ދިވެހި ތާރީޚާ ބެހޭ ދުވަސް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި މިއަދު ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ. އެގޮތުން ސްކޫލުގެ ގޯތިތެރެއާއި ކުލާސްތައްވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައެވެ. ދިވެހި ޘަގާފަތާއި ތާރީޚުގެ ކުލަވަރުތައް ފުރިހަމައަށް ދައްކުވައިދޭނެހެން ސްކޫލް ޒީނަތްތެރި ކުރެވިފައިވާއިރު ތާރީޚާ ބެހޭ ބައެއް މައުލޫމާތުވެސް ދަރިވަރުންނަށް ފެންނާހެން ބެހެއްޓިފައި ހުއްޓެވެ.
މިގޮތުން ދިވެހިންގެ މަސްވެރިކަމުގައި ޒަމާނުއްސުރެ ބޭނުންކުރެވެމުންއައި އާލާތްތަކާއި އެތަކެތީގެ ބޭނުން އެނގޭނެހެން ބެހެއްޓިފައިވާއިރު، ދިވެހިން ފަޚްރުވެރިވާ ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރެވުނު ބައެއް ބޭސްތައްވެސް ދަރިވަރުންނަށް ފެންނާނެހެން ބެހެއްޓިފައި ވެއެވެ. އެގޮތުން އަރޮޅި، ބުރޮޅި، އެސްމައު، ރުއްގަލުބޭސް ފަދަ މަޝްހޫރު ބައެއް ބޭސްތައް ދަރިވަރުންނަށް ފެންނާނެހެން ސްކޫލުގެ ގޯތިތެރޭގައި ބެހެއްޓިފައި ވެއެވެ. މީގެ އިތުރުން އިހުގެ މީހުންގެ އާންމު ދިރިއުޅުމުގައި ބޭނުންކޮށް އުޅޭ ބައެއް ސާމާނުވެސް ހުއްޓެވެ. ދަރިވަރުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ގޯތިތެރޭގައި ރާވާލެވިފައިހުރި އެތެރިގެއަށާއި އުނދޯލިގެއަށެވެ.
ދިވެހި ތާރީޚާ ބެހޭ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުއެވެ.