الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އިސްލާމްދީން ބާރުއަޅަނީ އިސްލާމީ މުޖްތަމަޢުތަކަކީ ފާފަތަކާއި ކުށްތަކުން ސާފުވެގެންވާ ޠާހިރުކަން މަތީގައިވާ ތަނަކަށް އެމާޙައުލު ހެދުމެވެ. އެގޮތުން އިސްލާމީވަންތަ މާޙައުލަކަށް ނުވަތަ ހެޔޮކަން އެކުލެވިގެންވާ މުޖްތަމަޢަކަށް އިސްލާމީ މުޖްތަމަޢުވެގެންދަނީ ނުބައިކަންކަން މަނާކުރުމުގެ ހަރުދަނާ އުޞޫލު އިސްލާމްދީނުގައި ލައްވަވާފައިވާތީއެވެ.
މިއީ ދީނުގެ މައިގަނޑު އެއް އަސާސެވެ. އަދި ބަޔަކު ހަމައެކަނި އީމާންވުމަކުން އެމީހުން ގެއްލެނިވާ މީހުންގެ ތެރެއިން ސަލާމަތެއްވެސް ނުމެވެއެވެ. އީމާންވެ ޙުކުމްތަކަށް ޢަމަލުކުރާ ބަޔަކަށް މުސްލިމުން ވާންޖެހެއެވެ. މުސްލިމުންނަކީ އެމީހުންގެ ދުލުން އެދައްކާ ވާހަކައިގެ މަތީގައި ޢަމަލީގޮތުން ތިބޭ ބަޔަކު ކަމުގައި ވާންޖެހެއެވެ. ދީނުގެ ޙުކުމްތަކާއި އެއްގޮތަށް ޢަމަލު ނުކުރާ މީހަކަށް، އެހެންމީހަކުގެ ގާތުގައި އެޙުކުމްގެ ވާހަކަތައް ދެއްކުމަކީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އެހެންވުމުން ދީނުގެ މަތިވެރިވެގެންވާ މިއަސާސް (ހެޔޮކަންކަމަށް ގޮވާލުމާއި ނުބައިކަންކަމުން މަނާކުރުންގެ އަސާސް) އާ އެއްގޮތަށް ޢަމަލުކުރާ ބަޔަކަށްވެވޭނީ، ދީނުގައި އެމީހަކު އެއީމާންވީ ކަންކަމާ އެއްގޮތަށް ޢަމަލީގޮތުން މަސައްކަތްކުރާ ބަޔަކަށްވެސް ވެގެންނެވެ. މިއެންމެހައި ކަމެއް ވަރަށްސާފުކޮށް މާތްﷲ ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ: ﴿وَالْعَصْرِ * إِنَّ الإِنسَانَ لَفِي خُسْرٍ * إِلاَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ﴾ سورة العصر:1-3 މާނައީ: [ޢަޞްރުވަގުތު ގަންދެއްވާ ވަޙީކުރައްވަމެވެ. ހަމަކަށަވަރުން އިންސާނާވަނީ ގެއްލުމެއްގެ ތެރޭގައެވެ. އީމާންވެ، ހެޔޮޢަމަލުތައްކޮށް، ޙައްޤު (މަގަށް) އެކަކު އަނެކަކަށް ނަޞޭޙަތްދީ، ކެތްތެރިވުމަށް އެކަކު އަނެކަކަށް ނަޞޭޙަތްދިން މީހުން ފިޔަވައެވެ.] ވީމާ ދުނިޔެއާއި އާޚިރަތުގެ ގެއްލުމުން މުސްލިމުންވެސް ސަލާމަތްވާނީ ދީނާ އެއްގޮތަށް ޢަމަލުކޮށް، އެދީނުގައިވާ ކަންކަމަށް މީސްތަކުންނަށް ނަޞޭޙަތްތެރިވެ، އެކަން ކުރުމުގައި ދިމާވާ އުނދަގޫތަކަށް ކެތްތެރިވުމުންކަން މިއާޔަތުން ވަރަށްސާފުކޮށް އެނގިގެންދެއެވެ.
ހަމައެފަދައިން ލޯމައްޗަށް ފެންނަ މުންކަރާތްތަކާއި ނުބައިކަންކަމާއި މީހުންކުރާ ކުށްތައް، އެމީހުންނަށް މަނާކުރަންވެސްޖެހެއެވެ. އެކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެކަމެއް އަތުން މަނާކުރާށެވެ. އަދި އެކަމަށް ކުޅަދާނަވެގެން ނުވާނަމަ، ފަހެ އެކަމެއް ދުލުން މަނާކުރާށެވެ. އަދި އެކަމަށް ކުޅަދާންވެގެން ނުވާނަމަ، ފަހެ އެކަން ހިތުން މަނާކުރާށެވެ. އަދި އެއީ އީމާންކަމުގެ އެންމެ ކުޑަ މިންވަރެވެ.] މިފަދަ އެންމެހައި ދަލީލުތަކުން ބައެއް މީހުންނަށް މިއުޞޫލު މިބިންމަތީގައި ޤާއިމްކުރަންވީ ގޮތުގައި އޮޅުންތަކެއް ވަނީ އަރާފައެވެ. މިއުންމަތުގެ ބައެއްމީހުން މިކަމުގައި އަޞްޙާބު ބޭކަލުންނަށް ވިސްނިވަޑައިގެންނެވި ގޮތާއި ޚިލާފަށް ޢަމަލުކުރުމުގެ ސަބަބުން، އެބައިމީހުންވަނީ ވަރަށްބޮޑަށް މަގު ގެއްލިފައެވެ. އެފަދަ މީހުން މިއުޞޫލު ރަނގަޅަށް ފަހުމްނުވެ، ޤާއިމްކުރުމަށް މަސައްކަތް ކުރުމުން މިއުންމަތުގައިވަނީ ނުހަނުބޮޑެތި ފަސާދަތަކެއްވެސް އުފެދިފައެވެ. ވީމާ މިއީ ނުބައިގޮތުގައި ބޭނުންކޮށްފިނަމަ ނުހަނު ނުރައްކާތެރިވެސް ކަމެކެވެ.
އެފަދަ މީހުން އެބައިމީހުންގެ ދީންވެރިކަންމަތީގައި ސާބިތުވާން ބޭނުންވެއެވެ. އެގޮތުން އެފަދަމީހުން ބޭނުންވަނީ ކޮންމެގޮތެއް ހަދާފައިނަމަވެސް، އީމާންކަމުގެ އެންމެމަތީ މިންގަނޑުގައި ހުރުމަށެވެ. އެކަން ވާން އޮތްގޮތް ކަމަށް އެބައިމީހުންނަށް ވިސްނެނީ ފެންނަ ކޮންމެ ކަމެއް ސީދާ އަތުން މަނާކުރުމުންނެވެ. އަދި އެއާއެކު އީމާންކަމުގެ އެންމެދަށުގައި ހުންނާކަށް ހަމައެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. ވީމާ އަތުން މަނާ ނުކުރެވުނަސް، ފެންނަ ކޮންމެ ނުބައިކަމެއް ދުލުން މަނާކުރުމަށް އަވަސްވެ ގަނެއެވެ. އޭގެ ސަބަބުން ބައެއް ޙާލަތްތަކުގައި ބޮޑެތި ހަމަނުޖެހުންތަކާއި ޒުވާބުތަކާއި ޖަދަލުކުރުންތައް އުފެދި ފެތުރިގަނެއެވެ. އެފަދަ މީހުންގެ ގައިގައި ޙަޤީޤީ ދީނީ ޢިލްމެއް ލިބިގެން ނުވެއެވެ. ނަމަވެސް އެބައިމީހުންގެ ގައިގައި ހަރުލާފައިވަނީ ޖަޒްބާތާއި ފޯރިގަނޑެކެވެ. ފެންނަ މަންޒަރަކީ އޭނާ އުންމަތް އިޞްލާޙު ކުރަން އުޅޭ މަންޒަރެވެ. ޙަޤީޤަތުގައި އެކަމުން ނިކުންނަ ނަތީޖާއަކީ އުންމަތުގެ ބަޔަކު އިޞްލާޙުވުމެއް ނޫނެވެ. ނަމަވެސް ފެންނަނީ ކުރީގައި އޮތް ޙާލަތުގައި ދެމިއޮތްތަނެވެ. އޭނާ އެކުރި ކަމަކުން އެއްވެސް މީހަކު އިޞްލާޙެއް ނުވިއެވެ. ބަޔަކު މީހުން ރަނގަޅު ޙާލަތަކަށް ނުދިޔައެވެ. އަދި ކިއެއްހެއްޔެވެ؟ ބައެއްފަހަރު ކުރީން ބަޔަކު ތިބިޙާލަތަކަށްވުރެ ގޯސް ޙާލަތަކަށް މީސްތަކުން ދިޔަތަން ފެނިގެން ދެއެވެ. ކުރިއަށްވުރެވެސް ގޯސްވީއެވެ. އިތުރު ނުބައި އެތަކެއް ކަމެއް އުފަންވެގެން ދިޔައީއެވެ.
ޙަޤީޤަތުގައި އެވީގޮތަކާއި މެދު ވިސްނާލައިފިނަމަ، އެނގިގެންދަނީ، ނުބައިކަމެއް މުޖްތަމަޢުން ފިލުވާލައި ހެޔޮކަމެއް ގެންނަން އެފަދައިން މަސައްކަތް ކުރިމީހާއަށް ކުރިއާލާ އަންދާޒާކުރެވިފައި ނެތް ކަމެއް ހިނގީއެވެ. ކުރިއާލާ އެފަދަ ފިތުނައެއް ހިނގާފާނޭ ކަމުގެ އަންދާޒާ އޭނާއަށް ނުކުރެވުނެވެ. މާނައަކީ އެފަދަ ޢިލްމެއް އޭނާގެ ކިބައިގައި ނެތުމެވެ. ވީމާ އެފަދަ ޢިލްމެއް ނެތް މީހަކު އެފަދަ ކަމެއް ކޮށްގެން ހިނގާނޭ އިތުރު ނުބައިކަންކަމަށް ޤިޔާމަތްދުވަހުގައި އޭނާ ޒިންމާވާންޖެހުމެވެ.
ވީމާ މިފަދަ ހެޔޮކަމެއް ކުރަން ބޭނުންވާމީހާވެސް އިސްލާމީ ޝަރީޢަތުގެ ޤަވާޢިދުތަކަށް ތަބާވާންޖެހޭނެއެވެ. އެކަން ބަޔާންކުރައްވާ ޝައިޚުލްއިސްލާމް އިބްނު ތައިމިޔާ رحمه الله ވިދާޅުވިއެވެ: "ފަހެ ހަމަކަށަވަރުން އަމުރުކުރުމާއި ނަހީކުރުމުގެ މައްސަލައިގައި އޭގައި އެކުލެވިގެންވަނީ މަޞްލަޙަތެއް ޙާޞިލުކުރުމާއި ފަސާދަވެރިކަމެއް ދުރުކުރުމުގެ މައްޗަށް ކަމުގައިވާނަމަ، އެހިނދު އެކަމާ ފުށޫއަރާ ކަންކަމަށް ބަލަންޖެހޭނެއެވެ.؛ އެގޮތުން ބަލާއިރު މަޞްލަޙަތުން އުނިވާ ބައި ނުވަތަ ނިކުންނަ ފަސާދަ ގިނަވެއްޖެނަމަ، ފަހެ އެކަމަކީ އެއީ އަމުރު ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. އެކަމުގައިވާ މަޞްލަޙަތަށްވުރެ ނިކުންނަ ފަސާދަ ބޮޑުވެއްޖެނަމަ، އެކަން ކުރުން ޙަރާމް ވެގެންވެއެވެ. އެހެންނަމަވެސް މަޞްލަޙަތާއި ފަސާދަ މިންކުރާނީ ޝަރީޢަތުގެ ތިލަފަތުންނެވެ. ފަހެ އިންސާނާއަށް ނައްޞުތަކަށް (ޤުރުއާން ނޫނީ ސުންނަތް ނޫނީ އިޖްމާޢު ނޫނީ އެހެންވެސް އިތުބާރުހުރި މަޞްދަރަކަށް) ތަބާވުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްވެސް ޙާލެއްގައި އެއިން ދުރުވެ ނުގަނެވޭނެއެވެ. އެހެން އެކަން ނުވެއްޖެނަމަ، އެއްގޮތް ކަންކަމާއި އެއްފަދަ ކަންކަން ދެނެގަތުމަށްޓަކައި، އޭނާގެ އަމިއްލަ ވިސްނުމުގެ މައްޗަށް އިޖްތިހާދު ކުރާނީއެވެ. ޝަރުޢީ ނައްޞުތަކާއި އެއިން ޙުކުމްތަކަށް އިސްތިދްލާލު ކުރަން ފުރިހަމައަށް ދަންނަ އެކަންކަމަށް ހޭލުންތެރި މީހަކަށް، އެކަމުގައި ނައްޞުތައް ނުފެނުމަކީ ނާދިރުކަމެކެވެ."
އަޅަމެންނީ ވީވަރަކުން ހެޔޮކަންކަމަށް ގޮވާލާ، ނުބައިކަންކަން މަނާކުރާ ބަޔަކު ކަމުގައި ލައްވާ، އެކަން ކުރުމުގައި ޢިލްމާއި ޙިލްމު ލިބިގެންވާ ބަޔަކުކަމުގައި އަޅަމެން ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.