އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ ޕްރައިމަރީ އިންޓަރ ކްލާސް ޤުރުއާން މުބާރާތް ބާއްވައިފިއެވެ. ޖެނުއަރީމަހުގެ 26ވަނަ ދުވަހާއި 28 ވަނަ ދުވަހު ކިޔެވުން އޮތީ ޕްރައިމަރީގެ ދަރިވަރުންނަށެވެ. މީގެއިތުރުން ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު ކިޔެވުން އޮތީ ޕްރީ ސްކޫލް ދަރިވަރުންނަށެވެ. މި މުބާރާތުގެ މަޤުޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާން ކިޔެވުމަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމެވެ. ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން ޕްރައިމަރީ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންގެ ކިޔެވުން ވެސް ކުރިއަށް ގެންދެވުނެވެ.
އެގޮތުން ކީ ސްޓޭޖް 1 ގެ ދަރިވަރުންގެ ކިޔެވުން އޮތީ ހެނދުނުގެ ދަންފަޅީގައެވެ. ކީ ސްޓޭޖް 2 ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔައީ ހަވީރުގެ ދަންފަޅީގައެވެ. މިއިން ކޮންމެ ބައެއްގެ ކިޔެވުން ވެސް ކުރިއަށް ގެންދެވުނީ ސްކޫލްގެ މަލްޓިޕާޕަސްހޯލުގައެވެ. މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔައީ ބަލައިގެން އަދި ހިތުން ކިޔެވުމެވެ.
މި މުބާރާތުގެ ފަޑިޔާރުކަން ކޮށްދެއްވުމަށް ސްކޫލުން ބޭރުގެ ބޭފުޅުން ގެނެވުނެވެ. ނަމަވެސް ޕްރީ ސްކޫލްގެ ކިޔެވުން ކުރިއަށް ދިޔައިރު ފަޑިޔާރުކަން ކޮށްދެއްވީ ސްކޫލްގެ ޤުރުއާން ޑިޕާޓްމެންޓްގެ ބޭފުޅުންނެވެ. މިފަދަ ކޮންމެ މުބާރާތެއްގައިވެސް ސްކޫލްގެ އިސްފަރާތްތަކުން ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ މުބާރާތްތައް ކުރިއަށް ދާގޮތް ބައްލަވާލައްވައެވެ.