2020ވަނަ އަހަރަށް ސްކޫލްގެ އެކިއެކި މަގާމްތަކަށް ކުދިން ހޮވުމަށް ބޭއްވި އިންތިޚާބު ނިމި މަޤާމްތަކަށް ދަރިވަރުން އިންތިޚާބު ކޮށްފިއެވެ. ސްކޫލްގެ އެގްޒެކެޓިވް ޕޯސްޓްތަކަށް ކުދިން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދެވުނީ ކެންޕޭނުކުރުމަށް ދެވުނު 4 ދުވަހުގެ މުއްދަތަކަށްފަހު 13 ފެބްރުއަރީ 2020ވީ ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެންނެވެ.
މިއަހަރުގެ އިންތިޚާބުގައި ސްކޫލްގެ އެންމެ އިސް މަޤާމްތަކަށް ގްރޭޑް 10 އަދި 12ގެ ދަރިވަރުންގެ ތެރެއިން 72 ދަރިވަރަކު ކުރިމަތިލާފައިވާއިރު ގްރޭޑް 9 ގެ ދަިރވަރުންގެ ތެރެއިން 15 ދަރިވަރަކު ސްކޫލުގެ އެކި މަގާމްތަކަށް ކުރިމަތިލާފައިވެއެވެ. މިގޮތުން ސްކޫލްގެ ސާނަވީ ކެޕްޓަން ކަމަށް ގްރޭޑް 10ގެ ދަރިވަރުންގެ ތެރެއިން 10 ދަރިވަރުން ކުރިމަތިލާފައިވާއިރު މަތީ ސާނަވީ ކެޕްޓަންކަމަށް ގްރޭޑް 12ގެ 8 ދަރިވަރަކު ކުރިމަތިލާފައިވެއެވެ.
ފާއިތުވެދިޔަ އަހަރުގެ ނަތީޖާއާއި، އަޚްލާގާއި އިންޓަވިއުން ލިބުނު ނަތީޖާގެ އިތުރުން ދަރިވަރުންގެ ވޯޓަށް ބަލާއިރު 2020ވަނަ އަހަރު ސްކޫލްގެ ސާނަވީ ކެޕްޓަންކަމަށް އިންތިޚާބު ކުރެވުނީ ގްރޭޑް 10ބީގެ ދަރިވަރު އަންޖަލް އަގީލެވެ. އަދި ހެނދުނު ދަންފަޅީގެ ދެ ޑެޕިއުޓީ ކެޕްޓަނުންގެ ގޮތުގައި އައްޔަންކުރެވުނީ، ގްރޭޑް 10އޭގެ ދަރިވަރު، ރިޒްއާލް އާއި 10ޖީގެ ދަރިވަރު އާދަމް ނާއިޝް ނަސީމެވެ. މަތީ ސާނަވީ ކެޕްޓަންކަމަށް އިންތިޚާބުވެފައިވަނީ ގްރޭޑް 12އެޗްގެ ދަރިވަރު މުހައްމަދު އަޔާޝް އަލީއެވެ. އަދި މެންދުރުފަހު ދަންފަޅީގެ ދެ ޑެޕިއުޓީ ކެޕްޓަނުންގެ ގޮތުގައި އައްޔަންކުރެވުނީ 11ޖީގެ އަލީ ސަނީމްއާއި 11ޖޭގެ ފާތިމަތު މާޔާ ނަސްރުﷲ އެވެ.