އިންޓަރ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދައިފިއެވެ.
އަހްމަދިއްޔާ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗްގައި ޣާޒީ ސްކޫލާއި ބައްދަލުކޮށް 13-4 ގެ ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ.
އަޙްމަދިއްޔާ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ކަލާފާނުގެ މައްޗަށް 17-11 ން ކުރި ހޯދައިގެންނެވެ. ޣާޒީ ސްކޫލް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ފާފު އަތޮޅު ތަޢުލީމީ މަރުކަޒުގެ މައްޗަށް 17-6 ން ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް 7ބީ ގެ މަރިޔަމް ކައިލީން ޝިރުހާންއެވެ.
ހޭންޑް ބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ބައިން އެންމެ މޮޅު 3 ދަރިވަރުން ހޮވިއެވެ.
އޭގެ ތެރެއިން 2 ދަރިވަރަކީ، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް 7ބީ ގެ މަރިޔަމް ކައިލީން ޝިރުހާނާއި 9 ސީ ގެ ފާޠިމަތު ރުކާން އިބްރާހީމެވެ.