الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ކުރެވޭ ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވި އޭގެ ހެޔޮދަރުމައާއި ޘަވާބު ލިބޭ ކަމަކަށްވަނީ އެޢަމަލުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވުމުންނެވެ. ހަމަކުރާ ކޮންމެ ހެޔޮކަމެއް އެއީ ޝަރުޠުތައް ފުރިހަމަ ނުވާނަމަ ޙަޤީޤީ ހެޔޮޢަމަލަކަށް ނުވާނެއެވެ. އެގޮތުން ފޭރިފައިވާ ބިމެއްގައި ނަމާދުގެ އަޅުކަން ކުރުމުން އެމާތް ހެޔޮޢަމަލު އެކުރެވުނީ ޙަރާމް ބިމެއްގައެވެ. މަޢުނަވީގޮތުން ޠާހިރު ބިމެއްގައެއް ނޫނެވެ. ރޯދަޔަށް ހުންނަމީހާ ހާރުކެއީ ނުވަތަ ރޯދަވީއްލަނީ ވަގަށްނަގާފައިވާ މުދަލަކުން ކަމުގައިވާނަމަ، އޭނާގެ ރޯދައިގައި ހަށިގަނޑު ކޮޅަށް ބެހެއްޓީ ޙަރާމް ކާތަކެތިންނެވެ. މަކަރާއި ހީލަތުން ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާއިން ޙައްޖުވީއެވެ. ޙައްޖުގެ އަޅުކަންވެސް އެއަދާކުރެވުނީ ޙަރާމްގޮތުގައި ހޯދާފައިވާ ފައިސާއިން ޚަރަދުކޮށްގެންނެވެ. މިޢަމަލުތައް ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވޭ ހެޔޮޢަމަލުތަކަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟
ހެޔޮޢަމަލެއް ފުރިހަމަވާނީ އެންމެފުރަތަމަވެސް މާތް ﷲ އަށް އީމާންވާންޖެހޭ ގޮތުގައި ފުރިހަމައަށް އީމާންވެގެންނެވެ. އެކަލާނގެ މަޢުރިފާކޮށް ދެނެގަނެގެންނެވެ. އެހެންނޫނީ ތިމާއަށް އަޅުކަން މިކުރެވެނީ ކޮން ފަރާތަކަށް ކަމެއް ނޭނގެއެވެ. އެހެޔޮޢަމަލެއް ރައްދު ކުރެވޭ މާތްކަމާއި މަތިވެރިކަން ލިބިވޮޑިގެންވާ އިލާހު އެމީހަކަށް ނޭނގޭ ކަމަށްވާނަމަ، އެކުރެވެނީ ކޮންފަދަ ބޭކާރު ޢަމަލުތަކެއް ހެއްޔެވެ؟ ދީނުގައިވާ އަޅުކަމާއި ހެޔޮކަންކަން ކުރަން އައިސްފައިވާ ޙައްޤު ގޮތް ނޭނގި ހެޔޮކަންކަން ކުރާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ދީނުގައިވާ ޙައްޤު ގޮތް އެނގޭ މީހަކަށް، ހެޔޮޢަމަލެއް ކުރާ މީހާއަށް ވާންވާނެއެވެ. ކުރާ ޢަމަލުތަކުގައި ހެޔޮ ރަނގަޅު ނިޔަތް އޮންނަންވާނެއެވެ. އިޚްލާޞްތެރި ނުވެ ކުރާ ޢަމަލުގައި ކުޑަ ނޫނީ ބޮޑު ޝިރުކު އެކުލެވިގެން ވެއެވެ. ވީމާ އެފަދައިން ހިތުގައި ތެދުވެރިކަމެއް ނެތް އިޚްލާޞްތެރިކަމެއް ނެތް ޢަމަލެއް ﷲ سبحانه وتعالى ގެ ހަޟްރަތުގައި ޤަބޫލުވެވިގެންދިއުން އެއީ ނެތް ގޮތެކެވެ. އަދި ހެޔޮކަންކަން ކުރާނެގޮތް އުންމަތަށް ބުނެދެއްވަން ﷲ سبحانه وتعالى ފޮނުއްވި ރަސޫލާ صلى الله عليه وسلم ވަނީ އެންމެހައި ހެޔޮޢަމަލެއް އަމިއްލަ ޢަމަލުފުޅުން ކުރައްވާ ނިންމަވާފައެވެ. ވީމާ އެކަލޭގެފާނު ނުކުރައްވާ ގޮތަކަށް ހެޔޮޢަމަލެކޭ ބުނެ ކުރުން ވާނީ ދީނަށް ވެވޭ ވަރަށްބޮޑު ޙަރާމްކޯރުވުމަކަށެވެ. ﷲ سبحانه وتعالى ޤަބޫލުކުރައްވާނީ އެރަސޫލާ صلى الله عليه وسلم އަށް އުންމަތުގެ މީހުން ތަބާވެ އެކަލޭގެފާނު ދެއްކެވި ގޮތަށް ކުރެވޭ އަޅުކަންތަކެވެ. އަދި އޭގެ އިތުރުންވެސް ހެޔޮޢަމަލެއްގައި ހުންނަން ޖެހޭ އިތުރު މުހިންމު ޝަރުޠެއް ވެއެވެ. އެއީ އެޢަމަލެއް ކުރުމުގައި ޙަރާމް ކަންކަމުން ދުރުހެލިވުމެވެ. ޚާއްޞަކޮށް ޙަލާލު ގޮތުގައި ފައިސާ ހޯދުމެވެ. އަދި ޙަލާލުގޮތުގައި އެހޭދަ ކުރުމެވެ. މިފަދައިން ހެޔޮޢަމަލު ކޮށް އުޅޭ މީހަކީ ޙަޤީޤަތުގައި މާތް ﷲ އެންގެވި ގޮތަށް ތަބާވެގެން ހެޔޮޢަމަލުކުރާމީހާއެވެ. އެކަލާނގެ ކުރަން އެންގެވި ގޮތަށް ކޮށް، ޙަރާމް ކަންކަމުން ދުރުހެލިވެހުރެ، ކުރިއަށް ދާމީހާއަކީ ތަޤްވާވެރިޔާއެވެ. މާތް ﷲ ޤަބޫލުކުރައްވަނީ އެގޮތުގައި ކުރެވޭ ހެޔޮޢަމަލުތަކެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ﴾ سورة المائدة:27 މާނައީ: [ހަމަކަށަވަރުން ﷲ (ހެޔޮޢަމަލުތައް) ޤަބޫލުކުރައްވަނީ ތަޤްވާވެރިންގެ ކިބައިންނެވެ.]
އަނބިދަރީންނަށް ކުރާ ހޭދަތައް ކުރަންވާނީ ޙަލާލު ފައިސާއިންނެވެ. ފަޤީރުންނަށް ދެވޭ ޞަދަޤާތް ދޭންވާނީ ޙަލާލު މުދަލުންނެވެ. ތިމާއާއި އަނބިދަރީން ކާންވާނީ ޙަލާލު ތަކެއްޗެވެ. ޙަރާމް ފައިސާއިން ގަނެގެން ކާތަކެތި އޭގެ ޒާތުގައި ޙަލާލުތަކެތި ކަމުގައިވީނަމަވެސް ޙަރާމް ފައިސާ އޭގައި އެކުލެވިގެން ވެއެވެ. ހަށިގަނޑު ގެ ތެރެއަށް އެދޫކޮށްލެވެނީ ޙަރާމް ތަކެއްޗެވެ. ޞަޙީޙް މުސްލިމްގައި ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ: ((لاَ يَقْبَلُ اللهُ صَلاَةً بِغَيْرِ طَهُورٍ وَلاَ صَدَقَةً مِنْ غُلُولٍ)) މާނައީ: [ވުޟޫނެތި ކުރެވޭ ނަމާދެއް އަދި ޚިޔާނާތުން ހޯދާފައިވާ ކެއުމަކުން ދެވޭ ޞަދަޤާތެއް ﷲ ޤަބޫލު ނުކުރައްވާނެތެވެ.] އެހެނީ ޞަދަޤާތް ވެސް ޤަބޫލު ކުރައްވާނީ ތަޤްވާވެރިންގެ ކިބައިންނެވެ.
އަދި ޙަރާމް ގޮތުގައި ފައިސާ ލިބުމަށްފަހު އެފަދަ ފައިސާއެއްގެ ޙުކުމާއި މެދު ބިރުވެތިވެ ތައުބާވެ އެފައިސާ އިން ސަލާމަތްވުމަށް އެދޭ މީހަކަށްވެސް އެފައިސާއިން ޞަދަޤާތް ދިނުން، ބައެއް ދަންނަބޭކަލުންގެ ގާތުގައި ނުވެއެވެ. ސަބަބަކީ ޞަދަޤާތަކީ ﷲ ގެ މަގުގައި ކުރެވޭ ހެޔޮޢަމަލެކެވެ. އެހެޔޮޢަމަލު ކުރުމަށް ޞަދަޤާތުގެ ގޮތުގައި ނެރެވޭނީ ޙަލާލު މުދަލެވެ. އެހެންވުމުން އަލްފުޟެއިލް ބުން ޢިޔާޟް رحمه الله ފަދަ ބައެއް ބޭކަލުން އެފަދަ މުދާ ނައްތާލުމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް މިއީ މިކަމުގައި އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެއެވެ. ސަބަބަކީ މުދާތައް ބޭކާރު ގޮތުގައި ނައްތާލާ އިސްރާފު ކޮށްލުމަކީ އެކަމެއް ދީނުގައި ނަހީކުރެވިފައިވާ ޢަމަލެކެވެ. އެހެންވުމުން އޭގެ ޙައްޤުވެރި ފަރާތް އެނގޭނަމަ އެމީހަކަށް އެޙަވާލުކުރާނީއެވެ. އަދި ނޭނގޭނަމަ އެމީހަކު ހޯދަން މަސައްކަތްކޮށް ހޯދިއްޖެ ނަމަ އެމީހަކާ ޙަވާލުކުރާނީއެވެ. އަދި ނުހޯދިއްޖެ ނަމަ އެނެއްމީހާއަށް އޭގެ އަޖުރު ލިބޭނޭ ގޮތުގެ މަތިން އެމީހެއްގެ ފަރާތުން އެއެއްޗެއް ޞަދަޤާތް ކުރާނީއެވެ. އެއަށްވުރެ އެކަމުން އެހެންމީހަކަށް ފައިދާ ކުރުން މާއައުލާކަން ބޮޑެވެ. މިފަދައިން އިމާމް ޝާފިޢީ رحمه الله ފަތުވާ ދެއްވާފައިވެއެވެ. ވިދާޅުވިއެވެ: ޙަރާމް މުދާ ފޮރުވާނީއެވެ. އޭގެ ޙައްޤުވެރި ފަރާތް ފެންނަންދެން އެއިން ޞަދަޤާތް ނުކޮށް މަޑުކުރާނީއެވެ.
ސުފްޔާން رحمه الله ވިދާޅުވިއެވެ: ބައެއްގެ އަތުން އެމީހުން ފޭރިގަނެފައިވާ އެއްޗެއް ގަނެފިނަމަ، އެމުދަލުގެ ވެރިފަރާތްތަކަށް އެމުދާ ރައްދު ކުރާނީއެވެ. އެކަމަށް ކުޅަދާނަ ނުވިނަމަ އެހުރިހައި ތަކެތި ޞަދަޤާތްކޮށް ހުސްކޮށްލާނީއެވެ. އެއިން އެންމެ ފައިސާފޮއްޗެއްވެސް ނަގައިގެން ނުވާނެއެވެ.
ވީމާ ތިމާ އަމިއްލައަށް އަދި އަނބިދަރީންނަށް މިފަދަ އެއްވެސް ޙަރާމް އެއްޗަކުން ޚަރަދު ކޮށްގެން ނުވާނެއެވެ. އެއީ ދީނުގައި ހުއްދަވެގެން ނުވާކަމެކެވެ. އެއީ ޢާއިލާއަށް އޮތް ހަލާކަކަށްވުންވެސް އެކަށީގެންވެއެވެ. އަނބިދަރީންގެ ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލުވާލުން ކަމުގައިވެސް ވެދާނެތެވެ. އޭގެ ސަބަބުން އެމީހެއްގެ ދުޢާ އިޖާބަ ނުކުރައްވައެވެ. މުސްލިމް އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ރަސޫލާ صلى الله عليه وسلم މިއާޔަތް ތިލާވަތު ކުރެއްވިއެވެ: ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُلُواْ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ﴾ سورة البقرة:172 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ދެއްވި ޙަލާލު ރަނގަޅު ރިޒްޤުން ތިޔަބައިމީހުން ކައިއުޅޭށެވެ] ދެން އެއަށްފަހު ދިގު ދަތުރެއް ކުރި މީހެއްގެ ވާހަކަ ކިޔައިދެއްވިއެވެ: [އޭނާގެ ބޯ ވަނީ ހޭވި ހިރަފުހުން ތަތްތެޅިފައެވެ. އޭނާގެ އަތް އުޑާ ދިމާއަށް ދަމާލާ ދުޢާ ކުރިއެވެ. އޭ ރައްބެވެ. އޭ ރައްބެވެ. އަދި އޭނަގެ ކާތަކެތި ހޯދާފައިވަނީ ޙަރާމް ގޮތުގައެވެ. އޭނާ ބޮއިފައިވަނީ ޙަރާމް ގޮތުގައި ހޯދި ތަކެއްޗެވެ. އަދި ލާފައިވަނީ ޙަރާމް ގޮތުގައި ހޯދި އަންނައުނެވެ. އަދި އޭނާގެ ކެއުން އެއީ ޙަރާމް ގޮތުގައި ހޯދާފައިވާ ތަކެއްޗެވެ. ދެން އޭނާގެ ދުޢާ އިޖާބަވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟]
އަޅަމެންނީ ޙަލާލު ގޮތުގައި ރިޒުޤު ހޯދައިގެން ކައިބޮއި އުޅޭ، ޙަލާލު ގޮތުގައި ހޭދަކުރާ ބައެއްގެ ގޮތުގައި ލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.