އާރޓިކަލް 105 : ކޮންމެމީހަކަށްވެސް ވީވަރަކުން ހެޔޮކަންކަމަށް ގޮވާލާ ނުބައިކަންކަން މަނާކުރަންޖެހޭނެއެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މުޅި އިންސާނިއްޔަތަކީވެސް އެބަޔަކު ޤަބޫލުކުރާ ނުބައިކަންކަން އެމުޖްތަމަޢެއްގައި ހިނގުމަށް ބޭނުންވާނޭ ބައެއް ނޫނެވެ. އެހެންވުމުން ކޮންމެ މުޖްތަމަޢެއްގައިވެސް އެފަދަ ކަންކަމުން ހެޔޮރަނގަޅުމީހުން ދުރުހެލިވެއެވެ. އަދި އެކަންކަން ހުއްޓާލުމަށް ތަފާތު ގޮތްގޮތަށް ނަޞޭޙަތްތެރިވުމުގެ ޙަރަކާތްތައް އޮވެއެވެ. އަދި ނުވިތާކަށް އޭގެ ތެރެއަށް އެގައުމެއްގެ ކަމުއޮށިގެންވާ މީހުން ވަދެ، އެފަދަ ކަންކަން ގަދަބާރުންވެސް ހުއްޓުވުމަށް ގައުމުގެ އެންމެން ތަބާވާންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތައް ހަދާ ތަންފީޒުކޮށް އެކަންކަން ކުރާމީހުން ގަދަބާރުން ހުއްޓުވާ އެކަންކަމަށް އަދަބު ތަންފީޒު ކުރެއެވެ. ސަބަބަކީ މުޅި ގައުމުގެ ތަރައްޤީއަށްވެސް އެކަމުގެ އަސަރު ކުރާތީއެވެ.

މުސްލިމެއްގެ މިންގަނޑުގައި ހެޔޮކަމަކީ އިސްލާމީ ޝަރީޢަތް އެކަމެއް ކުރުމަށް ބާރުއަޅާ ކޮންމެ ކަމަކަށްވާއިރު، ނުބައި ކަންކަމަކީ އިސްލާމީ ޝަރީޢަތް އެކަންކަމަކުން ދުރުވުމަށް އަންގަވާފައިވާ ކޮންމެ ކަމެކެވެ. އެއީ އަޅުކަމުގެ ތެރެއިންވިޔަސް ނުވަތަ ދިރިއުޅުމާއި މުޢާމަލާތްތަކާއި އިޖްތިމާޢީ ކަންކަމުގައިވިޔަސް ނުވަތަ އަޚްލާޤީ މިންގަނޑުގެ ތެރެއިންވިޔަސް މެއެވެ. އެއިން ކޮންމެ ކަމެއްގައިވެސް ނުބައިކަންކަމުގެ ގޮތުގައި ކަންތައްތަކެއް ލޭބަލް ކުރެވިފައިވެއެވެ.

ހަމައެފަދައިން ދީނުގައި ކުރުމަށް ބާރުއަޅާ ކަންކަން މުޖްތަމަޢުގެ މީހުން ނުކުރާނަމަ ނުވަތަ އެކަންކަމަށް ފަރުވާކުޑަ ކުރާނަމަ، ހެޔޮލަފާ ރަނގަޅުމީހުން އެކަންކަން ކުރުމަށް ބާރުއަޅާ ނަޞޭޙަތްތެރިވެ އެކަންކަން ކުރުމަށް ހިތްވަރު ދޭންވާނެއެވެ. އަދި މިކަމަކީ މިއުންމަތް ހެޔޮ އުންމަތެއްގެ ގޮތުގައި ދެމިއޮތުމުގެ ހަތިޔާރެވެ. ހެޔޮކަންކަމަށް ގޮވާލާ ނުބައިކަންކަން މަނާކުރުން ނެތްނަމަ، އަހަރެމެންގެ އިސްލާމްދީނަކީ ދުނިޔެއަށް ފޮނުއްވުނު އެންމެ މާތް، އެންމެ ފުރިހަމަ ހެޔޮވެގެންވާ ދީންކަމުގައިވިޔަސް، އެދީނަށް އުޅެމުންދާ މީސްތަކުންނާއި އިސްލާމީ މުޖްތަމަޢުތަކުގެ ކިބައިން އެހެޔޮކަމާއި އެމާތްކަން ފިލައިގެން ދެއެވެ. އަދި އެއުންމަތެއްގެ ތެރޭގައި ވިޔާނުދާ ކަންކަން ފެތުރި، ދިރިއުޅުމުގެ މިންގަނޑުތަކުން ރިވެތި ދީނީ ޝިޢާރުތައް ނެތިގޮސް ކާފިރުންނެކޭ ތަފާތެއް ނެތް، ހެޔޮކަމެއް ނެތް އުންމަތަކަށް ބަދަލުވެދާނެތެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿ كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ ﴾ سورة آل عمران:110 މާނައީ: [މީސްތަކުންގެ ތެރެއިން ނެރެވުނު އެންމެހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވިއެވެ. ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކޮށް ނުބައިމުންކަރާތްތައް މަނާކުރެއެވެ. އަދި ތިޔަބައިމީހުން ﷲ އަށް އީމާންވެއެވެ.]

ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކޮށް މަނާކުރުމަކީ މިއުންމަތުގެ މީސްތަކުންގެ މައްޗަށް މާތް ﷲ އަމުރުކުރައްވާފައިވާ ވާޖިބެކެވެ. ދީނުގައި މިކަމުގެ ޙުކުމަށް ބަލައިފި ނަމަ މިއީ މުޅި މުޖްތަމަޢަށް ފަރުޟު ކުރައްވާފައިވާ ކިފާޔަތުގެ ފަރުޟެކެވެ. އެހެންވުމުން އެކަން އެއްވެސް ބަޔަކު ނުކޮށް ތިބޭނަމަ، އޭގެ ސަބަބުން އެންމެން ފާފަވެރިވެ އެކަމުގެ މައްޗަށް މާތް ﷲ ކޯފާއެއް ފޮނުއްވުންވެސް އެކަށީގެންވެއެވެ. އެހެންނުވާންވީ ކީއްވެގެންހެއްޔެވެ؟ އެކަލާނގެ ކުރަން އެންގެވި ކަންކަން ކުރާމީހަކު ހުރީކީ ނޫނެވެ. އަދި ހުއްޓެށްކަމަކު އެހާމެ މަދެވެ. އެމަދު މީސްކޮޅު އެހެންމީހުންނަށް ހެޔޮކަމެއް ކުރުމަށް ނަޞޭޙަތް ދެނީކީވެސް ނޫނެވެ. އޭގެ އަނެއްކޮޅުން އެކަލާނގެ ނަހީކުރެއްވި ކަންކަން މަނާކުރާނޭ މީހަކު ނެތި މުޅި މުޖްތަޢުވަނީ އެކަލާނގެ ނަހީކުރެއްވި ފާފަތަކުން ތަޣައްޔަރުވެފައެވެ. ވީމާ އެކަމަކީ ވާޖިބެއްކަން އަންގަވާ އަމުރުކުރައްވާ ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَ هُمُ الْمُفْلِحُونَ﴾ سورة آل عمران:104 މާނައީ: [އަދި ހެޔޮކަމަށް ގޮވާލައި، ހެޔޮކަންކަމަށް އަމުކޮށް ނުބައި މުންކަރާތްތައް މަނާކުރާނޭ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ. އަދި ފާލާޙާއި ކާމިޔާބު ލިބިގެންވާ މީހުންނަކީ އެބައިމީހުންނެވެ.]

އައްތިރްމިޛީގައި ރިވާކުރައްވާފައިވާ ޙަސަން ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالـمَعْرُوفِ وَلَتَنْهَوُنَّ عَنِ الـمُنْكَرِ أَوْ لَيُوشِكَنَّ اللهُ أَن يَبْعَثَ عَلَيْكُمْ عَذَابًا مِنْهُ، ثُمَّ تَدْعُونَهُ فَلاَ يَسْتَجِيبُ لَكُمْ)) މާނައީ: [ތިމަން ނަބިއްޔާގެ ނަފްސް އެފަރާތެއް އަތްޕުޅުގައިވާ ކަލާނގެ ގަންދީ ޙަދީޘްކުރައްވަމެވެ. ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރު ކުރާ ހުށިކަމެވެ. އަދި މުންކަރާތްތައް މަނާކުރާ ހުށިކަމެވެ. ނޫނީ ތިޔަބައިމީހުންގެ މައްޗަށް ﷲ ޢަޛާބެއް ފޮނުއްވުން ގާތްވެގެންވާކަން ކަށަވަރެވެ. ދެންއެއަށްފަހުގައި ތިޔަބައިމީހުން އެކަލާނގެއަށް ދުޢާކޮށް ދެންނެވިޔަސް އެކަލާނގެ އިޖާބަނުދެއްވާނެތެވެ.]

ވީމާ އަހަރެމެންގެ އަމިއްލަ އަތްތަކުން ނުބައިކަމުގެ ތެރެއަށް މުޅި މުޖްތަމަޢު ވައްޓާލާ، އެގޮތުގައި ހަލާކުވެ ދިއުމަށް މަގުފަހި ނުކުރަމާހެއްޔެވެ! ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ފަރުދީ ޒިންމާ އަދާކުރާ މީހަކަށްވާންޖެހެއެވެ. މިއުންމަތުގެ ތެރެއިން އަދި ޚާއްޞަކޮށް މިކުޑަކުޑަ ދިވެހި މުޖްތަމަޢުގެ ތެރެއިން، އަދި އެއަށްވުރެ ޤައިދުކޮށް ބުނާނަމަ އެމީހަކު އުޅޭ ކުޑަކުޑަ މާޙައުލުގެ ތެރެއިން؛ އެއީ ސްކޫލު މާޙައުލު ކަމުގައިވިޔަސް އަދި ގޭތެރޭގެ މާޙައުލު ކަމުގައިވިޔަސް، އެތަނެއްގައި ހިނގާ ނުބައިކަންކަމަށް ރުހި ޤަބޫލުވެގެން ތިބޭ ބަޔަކު ކަމުގައި ނުވެ، އެކަންކަން މަނާކުރާ ބަޔަކު ކަމުގައި ވަމާތޯއެވެ. އެމީހަކަށް ވީވަރަކުން މިކަން ކުރުމުގައި ތިބޭނަމަ، ﷲގެ ރަޙްމަތާއި ފަޟްލުވަންތަވެރިކަމުން އެތަކެއް ހެޔޮކަމެއް މާތް ﷲ މިއުންމަތަށް މިންވަރު ކޮށްދެއްވާނެތެވެ. އެތަނެއްގައި ހަމަޖެހުމާއި އާރޯކަން ލައްވާނެތެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރޯއްޖާއި ބަރަކާތުން ފުރިގެންވާ މުޖްތަމައެއް ޤާއިމްވާނެތެވެ. އެފަދަ މުޖްތަމަޢެއް ސިފަވެގެންދަނީ ފެންއާރުތަކާއި ފެހިކަންގަދަވެގެންވާ ތަނެއްގެ ގޮތުގައެވެ.

އަޅަމެންނީ ވީވަރަކުން ހެޔޮކަންކަމަށް ގޮވާލާ، ނުބައިކަންކަން މަނާކުރާ ބަޔަކު ކަމުގައި ލައްވާ، އެކަމުގެ ހިތްވަރު ލިބިގެންވާ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *