ޅެންވެރިންގެ ދުވަސް އަޙްމަދިއްޔާގައި ފާހަގަކޮށްފި

ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ލިޔުންތެރިންގެ ގުޅުމުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ގުޅިގެން ރޭ އަޙްމަދިއްޔާގައި ވަރަށް ކުލަގަދަ ޖަލްސާއެއް ބާއްވައިފިއެވެ. މިޖަލްސާގެ ޝަރަފްވެރި މެހްމާނަކީ، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނާއިބު އަލްފާޟިލް އަޝްރަފް ޢަލީ އެވެ.

މި ޖަލްސާގައި ލިޔުންތެރިންގެ ގުޅުމުގެ އިސްވެރިންނާއި، ޅެންވެރިންނާއި އަޙްމަދިއްޔާ އިންޓރނޭޝަނަލް ސްކޫލްގެ އިސްވެރިންނާއި މުދައްރިސުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންވެސް ބައިވެރިވިއެވެ.

ޅެންވެރިންގެ ދުވަސް މިފަހަރު ޚާއްޞަ ކޮށްފައިވަނީ ކުޅަދާނަ ޅެންވެރިޔާ ރޯނުގޭ ޙަސަން މަނިކަށެވެ. މިޖަލްސާގައި ހަސަންމަނިކަށް ހަނދާނީ ފިލައެއްވެސް އެރުވުނެވެ.

ޙަސަންމަނިކުގެ ހައްދަވާފައިވާ ޅެމެއްކަމުގައިވާ "ހަކުރުނާޅާ ހުސް ކަޅެއް"ގެ މައްޗަށް އަޙްމަދިއްޔާ 12 އެޗްގެ ޢާއިޝަތު ހަމްޔާ އިސްމާޢީލް ވާހަކަދެއްކިއެވެ. އަދި އަޙްމަދިއްޔާގެ ދަރިވަރުންކޮޅެއް ހަސަންމަނިކު ހައްދަވާފައިވާ "ޕެނެޑޯލް" ޅެމެއްވެސް ހުށަހެޅުން އޮތެވެ.

މި ޖަލްސާގައި ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ވާހަކަފުޅުދެއްކެވީ، ލިޔުންތެރިކަމުގެ ގުޅުމުގެ ރައީސް އޮންރަބްލް ޢައްބާސް އިބްރާހީމް (ނޢޢވ) އެވެ.

ލިޔުންތެރިންގެ ގުޅުމުގެ "ޅެންވެރިޔާ 2023″ ގެ ޅެންމުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމްދެއްވީ ޝަރަފުވެރި މެހުމާނު މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނާއިބު އަލްފާޟިލް އަޝްރަފް ޢަލީއާއި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. މުބާރާތުން 1ވަނަ ހޯއްދަވައިގެން މި އަހަރު ލިޔުންތެރިންގެ ގުޅުމުގެ “ޅެންވެރިޔާ 2023” ގެ ޝަރަފު ހޯއްދެވީ ކުޅުދުއްފުށީ ސިޓީ ، ދުރުމީ އަލްފާޟިލް އާދަމް އިބްރާހީމެވެ. 1 ވަނައިގެ އިތުރުން އާދަމް އިބްރާހީމް ވަނީ އެ މުބާރާތުން 2ވަނައާއި 7ވަނަ ވެސް ހޯއްދަވައިފައެވެ.

މުބާރާތުން  3ވަނަ ހޯއްދެވީ އަލްފާޟިލް ޢަބްދުﷲ ޝާކިރު (ހަތިފުށީޝާކިރު) އެވެ. މުބާރާތުން 5ވަނަ ހޯއްދަވާފައި ވަނީ ވެސް ހަތިފުށީ ޝާކިރެވެ.

ލިޔުންތެރިންގެ ގުޅުމުން ކޮންމެ އަހަރެއްގެ ޅެންވެރިންގެ ދުވަހު ޝާއިއުކުރާ ޅެންފޮތް “ޅެންވެރިޔާ” ގެ 7ވަނަ ނަންބަރު ރޭގެ ޖަލްސާގައި ނެރުއްވައިދެއްވީ، ޖަލްސާގެ  ޝަރަފުވެރި މެހުމާނު މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނާއިބު އަލްފާޟިލް އަޝްރަފް ޢަލީއެވެ.

މި ފަހަރުގެ “ޅެންވެރިޔާ”ގައި ވެސް މުބާރާތުން ވަނަތައް ހޯއްދެވި ޅެންވެރިންގެ ޅެންތަކާއި ރާއްޖޭގެ މަޝްހޫރު ބައެއް ޅެންވެރިންގެ ޅެންތައް ހިމަނާފައިވެއެވެ.

ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ދެވުނު ޅެންވެރިންގެ ދުވަހުގެ ޖަލްސާގެ ރަމްޒީފިލާ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި ހަވާލުކޮށްދެއްވީ ލިޔުންތެރިކަމުގެ ގުޅުމުގެ ރައީސް އޮންރަބްލް ޢައްބާސް އިބްރާހީމް (ނޢޢވ) އެވެ.

 

އަދި އަޙްމަދިއްޔާގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުންވެސް މި ޖަލްސާގައި އޮތެވެ. ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަހްމަދު ޝަފީޤެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *