އާރޓިކަލް 107 : ނުބައިކަންކަން މަނާކުރުމުގައި މިންގަނޑެއްވާކަން ދެނެގަންނާށެވެ. (ދެވަނަބައި)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މުންކަރާތްތައް މަނާކުރުމަކީ އިސްލާމްދީނުގެ ވަރަށްމުހިންމު އަސާސެކެވެ. އެކަން ކުރުމަށް އަމުރުވެވިފައިވާ ހަމަތަކުގެ މަތިން އެންމެހެޔޮގޮތުގައި ކުރެއްވިބަޔަކީ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބުބޭކަލުންނެވެ. އެބޭކަލުންގެ ދުވަސްވަރު، އެކިމީހުންނަށް ފާފަތައް ކުރެވުމުން އެކަމާމެދު ކީރިތި ރަސޫލާ صلى الله عليه وسلم ނަޞޭޙަތްތެރިވެވަޑައިގެން އިޞްލާޙު ކުރައްވައެވެ. އަދި ޙައްދެއް ޤާއިމް ކުރަންޖެހޭ ކުށެއް ނަމަ އެކުށަކަށް ދޭންޖެހޭ ޢުޤޫބާތް ދެއްވިއެވެ. އިސްލާމެއް ކަމަށް ދަޢުވާކުރާ މީހުންގެ ފަރާތުން ކަނޑައެޅިގެން ދީނުން ބޭރުވާފަދަ ޙުއްޖަތެއް ޤާއިމް ވެގެން ނޫނީ މުރުތައްދެއްގެ ގޮތުގައި އެމީހަކު މަރާލުމަށް އެކަލޭގެފާނު އަމުރުފުޅު ނުކުރައްވައެވެ. އެއީ ވަރަށްވެސް މަދު ޙާދިޘާއެކެވެ. އަދި އެބަޔެއްގެ ހިތުގެތެރޭގައި ސީދާ ކާފިރުކަން އޮތްކަން ރަސޫލާ صلى الله عليه وسلم އަށް އެނގިވަޑައިގަންނަވާ ކިތަންމެ މުނާފިޤު މުސްލިމުންނެއް މަދީނާގައި އުޅުނެވެ. ނަމަވެސް އެއިން އެއްވެސް މީހަކު، މުންކަރާތް މަނާކުރުމުގެ ނަމުގައި، އެބައިމީހުންނީ މުރުތައްދުވެފައިވާ ބައެއްގެ ގޮތުގައި ހައްދަވާ އެމީހުން ޤަތުލު ކުރައްވާފައި ނުވެއެވެ.

ނަމަވެސް އެޞަޙާބީން މިދުނިޔޭގައި މަދުވެ ނުވަތަ ނެތިދިއުމުން، ގިނަބަޔަކު ދީނީކަންކަން އެބަޔަކަށް އަމިއްލައަށް ވިސްނޭގޮތުގެ މައްޗަށް ބައްޓަންކުރަންފެށިއެވެ. އެގޮތުން މީހުންގެ ފަރާތުން ފެންނަ ބޮޑު ފާފަތަކާއި މުންކަރާތްތައް، އެއީ އެމީހުން ކާފަރުވުން ކަމުގައި ނިންމާބަޔަކު، ފާޅުވިއެވެ. އެހެން އެކަން ވާންޖެހުނީ، އެބައިމީހުން ދީނަށް ލޯބިކުރާލެއް ބޮޑުކަމުން ދީނާ ޚިލާފު އެއްވެސް ކަމެއް އެބައިމީހުންގެ މާޙައުލުން ފެންނަން ބޭނުންނުވެ، މުންކަރާތް ކުރާމީހުންނަށް ނުހަނުބޮޑަށް ނަފްރަތުކޮށް، އެންމެފަހުން އެއީ ދީނުން ބޭރުވެފައިވާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ. ނަމަވެސް ކިތަންމެ ދީންދެކެ ލޯބިވިޔަސް ދީނުގެ ހަމަތަކުން ނެއްޓިގަނެގެން ނުވާނެއެވެ. ހަމަޔަޤީނުންވެސް އަޞްޙާބުބޭކަލުންނަށްވުރެ ބޮޑަށް މިދީނަށް ލޯބިކުރާނޭ ބަޔަކު އަދި ދީނަށްޓަކައި މުންކަރާތްތަކަށް ނަފްރަތުކުރާނޭ އެހެން ބަޔަކު ނާންނާނެއެވެ. އެއާއެކުވެސް އެބޭކަލުން ދީނުގެ އުޞޫލުތަކުން ނެއްޓިވަޑައިނުގަންނަވައެވެ. ނަމަވެސް މިފަހުން ފާޅުވީމީހުން، ނުބައިކަންކަން މަނާކުރުމުގެ ޤަވާޢިދުތަކުން ނެއްޓި، މީހުން ކާފިރުކޮށް، އޭގެ ސަބަބުން މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރިއެވެ. އަދި އެފަދައިން ބޮޑުފާފައެއް އެމީހެއްގެ ފަރާތުން ފެނިއްޖެ ވެރީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ޖިހާދު ކަމުގައި ހެދިއެވެ. އޭގެ ސަބަބުން އެބައިމީހުންނަށް އެއީ ޚަވާރިޖުން ކަމުގައި ޢިލްމުވެރީން ލިޔުއްވާ، އެބައިމީހުންނާ ބެހޭ ވާހަކަތައް އެމީހުންގެ ޢަޤީދާތަކާއެކު ބަޔާންކުރެއްވިއެވެ.

ހަމައެއާއެކު ޚަވާރިޖުންނަކީ މާހަރުކަށި ބަޔަކަށް ހެދުމަށްފަހު، ބޮޑެތިފާފައިން މީހުން ކާފިރު ނުވާނޭ ކަމާއި ނަމަވެސް އެމީހަކު އެއީ މުސްލިމަކަށްވެސް ނުވާނޭ ކަމާއި، އެފަދަ މީހުން ތިބޭނީ އިސްލާމްކަމާއި ކާފިރުކަމާއި ދެމެދުގައިވާ މަންޒިލެއްގައި ކަމަށް ބުނެ އެހެން ބަޔަކު ދީނުގެ ތެރެއަށް އަނެއްކާ އެހެން އާ ޢަޤީދާއެއް ވެއްދިއެވެ. ޚަވާރިޖުން ބުނާގޮތާއި ދެކޮޅުވެ، މުންކަރާތެއް ފާޅުވެގެން އެއްވެސް މުސްލިމަކު މަރާލަންޖެހޭ ކަމަށް އެބައިމީހުން ދެކޮޅު ހެއްޖެވެ. އަދި ދީނުގައި އޮތް "މުންކަރާތް މަނާކުރުމުގެ" އުޞޫލު އެބައިމީހުން މާނަކުރީ ދީނުގައި އަންގަވާފައި އެވަނީ، ފާފަކުރާ ވެރީންނަކީ ދެމަންޒިލު ދެމެދުގައިވާ ބައެއް ކަމާއި، އެފަދަ ވެރީން ވެރިކަމުން ވައްޓާލުމަކީ ވާޖިބެއް ކަމުގައެވެ. އޭގެ ސަބަބުން އެބައިމީހުންވެސް މުސްލިމް ވެރީންނާ ދެކޮޅުވެރިވުމުގެ ޘަޤާފަތް ދެމެހެއްޓިއެވެ. އެބައިމީހުންގެ ވާހަކަތައްވެސް ޢިލްމުވެރިން ފޮތްތަކުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.

ކޮންމެއަކަސް މިއުޞޫލުގެ އަސްލުމާނަ އެހެން މާނައަކަށް އަނބުރާލާފައިވާ މީހުން މިއުންމަތުގައި ނުހަނު ގިނައެވެ. މިއަމުރުފުޅު ޤުރުއާނާއި ސުންނަތުގެ އެތައް ތަނެއްގައި އައިސްފައިވާއިރު، މީގެ މާނައަކީ ފާފައެއް ކުރާތަން ފެންނަމީހާ، ފާފަކުރާމީހާ ކާފިރުކޮށް އޭނާ މަރާލުމެއް ނޫނެވެ. އެހެނަސް އެކަން އަތުންނާއި ދުލުން މަނާކުރެވޭ ވަރުގެ މީހަކު އެކަން އެދެގޮތަށް މަނާކުރުމެވެ. ބާރުވެރިކަމެއްގައިވާ މީހެއްނަމަ އަތުން ގަދަބާރުން މަނާކުރުމެވެ. އެބާރުވެރިކަން ނެތް މީހާ އެކަން ނުކުރުމެވެ. ދުލުން ވާހަކަދައްކާ ހެޔޮބަސްތައް ބުނެ ނަޞޭޙަތް ދެވޭނެ ވަރުގެ ޢިލްމަކާއި ހުނަރެއް ހުރިމީހަކު އެކަން އެގޮތަށް މަޑުމައިތިރިކަމާއެކު ކުރުމެވެ. އެހެން ނޫންނަމަ ގިނަބަޔަކު އެބަސްތައް އަޑުނާހައި މޫނު އަނބުރާލާނެއެވެ. ﷲ سبحانه وتعالى ރަސޫލާ صلى الله عليه وسلم އަށް ވަޙީކުރެއްވި ފަދައިންނެވެ: ﴿فَبِمَا رَحْمَةٍۢ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّواْ مِنْ حَوْلِكَ﴾ سورة آل عمران:159 މާނައީ: [ފަހެ ﷲގެ ރަޙްމަތުން ކަލޭގެފާނު އެބައިމީހުންނާ މަޑުމައިތިރިކަމާއެކު ވާހަކަފުޅު ދައްކަވައެވެ. އަދި ކަލޭގެފާނީ އަޚްލާޤު ނުބައި ހަރުކަށި ހިތެއްގެވެރިޔަކު ނަމަ، ކަލޭގެފާނުގެ ވަށައިގެންވާ މީހުން ކަލޭގެފާނާއި ދުރަށް ދާނެތެވެ.]

ވީމާ މިއުޞޫލުން، މީހުން މަގުއޮޅިގެންދާ އެންމެބޮޑު ސަބަބަކީ އަޞްޙާބު ބޭކަލުން ރަސޫލާ صلى الله عليه وسلم ގެ އަރިހުން ނެންގެވި ޢިލްމު، އަދި އަޞްޙާބުން އެކަން ކުރެއްވި ގޮތުގެ ޢިލްމު މަދުވުމެވެ. ނުބައިކަންކަން މަނާކުރާމީހާގެ ގައިގައި ހުންނަންޖެހޭ ފުރިހަމަ ޢިލްމު ނެތުމެވެ. ޙިކްމަތްތެރިކަން ނެތުމެވެ. އަދި ޢިލްމު ހުއްޓަސް ޙިލްމުވެރިކަމާއި މަޑުމައިތިރިކަމާއި ވަށައިގެންވާ މާޙައުލުގެ ޢިލްމު ނެތުމެވެ. ނުވަތަ ނަފްސާނީ ގޮތުން ބަލިކަށިވުމުގެ ސަބަބުން ލިބިފައިވާ ޢިލްމު ފޯރުކޮށްދިނުމުގެ ހުނަރު ނެތުމެވެ. އެހެންވުމުން އެކަން ކުރާމީހަކީ ވަރަށްގިނަ ތަފާތު ޢިލްމާއި ހުނަރު ހުރި މީހަކަށްވާންޖެހެއެވެ. އެކަން މާތް ޞަޙާބީ އިބްނު މަސްޢޫދު رضي الله عنه އުންމަތަށް ބަޔާންކޮށްދެއްވިއެވެ. އިބްނު އަބީ ޝައިބާ ރިވާކުރެއްވި ގޮތުގައި ޢިތްރީސް (އިބްނު ޢުރްޤޫބް) ޢަބްދުﷲ ބުން މަސްޢޫދް رضي الله عنه އަށް ދެންނެވިއެވެ: ހެޔޮކަންކަމަށް އަމުރު ނުކޮށް އަދި ނުބައިކަންކަން މަނާ ނުކުރާ މީހަކު ހަލާކުވެއްޖެއެވެ! އެހިނދު ޢަބްދުﷲ ވިދާޅުވިއެވެ: «بَلْ هَلَكَ مَنْ لَمْ يَعْرِفِ الْمَعْرُوفَ بِقَلْبِهِ، وَيُنْكِرِ الْمُنْكَرَ بِقَلْبِهِ»  މާނައީ: "ނޫނެކެވެ. އަދިކިއެއްހެއްޔެވެ. އެމީހެއްގެ ހިތުގައި ހެޔޮކަމެއް އެއީ ހެޔޮކަމެއްކަން ނޭނގޭ އަދި އެމީހެއްގެ ހިތުން މުންކަރާތް މަނާނުކުރާ މީހަކު ހަލާކުވެއްޖެއެވެ."

ވީމާ މުންކަރާތްތައް ހިތުން މަނާކުރުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް، އެއްވެސް އިސްތިސްނާއެއް ނެތި އޮތް ފަރުޟެކެވެ. އެކަން ނުކުރާމީހާ ހަލާކުވެއްޖެއެވެ. ނަމަވެސް ދުލުންނާއި އަތުން މަނާ ނުކުރާމީހަކު ހަލާކު ނުވެއެވެ. އެއީ އެންމެންގެ މައްޗަށް އޮތް ފަރުޟެއް ނޫނެވެ. އެކަން ކުރުން ބިނާވަނީ ޙަދީޘްގައިވާ ފަދައިން މީހާގެ ކުޅަދާނަ ކަމުގެ މައްޗަށެވެ. އެއީ އެމީހެއްގެ ކިބައިގައި ހުރި ޢިލްމުން ކުރާ ކަމެކެވެ. ދެން ހަލާކުވެގެންދާ ބަޔަކީ ދުލުންނާއި އަތުން މަނާ ނުކުރާ މީހުންނެއް ނޫނެވެ. ނަމަވެސް ހިތުގައި އެކަމުގެ ފުރިހަމަ ޢިލްމު ނެތި ދުލުންނާއި އަތުން މުންކަރާތްތައް މަނާކުރަން އުޅޭ މީހުން ހަލާކުވެއްޖެއެވެ.

އަޅަމެންނީ މުންކަރާތްތައް މަނާކުރުމުގައި ގެންގުޅެންޖެހޭ ފުރިހަމަ އުޞޫލު ރަނގަޅަށް ދަންނަ، އެއަށް ޢަމަލުކުރަންޖެހޭ ފުރިހަމަގޮތުގައި ޢަމަލުކުރާ ބަޔަކުކަމުގައި އަޅަމެން ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *