އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 11ގެ ދަރިވަރުން މިއަދު އއ.ތޮއްޑޫއަށް ވަރަށް ކާމިޔާބު މައިދާނީ ދަތުރެއްކޮށްފިއެވެ.
ގްރޭޑް 11ގެ ދެ ޖިންސުގެ 82 ދަރިވަރުންނާއި، 18 ޓީޗަރަކާއި ބެލެނިވެރިޔަކު ބައިވެރިވި މި ދަތުރަކީ އެ ދަރިވަރުންނަށް ދަތުރުނާމާ ލިޔުމުގައި އަމަލީތަޖުރިބާ ހޯދައިދިނުމަށް އެހީތެރިވުމުގެ އިތުރުން ސިނާއީ މަސައްކަތްތަކާއި ވިޔަފާރިއާ ބެހޭ މަޢުލޫމާތާއި އަމަލީ ތަޖުރިބާ ފޯރުކޮށްދިނުމަށް ރޭވި ދަތުރެކެވެ.
މި ދަތުރުގައި ހުކުރު ދުވަހު ހެނދުނުގެ ސަޔަށްފަހު އޮތީ ތޮއްޑޫ ކަރާދަނޑުތަކާއި އެހެނިހެން ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ދަނޑުތަކަށް ޒިޔާރަތްކޮށް، ދަނޑުވެރިކަމާ ބެހޭ މައުލޫމާތު އެއްކުރުމެވެ.
ކަރާދަނޑު ހައްދާ ސަރަހައްދުން ދަރިވަރުންނަށް މައުލޫމާތު ދެއްވީ ތޮއްޑޫގެ ތަޖުރިބާކާރު ދަނޑުވެރިއެކެވެ. އެއަށްފަހު، އެރަށު ކުނިކޮށްޓަށް ޒިޔާރަތްކޮށް ކުނިނައްތާލުމާއި ބެހޭ މަޢުލޫމާތު ވެސް ދަރިވަރުން ވަނީ ހޯދާފައެވެ.
ހުކުރު ނަމާދަށްފަހު ދަރިވަރުންނާއި މުދައްރިސުން ތޮއްޑޫ ދާގަބާއަށް ޒިޔާރަތްކޮށް، އެ ތަނާ ބެހޭ މައުލޫމާތު ހޯދިއެވެ. ދަރިވަރުންނަށް މި އާސާރީ އަދި ތާރީޚީ މަޢުލޫމާތުދެއްވީ ދިވެހިބަހާއި ސަގާފަތާއި އަދަބިއްޔާތުން މަތީ ތަޢުލީމް ޙާޞިލްކުރައްވައިގެން ހުންނެވި ތަޖުރިބާކާރެއް ކަމަށްވާ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓަންޓް ޕްރިންސިޕަލް އަޙްމަދު ޝަފީގެވެ.
ހަވީރު ސަޔަށް ފަހު އޮތީ ތޮއްޑޫގައި ބާރަށް ކުރިއަރަމުންދާ ގެސްޓު ހައުސް ވިޔަފާރި ހިނގަމުންދާ ގޮތާ ބެހޭ މަޢުލޫމާތު ދެއްވުމެވެ. މި މައުލޫމާތު ދެއްވީ ތޮއްޑޫގެ ގެސްޓުހައުސް ވިޔަފާރިވެރިއެކެވެ.
މި ދަތުރުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީގެ އިންޗަރޖް އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙްގެ އިތުރުން ހުރިހާ ލީޑިންގ ޓީޗަރުން ބައިވެރިވެދެއްވިކަން ދިވެހި ޑިޕާރޓްމެންޓުން ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.
މި ދަތުރަށްފަހު ދަރިވަރުން އެނބުރި މާލެއައީ ހުކުރު ދުވަހުގެ އިރުއޮއްސި 6.30 ގައެވެ.