الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އެންމެހައި ދީންތަކެއްގައިވެސް ތަފާތު ވަކި ދުވަސްތަކަކީ މާތްކަމާއި މުޤައްދަސްކަން ލިބިގެންވާ ދުވަސްތަކެއްގެގޮތުގައި ޤަބޫލުކުރެއެވެ. އެގޮތުން ޔަހޫދީންނާއި ނަޞާރާއިންނާއި ބުދަށް އަޅުކަންކުރާ މުޝްރިކުންގެ ތެރޭގައިވެސް އެގޮތަށް ފާހަގަކުރާ ތަފާތު ދުވަސްތައްވެއެވެ. އަދި ބައެއްފަހަރު މުޅި މަސްވެސް ތަފާތު މުޤައްދަސް މައްސަރަކަށް ހަދައެވެ.
އިސްލާމްދީނަށް ބެލުމުންވެސް އެއީ ޙަޤީޤަތެކެވެ. އެއީ ﷲ سبحانه وتعالى ވަނީ ވަކި ވަގުތުތަކެއް އެއީ ޚާއްޞަ މާތްކަމެއް ލިބިގެންވާ ވަގުތުތަކެއް ކަމުގައި ކަނޑައަޅުއްވާފައެވެ. އެގޮތުން އަޅުކަންކޮށް ދުޢާކުރުމަށް ދަންވަރު ވަގުތު މާތް ކުރެއްވިއެވެ. ނުވަތަ ވަކިދުވަސްތަކެއް އެއީ އެހެންދުވަސްތަކުގެ މައްޗަށް މާތްކަމާއި މަތިވެރިކަން ލިބިގެންވާ ދުވަސްތަކެއް ކަމުގައި ކަނޑައަޅުއްވާފައެވެ. އެގޮތުން ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހާއި ރަމަޟާންމަހުގެ ފަހު ދިހަ ރެއެވެ. އަދި ވަކި މަސްތަކަކީ ޚާއްޞަ މާތްކަމެއް ލިބިގެންވާ މައްސަރެއް ކަމުގައި ކަނޑައަޅުއްވާފައެވެ. އެގޮތުން މުޅި ރަމަޟާންމަސް ކަނޑައެޅުއްވިއެވެ. ނަމަވެސް ޝަރުޢުގައި ﷲ سبحانه وتعالى އެގޮތަށް މާތް ނުކުރައްވާ ކޮންމެ ދުވަހެއް އެއީ ދުނިޔޭގެ އާބާދީގެ ކިތަންމެ ގިނަ ބަޔަކު މުޤައްދަސްކޮށް ފާހަގަ ކުރިކަމުގައިވީ ނަމަވެސް ބާޠިލު ޢަޤީދާއެކެވެ. މަގުފުރެދުމުގައިވާ ފިކުރަކާއި ޢަމަލެކެވެ. ވީމާ ކްރިސްޓިއަނުންގެ ކިތަންމެ ބޮޑު އާބާދީއެއް ދުނިޔޭގައި އޮވެފައި، އަދި އެހެންދީންތަކުގެ މީހުންނާ އެކުވެގެން ކްރިސްމަސް ފާހަގަ ކުރިކަމުގައިވިޔަސް އެފާހަގަކުރުން މާތް ﷲ ގެ ޙަޟްރަތުގައި ވާނީ ބާޠިލު ކަމަކަށެވެ. ހުރިހައި ރޮނގަކުން އިސްލާމްދީންވަނީ ފުރިހަމަވެފައެވެ. އެއީ ފާހަގަކުރަންޖެހޭ ދުވަސްކަމުގައިވީ ނަމަވެސްއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾ سورة المائدة:3 މާނައީ: [މިއަދު ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ދީން ތިމަންއިލާހު ފުރިހަމަ ކޮށްދެއްވައި ނިންމަވައިފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހުގެ ނިޢުމަތް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިޔަބައިމީހުންނަށް އިސްލާމްދީން އެއީ ދީންކަމުގައި ތިމަންއިލާހު ރުހިވޮޑިގެންފީމުއެވެ.]
މައްކާގެ މުޝްރިކުންގެ ގާތުގައި ޖާހިލިއްޔަ ޒަމާނުއްސުރެ ރަޖަބު މަހަކީ މާތްކޮށް މުޤައްދަސް ކުރަމުން ދިޔަ މަހެކެވެ. އަދި އެބައިމީހުންގެ މެދުގައި ޙުރުމަތްތެރިވެގެންވާ ހަތަރު މަހެއް ވިއެވެ. އިސްލާމްދީން އައުމަށްފަހު އެހަތަރު މަހުގެ ޙުރުމަތްތެރިކަން ދެމެހެއްޓެވިއެވެ. ނަމަވެސް އެމަސްތައް ޙުރުމަތްތެރި ކުރުމުގެ ގޮތުން ޖާހިލިއްޔަ ޒަމާނުގައި ގެންގުޅުނު ޢަޤީދާތަކާއި ޢަމަލުތަކާއި ތަފާތު އެކިއެކި ޙަރަކާތްތައް އިސްލާމްދީން ޤާއިމްވެ، އެއެންމެހައި ކަންކަމެއް ވަނީ ނަފީކޮށް އެކަންކަމަށް އިންކާރުކޮށް ނައްތާލާފައެވެ. ވީމާ އިސްލާމްދީނުގެ މަތީގައި ޤާއިމްވެ ސާބިތުވެ ވަޑައިގެންނެވި މާތް އަޞްޙާބު ބޭކަލުން، އެމަސްތައް ޙުރުމަތްތެރިވާކަމަށް ޤަބޫލުކުރުން ފިޔަވައި، އެމަހެއްގައި ނުވަތަ މުޅި އަހަރުގައިވެސް، ﷲ سبحانه وتعالى އާއި ރަސޫލާ صلى الله عليه وسلم ކުރުމަށް ކަނޑައެޅުއްވި ކަމެއް މެނުވީ ނުކުރައްވައެވެ. ވީމާ އެއެންމެހައި މާތްކުރުންތަކެއް ދޫނުކޮށް ހިފަހައްޓައިގެން ތިބީ، އެހިސާބުތަކުގައި އުޅުނު އިސްލާމް ނުވެ، ބުދަށް އަޅުކަން ކުރަމުންދިޔަ މަދު މީސްތަކުން ނުވަތަ ޢިލްމު މަދުން ފެތުރިފައިވި ހިސާބުތަކުގައި އިސްލާމްދީން ޤަބޫލުކުރި މީހުން، އެދީނަށް އުޅެމުން ކުރިން އެބައިމީހުން އުޅުނު ދީންތަކުގައި ހުރި ކަންކަންވެސް ދޫނުކޮށް އުޅުނު މީހުންގެ ތެރޭގައެވެ. އަދި އަޞްޙާބު ބޭކަލުން ދުނިޔެމަތީން މަދުވެ، ޢިލްމެއް ނެތް މުސްލިމުންތަކެއް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނަވެގެން ދިއުމުން، ޖާހިލިއްޔަ ޒަމާނުގައި ކޮށްއުޅުނު އެތައް ކަމެއް އަލުން ދިރި، ނުވަތަ އިސްލާމްދީނުގައި ނެތް އެތަކެއްކަމެއް ދީނުގެ ތެރެއަށްވަދެ އާކަންކަމާއި ބިދުޢަތައް އުފެދިގެން އައީއެވެ. އެގޮތުން ބަޔަކު މީހުން ރަޖަބުމަސްވެސް ދީނުގައި ކަނޑައަޅުއްވާފައި ނެތް މިންގަނޑަށް މާތްކޮށް ތަފާތު އެކި އަޅުކަންތައް އެމަހުގައި ކުރުމަށް ތަޢާރަފުކޮށް ކުރަމުން ގެންދިޔައެވެ. އަދި މިހާރުވެސް ކުރެއެވެ. އެގޮތުން އެބައިމީހުން ކޮންމެވެސް ޒަމާނެއްގައި، ޝަރުޢީ ދަލީލަކުން ކަނޑައެޅިފައި ނެތް ނުވަތަ ދޮގުޙަދީޘްތަކުގެ މައްޗަށް ބިނާކޮށް ރަޖަބުމަހުގެ ވަކިތާރީޚުތަކުގައި ރޯދަ ހިފުމާއި ނަމާދު ކުރުމާއި ތަފާތު ޛިކުރުތައް ކިޔުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔައެވެ. އަދި އެންމެފަހުން، އެމަހުގައި މިއަދު މުސްލިމުން ކުރާކަންކަން ޝަރުޢީ ލޮލަކުން ބަލައިލުމުން ފެނިގެންދަނީ މުޅި މަސް ބިދުޢަތަކުން ފުރާލާފައިވާ ތަނެވެ. މިއީ ކަނޑައެޅިގެން ޙަރާމްވެގެންވާ ކަންތައްތަކެވެ. މިވިސްނުންތައް އަޞްޙާބު ބޭކަލުންގެ ޒަމާނުގައިވެސް އެއްކޮށް ފިލައިގެން ނުދިއުމާއި ގުޅިގެން ބޮޑެތި ޢިލްމުވެރިއަޞްޙާބު ބޭކަލުންވަނީ އެހެނިހެން މީހުންނަށް އެކަންކަމުން ދުރުހެލިވުމަށް އަމުރުކުރައްވާފައެވެ.
"އަލްމުޞައްނަފު"ގައި އިބްނު އަބީ ޝައިބާ (ނަންބަރު 9758ގައި) ގެންނެވި ރިވާޔަތެއްގައިވެއެވެ: ޚަރަޝަތު ބުން އަލްޙުއްރު ވިދާޅުވިއެވެ: ރަޖަބު މަހުގައި މީސްތަކުންގެ އަތްތައް ތަށިތަކުގެ ތެރެއަށް ލައިގެން ކަންދެން، އަތްތިލަތަކުގައި ޢުމަރުގެފާނު ޖައްސަވަނިކޮށް ތިމަންނާ ދެކެވަޑައިގަތީމެވެ. އަދި ޢުމަރުގެފާނު ވިދާޅުވެއެވެ: (كُلُوا فَإِنَّـمَا هُوَ شَهْرٌ كَانَ يُعَظِّمُهُ أَهْلُ الـجَاهِلِيَّةِ) މާނައީ: "ތިޔަބައިމީހުން ކާށެވެ! ހަމަކަށަވަރުން އެމަހަކީ އެއީ ޖާހިލިއްޔަ ޒަމާނުގެ އަހުލުވެރިން މާތްކުރި މަހެކެވެ." އަދި އައްޠަބަރާނީ ގެންނެވި އެހެން ރިވާޔަތެއްގައިވާގޮތުން އެޞަޙާބީ ވިދާޅުވިއެވެ: "ރަޖަބޭހެއްޔެވެ! ރަޖަބު ވިއްޔާ ކޮންކަމެއް ހެއްޔެވެ! ޖާހިލިއްޔަ ޒަމާނުގެ އަހުލުވެރިން އެމަސް މުޤައްދަސްކުރާ ކަމުގައި ވިއެވެ. އިސްލާމްދީން އައުމަށްފަހު އެކަން ދޫކޮށްލެވުނެވެ." ވީމާ ޢުމަރު رضي الله عنه އެވަނީ މަނާކުރުމުގެ އެންމެ މަތީދަރަޖަ ކަމުގައިވާ، އަތުން އެކަން މަނާކުރައްވާފައެވެ.
ޢަބްދުއްރައްޒާޤު "އަލްމުޞަންނަފު" (ނަންބަރު:7854) ގައި ރިވާކުރެއްވިއެވެ: ޢަޠާ ވިދާޅުވިއެވެ: ރަޖަބު މަހުގެ އެއްވެސް ދުވަހެއްގައި ރޯދަހިފުން (ޞަޙާބީ) އިބްނު ޢައްބާސް މަނާކުރައްވާ ކަމުގައި ވިއެވެ. އެއީ އެމަސް ފާހަގަކުރާ (ޢީދެއްގެ) ގޮތުގައި ވިޔަނުދިމަށެވެ."
އިބްނު ތައިމިޔާ "އަލްމަޖްމޫޢު" ގައި ވިދާޅުވިއެވެ: "ޚާއްޞަކޮށް ރަޖަބުމަހާ ބެހޭގޮތުން އައިސްފައިވާ އެންމެހައި ޙަދީޘްތަކަކީ ޟަޢީފު ޙަދީޘްތަކެވެ. އަދި ކިއެއްހެއްޔެވެ! އެއީ ދޮގު މައުޟޫޢު ޙަދީޘްތަކެވެ."
އަޅަމެންނީ ރަޖަބު މަހުގައި ހައްދުފަހަނައެޅި މުންކަރާތްތަކާއި ބިދުޢަތަކުން ދުރުހެލިވެގެންވާ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.