މިއަހަރުގެ ޅެންވެރިންގެ ދުވަސް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމައިފިއެވެ. ލިޔުންތެރިންގެ ގުޅުމާއި އަޙްމަދިއްޔާ ގުޅިގެން ބާއްވާ މި ޖަލްސާ އޮންނާނީ މިއަހަރުގެ ޅެންވެރިންގެ ދުވަސް ކަމުގައިވާ 15 ޖެނުއަރީ 2023 ވާ އާދީއްތަ ދުވަހުގެރޭ (މާދަމާރޭ) އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މާލަމުގައެވެ. މިދުވަސް ފާހަގަ ކުރުމަށް ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން އަހްމަދިއްޔާއަށް ދެއްވި ދަޢުވަތު ގަބޫލު ކުރައްވައި ވީހާވެސް ފުރިހަމައަކަށް ޅެންވެރިންގެ ދުވަހުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.
ލިޔުންތެރިންގެ ގުޅުމުގެ ނާއިބްރައީސް ހަސަން ޝާކިރު މުޙައްމަދު ވިދާޅުވީ، މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ލިޔުންތެރިންގެ ގުޅުމުން ޚާއްސަކުރާ ޅެންވެރިޔަކީ، މަޝްހޫރު ޅެންވެރިޔާ އަލްފާޟިލް ރޯނުގޭ ޙަސަން މަނިކު ކަމުގައެވެ. މިޖަލްސާގައި ޙަސަން މަނިކުގެ ޅެންވެރިކަމުގެ މައްޗަށް ވާހަކަދެއްކުމާއި ޅެން ހުށަހެޅުމާއި އަޙްމަދިއްޔާގެ ލައިބްރަރީ އަށް ފޮތް ހަދިޔާ ކުރުމާއި ޅެންވެރިޔާ ގެ 8 ވަނަ އަދަދު ނެރުން އޮންނާނެ ކަމަށްވެސް ޝާކިރު ވިދާޅުވިއެވެ.
އަލްފާޟިލް ރޯނުގޭ ޙަސަން މަނިކަކީ ޅެންވެރިކަމުގެ ރޮނގުން ތަފާތު ދާއިރާތަކުން ޅެން ހައްދަވާފައިވާ އަދި މިހާރުވެސް ޅެން ހައްދަވަމުން ގެންދަވާ ވަރަށް ކުޅަދާނަ ޝާއިރެކެވެ.
ލަވައަށް ޝައުގުވެރިވެވަޑައިގަތުމުގެ ތެރެއިން ޅެންވެރިކަމުގެ ތެރެއަށް ވެންނެވުނު ޙަސަން މަނިކަށް ވަނީ، ދިވެހި އަދަބިއްޔާތަށް ޚިދްމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 2005ވަނަ އަހަރު ލިބިވަޑައިގެންފައެވެ.
ޙަސަން މަނިކު ވަނީ ޅެމާއި ލަވަ ހެއްދެވުމުގެ ގައުމީ ފެންވަރުގެ ތަފާތު މުބާރާތްތަކުން ފަޚުރުވެރި ގިނަ ކާމިޔާބީތަކެއް ހޯއްދަވައިފައެވެ.
މިހާތަނަށް ނެރުއްވާފައިވާ، ޙަސަން މަނިކުގެ ޅެން ފޮތްތަކުގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީން ޝާއިއުކުރެއްވި “ކަންދު” ގެ އިތުރުން ” ކުޑަކުދިންގެ ޅެން ފޮތް 1 ” އާއި ” ރޯދައިގެ ރިވެލި” އާއި “ތޭހައްޓި” ހިމެނެއެވެ. ވަރަށް ގިނަ ނޫސް މަޖައްލާތަކެއްގައި ޙަސަން މަނިކުގެ ޅެންތައް ޝާއިއުކުރެވިފައި ވާކަން ވެސް ފާހަގަކުރެވެއެވެ.