ބުރާސްފަތި, 17 އޭޕްރިލް 2025

"ކާމިޔާބު ނޫސްވެރިޔާ"ގެ ފުރަތަމަ ސެޝަން އަޙްމަދިއްޔާގައި

"ކާމިޔާބު ނޫސްވެރިޔާ" ޕްރޮގްރާމުގެ ދަށުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ. މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އާ ނޫސްވެރިން އުފައްދައި ތަމްރީނު ތަމްރީނުކުރުމުގެ ގޮތުން "ޝަހީބު މީޑިއާ" އިން މި އަހަރު ޖަނަވަރީގައި ފެށި މި ޕްރޮގްރާމުގެ ދަށުން ބޭއްވި ފުރަތަމަ ސެޝަނެވެ.

މި ޕްރޮގްރާމުގައި އަހުމަދިއްޔާގެ ގްރޭޑް ނުވައެއްގެ 90 ދަރިވަރުންނަށް މިއަދު މައުލޫމާތު ދެއްވީ ޝަހީބު މީޑިއާގެ ރައީސް އަދި ސީ.އީ.އޯ މުހައްމަދު ޝަހީބާއި ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފެވެ. މި ދެ ނޫސްވެރިންނަކީ ވެސް ދިވެހި ނޫސްވެރިކަމުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު ނޫސްވެރިންގެ ތެރޭގައި ހިމެނޭ ދެ ނޫސްވެރިންނެވެ.

އަހުމަދިއްޔާގައި ކުރިއަށް ގެންދިޔަ "ކާމިޔާބު ނޫސްވެރިޔާ" ޕްރޮގްރާމުގެ ސެޝަންގެ ތެރެއިން… -ފޮޓޯ: އަދިވެސް

މިއަދުގެ ސެޝަން ފެށުމުގެ ގޮތުން ޝަހީބު ދެއްކެވި ވާހަކައިގައި، "ކާމިޔާބު ނޫސްވެރިޔާ" ޕްރޮގްރާމުގެ ފުރަތަމަ ސެޝަން އަހުމަދިއްޔާގައި ބާއްވަން ނިންމެވީ، އެ ސްކޫލަކީ ރާއްޖޭގެ އެންމެ މޮޅު ސްކޫލްގެ ގޮތުގައި ފައިތިލަ ސާބިތުކުރަމުން އަންނަ ސްކޫލް ކަމަށްވާތީ، އެ ސްކޫލްގެ ދަރިވަރުންގެ ސިކުނޑީގައި ނޫސްވެރިކަމުގެ އޮށް އިންދައިގެން، ގައުމު ބިނާކުރުމަށް ޒިންމާދާރު، ޒުވާނުން ނޫސްވެރިންތަކެއް އުފެއްދުމަށް މަގުކޮށުމުގެ ބޭނުމުގައި ކަމުގައި ވިދާޅުވިއެވެ. އަދި އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދަކީ އިލްމާއި ހިލްމުގެ ފަހި ފުރުސަތުތައް ދަރިވަރުންނަށް ތަނަވަސްކޮށްދެއްވައި ކާމިޔާބު ހޯއްދަވަމުން ގެންދަވާ ނަމޫނާ ޕްރިންސިޕަލެއް ކަމުގައި ވެސް ޝަހީބު ފާހަގަކުރެއްވިއެވެ.

އަހުމަދިއްޔާގައި ކުރިއަށް ގެންދިޔަ "ކާމިޔާބު ނޫސްވެރިޔާ" ޕްރޮގްރާމުގެ ސެޝަންގެ ތެރެއިން… -ފޮޓޯ: އަދިވެސް

ޝަހީބު ވިދާޅުވީ ދެ ގަޑިއިރަށް މިއަދު ކުރިއަށް ގެންދިޔަ ސެޝަންގައި އަމާޒު ހިފީ ދަރިވަރުންނަށް ނޫސްވެރިކަން ތައާރަފުކޮށްދީ، ގައުމު ބިނާކުރުމުގައި ނޫސްވެރިކަމާއި ނޫސްވެރިންގެ ދައުރާ ބެހޭ ގޮތުން މައުލޫމާތު ދީ، ކިޔަވާ ކުދިންގެ ހިތްތަކުގައި ނޫސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، ނޫސްވެރިކަމަށް ލޯހުޅުވައިދީ، ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ޚިޔާރުކުރުމަށް ދަރިވަރުންނަށް މައުލޫމާތު ދީ، މަގުކޮށައިދިނުމަށް ކަމަށެވެ. މިފަދަ ޕްރޮގްރާމުތަކެއް އަހުމަދިއްޔާގެ އެހެން ގްރޭޑްތަކަށް ވެސް ހިންގުމަށްފަހު، އޭގެ ތެރެއިން ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ބޭސިކް ޖާނަލިޒަމް ކޯހެއް އެ ސްކޫލްގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.

އަހުމަދިއްޔާގައި ކުރިއަށް ގެންދިޔަ "ކާމިޔާބު ނޫސްވެރިޔާ" ޕްރޮގްރާމުގެ ސެޝަންގެ ތެރެއިން…

ޝަހީބު އަދި ވިދާޅުވީ "ކާމިޔާބު ނޫސްވެރިޔާ" ޕްރޮގްރާމުގެ ސެޝަންތައް މާލޭގެ އެހެނިހެން ސްކޫލްތަކާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ވެސް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އަހުމަދިއްޔާގައި ކުރިއަށް ގެންދިޔަ "ކާމިޔާބު ނޫސްވެރިޔާ" ޕްރޮގްރާމުގެ ސެޝަންގެ ތެރެއިން… -ފޮޓޯ: އަހުމަދިއްޔާ

މިއަދުގެ ސެޝަންގައި ނޫސްވެރިޔާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ މައްޗަށާއި، ޕްރޮފެޝަނަލް ނޫސްވެރިންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކާއި އެހެނިހެން ފުރުސަތުތަކުގެ މައްޗަށް ޝަހީބާއި މޫސަ ވާހަކަ ދެއްކެވިއެވެ. އަދި ނޫސްވެރިކަން ކުރާ ކޮންމެ މީހަކީ ޖަލަށް ދާންޖެހޭ މީހެއް ކަމަށް ބައެއް ބެލެނިވެރިން ވެސް ދެކޭ ކަމަށާއި ނަމަވެސް، ނޫސްވެރިކަމުގެ މިނިވަންކަން "ކުޑަގޮޅި"އަށް ލީ ޒަމާން ފަސްދީ ހިނގައްޖެ ކަމަށާއި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރާ މީހުންނަށް އަބުރުވެރި ރަނގަޅު ދިރިއުޅުމެއް އާރާސްތުކުރުމުގެ ފުރުސަތު މިހާރު އެބައޮތް ކަމުގައި ޝަހީބާއި މޫސަ ވިދާޅުވިއެވެ.

އަހުމަދިއްޔާގައި ކުރިއަށް ގެންދިޔަ "ކާމިޔާބު ނޫސްވެރިޔާ" ޕްރޮގްރާމުގެ ސެޝަންގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: މިސްޓަރ ޖޯން

އަދި ކިޔަވައިގެން "އޭ ސްޓާރ" ފާސްތައް ހިފައިގެން ނުކުންނަ ހުރިހައި ދަރިވަރުންނަކީ ކޮންމެހެން ޑޮކްޓަރުންނަށާއި އިންޖިނޭރުންނަށާއި ޕައިލެޓުންނަށާއި އެކައުންޓެންޓުންނަށާއި ޓީޗަރުންނަށް ވުމުގެ ބަދަލުގައި، ގަލަމުގައި ހިފައިގެން ނޫސްވެރިކަމުގެ ދާއިރާ އިންވެސް ކުރިއަށްދާން ޖެހިފައިވާ ބައެއް ކަމުގައި ޝަހީބު ވިދާޅުވިއެވެ. އަދި ދިވެހި ގައުމާއި މީޑިއާގެ ކުރިމަގު އުޖާލާ ކުރެވޭނީ މިހާރަށްވުރެ ވެސް ތައުލީމީ އަދި ގާބިލް ބަޔަކު ގަލަމުގައި ހިފައިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *