ޠަބީޢީ ގޮތުން އިންސާނާ، މުދާދެކެ ލޯބިވެއެވެ. ދުންޔަވީ އަރާމުގެ ސާމާނު އެއްކޮށް، ގިނަކުރަން އޭނާ އެދެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައި ވެއެވެ. "އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްއެއްކުރެވިފައިވާ ގިނަ ބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް ޒީނަތްތެރި ކުރެއްވިއެވެ އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަން ވަނީ، ﷲ ގެ ޙަޟްރަތުގައެވެ." އަދިވެސް މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ﴾ މާނައީ" އަދި ހަމަކަށަވަރުން އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ."
މުސްލިމް އަޚުންނޭވެ! އިންސާނާގެ ޠަބީޢަތުގައިވާ މި ޣަޒީރާގެ ސަބަބުން އޭނާ ޙައްޤު މަގުން ކައްސާލައިގެންދާތަން ފެނެއެވެ. ﷲ ޙަރާމްކުރެއްވި މަގުތަކުންނާއި ،ވަސީލަތްތަކުން އޭނާގެ މުއްސަނދިކަން އިތުރުކުރުމަށް މަސައްކަތް ކުރެއެވެ. މި ކަމުގެ ސަބަބުން އޭނާ ހެއްދެވި މަޤްޞަދު އޮޅި، އޭނާގެ ހުރިހާވެސް ބޭނުމަކީ، ދުނިޔެ ހޯދުން ކަމުގައި ވެދެއެވެ. އަދި ދިރިއުޅުމުގެ މަގްޞަދަކީ މިއީ ކަމަށާއި، އޭނާ ވާދަކޮށް ކުރިއަރައިދާން ޖެހިފައި ވަނީ، މި ކަމުގައި ކަމަށް ދެކެއެވެ.
އިސްލާމީ ޝަރީއަތް އައިސްފައިވަނީ، ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރާނެ ގޮތް އިންސާނާއަށް ބަޔާންކޮށްދެއްވުމަށެވެ. އެހެންވެ، އިންސާނާ އެންމެ ކަންބޮޑުވާ ކަމަކީ، ދުނޔެ ހޯދުން އެކަނި ކަމުގައި ހަދައި، އާޚިރަތް ނަގައިނުލުމަށް އިސްލާމް ދީން ގޮވައިލައެވެ. ކީރިތި ރަސޫލާ ގެ މާނަ ފުން، އެހެނަސް ނުހަނުކުރު ބަސްފުޅާ މެދު ނިކަން ކުރުކޮށްބަލާށެވެ! ރަސޫލާ صلى الله عليه وسلم ޙަދީޘެއްގެ މާނައިގައިވެއެވެ. "މުއްސަނދިކަމަކީ، މުދާ ގިނަވުމެއް ނޫނެވެ. އެހެނަސް މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަމެވެ." މި ދުނިޔޭގައި އިންސާނާ އަމާޒުހިފާންވި މިސްރާބު މިބަސްފުޅުން ވަރަށް ސާފުކޮށް އެނގެއެވެ. ނަފްސްގެ މުއްސަނދިކަމާއި، ނަފްސުގެ ފުދުންތެރިކަން ޙާޞިލުވާނީ، ދުނިޔެއަށް ދަހިވެތިވުން މެދުމިންގަނޑެއްގައި ހިފަހައްޓައިގެންނެވެ. މުދަލާއި ފައިސާ ހޯދުމަށް މަސައްކަތްކުރާ މީހުންގެ މައިގަނޑު ބޭނުމަކީ، އެހެން މީހުންނާ ނުލައި ފަރުޖައްސައިލުމެވެ. އަޅުވެތިކަމަކީ، މިކަމެތިކަމަކަށް ވާތީ، އެ ކަމުން ސަލާމަތްވުމެވެ. ޙަޤީޤަތަށް ބަލައިފިނަމަ، އަހަރެމެންނަށް މިކަން ޙާސިލުވާ ހަމަ އެކަކު ވެސް ނުފެނެއެވެ. މަތީ މަޤާމުތަކާއި، ގިނަ އާމްދަނީ އާއި، ބޮޑެތި މުސާރަތައް ލިބޭ މީހުންވެސް، އެހެން މީހުންނަށް ބޭނުންޖެހިފައިވާތަން ފެނެއެވެ.
ރަސޫލާގެ މި ބަސްފުޅުން އެނގޭ މުއްސަނދިކަމަކީ، އިންސާނާ އިއްޒަތްތެރިކުރުވާނެ މުއްސަނދިކަމެކެވެ. އެހެނީ ޙަޤީޤީ މުއްސނދިކަމަކީ، މުދަލާއި ފައިސާ ގިނަވުމެއް ނޫނެވެ. ވަޒީފާ މަތިވުމެއް ނޫނެވެ. ފާސްތައް ގިނަވުމެއް ނޫނެވެ. އަނބިދރިންނާއި ގާތްތިމާގެ މީހުން ގިނަވުމެއް ނޫނެވެ. އަދި އެއީ ދުނިޔެވީ އަރާމާއި ލައްޒަތުގެ ވަސީލަތްތައް ފުރިހަމަވުމެއް ވެސް ނޫނެވެ. މިކަންކަމަށް އެދޭ މީހާ ފުދި އިތުރުވާ މިންވަރަށް ހުރިހާ އެއްޗެއް ހުއްޓަސް، ދުނިޔެވީ އެދުންތަކަށް ނިމުމެއް އަންނާނެ މީހެއްނޫނެވެ. އަބަދުވެސް ބޭނުންވާނީ އިތުރު ވުމަށެވެ އެހެންކަމުން އެއީ ފަޤީރެކެވެ. މިއާ ޚިލާފަށް ނަފްސުގެ ފުދުންތެރިކަން ލިބިފައިވާ މީހަކީ ﷲ ގެ ޤާޟާއަށް ރުހިފައިވާ މީހެކެވެ. އޭނާ އަބަދުވެސް އެދޭނީ ﷲ ގެ ޙަޟްރަތުގައިވާ އެއްޗަކަށެވެ. އެތަކެތި ފަނާވެގެންނެއް ނުދާނެތެވެ. އެނޫން ތަކެތި ފަނާވެގެންދާނެއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުގެ ފުރަތަމަބައިގެ މުރާދަކީ، ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ މުއްސަނދިކަމަކީ، މުދަލާއި، ދަރިންނާއި، މަގާމުތައް ނޫންކަމެވެ. އެހެނީ، ދުނިޔެވީ މުއްސނދިކަމުން ފައިދާ ނުލިބޭ އެތައް ބަޔަކު އުޅެއެވެ. ތަނަވަސްކަމުގެ އެތައް އަހުލުވެރިންނެއް ބަލިތަންމަތީގައި ތިބިތަން ނުފެނޭ ހެއްޔެވެ؟ އެ މީހުންގެ މުއްސަނދިކަމާއި ތަނަވަސްކަމުގެ ބޮޑު މަންފާއެއް ލިބެނީ، ބޭސްއުފައްދާ ކާރުޚާނާތަކަށާއި، ހަސްފަތާލުތަކުގެ މުވައްޒަފުންނަށެވެ. މީރު ބައެއް ތަކެތި ކެއުމާއި ބައެއް ތަކެތި ބުއިމުން މަޙްރޫމުވެފައި ވަނީ ތަނަވަސްކަމުގެ ކިތައް އަހުލުވެރިން ހެއްޔެވެ؟ ނުހަނު ތަނަވަސްކަމާ އެކުގައި ވެސް، އެ މީހުން ދިރިއުޅެން ޖެހިފައި ވަނީ، ފަޤީރު ޙާލުގަ އެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ الَّذِي جَمَعَ مَالًا وَعَدَّدَهُ ، يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ﴾ މާނައީ: "އެމީހާއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައި ހުރި މީހާއެވެ. ހަމަކަށަވަރުން، އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ."
ޙަދީޘްފުޅުގެ ދެވަނަ ބައިން ދޭހަވަނީ، "ޙަޤީޤީ މުއްސަނދިކަމަކީ، ނަފްސުގެ މުއްސަނދިކަން" ކަމެވެ. އެބަހީ މުއްސަނދިކަމުގެ ޙަޤީޤަތަކީ، އަޅާއަށް ލިބިފައިވާ މިންވަރެއްގެ މައްޗަށް ފުދުންތެރިވުމެވެ. ﷲ ތަޢާލާ ބައްސަވައި، އޭނާއަށް ދެއްވި އެއްޗަށް ރުހި ޤަބޫލުވުމެވެ. އޭރުން އޭނާ އަށް ބާއްޖަވެރިކަން ލިބޭނެއެވެ. ހިތްހަމަޖެހިގެން އުޅެވޭނެއެވެ. މާތް ﷲ ދެއްވި ރިޒުޤެއް އޭނާގެ އަތުން އަތުލެވޭނެ މީހަކު ނުވާނެކަމާއި، މާތް ﷲ އޭނާއަށް ދެއްވުމަށް އިރާދަކުރައްވާފައިނުވާ އެއްޗެއް ހޯދޭނެ ގޮތެއް ނެތްކަން އޭނާއަށް އެނގޭނެއެވެ. ކީރިތި ރަސޫލާ ކޮންމެ ނަމާދުފުޅަކަށް ފަހު ކުރައްވާ ދުޢާއާ މެދު ވިސްނާލާށެވެ. " ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބް ރަސްކަލާންގެ ދެއްވި އެއްޗެއް މަނާކުރެވޭނެ ފަރާތެއް ނުވެއެވެ. އަދި އިބަ ރަސްކަލާނގެ މަނާކުރެއްވި އެއްޗެއް ހޯދައިދެވޭނެ ފަރާތެއް ނުވެއެވެ."
މަޢުލޫމާތު: ހުކުރު ޚުޠުބާ