2020ވަނަ އަހަރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 11އަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ފަށައިފިއެވެ.
އޮރިއެންޓޭޝަންގައި ބައިވެރިވި ދަރިވަރުންނާ މުޚާތަބުކޮށް އޭލެވެލް ކިޔެވުމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އިޚްތިޔާރު ކުރީތީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދުވަނީ ދަރިވަރުންނަށް މަރުހަބާ ކިޔާފައެވެ. އަދި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް އިތުބާރުކުރެއްވީތީ ބެލެނިވެރިންނަށްވެސް ޕްރިންސިޕަލް ވަނީ ޝުކުރު ދަންނަވާފައެވެ. މީގެ އިތުރުން އޯލެވެލް އާ ޚިލާފަށް އޭލެވެލްއަކީ ބުރަ ދެ އަހަރު ކަމަށާއި ސްކޫލުގެ މެނޭޖްމަންޓުގެ އިރުޝާދާ އެއްގޮތަށް ހުރިހައި ކުދިންވެސް ކިޔެވުމުގައި ދެމިތިބުމަށް ޕްރިންސިޕަލް ނަސޭހަތްތެރި ވެލެއްވިއެވެ.
މިއަދު މެންދުރުފަހު ސްކޫލްގެ ހޯލްގައި ބޭއްވި މި އޮރިއެންޓޭޝަންގައި ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ތަޢާރަފްކޮށް އެރުވުމާއި، އޭލެވްލްއަށް ކިޔަވާ ދަރިވަރުންނަށް އަޙްމަދިއްޔާގައި ހުރި ފުރުޞަތުތަކާ ބެހޭ މައުލޫމާތު ދީފައިވެއެވެ. އަދި މީގެ އިތުރުން ސްކޫލްގެ އާންމު ގަވާޢިދުތައް ދަރިވަރުންނަށް ކިޔާދީފައިވެއެވެ. އަދި ހަމައެހެންމެ އަހްމަދިއްޔާގެ އޭލެވަލްގައި ކިޔަވާ ދަރިވަރުންގެ ކިބައިިން އުއްމީދު ކުރާ ކަންތައްތަކަކީ ކޮބައިކަން ބެލެނިވެރިންނާއި އޭލެވެލްގައި ކިޔަވާ ކުދިންނާ ހިއްސާކޮށްފައިވެއެވެ.
ގްރޭޑް 10ނިންމާ ދަރިވަރުން ބައިވެރިވާ އޯލެވެލް އިމްތިހާނުތަކާ ޚިލާފަށް އޭލެވެލް އިމްތިހާނުތަކަކީ ވަކި ވަކި ޔުނިޓްތަކުން އިމްތިހާނުތަކުގައި ބައިވެރިވެވޭގޮތަށް އޮންނަ އިމްތިހާނުތަކެކެވެ. އެހެންކަމުން އޭލެވެލްގެ ޕޭޕަރުތައް އޮންނަ ގޮތާއި މި އިމްތިހާނުތަކާ ބެހޭ މައުލޫމާތާއި އިމްތިހާނު އޮންނަ ތާރީޚުތައްވެސް މިއަދުގެ އޮރިއެންޓޭޝަންގައި ދަރިވަރުންނާ ހިއްސާކޮށްފައިވެއެވެ. މީގެތެރޭގައި މާއްދާތަކަށް ފީ ދައްކަން ޖެހޭ ދަރިވަރުންނަށް އެކަން އޮންނާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މިއަދުގެ އޮރިއެންޓޭޝަންގައި ދަރިވަރުންނަށް މިމައުލޫމާތުތައް ހިއްސާކޮށްފައިވަނީ ސްކޫލްގެ ހެޑް ލީޑިންގ ޓީޗަރ މޫސާ ޞަލާހެވެ.