އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ " ދަރިވަރުންގެ ހިޔާ " ގެ ފަރާތުން މިއަހަރުގެ ޢީދު 2022 ބާއްވައިފިއެވެ.
މިއަހަރު ހިޔާޢީދު އެންމެ މި ބޭއްވީ ސާނަވީ ގްރޭޑްތައް ކަމަށްވާ 9،8،7 އަދި 10ގެ ދަރިވަރުންނަށެވެ. މި ދަރިވަރުންނަށް ވަނީ 10 މުބާރާތެއް ބާއްވާފައެވެ. ހިޔާ ޢީދު ގެ ހަރަކާތްތައް ފެށުނީ މިމަހުގެ 1 ވަނަ ދުވަހުގެރެއެވެ. އެރޭ 4 މުބާރާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެއީ، މަޒުމޫނު ލިޔުމާއި، ވާހަކަ ލިޔުމާއި، ދަތުރުނާމާ އާއި އަދި އަތުލިޔުމެވެ.
މިމަހުގެ 2 ވަނަ ދުވަހުގެރޭ އޮތީ ބަހުސް މުބާރާތެވެ. އެރޭ ދެ ބަހުސް އެއް ކުރިއަށް ގެންދެވުނެވެ. ފުރަތަމަ ބަހުސްގައި ބައްދަލުކުރީ، ކާމިނީ ހައުސް އާއި ހުވަނދުމާ ހައުސް އެވެ. ބަހުސް ކުރި މައުޟޫއަކީ، ޒަމާނީ ޓެކްނޮލޮޖީ ގެ ސަބަބުން އަހަރެމެންނަށް ލިބޭނީ ފައިދާއެވެ. މައުޟޫޢާއި އެއްކޮޅަށް ވާހަކަދެއްކީ ކާމިނީ ހައުސް އެވެ. މައުޟޫޢާއި ދެކޮޅަށް ހުވަނދުމާ ހައުސް އެވެ. މި ބަހުސުން މޮޅުވެ ފައިނަލަށް ދަތުރުކުރީ ހުވަނދުމާ ހައުސް އެވެ.
ދެ ވަނަ ބަހުސުގައި ބައްދަލުކުރީ، ޗާންދަނީ ހައުސް އާއި ޖަނަވަރީ ހައުސް އެވެ. މައުޟޫޢަކީ، ދިވެހިބަސް ކުރިއެރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ މަދަރުސާތަކަށެވެ. މައުޟޫޢާއި އެއްކޮޅަށް ވާހަކަދެއްކީ، ޗާންދަނީ ހައުސް އެވެ. މައުޟޫޢާއި ދެކޮޅަށް ވާހަކަދެއްކީ، ޖަނަވަރީ ހައުސްއެވެ. މިބަހުސުން މޮޅުވެ ފައިނަލަށް ދިޔައީ ޖަނަވަރީ ހައުސްއެވެ.
މިއަދު މެންދުރުފަހުވެސް 5 މުބާރާތެއް ކުރިއަށް ގެންދެވުނެވެ. މެންދުރު ފަހު 2:30 ގައި އޮތީ ނޫސް ލިޔުމާއި ބަނދި ކިޔުމެވެ. ނޫސް ލިޔުމުގެ މުބާރާތް ކުރިއަށް ގެންދިޔައީ، ހޯލުގައި ކޮންމެ ހައުސަކަށް ކަނޑައެޅިފައިވާ ޖާގައިގައެވެ.
ބަނދި ކިޔުމުގެ މުބާރާތުގައި ވެސް ކޮންމެ ހައުސްއަކުން 3 ދަރިވަރު ވަނީ ބަންޖެއްވަނީ ކިޔާފައެވެ.
3:00 ގައި އޮތީ ރައިވަރު ކިޔުމެވެ. މި މުބާރާތުގައި ވެސް ކޮންމެ ހައުސްއަކުން 3 ދަރިވަރުން ބައިވެރިވެ، އެއިން ކޮންމެ ދަރިވަރަކު ވަނީ ރައިވަރެއް ކިޔާފައެވެ.
3:30 ގައި އޮތީ ނޫސް ކޮންފަރެންސެވެ. ނޫސް ކޮންފަރެންސް ގައި ނޫސް ހަދާ ކުދިންނަށް މަޢުލޫމާތުދީ ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބުދިނީ އަޙްމަދިއްޔާ ސްޓޫޑެންޓް ކައުންސިލް ގެ އިސް ދަރިވަރުންނެވެ. އޭގެ ތެރޭގައި ސްކޫލްގެ ކެޕްޓަނާއި ވައިސް ކެޕްޓަނުންނާއި ގޭމްސް ކެޕްޓަނާއި ޖަމްޢިއްޔާ ތަކުގެ ރައީސުންނާއި ކްލަބްތަކުގެ ލީޑަރުން ހިމެނެއެވެ.
4:30 ގައި އޮތީ އަދަބީ ކުއިޒް މުބާރާތެވެ. މި މުބާރާތުގައިވެސް ކޮންމެ ހައުސްއަކުން 3 ދަރިވަރުން ބައިވެރިވިއެވެ. ކުއިޒް ކުރިއަށް ގެންދިޔައީ 3 ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ކޮންމެ ދަރިވަރަކަށް ވަކިވަކިން ސުވާލު ކުރާ ގޮތަށެވެ. ދެ ވަނަ ބުރުގައި މުޅި ޓީމުން ޖަވާބުދޭ ގޮތަށެވެ. ދެން އޮތީ އަވަސް ބުރެވެ. 60 ސިކުންތުގެ ތެރޭގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދޭ ގޮތަށެވެ.
އެއަށްފަހު ކުރިއަށް ގެންދެވުނީ، ބަޚަބަރު މުބާރާތެވެ. ބަޚަބަރު ކިޔުމުގެ މުބާރާތް ކުރިޔަށް ގެންދިޔައީ ދެ ދަރިވަރަކު ޚަބަރު ހުށަހަޅާ، ޚަބަރުގެ އިތުރު ތަފްޞީލު މަންޒަރުން ދައްކާ ގޮތަށެވެ. މި މުބާރާތުގައި ދަރިވަރުންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާފައިވާކަން ފާހަގަކުރެވުނެވެ.
މިއަދު އެންމެ ފަހުގެ އައިޓަމަކަށް އޮތީ ބަހުސްގެ ފައިނަލެވެ. ބައްދަލުކުރީ، ޖަނަވަރީ ހައުސް އާއި ހުވަނދުމާ ހައުސް އެވެ. ބަހުސްކުރި މައުޟޫޢަކީ، ވަޒީފާގެ ބާޒާރުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ނުލިބެނީ ބިދޭސީންގެ ސަބަބުންނެވެ. ހިޔާޢީދުގެ ހަރަކާތްތައް ނިންމާލީ މިރޭ 7:00 ގައެވެ.
މިއީ ސާނަވީ ގްރޭޑް ތަކަށް ހިޔާ ޢިދު ވަކިން ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސާނަވީ ދަރިވަރުންނަށް ހިޔާ ޢީދު ބާއްވައިފައިވަނީ، މަތީ ސާނަވީ ދަރިވަރުންނާއި އެކީގައެވެ. ނަމަވެސް އެގޮތަށް ހަމަ ޖައްސާފައި ވަނީ މިހާރު ސްކޫލްގެ އެކިއެކި މަގާމްތަކަށް ދަރިވަރުން ހޮވަނީ ވެސް ސާނަވީއާއި މަތީ ސާނަވީގެ ދަރިވަރުންނަށް ވަކިން ކަމުގައިވާތީއެވެ. މަތީ ސާނަވީ އަށް ވަކިން މިދިޔަ އަހަރުގެ ސެޕްޓެމްބަރ 3 ވަނަ ދުވަހުވަނީ ހިޔާ ޢީދެއް ބާއްވާފައެވެ. މަތީ ސާނަވީ ހިޔާ ޢީދު 2022 ން 1 ވަނަ ޙާޞިލް ކުރީ ހުވަނދުމާ ހައުސްއެވެ.
މިއަދު ނިމުނު ހިޔާ ޢީދުގެ ނަތީޖާ ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް ދަރިވަރުންގެ ހިޔާއިން ވަނީ މަޢުލޫމާތު ލިބިފައެވެ.