އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ދިވެހި ބަހުގެ އެކެޑަމީ އިން ބާއްވާ ވާހަކަދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ސާނަވީ ބައިން ޢަލާ ޢަބްދުއްސައްތާރާއި އަޙްމަދު ރައްޔާން މުޙައްމަދު އަނީސް އަރުތަބުރަށް ހޮވިއްޖެއެވެ. އަރުތަ ބުރަށް ހޮވެނީ މުޅި މުބާރާތުން އެންމެ މޮޅަށް ވާހަކަ ދައްކާ 10 ދަރިވަރުންނެވެ. މި ގޮތުން 2 ދަރިވަރުން އަޙްމަދިއްޔާއިން ދެވަނަބުރަށް ހޮވުނުކަމީ ސްކޫލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަހްމަދިއްޔާގެ ދެ ދަރިވަރުންގެ އިތުރަށް އަރުތަބުރަށް ހޮވުނު ދަރިވަރުންނަކީ، ކަލާފާނު ސްކޫލްގެ ޢަލީ ޒާއިން އަޙްމަދު ، ޒަހުވާ އިބްރާހީމް ޒާހިދު، ޢައިޝަތު އަލާ ޢަލީ، އިސްކަންދަރު ސްކޫލްގެ އަޙްމަދު އަޝްހަމް، އިހަވަންދޫ ސްކޫލްގެ ޢާއިޝަތު އަލްމާ ޢާޡިމް، ތާޖުއްދީން ސްކޫލްގެ ޢާއިޝަތު ރާޔާ ޢަލީ، ރެހެންދި ސްކޫލްގެ ރާއިފް އަޙްމަދު ރާޟީ، ޝަރަފުއްދީން ސްކޫލްގެ ރާހީ އަޙްމަދު ސަޢީދެވެ.

އަރުތަބުރުގެ ވާހަކަދެއްކުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ. މުބާރާތުގެ ރަން ވަނަތަކަށް ހޮވޭނީ އަރުތަބުރަށް ހޮވުނު ދަރިވަރުންގެ ތެރެއިން އެންމެ މޮޅަށް ވާހަކަ ދައްކާ ދަރިވަރުންނެވެ
ސާނަވީ ބައިގެ ވާހަކަދެއްކުން ނިންމާލިއިރު އަޙްމަދިއްޔާގެ ދަރިވަރުން ވަނީ، ކުލަގަދަ ކާމިޔާބީތަކެއް ހޯދާފައެވެ. ސާނަވީ ބައިން ޢަލާ ޢަބްދުއްސައްތާރު 5 ރަން ތަރި ހޯދިއިރު އަޙްމަދު ރައްޔާން މުޙައްމަދު އަނީސަށް ލިބުނީ 4 ރަންތަރި އަކާއި ރިހިތަރި އެކެވެ. އޭގެ ފަހުން ވާހަކަދެއްކި މަރިޔަމް މަންހާ ޙަމީދާއި ފާޠިމަތު ޝިޔަމް ޢުމަރާއި ޢައިޝަތު އިންޝާ އިމްރާން ހޯދާފައިވަނީ 5 ރިހިތަރިއެވެ.
މުބާރާތުގެ ދަށު ސާނަވީ ބައިގެ ވާހަކަދެއްކުން މިހާރުވަނީ ނިމިފައެވެ. އެބައިން އަރުތަބުރަށް ހޮވުނީ، 5 ރަންތަރިއާއެކު މުޙައްމަދު ޔާނިޝް އަޙްމަދެވެ.
މަތީ ސާނަވީ (ގްރޭޑް 11، އަދި 12) އުމުރު ފުރައިގައިވެސް އަޙްމަދިއޔާ ވަނީ ބައިވެރިވެފައެވެ. މިބައިގެ ވާހަކަދެއްކުން އަންނަ ހަފްތާ ފެށޭނެއެވެ. މި ބައިގައި ވާދަކުރަނީ 7 ސްކޫލެކެވެ.