެ އިދިކޮޅު ކަމުގައިވާ ނުބައި ޢަޤީދާއާއި ބިދުޢަޢާއި ނުބައި ޙަރާމް ޢަމަލުތަކާއި ނުބައި އަޚްލާޤާއި ނުބައި ނިޔަތްތަކުގައި ކުރެވޭ ޢަމަލުތަކަކީ ހުސް މުޑުދާރު ޢަމަލުތަކެވެ. މުއުމިނެއްގެ ސިފަތަކުގައި އެފަދަ ޢަމަލުތަކެއް ހުރެގެން ނުވާނެއެވެ. މިފަދަ ކަންކަން ނެތި މަރުވާ ފުރާނައަކީ ޙަޤީޤީ މުއުމިނުންނެވެ. އެފަދަ މުއުމިނުން މާތް ﷲ ސިފަކުރެއްވީ ރަނގަޅު ޠާހިރު ފުރާނަތަކެއްގެ ގޮތުގައެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُواْ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ﴾ سورة النحل:10 މާނައީ: [މަލާއިކަތުން އެބަޔަކު ޠާހިރު ރަނގަޅު ގޮތުގައި މަރުގެންދަވާ މީހުން ދަންނައެވެ. އެބޭކަލުން ބުނާނެތެވެ. ތިޔަބައިމީހުންނަށް ސަލާމް ހުއްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ސަބަބުން ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!]
ހޯދާ ޢާމްދަނީވެސް ރަނގަޅު ޠާހިރު ޙަލާލު ތަކެއްޗަށް ވާންޖެހެއެވެ. ޙަރާމްގޮތުގައި މަކަރާއި ޙީލަތާއި ކޮރަޕްޝަނުން ހޯދާ ޢާމްދަނީ އަކީ ޙަރާމް މުޑުދާރު މުދަލެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެފަދަ މުޑުދާރު މުދާ ޤަބޫލުނުކުރައްވައެވެ. އަދި އެއިން ކުރާ ހޭދައަކީވެސް މުޑުދާރު ޢަމަލެކެވެ. ﷲ سبحانه وتعالى ޤަބޫލުކުރައްވަނީ ހެޔޮ ރަނގަޅު ޞަދަޤާތެވެ. ޙަލާލު ގޮތުގައި ހޯދާފައިވާ އާމްދަނީން، ރަނގަޅު ނިޔަތުގައި ޞަދަޤާތް ދިނުމުން ނޫނީ އެކަލާނގެ ޤަބޫލު ނުކުރައްވަތެވެ. ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((مَنْ تَصَدَّقَ بِعَدْلِ تَـمْرَةٍ مِنْ كَسْبٍ طَيِّبٍ ، وَلَا يقبَلُ اللهُ إلَّا الطيِّبَ ، فإِنَّ اللهَ يتقبَّلُها بِيَمِيْنِهِ)) މާނައީ: [ޠާހިރު ގޮތުގައި ހޯދައިގެން ކަދުރުއޮށެއްގެ މިންވަރުވެސް ޞަދަޤާތް ކޮށްފި މީހާ ދަންނާށެވެ. ހަމަކަށަވަރުން ޠާހިރު ރަނގަޅު ތަކެތި ނޫނީ ﷲ ޤަބޫލު ނުކުރައްވަތެވެ. ފަހެ ހަމަކަށަވަރުން އެކަލާނގެ އެއެއްޗެއް އެކަލާނގެ ކަނާތްޕުޅުން ޤަބޫލުކުރައްވަތެވެ.] ވީމާ ޞަދަޤާތްވެސް ވާންޖެހޭނީ ރަނގަޅު ގޮތުގައި ދެވޭ ޙަލާލު ތަކެއްޗަށެވެ. އެއީ ކިތަންމެ ކުޑަ އެއްޗެއް ނަމަވެސް އެމުދަލެއްގެ ޠާހިރުކަން ޔަޤީންނަމަ އެކުޑަކުޑަ މުދަލެއްވެސް ﷲ سبحانه وتعالى ގެ ޙަޟްރަތުގައި އެއިން ލިބޭ ދަރުމައާއި ޘަވާބުގައި އެއީ ނުހަނު ބޮޑު އެއްޗަކަށް ވެގެންދެއެވެ.
ހަމައެފަދައިން ކެއިން ބުއިމުގައިވެސް ބޭނުން ކުރަންޖެހޭނީ ޙަލާލު ރަނގަޅު ޠާހިރު ތަކެއްޗެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُلُواْ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ﴾ سورة البقرة:172 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ދެއްވި ރިޒުޤުން، ރަނގަޅު ޠާހިރު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ.]
ފަހެ، ހަމަކަށަވަރުންވެސް އެކަލާނގެ ޠާހިރު ރަނގަޅު ތަކެއްޗަށް ލޯބިކުރައްވައެވެ. އަދި އެކަލާނގެ އަކީވެސް އެންމެހައި ޢައިބު ސިފަތަކުން ހުސްޠާޙިރުވެގެންވާ އިލާހެވެ. އެކަލާނގެ އަށް އެއްވެސް އުނިކަމެއް ލިބިވޮޑިގެން ނުވެއެވެ. މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((إِنَّ اللهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا)) މާނައީ: [ހަމަކަށަވަރުން ﷲ އީ (އެންމެހައި އުނިސިފަތަކުން) ޠާހިރުވެވޮޑިގެންވާ އިލާހެވެ. އެކަލާނގެ ރަނގަޅު ޠާހިރު އެއްޗެއް ނޫނީ ޤަބޫލު ނުކުރައްވަތެވެ.]
އަޅަމެންނީ ޙަލާލު ގޮތުގައި ރިޒުޤު ހޯދައިގެން ކައިބޮއި އުޅޭ، ޙަލާލު ގޮތުގައި ހޭދަކުރާ ބައެއްގެ ގޮތުގައި ލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.