މިއަހަރުގެ މާދަރީބަހުގެ ދުވަސް ކުލަގަދަގޮތެއްގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ފާހަގަކޮށްފިއެވެ. އެގޮތުން ސްކޫލްގެ ގޯތިތެރެވަނީ އެކަމަށްޓަކައި ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައެވެ. މާދަރީބަހުގެ ދުވަހާ ގުޅުވައިގެން ކުލާސްތަކުގައި ދިވެހި ކެއުންތައް ހިމެނޭނެހެން ޕާޓީތައް ބާއްވާފައިވާއިރު އެދުވަހާ ގުޅިގެން ވަރަށް ޚާއްޞަ އެސެމްބްލީއެއްވެސް ވަނީ ބާއްވާފައެވެ.
މި އެސެމްބްލީގައި މާދަރީ ބަހުގެ ދުވަހާ ގުޅޭގޮތުން ތަފާތު ގިނަ ހުށައެޅުންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ދަރިވަރުންގެ ތަފާތު ހުށައެޅުންތައް ފެނިގެންގޮސްފައިވެއެވެ. ރައިވަރު ކިޔުމާއި ބަނދިކިޔުމާއި ވާހަކަ ހުށައަޅައިދިނުންފަދަ ހަރަކާތްތައް ފެނިގެން ގޮސްފައިވާއިރު މާދަރީ ބަހުގެ ދުވަހާ ގުޅޭގޮތުން ދަރިވަރުންނަށް ގިނަ މައުލޫމާތު ތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އެސެމްބްލީގެ ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ މާދަރީބަހަކީ ދިވެހިންގެ ބަހެއްކަން ހާމަކުރެއްވިއެވެ. އަދި ދިވެހިންގެ ބަހުގައި ތަފާތު ބަހުރުވަތައް ހުރުމަކީ ފަޚުރެއްކަން ހާމަކުރައްވައި އެސެމްބްލީގައި ދަރިވަރުންނާ މުޚާތަބުކޮށް ހުވަދޫބަހުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. ދިވެހި ބަހުގައި ވަރަށް ފުރިހަމަ ޤަވާއިދުތަކެއް ހެދިފައިވާކަމަށާއި އެގަވާޢިދުތަކަށް ހުރިހައި ދަރިވަރުންވެސް އަހުލުވެރިވުމަށް ޝަރަފްވެރި މެހެމާނު ނަޞޭޙަތްދެއްވިއެވެ.
އަދި މީގެ އިތުރުން ސްކޫލްގެ އަދަބީ މުދައްރިސް، އަދި ބަހުގެ އުސްތާޒެއްކަމަށްވާ މުޙައްމަދު ސަލީމް، ދަރިވަރުންނާ މުޚާތަބުކޮށް މާދަރީބަހެއްގެ މުހިއްމުކަމާބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މިއަދުގެ ކިޔަވާކުދިން މާދަރީބަހާމެދު ސަމާލުވާންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް ސަލީމް ވަނީ ކުދިންނާ ހިއްސާކޮށްފައެވެ. އަދި ދުވަހާ ގުޅޭ ޝުޢޫރުތައް ހާމަކޮށްލުމަށް ލިބުނު ފުރުޞަތުގައި ސްކޫލުގެ ކާމިނީ ހައުސްގެ ކެޕްޓަން އިސްމާޢީލް ރަޒީންވެސް ވަނީ މާދަރީ ބަހެއް އޮތުމީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއްކަމަށާއި މިއަދު އެބަހާމެދު އަޅުގަނޑުމެން ސަމާލުވާންޖެހޭކަން ހާމަކޮށްފައެވެ.
މާދަރީބަހުގެ ދުވަސް ފާޙަގަކުރުމަށް ބޭއްވި އެސެމްބްލީގައި 2019ވަނަ އަހަރު ކުރިއަށްގެންދެވުނު 'ހިޔާ ޢީދު’ގެ ނަތީޖާވެސް ފާޅުކޮށްފައިވެއެވެ. ސްކޫލުގެ ހަތަރު ހައުސްގެ މެދުގައި ކުރިއަށްގެންގޮސްފައިވާ މި މުބާރާތްތަކުގެ ނަތީޖާ ފާޅުކޮށް ވަނަވަނަ އަށް އައި ދަރިވަރުންނާއި ހައުސްތަކަށް ތައްޓާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ. އެގޮތުން 2019ވަނ އަހަރު އެންމެ ގިނަ މުބާރާތްތަކުން އެންމެ މޮޅު ނަތީޖާއެއް ހާސިލްކޮށްގެން ސްކޫލުގެ އެއްވަނަ ހައުސްއަކސް ހޮވިފައިވަނީ ކާމިނީ ހައުސްއެވެ. އަދި 'ހިޔާ ޢީދު’ގެ ތަރީގެ ގޮތުގައި ހޮވިފައިވަނީ 2019ވަނަ އަހަރު ގްރޭޑް 10ސީގައި ކިޔެވި ދަރިވަރު ފާތިމަތު ޝަނަންއެވެ.
މި އެސެމްބްލީގައި ޝަނަންގެ ދެ ރައިވަރެއް ހުށައަޅާދީފައިވެއެވެ.