އާރޓިކަލް 108 : ރަލާއި މަސްތުވާތަކެއްޗާއި ގާތްވުން ހެޔޮނުވާނެއެވެ!

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ރާއްޖޭގެ މުސްލިމް މުޖްތަމަޢުގެ ތެރޭގައި ރަލަށްވުރެ އެހެނިހެން މަސްތުވާތަކެތި ޢާންމުވެފައިވާ ކަމަށް ބުނުމަކީ ދޮގަކަށްނުވާނެއެވެ. އޭގެ އިތުރުން މީސްތަކުންގެ ވިސްނުންތަކަށް ބެލިޔަސް މަސްތުވާ އެހެނިހެން ތަކެއްޗާއި ރަލާއި ދެމެދުގެ ނުބައިކަމާމެދު ދެކޭ ދެކުމުގައިވެސް ފަރަޤުތަކެއް ހުރެއެވެ. މައިގަނޑު ގޮތެއްގައި އެހެންވާންޖެހޭ ސަބަބުތަކުގެ ތެރޭގައި، ރަލަށްވުރެ މަސްތުވާތަކެތިން ޖިސްމާނީގޮތުން، ފިކުރީގޮތުންނާއި ރޫޙާނީގޮތުން، އިޖްތިމާޢީގޮތުން، އިޤްތިޞާދީގޮތުން އަދި އަޚްލާޤީގޮތުންވެސް ގެއްލުން ބޮޑުވުމެވެ. އަދި ދިވެހިންގެ ތެރޭގައި އެތަކެއްޗަށް ބޮޑަށްދެވިހިފައި، ފަސޭހަކަމާއެކު ގެންގުޅެ ފޯރުކޮށްދެވޭ އެއްޗެއްކަމުން، ގެންގުޅުން ޢާންމުވުން ހިމެނެއެވެ. އަދި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ރާ ލިބޭ ފަދައިން އެއްވެސް ސިފައެއްގައި މަސްތުވާ އެހެންތަކެތި ލިބެން ނެތުންވެސް ހިމެނެއެވެ. އެފަދަ ވަކިޙުދޫދެއްގައިވާ ހުއްދަހވެސް އެތަކެއްޗަށް ލިބިފައި ނެތުމާއި، ޢާއިލާތަކުގެ ތެރޭގަޔާއި މުޖްތަމަޢުއަށް އެބައިމީހުންގެ އުނދަގޫ އިޖްތިމާޢީގޮތުން އިންތިހާއަށް އޮތުންވެސް ހިމެނެއެވެ.

މިކަންކަން މިހެން އޮތެއްކަމަކު ޝަރުޢީ ނަޒަރަކުން، ޙަރާމްކަމުގައި މިދެއެތީގެ މުޢާމަލާތްތަކަކީވެސް ބޮޑުފާފައެވެ. ރަލަކީ އޭގެ ޙަރާމްކަން ވަކިކުޑަ އެއްޗަކަށް ނުވެއެވެ. ރާއްޖޭގެ ބައެއްމީހުންގެ އުޅުމަށް ބަލާއިރު، މަސްތުވާތަކެތި ބޯ މީހެއްގެ ކައިރީގައި އިނުމަކީ ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ވަރަށް ބިރުވެރި، ނުބައިކަމެއްގެ ގޮތުގައި ކަމުއޮށިގެންވާ ހަމަޖެހޭމީހުން ދެކެއެވެ. ވަކިބަޔަކަށް ރާބުއިން ހުއްދަ ހިސާބުތަކުގައި އެތަނުގެ ވަށައިގެންނާއި ކައިރީގައި، ރަލުގެ އަތްޖެހޭ ހިސާބުތަކުގައި ދިވެހިން ތިބުމަކީ މާބޮޑު ކަމަކަށް އޮންނަނީ ނުވެފައެވެ. އެއީކީ އިޖްތިމާޢީ ނަޒަރަކުން ޢަމަލުކުރުމުގައި ލުއިވެފައިވީ ކަމެއް ކަމުގައިވީނަމަވެސް، ޝަރުޢީގޮތުން ޙަރާމްކަމާއި ނުބައިކަމުގައި ލުއި ލިބިފައިވާ ކަމެއް ނޫނެވެ.

ރަލުގެ މުޢާމަލާތްތަކުގެ ނުބައިކަން ބަޔާންކުރައްވާ، މުސްނަދު ޢަޙްމަދުގައި ޢަބްދުﷲ ބުން ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެގެންވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أَتَانِي جِبْرِيلُ عليه السلامُ فقال: يَا مُحَمَّدُ، إِنَّ اللهَ لَعَنَ الخَمْرَ، وعَاصِرَها، ومُعْتَصِرَها، وشَاربَها، وحَامِلَها، وَالْمَحْمُولَةَ إِلَيْهِ، وَبَائِعَهَا، وَمُبْتَاعَهَا، وَسَاقِيَها، ومُسْتَقَاهَا)) މާނައީ: [ތިމަންނަބިއްޔާގެ އަރިހަށް ޖިބްރީލު ޢަލައިހިއްސަލާމް ވަޑައިގެން ވިދާޅުވިއެވެ: އޭ މުޙައްމަދެވެ. ހަމަކަށަވަރުން ރަލަށް ﷲ ލަޢުނަތް ލެއްވިއެވެ. އަދި އެއަށް ދިޔަފެލައިދޭމީހާއާއި އެދިޔަފެލަން އެދޭމީހާއާއި އެބޯމީހާއާއި އެއުފުލާމީހާއާއި އެމީހަކަށް އެއުފުލުނު މީހާއާއި އެވިއްކާމީހާއާއި އެގަންނަމީހާއާއި އެބޯންދޭމީހާއާއި އަދި ބޯންދެވުނުމީހާއަށްވެސް ﷲ ލަޢުނަތް ލެއްވިއެވެ.] މިހަދީޘުން އެނގިގެންދިޔައީ ރަލުގެ އެންމެހާ މުޢާމަލާތެއްގެ ނުބައިކަމެވެ. ނުބައިކަން ބޮޑީ ހަމައެކަނި ރާތައްޓެއް އަތުން ހިފައިގެން އިނދެގެން ބުއިން އެކަންޏެއް ނޫންކަމެވެ. ރަލުގެ ތަފާތު މުޢާމަލާތްތަކާއި ގާތްވެގެން އުޅުންވެސް އެއީ ނުހަނު ނުބައިކަމެއް ކަމުގައިވެއެވެ. ހަމަޔަޤީނުންވެސް މަސްތުވާ އެހެނިހެން ތަފާތު ތަކެއްޗާއި މެދު ދިވެހިން މިފަދައިން ޤަބޫލުކުރުން ކިތަންމެ ފަސޭހަޔަސް، ރަލާޖެހުމުން މިފަދައިން ވިސްނާ ޤަބޫލުކުރަން ދަތިވެގެންދެއެވެ. މިހެންމިވާންޖެހެނީ ޢަޤީދާގެ ބަލިކަށިކަމުގެ ސަބަބުންނެވެ. ނަމަވެސް ކީރިތި ޤުރުއާނުންވެސް ރަލާއި އެއްގޮތަކަށްވެސް ގާތްވެގެން ނުވާނެކަން ވަރަށް ސާފުކޮށް ބަޔާންވެގެންދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ﴾ سورة المائدة:90 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާއާއި ޖުވާއާއި އަޅުކަންކުރާބުދުތަކާއި (ނަޞީބުބަލަން ގެންގުޅޭ) ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިން ވާ ނަޖިސް ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެތަކެއްޗާއި ދުރުހެލިވާށެވެ. އެއީ ތިޔަބައިމީހުންނަށް ފަލާޙާއި ކާމިޔާބު ލިބުމަށްޓަކައެވެ.] މިތަކެތީގެ ތެރެއިން ރަލަކީ އަދި އިންތިހާއަށް ނުބައި އެއްޗަކަށް ވެގެންދެއެވެ. ސަބަބަކީ އެއީ ތަފާތު އެހެނިހެން ނުބައިކަންކަން އޭގެ ތެރެއިން ވިހައިގެން އުފެދިގެން އަންނަ އިޖްތިމާޢީ ބޮޑެތި އެހެނިހެން މައްސަލަތަކެއް ކުރިމަތިކުރުވާ އެއްޗަކަށްވުމެވެ. ސުނަނު ނަސާއީގައި ރިވާވެގެންވާގޮތުން ޢުޘްމާން ބުން ޢައްފާން رضي الله عنه ވިދާޅުވިއެވެ: «اِجْتَنِبُوا الخَمْرَ فَإِنَّهَا أُمُّ الخَبَائِثَ» މާނައީ: "ތިޔަބައިމީހުން ރަލާއި ދުރުހެލިވާށެވެ. ފަހެ ހަމަކަށަވަރުންވެސް އެއީ ނުބައި އެންމެހައިކަމެއްގެ މަންމައެވެ."

ފަހެ ކަށަވަރުންވެސް ރާބޯ ބައެއްގެ ތެރޭގައި ހުރުމަކީ އަދި ތިމާމެން ކައިބޮއި ހަދާ މޭޒުމަތީގައި ރާހުރުމަކީ އެއްގޮތަކަށްވެސް ވެގެންވާނޭ ކަމެއްނޫނެވެ. މުސްލިމުން ކައިބޮއި ހަދާ މޭޒެއްގެ މަތިން އެތަކެތި ދުރުކޮށް، މުސްލިމުން އެތަކެއްޗާއި އެބޯމީހުންނާއި ދުރުހެލިވާންޖެހޭނެއެވެ. ހިކިމަސްތުވާތަކެއްޗާއި އިންޖެކްޝަންގެ ބާވަތްތަކާއި ކޮކެއިންފަދަ ތަކެތި ބޭނުންކޮށްގެން މަސްތުވާ ބައެއްގެ ކައިރީގައި ނުތިބޭ ފަދައިން، ދިޔާރަލުގެ ތަކެތި ބޭނުންކުރާ މީހުންނާއި ދުރުހެލިވެ އެކަހެރިވާންޖެހޭނެއެވެ. މިއީ މުސްލިމުންނެވެ. މިފަދަ ކަންކަމާއި މެދު ރަސޫލާ صلى الله عليه وسلم ދެއްވާފައިވާ އިރުޝާދުތަކާއި ތިމާމެން ދުރުހެލިވުމުގެ ސަބަބުން މިއަދު އަހަރެމެން މުސްލިމުންގެ އީމާންކަންވަނީ އިންތިހާއަށް ދަށަށްގޮސްފައެވެ. އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الآخِرِ : فَلَا يَقْعُدُ عَلَى مَائِدَةِ يُشْرَبُ عَلَيْهَا الْخَمْرُ)) މާނައީ: [ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާމީހާ، ފަހެ، ރޯބޮވޭ ކާމޭޒެއްގެ މަތީގައި އިށީނދެ އިނދެގެން ނުވާނެއެވެ.]

އަޅަމެންގެ އީމާންކަން ހަރުދަނާ ކޮށްދެއްވައި، އަޅަމެންނީ ނުބައިކޮންމެ ކަމެއް، އެއީ ނުބައިކަމެއްގެ ގޮތުގައި ބަލައިގަނެ، އެކަންކަމުން ދުރުހެލިވާން ފަސޭހަވެފައިވާ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *